Support Us

ތ. އަތޮޅުގެ 7 ރަށަކަށް ކުރެއްވި ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާ ނިންމަވާލައްވައިފި

ތ. އަތޮޅުގެ ހަތް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ތިމަރަފުށްޓަށެވެ. ތިމަރަފުށްޓަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމާ ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ އިސްވެރިންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާފައި ވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމަރަފުށީގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން އެރަށުގައި އަލަށް ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށްދާ ގޮތާއި، ތިމަރަފުށީގައި ކުރިޔަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވެސް ބައްލަވާލައްވާފައެވެ.

ތިމަރަފުށްޓަށްފަހު ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ކިނބިދޫއަށެވެ. އެރަށަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި، ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި، އެ ރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގެންނެވީ އޮމަދުއަށެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. ބަނދަރު ހުޅުވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްނަމަވެސް އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުން ކަމުގައި ވިދާޅުވެ، ސަރުކާރުން އޮމަދޫއާ އަދި ތ. އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ކުރިޔަށްގެންދަވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ. މީގެ އިތުން މިވަގުތު ޤައުމުގައި ހުރި މުހިންމު މައްސަލަތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އޮމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާފައި ވެއެވެ.

ހަތަރުވަނަ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ އަތޮޅުގެ ވެރިކަންކުރާ ރަށް ވޭމަންޑޫއަށެވެ. ވޭމަންޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ތ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ވޭމަންޑޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފައެވެ. ހަމައެހެންމެ ރައީސުލްހުމްހޫރިއްޔާ ވަނީ ތ. އަތޮޅު ހޮސްޕިޓަލަށާއި، ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ވޭމަންޑޫ ސްކޫލާއި ވޭމަންޑޫގައި ހުންނަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވާފައެވެ.

މިދަތުރުފުޅުގައި ފަސް ވަނަ އަށް އެމަނިކުފާނު ވަޑައިގެންނެވީ ވަންދޫއަށެވެ. ވަންދޫގެ ވެސް ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ވަންދޫގެ މަސްވެރިންނާ ވެސް ބައްދަލުކުރައްފައެވެ. މީގެ އިތުރުން ވަންދޫ ސްކޫލާއި ވަންދޫގެ ބައެއް އާސާރީ ތަންތަންކަމުގައިވާ ވަންދޫގެ ލޯ ޒިޔާރަތާއި އެ ޒިޔާރަތާ ގުޅޭ މިސްކިތާއި ވަންދޫ ކުރީގެ ހުކުރު މިސްކިތަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލެއްވިއެވެ.

މި ދަތުރުފުޅުގެ ހަ ވަނަ މަންޒިލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ކަނޑޫދުއަށެވެ. އެރަށުގެ ކައުންސިލާއި އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމުގެ އިތުރުން ކަނޑޫދޫގެ ދަނޑުވެރިންނާއި އަދި ތައުލީމީ ދާއިރާގެ އިސްފަރާތްތަކާއި ޓީޗަރުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އިއްޔެ ވަޑައިގަތީ ގާދިއްފުއްޓަށެވެ. އެ ރަށަށް ވަޑައިގެން ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *