ކުޑަކުދިން ކެއްކުމަށް އަހުލުވެރިކުރުވާ ހާއްސަ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ހިންގައިފިއެވެ.
ޖުމްލަ 40 ކުދިން ބައިވެރިވެގެން އިއްޔެ ބޭއްވި "ޖުވޭދައްތަގެ ކުޑަ ކައްކާ ވަންޑޭ އިވެންޓް- ކެންގަރޫ ކިޑްސް އައްޑޫ ސިޓީ" އަކީ "ކޮންމެ މީހަކީ ވެސް ކޮންމެވެސް ހުނަރެއްގެ ވެރިއެއް"ގެ ޕްރޮގްރާމްގެ ދަށުން "އައްޑޫ ވިމެންސް އެސޯސިއޭޝަން" (އަވަ) އިން އިންތިޒާމްކުރި ޕްރޮގްރާމެކެވެ. "އަވަ" އަކީ އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް، ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ.

ކެންގަރޫ ކިޑްސް އައްޑޫ ސިޓީގެ ގްރޭޑް ފަހަކުން ނުވައެއްގެ ދަރިވަރުންނަށް އިއްޔެ ހެނދުނު 9 އިން 2 އަށް ހިންގި މި ޕްރޮގްރާމްގައި ކިޔަވައިދިނީ ރާއްޖޭގެ މަޝްހޫރު ކެއްކުންތެރިޔާ، އައްޑުއަށް އުފަން ޖުވޭރިޔާ ވަޖުދީ އާއި "އަވަ" ޓީމްގެ ބައެއް މެންބަރުންނާއި ކެންގަރޫ ކިޑްސްގެ އިސް ބައެއް ޓީޗަރުންނެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން "ޖުވޭދައްތަގެ ކުޑަ ކައްކާ" އަދި "ޖުވޭދައްތަގެ ކުޑަ ފަންނާނު" ފަދަ ތަފާތު ޕްރޮގްރާމްތައް ސްކޫލްތަކުގައްޔާއި އަދި ސުކޫތަކުގެ ދަރިވަރުންނަށް ހިންގަމުންދާ ކަމުގައި "އަވަ" ޖަމިއްޔާގެ އައްޑޫގެ އިންޗާރޖް ޝެހެނާޒް ރަޝީދު "އަދިވެސް" އަށް ވިދާޅުވިއެވެ. މިގޮތުން އައްޑޫ ސިޓީ މަރަދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުއްލަތީފް އަލީ ވަނީ ކޮންމެ އަހަރަކު ވެސް ގްރޭޑް 5 އަދި ގްރޭޑް 6ގެ ދަރިވަރުންނަށް މި ޕްރޮގްރާތައް ހިންގެވުމަށް ނިންމަވައި އިއުލާނު ކުރައްވައިފައި ކަމުގައި ވެސް ޝެހެނާޒް ވިދާޅުވިއެވެ.

"މި ޕްރޮގްރާމްތައް ބައްޓަން ކުރެވިފައި ވާނީ ކުދިިން، ތުއްތު އިރުން ފެށިގެން ވެސް ސްކޫލް ނިމެންވާއިރަށް އެ ކުދިން ތަފާތު އެކި ހުނަރު ތަކަށް އަހުލުވެރި ކުރުވައި އެފަދަ މަސައްކަތްތައް ކުރުމަށް ޝައުގުވެރިކަން އުފެދޭ ގޮތަށް،" ޝެހެނާޒް ވިދާޅުވިއެވެ.

އިއްޔެގެ ކެއްކުމުގެ ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަށް ހަނދާނީ ލިއުން ވަނީ ދީފައެވެ. މި އިވެންޓު ނިންމުމުގެ ރަސްމީޔާތުގެ ޝަރަފުވެރި މެހެމާނަކީ އައްޑޫގެ މަޝްހޫރު ޝެފް އިޝްހާގު ސޯލިހެވެ.




advertisment