...

Support Us

އަފްޣާނިސްތާނުގައި ކުރިއަށް އޮތީ ދާޚިލީ ހަނގުރާމައިގެ ދުވަސްކޮޅެއް: ރައީސް ވަހީދު

އަފްޣާނިސްތާނުގެ ތާރީޚަށް ބަލާއިރު ކުރިއަށް އޮތީ ދާޚިލީ ހަނގުރާމައިގެ ދުވަސްކޮޅެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. ރައީސް ވަހީދު މިހެން ވިދާޅުވީ "އަފްޣާނިސްތާނުން އެމެރިކާގެ ފައުޖު ފޭބުން: ރާއްޖޭން ކަންބޮޑުވާން ޖެހޭތަ؟" މި މައުލޫއަށް، "ދިވެހި ޤައުމީ ވިންދު"ގެ ފަރާތުން ކްލަބު ހައުސްގައި ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ދިވެހި ޤައުމީ ވިންދުގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ ޗެޕްޓަރގެ ފަރާތުން ކޮންމެ ހޮނިހިރު ދުވަހަކަށް ޚާއްޞަ ކޮށްގެން ކްލަބްހައުސްގައި ބާއްވާ ސިލްސިލާގެ ތެރެއިން ރޭގެ ބައްދަލުވުމުގެ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދެއްކެވީ ރައީސް ވަހީދެވެ. އަދި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެމްބެސެޑަރ ޢަލީ ޙުޞައިން ދީދީ އާއި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝުކޫރެވެ. މި ސެޝަން މޮޑަރޭޓް ކުރެއްވީ ޑރ. މަރިޔަމް ޝާހިދާ މުޙައްމަދާއި މުޙައްމަދު ނާޝިދެވެ.

އަފްޣާނިސްތާނުގައި 2001ގައި ވެރިކަން ބަދަލުވުމާ ގުޅިގެން އެގައުމުގެ ވެރިކަން ހިންގުން ހަވާލުވީ ޔުނައިޓެޑް ނޭޝަންސް (އ.ދ) އަށް ކަމުން، އެ ޤައުމުގެ ތައުލީމީ ނިޒާމު އަލުން އާބާދު ކުރުމަށް ޔުނިސެފްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި 2002 ވަނަ އަހަރު އަފްޣާނިސްތާނަށް ރައީސް ވަޙީދު ވަޑައިގެންނެވިއެވެ.

ރައީސް ވަޙީދުގެ ވާހަކަފުޅުގައި އަފްޣާނިސްތާނުގެ ހާލަތު ބަދަލުވަމުންދިޔަ ގޮތް ވިދާޅުވެދެއްވަމުން ޠާލިބާނުންގެ ވެރިކަން ނިމުނު އިރު ޤައުމު އޮތީ މުޅިން ވީރާނާވެ، ރައްޔިތުން ނިކަމެތިވެ އިންފްރާސްޓްރަކްޗަރ ހަލާކުވެފައިކަމަށާއި އިންސާނީ ވަސީލަތްތައް ހީނަރުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވަހީދުގެ ވާހަކަފުޅުގައި، އަފްޣާނިސްތާނުގެ ކުރީގެ ރަސްގެފާނު ޒާހިރު ޝާޚްގެ 40 އަހަރުގެ ރަސްކަމުގައި، އެޤައުމުގެ ހާލަތު ހަމައަކަށް އެޅިފައިވާ ކަމަށާއި އޭގެ ތެރެއިން ފަހު 20 އަހަރުގެ ތެރޭގައި، ދާއޫދު ޚާނުގެ ބޮޑުވަޒީރުކަމުގައި އަފްޣާނިސްތާނު ކުރިއަރަމުން އައި ތަނެއްކަމުގައި ފާހަގަވެ، އަދި ޚާއްޞަކޮށް ކާބުލް ޔުނިވަރސިޓީ އަކީ އޭޝިއާ އަދި މެދު އިރުމަތީ ޤައުމުތަކަށް މަޝްހޫރު ޔުނިވަރސިޓީއެއް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަންހެނުންނަށް ތަޢުލީމާއި މަސައްކަތްތެރިކަމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވަހީދު ފާހަގަ ކުރެއްވި ގޮތުގައި، އަފްޣާނިސްތާނު ކުރިއަށް ގެންދަންވީ ގޮތާ މެދު ޚިޔާލު ތަފާތުވުން ތަކެއް އުފެދި، އެއްބަޔަކު ހުޅަނގުގެ ލިބެރަލް ޑިމޮކްރެސީގެ ވިސްނުން ޚިޔާރުކޮށް، އަނެއްބަޔަކު މާކްސިސްޓު ވިސްނުން ޚިޔާރުކޮށް، އަދި މީގެ އިތުރުން އަނެއް ބަޔަކު ހުޅަނގުގެ ވިސްނުމަށް ނަފްރަތުކޮށް އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ހިޔާރުކުރިއެވެ. މީގެ އިތުރުން، އަފްޣާނިސްތާނަކީ އެކި ފަހަރު މަތިން، އެކި ޤައުމުތަކުގެ ބާރުގެ ދަށުގައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އަފްޣާނިސްތާނުގައި ޠާލިބާނުންގެ ވެރިކަން ފެށިގެން އައީ އަފްޣާނިސްތާނުގެ ކޮމިއުނިސްޓް ވެރިންގެ ސިޔާސީ ވާދަވެރިކަމާއި އަނިޔާވެރިކަމުންނާއި، ދާއޫދު ޚާން އަވަހާރަކޮށްލި ފަހުން، އަފްޣާނިސްތާނުގެ ގިނަ ސަރުކާރުގެ ވެރިން ގަތުލު ކުރެވިފައިވުމުންނާއި، ސޯވިއެޓްގެ ބާރުގެ ދަށުގައި އޮތްއިރު، މުޖާހިދީން އެކަމާ ދެކޮޅަށް ހަނގުރާމަކޮށް ބާރު ކަނޑުވައިލުމުން ކަމުގައި ވިދާޅުވިއެވެ. އެވަގުތު ގައުމުގެ އިޤްޠިސާދު ބިނާކުރުމަށް އަދި ހަމަޖެހުން ގެނައުމަށް އެހެން ފިކުރެއް ގެނައުމަށް ބޭނުވެފައިވާ ކަމަށް ރައީސް ވަހީދު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ އާދަކާދަތަކަށާއި އުސޫލަށް އިހުމާލުކުރެވިފައިވާތީ ޠާލިބާނުނަށް ރައްޔިތުންގެ ފަރާތުން ތާއީދު ލިބެމުންދިޔަ ކަމުގައި ވިދާޅުވިއެވެ.

ދެހާސް އެކެއްގައި އެމެރިކާއާއި ޔޫރަޕުގެ ހަމަލާތަކަށްފަހު ޠާލިބާނުންގެ ވެރިކަން ވެއްޓެން މެދުވެރިވި ސަބަބަކަށްވީ، ޠާލިބާނުންނަށް އިސްލާމިކް ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމުކޮށް ހިންގަން ނޭނގުމާއި، އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ގެންނާކަށް ނޭނގުމާއި، އިސްލާމް ދީނުގެ ނަމުގައި އަންހެނުންނަށް އަނިޔާވެރިވެ، އަދި ބަލިކަށި ސަރުކާރެއްގެ ސަބަބުން އެހެން ގައުމުތަކުގެ ނަފްރަތު ލިބެމުން ދިިޔުމުން ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ.

ޠާލިބާނުންގެ މަޤްބޫލުކަން ދަށްވާން ފެށީ ބައިނަލް އަޤްވާމީ ގޮތުން ކަނޑައެޅިފައިވާ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެ މީހުން އިސްކަމެއް ނުދިނުމާއި، އިސްލާމީ ވެރިކަމުގެ އެންމެ ކުރީގެ އުސޫލުތައް (ޖާހިލިއްޔަ އުސޫލުތައް) ބޭނުންކުރުމާއި، ސަރުކާރު ހިންގުމުގައި ހަރުކަށި އުސޫލުތައް ގެންގުޅުމާއި އަލްޤައިދާއަށް ހިތްވަރުދިނުން ކަހަލަ ޢަމަލުތަކުގެ ސަބަބުން ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ. އަދި މިފަހަރުގެ ޠާލިބާނުންގެ ވެރިކަމުގައި ކަންކަން ތަފާތުވާނެ ކަމުގައި އެޖަމާޢަތުން ބުނަމުންދާ ކަމަށްވެސް ރައީސް ވަހީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ޠާލިބާނުންގެ ތާރީޚުގެ ސަބަބުން އެކަން އެގޮތަށް ބައިނަލް އަޤްވާމީ ފަރާތްތަކުން ބަލައިގަންނާނެ ކަމާ މެދު ރައީސް ވަހީދު ސުވާލުއުފެއްދެވިއެވެ.

އަފްޣާނިސްތާނުގެ ހާލަތު މިހާރު ވަރަށް ގޯސް ކަމަށާއި ކާބޯތަކެއްޗާއި ބޭހަށް ކަންބޮޑުވާ ވަރަށް ދަތިވެފައިވާ ކަމަށާއި ނަމަވެސް އިންސާނީ ކާރިސާއެއް ކުރިމަތި ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ.

ސެޝަންގެ މައުލޫގައި ބަޔާންކޮށްފައިވާ ސުވާލުގެ ޖަވާބުގައި، ރައީސް ވަހީދު ވިދާޅުވެފައިވަނީ މިވަގުތަކަށް ދިވެހިރާއްޖެއަށް އެއްވެސް ބިރެއް ނެތްކަމުގައެވެ. އެހެން ނަމަވެސް، އަފްޣާނިސްތާނުގެ ސިޔާސީ މަޝްރަހުން ބަލައިގަންނަންޖެހޭ ފިލާވަޅުތަކެއް އެބަހުރި ކަމަށާއި އެއީ، ސަރުކާރެއްގެ ހިންގުމާއި ސެކިއުރިޓީއާ ބެހޭ ގޮތުން ހުންނަޖެހޭ ވަރުގަދަ އިދާރާތަކުގެ ބަދަލުގައި ހިންގޭނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި، ޤައުމެއް ވަރުގަދަ ކަމަށްވާނީ، ޕްރޮވިންސް އަދި ސްޓޭޓް ފެންވަރުގައި ހިންގޭ އިދާރާތައް ވަރުގަދަ ވެގެން، ބޭރުގެ އެހީއަށް ބަރޯސާ ނުވުން ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ. އަދި ކޮރަޕްޝަނަކީ އާންމުންގެ އިތުބާރަށް ޚިޔާނާތްތެރިވުންކަމަށާއި، އެތަކެއް އަހަރުތަކެއް ވަންދެން ރަނގަޅު މުޖުތަމައުއެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ބަޔަކަށް ފަގީރުކަން ތަހައްމަލު ނުކުރެވޭނެ ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ. މިގޮތުން އެތައް ޒަމާނެއް ވަންދެން ރައްޔިތުންނަށް ޚިޔާނާތްތެރިވެއްޖެނަމަ، ރައްޔިތުންނަށް ރަނގަޅު ބައެއް ކަމަށް ހެދިގެން ހިންގާ ޚުދުމުހުތާރު ވެރިކަމެއްވެސް ރަނގަޅުވާން ފަށާކަމަށާއި އަދި އެއީ 1996 އަދި 2021 ގައި އަފްޣާނިސްތާނުގައި ވީގޮތް ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ.

މި ސެޝަންގައި އެމްބެސެޑަރ އަލީ ދީދީގެ ވާހަކަފުޅުގައި، އަފްޣާނިސްތާނުގެ ހާލަތާ ގުޅިގެން ދޯހާގައި ދެކެވުނު މަޝްވަރާއަށް އަޅިއަޅުވާ ލެއްވިއެވެ. މިގޮތުން އެމެރިކާއިން ވެސް ވަނީ އަފްޣާނިސްތާނު އާރާސްތުކުރުމަށް ކޮންމެ އަހަރު 2.5 ބިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް ވައުދުވެފައި ކަމަށް ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުން މިހާރު އުފެދިފައިވާ ސަރުކާރުން ކުރިއާއި މިހާރާ ތަފާތު ކަމަށް ދެއްކުމަށް މަސައްކަތްކުރާ ކަމުގައި ބަޔާންކުރެއްވިއެވެ. އަލީ ދީދީގެ ވާހަކަފުޅުގައި، އަފްޣާނިސްތާނުގެ ސިޔާސީ ހާލަތު ރަނގަޅަށް ދާނެކަމުގެ ނިޝާންތައް ހުރިކަމުގައި ފާހަގަކުރެއްވިއެވެ.

އަފްޣާނިސްތާނުގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ އަސަރާ މެދު، އަދި އެއްވެސް ނުރައްކަލެއް ނެތް ކަމުގައި އަލި ދީދީ ވިދާޅުވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް ނެތްކަން ފާހަގަކުރައްވައި، އެފަދަ އޮނިގަނޑެއް ވަރަށް މުޙިއްމު ކަމަށާއި، އިންޓެލިޖެންސް އޮނިގަނޑެއް އެކުލަވާލުން މުހިއްމު ކަމުގައި ޢަލި ދީދީ ބަޔާންކުރެއްވިއެވެ. ވޭތުވެދިޔަ މުއްދަތުގައި ދިވެހިރާއްޖޭގެ ދެ ރައީސަކަށް ދިން ހަމަލާއާ ހަވާލާ ދެއްވަމުން އަލީ ދީދީ ވިދާޅުވީ އާންމުންނާ ހަމައަށް ޚަބަރު އަންނައިރު މައުލޫމާތު ކޮންފްލިކްޓިންގ ކަމަށާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުން ނުކުރެވޭނަމަ، ނުވަތަ ދިރާސާ ނުކުރެވޭނަމަ، އޭގެން އެއްވެސް ފައިދާއެއް ނެތްކަމަށެވެ.

ސެޝަންގެ ޕެނަލިސްޓުންގެ ތެރޭގައި ހިމެނޭ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫންގެ ވާހަކަފުޅުގައި ރެފިއުޖީ ހާލަތާއި އަންހެނުންގެ ހައްގުތަކަށް ކުރާނެ އަސަރު ތަކާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން، އަފްޣާނިސްތާނުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމުގައި އެކަމަނާވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، މިކަމާ ގުޅިގެން ރާއްޖޭގައި ތާލިބާނުނަށް ހިތްވަރުދޭ ފަރާތްތަކަށް ހިތްވަރަކަށްވެދާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަފްޣާނިސްތާނުގެ މިހާލަތާ ގުޅިގެން ސަރުކާރުގެ ފަރާތުން އިޝާރާތެއް ނުވަތަ ކޮމެންޓެއް ކުރާކަށް ނުޖެހޭނެ ކަމަށާއި އެއާ އެކު ނޭޝަނަލް ކައުންޓަރ ރެޑިކަލައިޒޭޝަން ޔުނިޓް ހަރުދަނާކުރުން މުޙިއްމު ކަމުގައި ދުންޔާ ވިދާޅުވިއެވެ.

ކުރީގެ ބަންޑަރަ ނައިބު ޢާޒިމާ ޝަކޫރުގެ ވާހަކަފުޅުގައި އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ގުޅުންހުރި ކަންކަން ތަފްސީލުކޮށްދެއްވިއެވެ. އަދި މައުލޫގައި ވާ ސުވާލާ ގުޅިގެން، އެއްވެސް ނުރައްކަލެއް ނެތް ކަމުގައި ބަޔާންކުރައްވައި އެހެންނަމަވެސް، ދިވެހި ދައުލަތުން އަމަލުކުރާނެ ގޮތް ވަރަށް މުޙިއްމު ކަމުގައި އަޒިމާ ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ހާލަތާ ގުޅިގެން، ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް އަމަލުކުރުން ވަރަށް މުހިއްމު ކަމުގައި ވެސް އާޒިމާ ވިދާޅުވިއެވެ. މީގެ އިތުރުން އެމްބެސެޑަރ އަލީ ދީދީ ވިދާޅުވި ފަދައިން ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ ނިޒާމު ހަރުދަނާ ކުރުން މުޙިއްމު ކަމުގައި އާޒިމާ ވެސް ވިދާޅުވިއެވެ.

ޕެނަލިސްޓުންގެ ވާހަކަތަކަށްފަހު ރައީސް ވަހީދު އިތުރުކުރެއްވި ވާހަކައިގައި ދިވެހިރާއްޖޭގެ ފޮރިން ޕޮލިސީއާއި ސެކިއުރިޓީ ޕޮލިސީ ކަނޑައަޅުއްވަން ވާނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަކީ އެންމެ މަތީ މަސްލަހަތުކަމަށް ދެކިގެން ކަމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.