Support Us

އުކުޅަހު ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އއ. އުކުޅަސް ކައުންސިލްގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން އުކުޅަހުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

އެގޮތުން ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި، ފެރީ ޓަރމިނަލް ރަނގަޅު ފެންވަރެއްގައި ނެތުމުން ދިމާވާ ދަތިތަކާއި ކުރީގެ ބަނދަރުގެ ޖެޓީ ހަލާކުވެފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހުރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ރަށުގައި ޒުވާނުންނަށް ޚާއްޞަ ޔޫތު ސެންޓަރެއް ނުވަތަ އެފަދަ ޚިދުމަތް ދެވޭނެ ގޮތެއް ހަދައިދެއްވަން ވެސް ކައުންސިލުން ވަނީ އެދިފައެވެ. ހަމަ އެއާއެކު ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާ ކަމަށާއި، ހެލްތް ސެންޓަރުގެ ވަޞީލަތްތައް އިތުރުކޮށް އެ ސެންޓަރުން ދެވޭނެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުންވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އުކުޅަސް ކައުންސިލުން ހުށަހެޅި ކަންކަންކަމާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވައި އަދި މި ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ހައްލުކުރެއްވުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ކައުންސިލުން ފާހަގަކުރައްވާފައިވާ ގޮތަށް ފެރީޓަރމިނަލްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެހީތެރިކަން ފޯރޮކޮށްދެވެން އޮތްގޮތެއް ބައްލަވައި އެކަމަށް މަގުފަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު އައިފަހުން އުކުޅަހުގެ ތަރައްޤީއަށް ގާތްގަނޑަކަށް 25.9 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި އެގޭތެރޭގައި އުކުޅަހުގައި އައުޓުޑޯ ޖިމެއް ޤާއިމުކުރުމާއި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް 600 ކިލޯ ވޮޓުގެ ޖަނަރޭޓަރ ސެޓެއް ގެނައުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އުކުޅަހުގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރު ފެރީ ޓަރމިނަލް ތޮށި ހެދުން ހިމެނެއެވެ. އަދި އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރު ވަނީ އެމް.ޓީ.ޓީ.ސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ފަހު ކުއާރޓާގައި އުކުޅަހުގައި ޔޫތު ސެންޓަރ ޤާއިމުކުރުމާއި ހެލްތް ސެންޓަރު އިތުރަށް ތަރައްޤީކުރުމަށް ވަނީ ނިންމައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *