Support Us

މީހުން ބިނާކުރުމަކީ ކުރިމަގަށް ރައްކާކުރެވޭ ވަރަށް އަގު ބޮޑު ރައުސްމާލެއް: ރައީސް

މީހުން ބިނާކުރުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގު ބޮޑު ރައުސްމާލެއް ކަމަށާއި އެކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިގޮތަށް ގޮވާލައްވާފައިވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްޤީކޮށްގެން، ޤައުމުގެ ތަރައްޤީގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޕްލޭނަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި މި މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން، މާސްޓަރ ޕްލޭނެއް އެކުލަވައިލެވޭ މިއީ ފުރަތަމަ ފަހަރުކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އިފްތިތާޙްކުރި މާސްޓަރ ޕްލޭންގެ އަމާޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޕްލޭންގެ މައިގަނޑު އަމާޒަކީ ސަރުކާރުން މިހާރު ރަށްރަށުގައި ހިންގަމުންދާ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ނިމޭއިރު، މިއިން ކޮންމެ މަޝްރޫޢަކާ އެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށެވެ. އަދި މި ޕްލޭންގެ ހަޤީޤީ މަޤްޞަދަކީ ޖިންސީ ހަމަހަމަކަމާއެކު، ރާއްޖޭގައި ތިބި ފަންނީ ހުނަރުވެރި ދިވެހި ޒުވާނުންނަށް އެ ފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްޤީކޮށް، ޙަޔާތުގެ ޢަމަލީ މައިދާނުގައި އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭންގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ވަރަށް ގިނަ ފައިދާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފަންނީ ވަޒީފާތަކަށް، ތަމްރީނު ލިބިފައިވާ ދިވެހީން ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް، މި މާސްޓަރ ޕްލޭންގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، ފަންނީ ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ޢަދަދުވެސް ދަށަށްދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލެއް ލިބެންފަށާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ޕްލޭންގެ ސަބަބުން މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައިވެސް، ވަރަށް މުހިންމު މަސައްކަތެއް ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ވަބާއިން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުގެ ތެރޭގައި ވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެން ވިޔަސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުންކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށާއި، އޭގެ ތެރެއިންވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަންޖެހިފައިވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާއެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށްޓަކައި މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީ އާއި ޕްރޮފެޝަނަލް ކައުންސެލިން، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލްޝިޕްތައް ހިމެނޭ ގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަޝިޕްގެ ފުރުޞަތު، ވަރަށް އަވަހަށް ހުޅުވައިލާނެކަމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް