Support Us

"ޝަހީބު މީޑިއާ"ގެ ފަރާތުން ދޭ ހަދިޔާގެ ސިޓީ ވީމީޑިއާއަށް ހަވާލުކޮށްދެއްވަނީ

ވީޓީވީގެ 13 ވަނަ އަހަރީ ދުވަހު "ޝަހީބު މީޑިއާ"ގެ ޚާއްސަ ހަދިޔާއެއް

މިއަދު ފާހަގަކުރާ ވީޓީވީގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "ޝަހީބު މީޑިއާ"ގެ ފަރާތުން ވީމީޑިއާ އަށް ޚާއްސަ ހަދިޔާއެއް ދީފިއެވެ. ހަދިޔާއެއްގެ ގޮތުން ދީފައި ވަނީ "ޝަހީބު މީޑިއާ"ގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ "ނޫސްވެރިން ތަމްރީނުކުރުމުގެ ކޯސް"ގެ ތިން ޖާގައެވެ.

"ޝަހީބު މީޑިއާ"ގެ ފަރާތުން ވީމީޑިއާއަށް ދޭ ހަދިޔާގެ ސިޓީ

މިއަދު ހެނދުނު ވީޓީވީން ދެއްކި ވެރައިޓީ ޝޯ "ވާނުވާ" ޕްރޮގްރާމުގައި ޚާއްސަ މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، މި ހަދިޔާގެ ސިޓީ ވީޓީވީއަށް ހަވާލުކޮށްދެއްވީ ޝަހީބު މީޑިއާގެ ސީ.އީ.އޯ އަދި "އަދިވެސް"ގެ އެޑިޓަރު މުހައްމަދު ޝަހީބެވެ.

ވީޓީވީގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ "ޝަހީބު މީޑިއާ"ގެ ފަރާތުން ވީމީޑިއާގެ ސީ.އޯ.އޯ މުހައްމަދު ޒަހީނަށް ފޮނުއްވި ސިޓީގައި، މި އުފާވެރި މުނާސަބަތުގައި ވީޓީވީގެ ހީވާގި މުވައްޒަފުންނަށާއި ހިންގުންތެރި މެނޭޖްމަންޓަށް ތަހުނިޔާ އާއި މުބާރާކުބާދު އަރިސްކުރުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަ ކުރައްވައިފައިވެއެވެ.

"ޚަބަރާއި މައުލޫމާތު ފެތުރުމުގެ ޒަރީޔާއިން ގައުމު ބިނާކުރުމާއި ހޭލުންތެރި ރައްޔިތެއް އުފެއްދުމަށް ފާއިތުވީ 13 އަހަރު ދުވަހުގެ ތެރޭގައި ވީޓީވީގެ ފަރާތުން ކުރައްވައިފައި ވަނީ އަގުނުކުރެވޭ ފަދަ ބުރަ ޚިދުމަތްތަކެއްކަން، އެކަން ވަރަށް ކައިރިން ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ދަންނަވަން ކެރެއެވެ. އެކި ދުވަސްވަރު ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާއެކު ވެސް، ފަސްޖެހުމެއްނެތި ގައުމީ މަސައްކަތުގައި ހުރިހައި މުވައްޒަފުން ވެސް މެނޭޖްމަންޓާއެކު ސާބިތުކަންމަތީ ދެމިތިއްބެވިކަން އެއީ ވީޓީވީން ހޯދި އެންމެ ބޮޑު ކާމިޔާބީކަން އަޅުގަނޑު ފާހަގަކުރަމެވެ،" ޝަހީބު ވިދާޅުވެފައިވެއެވެ. "ވީމީޑިއާގެ މެނޭޖްމަންޓާއި ނިއުސް ރޫމާއި ޕްރޮގްރާމިން ސެކްޝަންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަކީ "ޝަހީބު މީޑިއާ" އާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅުން ކަމަށްވާތީ، ވީމީޑިއާގެ ކުޑައިގެ ދަށުގައި ކުރިން މަސައްކަތް ކުރެއްވި ހުރިހައި ބޭފުޅުންނަށާއި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހައި ބޭފުޅުންނަށް ވެސް ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް "ޝަހީބު މީޑިއާ"ގެ ފަރާތުން ފަށްފަށްކޮށް ތަކުރާރުކުރަމެވެ."

"ޝަހީބު މީޑިއާ"ގެ ތަހުނިޔާގެ ސިޓީ ނިންމަވާލައްވައިފައި ވަނީ ނޫސްވެރިން ތަމްރީނުކުރުމުގެ ކޯހުގެ ތިން ޖާގަ ވީޓީވީ އަށް ހަދިޔާކުރެއްވިކަން ފާހަގަކުރައްވަމުންނެވެ.

ވީޓީވީގެ ވެރައިޓީ ޝޯ "ވާނުވާ"ގައި ޝަހީބު (ކ) މިއަދު ބައިވެރިވެވަޑައިގަންނަވަނީ

"ޝަހީބު މީޑިއާ އިން އިންތިޒާމްކުރާ "ނޫސްވެރިން ތަމްރީނުކުރުމުގެ ކޯހު"ގެ ތިން ޖާގަ، ވީޓީވީގެ 13 ވަނަ އަހަރީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ވީޓީވީގެ ތިން ޖާނަލިސްޓިކަށް ހަދިޔާކުރަން "ޝަހީބު މީޑިއާ"ގެ ފަރާތުން ހަމަޖެއްސި ވާހަކަ މި ދަންނަވަނީ ނުހަނު އުފަލާއެކުގައެވެ. ވީމާ މި ކޯހުގައި ބައިވެރިކުރައްވާނެ ތިން ނޫސްވެރިއެއްގެ މައުލޫމާތު ފޮނުއްވައިދެއްވުން އެދެމެވެ."

ޝަހީބު މީޑިއާ އިން އިންތިޒާމްކުރާ "ނޫސްވެރިން ތަމްރީނުކުރުމުގެ ކޯސް" ކުރިއަށް ދާނީ ސެޕްޓެމްބަރު 15-29 އަށެވެ.

ލެކްޗަރަރުންގެ ގޮތުގައި މި ކޯހުގައި ކިޔަވައިދެއްވާނީ މީޑިއާ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ، ހަވީރު އޮންލައިނާއި "ހުވާސް"ގެ ކުރީގެ އެޑިޓަރު އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވައިފައިވާ މުހައްމަދު ޝަހީބުގެ އިތުރުން ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރައްވައިފައިވާ ތަޖުރިބާކާރު ނޫސްވެރީންނެވެ. އޭގެ ތެރޭގައި "މިހާރު"ގެ ކުރީގެ އެޑިޓަރު މޫސާ ލަތީފާއި "ވަން އޮންލައިން"ގެ ސީ.އީ.އޯ އަދި އެޑިޓަރު ސިނާން އަލީ އާއި "މިހާރު"ގެ އެޑިޓަރު އިސްމާއިލް ނަސީރާއި މޮންދު ޕްރޮޑަކްޝަންގެ ސީ.އީ.އޯ މުހައްމަދު އާސިފު (މޮންދު) އާއި ރާއްޖެ ޓީވީގެ ނިއުސް ކޮންސަލްޓަންޓް، އިމާދު ލަތީފުގެ އިތުރުން ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ ފަރެސް މުހައްމަދު އާމިރު ހިމެނެއެވެ.

މި ކޯހުގެ ފީއަކީ 2،000ރ އެވެ. ކޯހުގައި އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދު އަދަދެއްގެ ޖާގަ ކަމަށްވާތީ، ކޯހުން ފުރުސަތު ލިބޭނީ "ޝަހީބު މީޑިއާ" ހޮޓްލައިން 9934333 އަށް ނަމާއި އައި.ޑީ.ކާޑު ނަންބަރު ފޮނުވައިގެން އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށް "ޝަހީބު މީޑިއާ" އިން ބުނެއެވެ.

މި ކޯސް ކުރިޔަށް ގެންދާނީ ރޭގަނޑު 08:00 އިން 10:00 އަށް އަހުމަދިއްޔާ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *