ހިޔާ ޓަވަރުތަކުގެ ލިފްޓްތަކުގެ މަސައްކަތް މުޅިން ނިމެންދެން ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުން ސްޓެލްކޯ އިން މެދުކަނޑައިލައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ ޓަވަރުތަކަށް ކަރަންޓު ގުޅައިދެމުން ދަނިކޮށް، ލިފްޓެއް ހުއްޓި، އޭގެތެރޭގައި އިއްޔެ ބަޔަކު ތާށިވެފައިވާތީ، ލިފްޓްތައް ކޮމިޝަން ނުކޮށްހުރެއްޖެނަމަ އެފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށްބަލައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން، ކަރަންޓު ގުޅައިދިނުން، އެޗްޑީސީ އެދުމުގެ މަތިން މެދުކަނޑާލީ ކަމަށެވެ.
"ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލަން އެޗްޑީސީން ވަނީ އެދިފައި. ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށްގެންދާނީ އެ މަސައްކަތްތައް ނިމި، ހިދުމަތްދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމުގައި އެންމެހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުން މެދުކަނޑައިލިއިރު ތިން ދުވަހެއްގެ މަސައްކަތުން މިހާތަނަށް ވަނީ 5، 6، 7، 8، 11 އަދި 12 ވަނަ ޓަވަރަށް ސްޓެލްކޯ އިން ގުޅުން ދީފައެވެ. މިގޮތުން މިއަދު ގުޅުން ދިނީ 5 އަދި 6 ވަނަ ޓަވަރަށެވެ.
ފްލެޓްތަކަށް ކަރަންޓު ދެމުން ދާވަރަކަށް ބައެއް މީހުން ވަނީ ފްލެޓްތައް ނިންމުމުގެ މަސައްކަތް ފަށައިފައެވެ. ކަރަންޓު ގުޅައިނުދޭ ފްލެޓްތަކުގައި މަސައްކަތް ކުރުމަކަށް ހުއްދައެއް ނުދެއެވެ.



advertisment