މާފުށި ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެނިހެން ތަކެތި އެތެރެކުރަން އުޅުނު މީހަކު ރޭ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 97 މޯބައިލް ފޯނާއި، 109 ޗާޖަރާއި، 77 ޔޫއެސްބީ ކެބަލްއާއި، 65 ހެޑްސެޓާއި، ރައުޓަރެއްގެ އިތުރުން 61 ސިމްކާޑާއި، ދެ ކަޓަރު ތިލަބޮނޑިއާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިހާއި އިންޓެލިޖެންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އެކަމަކު އޭނާ އަކީ ކޮން ތާކު މަސައްކަތްކުރާ ކާކު ކަމެއް ފުލުހުން ނުބުނެއެވެ.
މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment