އުމުރުން އެންމެ 10 އަހަރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީ ހަދައި އޭ ސްޓާރ ހޯދި ހުރަވީ ސްކޫލްގެ ދަރިވަރު ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް ޢަބްދުލް ވާޙިދާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަޔާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިހާ ޅަ އުމުރެއްގައި ރަޔާން، ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު އެކަމަށް ތަޢުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރަޔާންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، ރަޔާންގެ މަންމަ، ޢާއިޝަތު ޔުމްނާއަށާއި ބައްޕަ މުޙައްމަދު ރިޔާޒަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ކެމިސްޓްރީއާ މެދު ރަޔާން ޝައުޤުވެރިވި ގޮތާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރަޔާން ބޭނުންވަނީ ކޮންކަމެއްތޯ އާއި، ބޮޑުވެގެން އަދާކުރަން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލުކުރެއްވުމުން ރަޔާން ބޮޑުވެގެން ވާން ބޭނުންވަނީ ސައިންޓިސްޓަކަށް ކަމުގައި އޭނާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި، ގޭގައި ލެބެއް ހެދުމަށާއި، ކުދިކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ ޢާލާތްތައް ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
ރަޔާންގެ ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ އިނާމެއް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަޔާންގެ މަންމަ ޢާއިޝަތު ޔުމްނާ ވިދާޅުވި ގޮތުގައި ރަޔާން ކުޑައިރުއްސުރެ ވެސް ފޮތް ކިޔުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓައެވެ. އަދި، ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމާއެކު ރަޔާން ވަރަށް ގިނައިން ގޭގައި ކެމިސްޓްރީ ފޮތް ކިޔާ ކަމަށާއި، އޯ ލެވެލް އަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގެ ޙާލަތުގައި ގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ރަޔާން އަމިއްލަޔަށް އެއްޗިހި ސަރޗްކޮށްގެން އަމިއްލަޔަށް ކިޔަވައިގެން ކަމުގައި ރަޔާންގެ މަންމަ ޔުމްނާ ވަނީ ވިދާޅުވެފައެވެ.
ރަޔާންގެ ބައްޕަ މުޙައްމަދު ރިޔާޒް ދެއްކެވި ވާހަކައިގައި، ރައީސުލްޖުމްހޫރިއްޔާ ރަޔާންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި މި ބައްދަލުކުރެއްވުމުގެ ސަބަބުން އިތުރަށް ހިތްވަރު އާވެގެންދިޔަކަމުގައި ވިދާޅުވިއެވެ.



advertisment