ގެއްލިފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން، އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ހެދުން ފިހާރައަކަށް ވަދެ، ހެދުންތައް ބެލުމުގައި އެ ދެ މީހުން އުޅެއެވެ.
"ވީމާ މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 483699 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.