Support Us

މަޝްހޫރު ވިޔަފާރިވެރިޔާ ހޯލި އަޒީ އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހިމް އަޒީޒު (ހޯލި އަޒީ) އަވަހާރަވެއްޖެއެވެ.

ގއ. ދާންދުއަށް އުފަން އަޒީ، އުމުރުފުޅުން 68 އަހަރުގައި އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެގެން ބެންކޮކުގެ މިޝަން ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދަނިކޮށް އަންގާރަ ދުވަހުއެވެ. އަވަހާރަވިއިރު ދެ ދަރިކަނބަލުންނާއި ކާފަ ވިދާޅުވާ ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ނުވަދިހައިގެ އަހަރުތަކުގައި، ރެޑީމޭޑް ގާމަންޓްސްގެ ވިޔަފާރީގައި ވިދާލި ހޯލި އަޒީ، މަޖީދީމަގުގައި ތިން ފިހާރައެއް ހިންގެވިއެވެ. އެއީ ހޯލި، ދުލި އަދި ފަލިއެވެ.

އަޒީ ވިޔަފާރި ހުއްޓަވާލައްވައި، ބެންކޮކަށް ދިރިއުޅުން ބަދަލު ކުރައްވައިގެން، އަޒީ އެތަނުގައި ދިރިއުޅުއްވާތާ މިހާރު ހައެއްކަ އަހަރުވެއްޖެއެވެ. ދޭތެރެދޭތެރެއިން ރާއްޖެ ޒިޔާރަތް ކުރެއްވި ނަމަވެސް، ކޮވިޑްގެ އާމަލީ ވަބާ 2019 ގައި މުޅި ދުނިޔޭގައި ފެތުރުނު ފަހުން އަޒީ ރާއްޖެ ވަޑައެއްނުގަނެއެވެ.

އަޒީއަކީ، އަބަދުވެސް ވަރަށް ނަލަކޮށް ހުންނަވާ، ވަރަށް ސާދާ މިޒާޖެއްގެ، ހިތްހެޔޮ ބޭފުޅެއް ކަމަށް އޭނާގެ ރައްޓެހިން ސިފަކުރައްވައެވެ.

އަޒީއަށް ކާފަ ވިދާޅުވާ ބޭފުޅުން ލިބިވަޑައިގަތުމުން، ސިނގިރެޓް ހިއްޕެވުން، އެ ބޭފުޅުންނަށްޓަކައި 1999 ގައި ވަނީ ހުއްޓަވައިލައްވައިފައެވެ. އަދި ވިޔަފާރި ހުއްޓަވައިލެއްވީވެސް އެ ބޭފުޅުންނާއެކު ގިނަ ވަގުތު ހޭދަކުރެއްވުމަށްޓަކައި ކަމަށް އާއިލާގެ ބޭފުޅަކު ވިދާޅުވިއެވެ.

 އަޒީ އަށް ކާފަ ވިދާޅުވާ ދެ ބޭފުޅުންނާއެކު ފޮޓޯއަކަށް މަޑުކޮށްލައްވައިގެން (2017ގައި)

އަޒީގެ ޖަނާޒާގެ ކަންތައް އަންގާރަ ދުވަހު ވަނީ ބެންކޮކްގައި ނިމިފައެވެ.

އަޒީގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު، މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިނެވެ.