Support Us

މާވަށުން ދިހަހާސް އަކަފޫޓުގެ ބިމެއް ފުލުހުންނަށް ދީފި

ލ. މާވަށުގައި ފުލުސް އިސްޓޭޝަންގެ އާ ޢިމާރާތެއް ގާއިމުކުރުމަށް ޓަކައި އެރަށު އިރު ދެކުނު ފަރާތުން ދިހަހާސް އަކަފޫޓުގެ ބިމެއް މާވަށު ކައުންސިލުން ފުލުހުންނަށް ދޫކޮށްފިއެވެ.

ފުލުހުންގެ މަރުކަޒެއް ބިނާކުރުމަށް ޓަކައި މާވަށުން ބިމެއް ހޯދަން ފުލުހުން އެދުނީ މާވަށު ފުލުސް ސްޓޭޝަން ހިންގަން ކައުންސިލުން ދޫކޮށްފައި ހުރި އިމާރާތުގެ އެއްބަސްވުން ހަމަވެ، އޭގެ ފަހުން ގަވާއިދާ ޚިލާފަށް އެ އިމާރާތުގައި ފުލުސް އިސްޓޭޝަން ހިންގަމުން ގެންދާތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް ކަމަށް ޚަބަރު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ބިމެއް ހޯދަން އެދުނީ މިހާރު މާވަށުގައި ފުލުސް އިސްޓޭޝަން ހިންގާ ރައްޔިތުންގެ "އަރާކުރި" ޢިމާރާތުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކައުންސިލުގެ ފަރާތުން ފުލުހުންނަށް ތިން އިޚުތިޔާރެއް ދީ އެއިން ގޮތަކަށް ޢަމަލުކުރަން ފެށުމަށް ފޮއިދުވަހުގެ މުއްދަތެއް ދިނުމުންނެވެ.

ކައުންސިލްގެ ސިޓީއަކުން ހުށަހެޅި ތިން އިޚުތިޔާރަކީ (1) ކައުންސިލުން ފުލުހުންނަށް ހިލޭ ހަމަޖައްސައިދޭ ބިމެއްގައި ފުލުހުންގެ އައު އިމާރާތެއް ބިނާ ކުރެއްވުމުގެ މަސައްކަތް ފެއްޓުމާއި (2) މިހާރުވެސް ޕޮލިސް ސްޓޭޝަން ހިންގަވަމުން ގެންދަވާ "އަރާކުރި" އިމާރާތަށް މަހުން މަހަށް ކުލި ލިބޭ ގޮތަށް އެއްބަސްވުމެއް ހެއްދެވުމާއި (3) "އަރާކުރި" ޢިމާރާތުގެ އަގެއް ކަމަށް ފުލުހުން އަމިއްލަފުޅަށް ކަނޑައެޅުއްވި 82،3375ރ. ދެއްވުމަށް ފަހު އެ ޢިމާރާތް ބައްލަވައިގަތުމަށެވެ.

މި ތިން އިޚުތިޔާރުން ކުރެ އެއްވެސް އިޚުތިޔާރެއްގެ ބޭނުންނުކޮށްފި ނަމަ، މައްސަލަ ޙައްލުކުރުމަށް ކޯޓަށް ހުށަހެޅުން ނޫން ގޮތެއް ކައުންސިލަށް ނުފެންނަ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ދިން ތިން އިޚުތިޔާރުގެ ތެރެއިން ފުލުހުން ޚިޔާރުކުރީ އަލުން ޢިމާރާތެއް ބިނާކުރުމުގެ އިޚުތިޔާރެވެ. އެހެންކަމުން މި ކަމަށް ޓަކައި ފުލުހުން ބޭނުންވާ ވަރަށް ވުރެ ވެސް ބޮޑު ބިމެއް ފުލުހުންނަށް ހިލޭ ސާބަހަށް ކައުންސިލުން މިހާރު ވަނީ ދީފައެވެ. އަދި އާ ޢިމާރާތް ބިނާ ކުރެވެންދެން ފުލުސް އިސްޓޭޝަން ހިންގާނެ ޢިމާރާތެއް ހޯދަން ފުލުން ވަނީ އިޢުލާނު ވެސް ކޮށްފައެވެ.

މާވަށުގައި ފުލުސް އިސްޓޭޝަނެއް ބިނާކުރީ 2013 ވަނަ އަހަރު އޮގަސްޓްމަހު 31ގައި، ތިން އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދޫކުރި ރައްޔިތުންގެ "އަރާކުރި" ޢިމާރާތުގައެވެ. އެއީ އަންހެނުންގެ މަސައްކަތުން ބިނާކޮށްފައިވާ ޢިމާރާތެކެވެ. މި ފަދަ ހުރިހާ ތަނެއް ކައުންސިލްތަކާ ޙަވާލުކުރި ކުރުމުގެ ތެރެއިން މިހާރު އެ ޢިމާރާތަކީ ވެސް މާވަށު ކައުންސިލުގެ މިލްކުގައިވާ ތަނެކެވެ.

މާވަށަކީ ދެހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ، އަދި އެ އަތޮޅުގައި ތިންވަނައަށް އެންމެ މީހުން ގިނަ ރަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *