ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ތިން ދުވަހު މެދުކެނޑިފައި އޮތުމަށްފަހު، 15 އަދި 16 ވަނަ ޓަވަރަށް ގުޅުން ދެމުން މާދަމާ އަލުން ފަށާ ގޮތަށް ސްޓެލްކޯ އިން ހަމަޖައްސައިފިއެވެ.
ސްޓެލްކޯ އިން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ ޓަވަރުތަކަށް ކަރަންޓު ގުޅައިދެމުން ދަނިކޮށް ލިފްޓެއް ހުއްޓި، އޭގެތެރޭގައި ބަޔަކު ތާށިވެފައިވާތީ، ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން ކަރަންޓު ގުޅައިދިނުން، އެޗްޑީސީ އެދުމުގެ މަތިން މެދުކަނޑާލުމަށްފަހު މާދަމާ އަލުން ފެށުމަށް އަންގައިފައިވާ ކަމަށެވެ.
"ހިޔާ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމާ އެޗްޑީސީން އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މި ކުންފުންޏަށް އެންގުމާ ގުޅިގެން، މާދަމާ އެ ދެޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށްގެންދާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި،" ސްޓެލްކޯ އިން ބުންޏެވެ. "ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެ. އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް މި ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ވަޑައިގަތުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް."
ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުން މިދިޔަ ހުކުރު ދުވަހު މެދުކަނޑައިލިއިރު ތިން ދުވަހެއްގެ މަސައްކަތުން މިހާތަނަށް ވަނީ 5، 6، 7، 8، 11 އަދި 12 ވަނަ ޓަވަރަށް ސްޓެލްކޯ އިން ގުޅުން ދީފައެވެ.
ފްލެޓްތަކަށް ކަރަންޓު ދެމުން ދާވަރަކަށް ބައެއް މީހުން ވަނީ ފްލެޓްތައް ނިންމުމުގެ މަސައްކަތް ފަށައިފައެވެ. ކަރަންޓު ގުޅައިނުދޭ ފްލެޓްތަކުގައި މަސައްކަތް ކުރުމަކަށް ހުއްދައެއް ނުދެއެވެ.



advertisment