Support Us

ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންނާ ރައީސުލްޖުމްހޫރިއްޔާ ބަޑިހަވާލުކޮށްދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ސިފައިން މަސައްކަތް ކުރަންވީ ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ނަން ފެވިގެންދާނެ ޚިދުމަތެއް ކޮށްދިނުމަށް: ރައީސް

ސިފައިންގެ މީހަކަށް ވުމާއެކު މަސައްކަތް ކުރަންވީ، ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލަށް ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ސިފައިންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާޢުކުރުމާއި، ޤާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ޤާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަޙައްދީ ފެންވަރުގަޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި އެފަދަ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫތު ޙިއްޞާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ޙިއްޞާކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާ ގުޅޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލްކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންނާ ބަޑި ހަވާލުކޮށްދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން.. -ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ޚިދުމަތާ އަލަށް ގުޅިވަޑައިގެންނެވި ސިފައިންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނާއި ސިފައިންގެ ތެރޭގައި ޢަމަލުކުރަމުން އަންނަ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ސިފަވަންތަ ބައެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިއްބެވުމަށް ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، ދީނާއި ޤައުމު ދިފާޢުކުރުމުގައި ދެމިތިބޭ އަދި އެމީހުންގެ ޢާއިލާތަކަށާއި ދިވެހި ޤައުމަށް ރީތި ނަން ހޯދައިދޭ ބަޔެއްގެ ގޮތުގައި ދެމިތިއްބެވުމަށް ގޮވާލައްވަމުންނެވެ.

ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު މި ސިފައިންގެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސިވިލްކޯޓުގެ ގާޟީ އަލްއުސްތާޛު ޢަލީ ނަސީރެވެ.

މިރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ އިސްވެރިން މިރޭގެ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް