Support Us

ރާއްޖެއިން ބޭރުވާ ޑޮލަރު އަދި މަދުކުރެވިދާނެ

ކޯވިޑު-19ގެ ބަލާ އާފާތް މުޅި ދުނިޔެއަށް ފާވުމާ ވިދިގެން ދިވެހިރާއްޖެޔަށް ވަންނަ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑު ތަން ދަށްވެއްޖެޔޭ، އެހެން ވީމައި ރާއްޖެޔަށް މިހައިރު އެތެރެވާ ޑޮލަރުކޮޅުގެ ތެރެއިން ވީހައިވެސް ބޮޑު ޢަދަދެއް ރާއްޖޭގައި ހިފަހައްޓަން އެބަ ޖެހެޔޭ، ނޫސް ނޫހުގައްޔާއި ސޯޝަލް މީޑިޔާގެ އެކި ޞަފުޙާތަކުގައި ލިޔެފައި ހުއްޓައި އަޅުގަނޑަށް އެބަ ފެނެއެވެ. އަދި މި ހިފެހެއްޓުން ހިފަހައްޓަން މި ޖެހެނީ، ރާއްޖޭގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ފުއްދަން ރާއްޖެޔަށް ކޮންމެހެން އެތެރެކުރަން ޖެހޭ ބާވަތްތަކަށް އަގު ދައްކަން ބޭނުންކުރާށޭ ބުނާ މީހުން އެބުނާ ވާހަކަޔަށް އަޅުގަނޑު ތާއީދުވެސް ކުުރަމެވެ.

ކޮންމެއަކަސް، ފަށަމުން މިދެންނެވި ވާހަކަޔައިގެން އަޅުގަނޑުގެ ޚިޔާލުގެ ސަވާރީ އަޅުގަނޑައިގެން ޖައްވުގެ ތެރެޔަށް މަޖާޒީ ދަތުރެއްގައި އުދުހިގަތްތަނާ، އަޅުގަނޑުގެ ހިތަށް އެންމެ ފުރަތަމަވެސް ވަދެގެން އެއައީ މުޅިން އެހެން ކަހަލަ ވާހަކައެކެވެ. އެ ވާހަކައިގެ ޚުލާޞާގައި އޮތީ ސުވާލެކެވެ. އެއީ، ރާއްޖޭގެ ބައެއް ޓުއަރިސްޓުު ރިސޯޓުތަކުން ކޮޓަރިއެއް ރެޔަކަށް ހާހުން ދެހާހުން ދައްކަން ފަތުރުވެރީން ތައްޔާރަށް ތިބޭ އިރު، އަދި އަމިއްލަ ކަމަށް އިސްތިހާރުކުރާ ބައެއް ރަށްރަށުން ރެޔަކަށް މީހަކަށް ތިރީސް ހާސް ޑޮލަރު ނަގާކަމަށް ބުނާއިރު، އެ ފައިސާގެ ތެރެއިން ކިތަކަށް ޑޮލަރު ރާއްޖޭގެ ފައިސާގެ ނިޒާމުގެ ތެރެޔަށް ވަދޭބާވައޭއެވެ! ވަންނަ ޑޮލަރު ބޭރުވާ ވަރު މަދުކުރާ ވާހަކަ ދައްކާއިރު، މި ސުވާލަކީ އެ މަޢުޟޫޢާ މުނާސަބު ސުވާލެއް ބާވައެވެ؟

މިދެންނެވި ސުވާލު މި ލިޔުމުގެ ސުރުޚީއާ ކިތަންމެ މުނާސަބު ކަމަށް އަޅުގަނޑަށް އަދި ހީވިޔަސް، ސުރުޚީ އެ އޮތް ގޮތަށް ބާއްވައިގެން އެ ސުވާލު ކުރުމަކީ އަދި އެހައި ރަނގަޅު ކަމަކަށް ނުވެދާނެތީ، އެ ސުވާލުގެ ފަހަތުން އަަދި ފަހުން ދާން ދޫކޮށްލައިފައި، ޑޮލަރު ބޭރުވުމުގެ ވާހަކަޔަށް އެކަނި އެނބުރިލާނަމެވެ. އަދި ވަކީން ޚާއްޞަކޮށް ބިދޭސީން ރާއްޖެއިން ބޭރުކުރާ ޑޮލަރުގެ މަގުމަތިން އަޅުގަނޑުގެ ސަވާރީ ކުޑައިކޮށް ދުއްވައިލާނަމެވެ.

އެންމެ ފުރަތަމަ، ރާއްޖެއިން ޑޮލަރު ބޭރުކުރާ ބިދޭސީންގެ ތަފާތު ގިންތި ތަކަށް ބަލައިލަމާތޯއެވެ. މަންޒަރު ރަނގަޅަށް ކުރަހައިލުމަށްޓަކައެވެ.

އެންމެ ފުރަތަމަވެސް އަޅުގަނޑު ބަލައިލާނީ، ރާއްޖޭގައި ބޭރު ފަރާތްތަކުން ވިޔަފާރިކުރުމާ ބެހޭގޮތުން މިހައިތަނަށް ހެދިފައި ހުރި ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް (ފޮރިން އިންވެސްޓްމަންޓް ޤާނޫނާ ޚިލާފަށް) ރާއްޖޭގައި ތަފާތު އެކި ވިޔަފާރިކުރާ ބިދޭސީންނާ ދިމާޔަށެވެ. އަދި އެ ވިޔަފާރިތައް ހިންގައިގެން ލިބޭ ފައިދާ ޑޮލަރަށް ހަދައިފައި ރާއްޖެއިން ބޭރުކުރާ ބައެއް ގޮތާ ދިމާޔަށެވެ.

އެޔަށް ފަހު، ރާއްޖޭގައި ޤަވާޢިދުން ހިންގާ ބޭރުގެ އެކި ކުންފުނިތަކާއި، ރާއްޖޭގެ ކުންފުނިތަކާއި، ދިވެހީންގެ އަމިއްލަ އެކި ވިޔަފާރިތަކާއި މަސައްކަތްތަކަށް ޤަވާޢިދުން ގެނެސްފައި ތިބޭ، އެކި ފެންވަރުގެ މެނޭޖަރުންނާއި، އެކައުންޓަންޓުންނާއި،  ލެކްޗަރަރއިންނާއި ޓީޗަރުންނާއި، އަދި ދެންވެސް ހުރި ޕްރޮފެޝަނަލް ގިންތި ތަކުގައި މަސައްކަތްކުރާ އެކި މީހުން އެ މީހުންގެ  ’އެމްޕްލޯއިމަންޓް ވީސާ‘ގެ ޝަރުޠު ތަކާ ޚިލާފަށް ރާއްޖޭގައި ’ސައިޑް ބިޒްނަސް‘ ހިންގާ ނަމަ، އެ މީހުންނާ ދިމާޔަށެވެ. މިއީވެސް އުޅޭ ބަޔެކެވެ. ޙަޤީޤަތުގައި އެމީހުން އެ ކުރަނީ ޤާނޫނާ ޚިލާފު ވިޔަފާރިތަކެކެވެ. ވަޒީފާތަކަށް ގެނެސްފައި ތިބޭ މީހުންނަކީ ރާއްޖޭގައި ވިޔަފާރިކުރަން ހުއްދަ ދީފައި ތިބޭ ބައެއް ނޫނެވެ. އެހެން ވީމައި، އެ މީހުންގެ އެ ވިޔަފާރިތަކުން ލިބޭ ފައިދާ ޑޮލަރަށް ހަދައިފައި ރާއްޖެއިން ބޭރުކުރާތީ އެ ދިމާޔަށްވެސް ބަލައިލާން އެބަ ޖެހެއެވެ.

ދެން ބަލައިލެވިދާނޭ އަނެއް ދިމާޔަކީ، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބައެއް ބިދޭސީން، އެ މީހުން އިނދެގެން އުޅޭ ދިވެހީންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީކޮށްގެން ހިންގާނަމަ، އެމީހުންނާ ދިމާޔަށެވެ. ޤާނޫނުގެ އަކުރަށް ބަލާއިރު، އެމީހުން އެ ކުރާ ވިޔަފާރިޔަކީ ޤާނޫނާ ޚިލާފު ވިޔަފާރިޔަކަށް އަދި ނުވިޔަސް، އެމީހުން އެކުރާ ވިޔަފާރިތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ޑޮލަރަށް ހަދައިފައި ރާއްޖެއިން ބޭރުކުރާ ނަމަ، ލޮލުގެ ކުޑަކޮޅުން ނަމަވެސް އެ ދިމާޔަށްވެސް ބަލައިލާން އެބަޖެހޭ ނޫންތޯއެވެ؟

ދެން ތިބޭނީ، ރާއްޖޭގެ ރިސޯޓުތަކާއި، އެޖެންސީ ތަކާއި، ބޮޑެތި ކުންފުނިތަކާއި، މިފަދަ ތަންތަނަށް ބޭނުންވާ ’ޕްރޮފެޝަނަލް، ކޮލިފައިޑް‘ ފެންވަރުގެ މީހުން ރާއްޖޭގައި އަދިވެސް ނެތޭ ކިޔައިފައި، ޔަޢުނީ މަސައްކަތަށް ބޭނުންވާ މިންވަރަށް ކިޔަވައިގެން، މަސައްކަތުގެ ހުނަރުތައް ލިބިގެން ތަޖުރިބާ ހޯދައިގެން ތިބި މީހުން ދިވެހީންގެ ތެރޭގައި އަދިވެސް ނެތޭ ކިޔައިފައި، އެ ތަންތަން ހިންގައި ބެލެހެއްޓުމުގެ އިސް މަޤާމުތަކާއި މެދު ފަންތީގެ މަޤާމުތަކަށް ގެނެސްފައި އެ ތިބޭ ބިދޭސީންނެވެ. އަދި އެ މީހުންނަށް ދެމުން އެ ގެންދާ، ދިވެހީންނާ ނުބައްދަލު މުސާރަތަކުން ބޮޑުބައެއް ރާއްޖެއިން ބޭރުކުރާނަމަ، އެ ދިމާޔަށްވެސް ހަމަ ކޮންމެހެން ބަލައިލާން އެބަ ޖެހެއެވެ.

އަދި މި ނޫނަސް، ރާއްޖެއިން އެކި ކަންކަމު ޑޮލަރު ބޭރުކުރާ މީހުން ތިއްބަސް، މި ދެންނެވި ގިންތިތަކަށް ބަލައިލުމުން މިފަހަރަށް ފުދޭނެ ކަމަށް ފެނެއެވެ.

މި ދެންނެވި ގިންތި ތަކަށް ބަލައިލުމަށްފަހު، މި ބާވަތްތަކުގެ މީހުން ރާއްޖެއިން ބޭރަށް ޑޮލަރު ފޮނުވަން ބޭނުންކުރާ، ނުވަތަ ބޭނުންކުރުން އެކަށީގެންވާ ގޮތްތަކާއި، އެ ގޮތްތަކާމެދު ޢަމަލުކުރެވިދާނެކަމަށް އަޅުގަނޑަށް ފެންނަ ބައެއް ގޮތް ދަންނަވާނަމެވެ.

އެންމެ ފުރަތަމަ އަޅުގަނޑު ބަލައިލާނީ، ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރަން ހުއްދަދޭން ހަދައިފައި އެހެރަ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުން ގެންދާ ބިދޭސީންގެ ވިޔަފާރިތަކުން އެމީހުން ހޯދާ ފައިސާ ޑޮލަރަށް ހަދައިފައި ރާއްޖެއިން ބޭރުކުރުން ހުއްޓުވުމަށެވެ. އާދެ، މިދެންނެވީ ރަނގަޅަށެވެ. އެމީހުން ރާއްޖެެއިން ބޭރުކުރާ ޑޮލަރު މަދުކުރާ ވާހަކައެއް ނޫނެވެ. ހުއްޓުވާ ވާހަކައެވެ. މިފަދަ މީހުންނާހެދި ރާއްޖެއިން ޑޮލަރު ބޭރުވުން ހުއްޓުވޭނޭ ވަރަށް ފަސޭހަ ގޮތެއް އެބަ އޮތެވެ. އެއީ، އެ ފަދަ ވިޔަފާރިތައް ހޯދައި، އެ ވިޔަފާރިތައް ވަގުތުން ވަގުތަށް ހުއްޓުވައިލުމެވެ. ޤާނޫނު ތަންފީޒު ކުރުމެވެ. ބޭނުންވަނީ ކެރުމެވެ!

ދެން އޮތީ ޕްރޮފެޝަނަލް ގިންތި ތަކުގައި މަސައްކަތްކުރާ އެކި މީހުން އެ މީހުންގެ  ’އެމްޕްލޯއިމަންޓް ވީސާ‘ގެ ޝަރުޠު ތަކާ ޚިލާފަށް ރާއްޖޭގައި ’ސައިޑް ބިޒްނަސް‘ ހިންގައިގެން ހޯދާ ފައިސާ ޑޮލަރަށް ހަދައިގެން ބޭރުކުރުމުގެ މައްސަލައެވެ. މި ކަމަށްވެސް ބޭނުންވަނީ އެ ފަދަ ވިޔަފާރިތައް ހޯދައި،  އެވިޔަފާރިތައް ވަގުތުން ވަގުތަށް ހުއްޓުވައިލުމެވެ. މިކަމުގައިވެސް ޤާނޫނު ތަންފީޒުކުރުމެވެ. ބޭނުންވަނީ ހަމަ ކެރުމެވެ!

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބައެއް ބިދޭސީން، އެ މީހުން އިނދެގެން އުޅޭ ދިވެހީންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީކޮށްގެން ހިންގައި، އެ ވިޔަފާރިތަކުން ލިބޭ ފައިދާގެ ކޮންމެވެސް އެއްޗެއް ޑޮލަރަށް ހަދައިގެން ރާއްޖެއިން ބޭރުކުރާނަމަ، އެ ކަމުގައިވެސް ބޭނުންވަނީ ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް އެ ފަދަ ކަންކަމަށް ޤާއިމުކޮށްފައި އެ ހުންނަ ނިޒާމުތަކާ އެއްފަދަ ނިޒާމެއް ޤާއިމު ކުރުމެވެ. ވިޔަފާރީގެ ޤާނޫނީ އަދި ރަޖިސްޓަރީ ވެރި ފަރާތާ ސުވާލުކޮށް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ކިހައިވަރެއްތޯ، ކޮން ބޭނުން ތަކެއް ފުއްދަންތޯ ބަލައި، އެޔަށް ވުރެ ގިނަ ޢަދަދަކަށް ޑޮލަރު ބޭރުކުރުން ހުއްޓުވިދާނެއެވެ. މިސާލަކަށް، އިނދެގެން އުޅޭ ބިދޭސީ މީހާގެ މައިންބަފައިން ބެލުމުގެ ޚަރަދާއި، ރާއްޖެއިން ބޭރުގައި ދަރީން  ކިޔަވަން ތިބިނަމަ، އެ ދަރީންގެ ކިޔެވުމުގެ ޚަރަދު ބަރަދު ބަލައިފައި އެ ވަރަކާއި، މި ކަހަލަ ޚަރަދުތަކެއް ހުއްދަ ކުރެވިދާނެއެވެ. އެހެންނަމަވެސް، އިނދެގެން އުޅޭ މީހާގެ ޤައުމުގައި ވިޔަފާރިއެއް ފަށަން ޑޮލަރު ފޮނުވަނިއްޔޭ، މި ކަހަލަ އެއްޗެއް ބުނެފިއްޔާ، ރާއްޖޭގެ މިހައިރުގެ ޙާލަތަށް ބަލައި، އެ ކަހަލަ ކަންކަމަށް ޑޮލަރު ފޮނުވުން ހުއްޓުވިދާނެއެވެ. ބޭނުންވަނީ އަމާނާތްތެރި، ކެރޭ،  ކަމާ މުނާސަބު ނިޒާމެކެވެ.

ދެން އޮތީ ރާއްޖޭގައި ނެތްވަރުގެ ’ޕްރޮފެޝަނަލް، ކޮލިފައިޑް‘ މީހުން ތަންތާނގެ އިސް އަދި މެދު ފެންވަރުގެ ހިންގުންތެރީންނަށް ގެނެސް، އެމީހުންނަށް ޑޮލަރުން މުސާރަދީ، އަދި މި ވައްތަރުގެ ބައެއް މީހުންނަށް ރާއްޖޭގައި ދިރިއުޅެން ދިވެހި ރުފިޔާއިން ވަކި އެލަވަންސެއް ދީ، މިހެން ހަދާ މައްސަލަޔަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ވަޒީފާޔަކަށް ޑޮލަރުން މުސާރަ ދިނުމާއި، އެ މުސާރަ އެކީގައި ރާއްޖެއިން ބޭރުކުރަން މަގުފަހިކޮށްދިނުން، ނުވަތަ މުސާރަ ރާއްޖެއިން ބޭރުން ދިނުން، މިއީ ހަމަ ކުރެވިދާނޭ ކަމެއްތޯ، ނުވަތަ ނޫންތޯ، މިއީ އަޅުގަނޑުމެންގެ ޤާނޫނީ ވަކީލުން ކުޑައިކޮށް ބައްލަވައިލައްވަން ވެއްޖެ މައްސަލަޔެކެވެ. މާލީ ގޮތުުން ޤައުމު މިހައިރު މިއޮތް ޙާލަތުގެ ކޮންމެހެންވެސް ކޮށްލަން ވެއްޖެވެސް ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.

ދެން އޮތީ އަދި އެހެން ވާހަކައެކެވެ. އެއީ ބެންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ އެހެން މުއައްސަސާތަކުގެ އެއްބާރުލުމާއެކު ކުރެވިދާނެ އެއް ކަމެކެވެ. އެއީ، ބެންކެއްގައި އެކައުންޓު ހުޅުވޭނީ ޞައްޙަކޮށް ރާއްޖެ އެތެރެވެގެން އުޅޭ މީހުން ކަމަށް ވާއިރު، އެ މީސްމީހުން އުޅޭ ވަޒީފާތައްވެސް އެނގޭނޭތީ، ވަޒީފާ އަދާކޮށްގެން ލިބޭ މުސާރަޔަށް ވުރެ އިތުރުން ’ފޮރިން ރެމިޓަންސް‘ ހެދުމުގެ ދޮރު ބަންދުކުރުމެވެ. އަދި މި ދާއިރާއިން ދެންވެސް ސަމާލުކަން ދޭންޖެހޭ އިތުރު ކަންކަން މަރުކަޒީ ބެންކާ ގުޅިގެން ހަރުދަނާކުރުމެވެ.

އަދިވެސް ބެންކުތަކުގެ ސަމާލުކަމަށްޓަކައި ދެތިން ސުވާލެއް އަޅުގަނޑު ދަންނަވައިލާނަމެވެ. ބެންކުގައި އެކައުންޓު ހުޅުވައިގެން ފައިސާ ބަހައްޓައިގެން އުޅޭ ވަރަށް މާލީ ތަނަވަސްކަން ނެތް، މަދު ޢަދަދެއްގެ ނަމަވެސް ބޮޑެތި މީހުންނާއި ޒުވާނުން މި ރާއްޖޭގައި އުޅޭނޭ ކަމަށް ތިޔަބޭފުޅުން ޤަބޫލުފުޅު ކުރައްވަން، އެހެން ނޫންތޯއެވެ؟ އެހެނެއް ކަމަކު، އެކަހަލަ ބައެއް މީހުން ބެންކުގައި އެކައުންޓު ހުޅުވައި، އެ އެކައުންޓުކަށް ހެސްކިޔައިފައި ރުފިޔާޔާއި ޑޮލަރު ވައްދައި، އެމީހުންގެ ނަމުގައި ކޭޝްކާޑާއި ކުރެޑިޓް ކާޑު ހެއްދުން އެއީ ވެދާނޭ ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވަން، ދެއްތޯއެވެ؟ އަަދި އެ ކޭޝްކާޑުތަކާއި ކުރެޑިޓްކާޑުތައް އެމީހުންގެ ޣައިރު ޙާޟިރުގައި ބޭރު ޤައުމުތަކުގެ އޭ.ޓީ.އެމް ތަކުގައި ވަރަށް ޙަރަކާތްތެރިކަމާއެކު ބޭނުންކުރެވެމުން ހިނގައިދާނޭ ކަމަށް ޤަބޫލުފުޅު ކުރެއްވޭތީ، އެކަން އެހެން ހިނގާނަމަ އެ ޒާތުގެ ކާޑުތައް ކެންސަލް ކުރައްވަން، އެހެން ނޫންތޯއެވެ؟ އަދި ކޮންމެ މަހަކުވެސް ޑޮލަރު ނުވަތަ ބޭރު އެހެން ފައިސާއެއް ނަމަވެސް ނެގޭ އެންމެ މަތީ ޢަދަދު ނުވަތަ ’މެކްސިމަމް ލިމިޓް‘ އަށް ނަގާ ކާޑުތަކަށް ޚާއްޞަ ނަޒަރެއް ދެއްވަން، އެހެން ނޫންތޯއެވެ؟ އަދި މި ފަދަ ކަންކަން ހިނގުން ތަކުރާރު ވަންޏާ، އެއީ އޭގެ ފުރަގަހުގައި ފޮރުވިފައިވާ އެތައް ކަމެއް، ރާއްޖެއިން ނުކިއްސަރުކޮށް ޑޮލަރު ބޭރުވުންވެސް އޭގައި ހިމެނޭ ގޮތުން، ހިނގައިފާނޭ ކަމަށް ބައްލަވަން، އަޅެ ނޫންތޯއެވެ؟ ރާއްޖޭގެ އިމިގްރޭޝަން އޮފީހާއި ބެންކުތަކާ ގުޅިގެން މީހާ ހުރި ޤައުމާ ކާޑު އުޅޭ ތަނާ ގުޅެނީ ކިހައި ވަރަކަށްތޯ ބައްލަވަމުން ގެންދަވަން، ދެއްތޯއެވެ؟ އަޅުގަނޑަށް ހީވަނީ މިއީ މިހައިރުވެސް ވަރަށް ރަނގަޅަށް ކުރެވެމުންދާ ކަމެއް ހެންނެވެ. ބޭނުންވަނީ މިކަންވެސް ހަރުދަނާކަމާއެކު ކުރިޔަށް ގެންދެވުމެވެ.

ދެން އޮތް ވާހަކަޔަކީ، ރާއްޖެއިން ބޭރަށް ފުރައިގެން ދާ ކުދި ބޮޑު އެންމެންގެ ދަބަސްތަކުގައި ގެންދެވޭނޭ ޑޮލަރުގެ އެންމެ ގިނަ ޢަދަދު ކަމަށް ކަނޑައަޅައިފައި އޮންނަ ޢަދަދަށް ވުރެ ގިނައިން އެއްވެސް މީހަކު ގެންދޭތޯ ވަރަށް ސާބިތުކަމާއެކު ބެއްލެވުމެވެ. މިކަންވެސް ކަމާ ބެހޭ އެންމެހައި މުއައްސަސާތަކުން ވަރަށް ހަރުދަނާކަމާއެކު ކުރެވެމުންދާ ކަމަށް އަޅުގަނޑު ހީކުރަމެވެ.

މިހިސާބުން އަޅުގަނޑުގެ ޚިޔާލުގެ ސަވާރީގެ ހަކަތަ ކުޑައިކޮށް ބަލިވާ ގޮތް ވެއްޖެއެވެ. އެހެންކަމުން، މި ފަހަރުގެ ވާހަކަ މިހިސާބަށް ހުއްޓައިލާނަމެވެ. އެއީ ދެން އޮތް ވާހަކަ، ޔަޢުނީ ރާއްޖޭގައި ވިއްކާ އެއްޗެއް ގަންނަން ބޭރު މީހުން ދައްކާ ޑޮލަރުގެ ވާހަކައެވެ. އެއީ އަދި މާ ދިގު ވާހަކަޔަކަށް ވާތީ، އެ ވާހަކަ އަދި ނުދައްކައި އިހަށް ބޭއްވީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. ރާއްޖެއަށް ވަންނަ ޑޮލަރުން ބަގުލަދޭސްގަ ހުންނަ ކުންފުނި ތަކުން ޗައިނާ އަށް ޕޭމެންޓް ހަދާކަން އެނގެނީ ކާކަށް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *