Support Us

ވޭމަންޑޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ތ. ވޭމަންޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވޭމަންޑޫ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި ކުނި މެނޭޖްކުރުމާއި ހޮސްޕިޓލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ބިން ހިއްކުމާއި ބައެއް އިދާރާތަކުގެ ޖާގައިގެ ދަތިކަމާއި އައިސް ޕްލާންޓް ޤާއިމުކުރުމާއި މަގު ބައްތި ޖެހުންފަދަ ކަންކަން ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ ވޭމަންޑޫގައި ހިންގާ ޕްރީސްކޫލްގެ ވަޞީލަތްތައް މަދުކަމާއި، އިޖްތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ޕާކާއި އައުޓްޑޯ ޖިމް ފަދަ ވަޞީލަތްތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ފަރާތުން އެރަށު ޒުވާނުންގެ ކަންބޮޑުވުންތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި އެރަށުގައި ކުޅިވަރު ވަޞީލަތްތައް ފުރިހަމަޔަކަށް ނެތެވެ. އަދި، ސްކޫލް ނިންމާ ކުދިންނަށް ވޮކޭޝަނަލް ޓްރެއިނިނގް ދޭނެ ތަނެއް ޤާއިމުކޮށްދިނުމަށް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން އަންނަ އަހަރަށް ބަޖެޓްކޮށްގެން ކައުންސިލުން އެދިލެއްވި ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަމަށާއި، ކައުންސިލްތަކަށް ޤާނޫނުން ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފައިގެން ކުރިޔަށްދިޔުމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން އެ މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *