Support Us

"ހޮޓްލައިން" އަށް ކުރާ ޚަރަދަކީ އިސްރާފެއް ބާވައެވެ؟

ސުރުޚީ ތަންކޮޅެއް ތަފްޞީލް ކޮށްލާނަމެވެ!

ކުއްލި ނުރައްކަލެއް ކުރިމަތިވެގެން އެކަން ކަމާބެހޭ ފަރާތަށް އަންގަން ޖެހިއްޖެނަމަ، ނުވަތަ ރައްޔިތަކަށް ކުއްލި މައްސަލައެއް ކުރިމަތިވެގެން ދައުލަތުގެ އަވަސް އެހީއަކަށް އެދެން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި، ނުވަތަ ދައުލަތުގެ މަސްއޫލުވެރި މުއައްސަސާޔަކަށް އަވަސް މައްސަލައެއް ހުށައަޅަން ރައްޔިތަކަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަން އަވަހަށް އަދި ފަސޭހައިން ކުރާނެ މަގެއް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް

ޓަކައި ޤާއިމް ކުރެވިފައިވާ ފޯނުނަންބަރުތަކެއް ހުރެއެވެ. އެ ނަންބަރުތަކަށް ގިނަ މީހުން ޢާންމުކޮށް ކިޔައި އުޅެނީ ’ހޮޓްލައިން‘އޭ އެވެ. ތިން އަކުރު، ނުވަތަ ގިނަވެގެން ހަތަރު އަކުރުގެ މިފަދަ ފޯނުނަންބަރު ތަކަކީ 24 ގަޑިއިރު ޖަވާބު ދޭ ނަންބަރުތަކެއް ކަމަށްވެސް އިޢުލާން ކުރެވިފައި އޮވެއެވެ. މިފަދަ ނަންބަރުތައް ޤާއިމް ކުރެވިފައި ހުންނަ ތަންތަނުގައި މިކަމަށްޓަކައި ޤާއިމް ކުރެވޭ ނިޒާމަށް ބޭނުންވާ އާލާތްތައް ހަރުކުރުމަށާއި، އެޔަށް ބޭނުންވާ އެންމެހައި ޓެކްނޯލޮޖީ ޤާއިމް ކުރުމަށާއި، މި ނިޒާމު ދެމެހެއްޓުމަށާއި، ކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށާއި، އެ މީހުންނަށް ދޭންޖެހޭ މުސާރަޔާއި އިތުރުގަޑީގެ ކަންކަން ހަމަޖެއްސުމަށާއި، މިހުރިހައި ކަމެއް ކުރާން ބޮޑު ޚަރަދުތަކެއް ކުރާން ޖެހެއެވެ. ދައުލަތުގެ ބަޖެޓުންނެވެ. ޔަޢުނީ، ރައްޔިތުންގެ ފައިސާއިންނެވެ.  ސުވާލަކީ، މިހައިރަކަށް އައިސް އިސްވެ މިދެންނެވި ކަހަލަ ޚާއްޞަ ޙާލަތެއް ދިމާވެގެން މިދެންނެވި ކަހަލަ ނަންބަރަކަށް ފޯނުކޮށްލީމައި އެހެރަ ވާ ގޮތަކުން ހިތަށް  އަރާ ސުވާލެކެވެ. އެއީ، މި ކަހަލަ ބައެއް ނަންބަރު ބައެއް މުއައްސަސާތަކުގައި ޤާއިމް ކޮށްގެން އެ ކުރާ ޚަރަދުތަކަކީ ހަމަ ކަނޑައެޅިގެން އިސްރާފަކަށް ނުވެ ހިނގައިދާނެ ބާވައޭ، މިއެވެ!

ވިސްނާވަޑައިގެން ބައްލަވާށެވެ! ’ހޮޓްލައިން‘ އެއް ޤާއިމް ކުރާން ކުރާން ޖެހޭ ޚަރަދުތަކުގެ ތެރެއިން މައިގަނޑު ޚަރަދުތަކަކީ ކޮބައިތޯއެވެ؟

އެންމެ ފުރަތަމަ، ކަމުގެ ޓެކްނޯލޮޖީ އަށް ބަލައިލަމާތޯއެވެ! ’ހޮޓްލައިން‘އެއް ހިންގަން ބޭނުންވާނީ އެންމެ ފޯނުލައިނެއް ނޫނެވެ. އެތައް ލައިނެކެވެ. މާއްދީ ވިޔަސް، ޑިޖިޓަލް-ވަރޗުއަލް ވިޔަސް ވެހެވެ. އެއީ އެތައް ބަޔަކު އެއްފަހަރާވެސް ’ހޮޓްލައިން‘އާ ގުޅައިފާނެތީއެވެ. ނޫން، ގުޅާނޭތީއެވެ! އެއިން ކޮންމެ ލައިނަކީ، ބޭރުން ފޯނު ކުރާ މީހުންނަށް އަދި އެކަން ނޭނގުނަސް، އޭގެ ޒާތުގައި ވަކި ނަންބަރެކެވެ. މާއްދީ ގޮތުން ފަހަރުގައި ވަކި ނަރަކަށް ނުވިޔަސް، ވަކި ލައިނެކެވެ. ޢާންމު އުޞޫލުން ނަމަ، މިއިން ކޮންމެ ލައިނެއް ލާން ފޯނު ކުންފުންޏަށް ބޮޑު ޢަދަދެއް ދައްކަން ޖެހޭނެއެވެ. އަދި މަހު ފީވެސް ދައްކަން ޖެހޭނެއެވެ. މިހެން ދެންނެވިޔަސް، ކޮންމެވެސް ޚާއްޞަ ހަމަޖެހުމެއްގެ ދަށުން ލައިނުތައް ލާން ޢާންމުން ދައްކަން ޖެހޭ ޢަދަދުގެ ބައިކުޅަބައެއްވެސް ދައުލަތުގެ ޚާއްޞަ މުއައްސަސާތަކުން ދައްކަން ހަމަޖެހިފައި އޮވެދާނެއެވެ. އެހެން ނަމަވެސް އެއީވެސް ނިސްބަތުން ކުޑަ ޚަރަދަކަށް ނުވާނެއެވެ. ދެން އޮތީ އެއްކަލަ ކުޑަ ނަންބަރަށް ފޯނުކުރީމައި، މި ދެންނެވި ފޯނު ލައިންތަކުގެ ތެރެއިން ލައިނަކަށް އެ ކޯލު ދާ ގޮތް ހެދުމެވެ. އެއް ލައިނު ބޭނުން ކުރެވެމުން ދަންޏާ، ދެން ޖެހިގެން އޮތް ލައިނަށް ދާ އުޞޫލުންނެވެ. މިކަން މިގޮތަށް ކުރެވޭނޭ ގޮތެއް ކަމަށް ފެންނަނީ، ކަމަށް ޚާއްޞަ ޕީ.އޭ.ބީ.އެކްސް އެއް ނުވަތަ ކަމަށް ޚާއްޞަ މާއްދީ ނުވަތަ ވަރޗުއަލް ނަމަވެސް ސަރވަރ އެއް ހޯދައި، ގުޅައި، ޕްރޮގްރާމް ކޮށް، ޤަވައިދުން އެ ނިޒާމު ޤަވާޢިދުން ބަލަހައްޓައި ހަދައިގެންނެވެ. އެއީވެސް ޤަވާޢިދުން ކުރަންޖެހޭނޭ، ކުޑަ ޚަރަދެއް ނޫނެވެ.

ދެން އޮތީ މުވައްޒަފުންގެ ވާހަކައެވެ. ’ކޯލް ސެންޓަރ‘އެއް ޤާއިމްކޮށް، އެތަނަށް ހޯދަން ޖެހޭ މުވައްޒަފުންނަށް ކުރަން ޖެހޭނޭ ޚަރަދުގެ ވާހަކައެވެ. މުވައްޒަފުން ނެތިއްޔާ މުވައްޒަފުން ހޯދައިގެން، ނުވަތަ ވަކި ކުންފުންޏަކާ  ’ކޯލް ސެންޓަރ‘ގެ މަސައްކަތް ޙަވާލުކޮށްގެން ނަމަވެސް، އެ ފަރާތްތަކުން ކުރާ މަސައްކަތާއި ހޭދަކުރާ ވަގުތަށް ދޭން ޖެހޭ މަހު މުސާރަ ނުވަތަ އުޖޫރައިގެ ޚަރަދުގެ ވާހަކައެވެ. މުވައްޒަފުން ހޯދައި، ތަމްރީނު ކުރުމުގެ ޚަރަދުގެ ވާހަކައެވެ. މުވައްޒަފުންނޭ ދެންނެވީމައި މިދައްކަނީ އެކެއް ދެމީހެއްގެ ވާހަކައެއް ނޫނެވެ. އެތައް ބައެއްގެ ވާހަކައެވެ. އެ ހުރިހައި އެންމެންގެ މަސައްކަތް ވިލަރެސްކޮށް، ޑިޔުޓީ މަރައި، ރަސްމީ ގަޑި ނޫން ގަޑިގަޑީގައްޔާއި ބަންދު ދުވަސްދުވަސް ދުވަހުވެސް މަސައްކަތް ކުރަން ޙަވާލުކޮށް، އެކަން ހިންގައި ބެލެހެއްޓުމެވެ. އެއީވެސް ކުޑަ ޚަރަދެއް ނޫނެވެ.

ދެންވެސް ބައްލަވާށެވެ. ’ކޯލް ސެންޓަރ‘ އަށް އަންނަ މައްސަލަތައް ބަލައި، ހަމަޖައްސަން ޖެހޭ ކަންކަން ރަސްމީކޮށް ހަމަޖައްސަން ބޭނުންވާ ލިޔެކިޔުން ބެލެހެއްޓުމުގެ ވަޞީލަތްތަކާއި، ކޮމްޕިޔުޓަރު ވަޞީލަތްތަކާއި، މަސައްކަތް ކުރަން ތިބޭނޭ ދުޅަހެއު މާޙައުލަކާއި، މި ހުރިހައި ކަމެއް ބެލެހެއްޓުމުގެ ޚަރަދަކީވެސް ކުޑަ ޚަރަދެއް ނޫނެވެ.  އެ ޚަރަދުވެސް އާޚިރުގައި ބޮލުގައި އަޅަން ޖެހޭނީ ހަމަ ’ހޮޓްލައިން‘ނިސްބަތްވާ މުއައްސަސާއިންނެވެ.

ކުރާން ހުންނަ ޚަރަދުތައް އެ ހިސާބުންވެސް އަދި ނިމެނީކީ ނޫނެވެ. އެންމެ މިސާލެއް ދަންނަވަންތޯއެވެ؟ ’ހޮޓްލައިން‘އާ ގުޅޭ ’ހިލޭ ގުޅޭ‘ ނަންބަރަކީ ހިލޭ ގުޅޭ ނަންބަރެއް ނޫނެވެ. ގުޅާ މީހާ ކޯލަށް ފައިސާ ނުދެއްކިޔަސް، އެ ނަންބަރު ނިސްބަތްވާ މުއައްސަސާގެ ފަރާތުން ފޯނު ކުންފުންޏަށް ފައިސާ ދައްކަން ޖެހޭނޭކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ. އެހެންކަމަށް ވަންޏާ، އެއީ ކޮންބައެއްގެ ފައިސާއެއްތޯ ވިސްނާވަޑައިގަންނަވާށެވެ!

މި ދެންނެވި ހުރިހައި ޚަރަދެއް އެ ކުރަނީ ހަމަ އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއަކުން ނޫންތޯއެވެ؟ ވިސްނާވަޑައިގަންނަވާށެވެ!

ދެން އަޅުގަނޑު ދަންނަވާނީ ޚިޔާލީ ވާހަކައެއް ނޫނެވެ. އަޅުގަނޑަށް ކުރިމަތިލާން ޖެހުނު ހަޤީޤަތެއްގެ ވާހަކައެވެ. އައްސަވާށެވެ.

އަޅުގަނޑު މިލިޔުން މި ލިޔަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުން 15 ވީ ބުރާސްފަތި ދުވަހުއެވެ. އަޅުގަނޑުގެ މި ލިޔުމުގެ ސުރުޚީ ސުވާލެއްގެ ސިފައިގައި އަޅުގަނޑުގެ ކުރިމައްޗަށް އައިސް ހުއްޓުނީ، މި ތާރީޚުގައި އަޅުގަނޑަށް ދިމާވި ކުއްލި ޙާދިޘާއެއްގެ ސަބަބުން ދައުލަތުގެ މުއައްސަސާއެއްގެ އެހީއަށް އެދިގެން އަޅުގަނޑު ހިނގި މަގުތަކުގެ ތެރެއިން އަޅުގަނޑަށް ކުރާން ޖެހުނު ތަޖުރިބާގެ ތެރެއިންނެވެ. ވިދާޅުވަމުން ގެންދަވާށެވެ!

ދުވަހުގެ ހެނދުނުގެ ގަޑިއެއްގައި އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާޔަށް ދިމާވި ނިކަމެތިކަމެކެވެ. ދައުލަތުގެ ކަމާ ބެހޭ މުއައްސަސާޔަކާ ހަމަޔަށް ގެންދަން ފެނުނު، އަދި މިހައިރުވެސް ފެންނަ، ކަމެއް މެއެވެ. ދިމާވި ކަމަކާއި، އެ ޙާދިޘާޔާ ވިދިގެން އެހީއެއް ނުވަތަ ފަހި މަގެއް ފެނޭތޯ އަޅުގަނޑު ގުޅަން މަސައްކަތްކުރި މުއައްސަސާގެ ނަމެއް އަޅުގަނޑު ނުދަންނަވާނަމެވެ. އަދިއެއް ނުދަންނަވާނަމެވެ. އެކަމަކު ދަންނަވަން ޖެހޭ ހިސާބަކަށް ހިނގައްޖިއްޔާ ދަންނަވާނަމެވެ.

ކޮންމެއަކަސް، އަޅުގަނޑު މިދެންނެވި މުއައްސަސާގެ ’ހޮޓްލައިން‘އެއް ހުންނަކަން އަޅުގަނޑަށް ނޭނގޭތީ، އަޅުގަނޑު ފޯނުކުރީ ތަނުގެ ވެބްސައިޓުގައި ތަނުގެ ފޯނު ނަންބަރު ކަމަށް ޖަހައިފައި އޮތް، އާދައިގެ ފޯނު ނަންބަރަށެވެ. ދެތިން ފަހަރު ރަނގަބީލު ވީފަހުން، އަޅުގަނޑުގެ ނަސީބު ރަނގަޅުކަމުން ކޮންމެވެސް މީހަކު ފޯނު ނަގައިފިއެވެ. މިހެން މިދެންނެވީ ބައެއް ތަންތަނުގެ އާދައިގެ ރަސްމީ ފޯނު ނަންބަރުން ފޯނު ނެގުމަކީވެސް އެއްދުވަސްވަރެއްގައި ބަޔަކު ކުރި ކަމެއް ކަމަށް ވިޔަސް، މިހައިރަކަށް އައިސް އަޖައިބުން އަޖައިބުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ.

ކޮންމެއަކަސް، އާދައިގެ ނަންބަރު ފޯނުނަގައިފިއެވެ. ފޯނު ނެގި މީހާ ތަނުގެ ނަން ބުންޏެވެ. ނަމެއް މަޤާމެއް ނުބުނެއެވެ. އަޅުގަނޑުވެސް ހެދީ ހަމަ އެހެންނެވެ. އެޔަށްފަހު، އަޅުގަނޑަށް ޚާއްޞަ، ކުއްލި އެހީއަކަށް އެ މުއައްސަސާގެ ފަރާތުން ބޭނުންވާ ވާހަކަ ބުނެފީމެވެ. އަޅުގަނޑަށް އެނގޭ ވަރަކަށް ސާފު، ރީތި، ދަރަޖަވެސް ރަނގަޅު ދިވެހި ބަހުންނެވެ. ފޯނަށް ޖަވާބު ދިން މީހާ އަޅުގަނޑަށް ދިން ޖަވާބު އަޅުގަނޑަށް އިވުނެވެ. އެ ޖަވާބަކީ، ”މިތާނގެ ’ހޮޓްލައިން‘ އާ ގުޅުއްވާ! ތިކަހަލަ ކަންތައްތަކާ ގުޅުއްވަން ވާނީ ’ހޮޓްލައިން‘ އާ! ’ހޮޓްލައިން‘ ނަންބަރަކީ —!“ މިއެވެ.

އަޅުގަނޑުގެވެސް ދައުލަތުން އެހީއަށް ބޭނުންވެފައި ހުރި ބޮޑު ކަމާއި، އަވަސްކަމުން އެ ބުނި ’ހޮޓްލައިން‘އަކާ އަޅުގަނޑު ގުޅައިފީމެވެ. ކޮންމެ ފަހަރަކުވެސް ރިންގު ހުސްވަންދެނެވެ. ދެފަހަރަކު ގުޅައިގެންވެސް ފޯނެއް ނުނެގިއެވެ!

އަޅުގަނޑު އަނެއްކާވެސް އެއްކަލަ މުއައްސަސާގެ ރަސްމީ އާދައިގެ ނަންބަރާ ގުޅައިފީމެވެ. މި ފަހަރުވެސް ފޯނު ނެގީ ހަމަ ކުރީންވެސް ފޯނު ނެގި މީހާއެވެ. އޭނާގެ އަޑުން އެކަން އެނގެއެވެ. އެހެންކަމާއެކު، އޭނާ ދިން ’ހޮޓްލައިން‘ ނަންބަރުން ފޯނު ނުނަގާ ވާހަކަ ބުނީމެވެ. އަދި މުއައްސަސާގެ ކަމުވޮށިގެންވާ، ނުވަތަ ކަމެއް ޙައްލުކުރެވޭ ވަރުގެ މީހަކާ ގުޅޭނޭ ގޮތެއް ހަމަ ނެތްތޯ ވަރަށް އާދޭހާއެކު ދަންނަވައިފީމެވެ. އޭނާ ދެން ދިން ޖަވާބަކީ، ”ތިކަހަލަ ކަންކަމާ ގުޅަންވާނީ ހަމަ ’ހޮޓްލައިން‘އާ! މި ނަންބަރަކާ ނޫން. އެ ވާނީ ވަރަށް ގިނަ މީހުން ’ހޮޓްލައިން‘އާ ގުޅައިގެން އުޅެނީ ކަމަށް.“ މިއެވެ. މިހެން ބުނެފައި އޭނާ ފޯނު ބޭއްވީއެވެ!

އަޅުގަނޑު ޙައިރާންވީމެވެ. އަޅުގަނޑު ފޯނު މިކުރަނީ ރައްޔިތުންގެ ވަކި ކަހަލަ ޚާއްޞަކަންތައްތަކެއް އިންސާފުވެރިކަމާއެކު އަވަހަށް ބަލައި، ޙައްލު ކުރެވޭވަރު ކަމެއް ނަމަ ޙައްލު ކުރަން އުފައްދައިފައިވާ ޤާނޫނީ މުއައްސަސާއެއްގެ، އިޢުލާން ކުރެވިފައިވާ ރަސްމީ ފޯނު ނަންބަރަކާއެވެ. އެ މުއައްސަސާއެއް އެކަމަކަށްޓަކައި ޤާއިމު ކުރެވިފާ މުއައްސަސާޔަކަށް، އެ މުއައްސަސާއިން ސީދާ ބަލައިދޭން ޖެހޭ ކަމަކާ ބެހޭގޮތުން، ތަނުގެ ރަސްމީ ފޯނަށް ފޯނުކުރީމައި ތަނުގެ ކަމާ ބެހޭ ފަރާތަކާ ގުޅައިދިނުމުގެ ބަދަލުގައި، އޮޕަރޭޓަރު މިބުނަނީ ގިނަ މީހުން ގުޅައިގެން އުޅޭތީ ތާށިވާ ކަމަށް އޭނާ ބުނާ’ހޮޓްލައިން‘އަކަށެވެ. ފަހެ އޭނާ އެތަނުގައި މުސާރަ ދީފައި ބޭންދުމުގެ ބޭނުމަކީ ކޮބައިބާވައޭ، ހެދިކާ ހިފައިގެން އަންނަ މީހާ އެބަ އަންނަމޭ ބުނީމާ އޯކޭއޭ ބުނަން ބާވައޭ އަޅުގަނޑު ހިތަށް އެރިއެވެ.

ކޮންމެއަކަސް، ހެއިނަކަތުގެ ކޮޅިގަނޑެއްގެ ތެރޭގައި ކާށިދޫ ކަނޑުގެ މެދުގައި ދުވަމުން ދިޔަ ބައްތެއްޔެއްގެ މޯހިރަށް ހިމަ ކަންވާރަކުން ވަދެއް ދޫކޮށްގެން އިންދައި މުށިމަހެއް ގަންނަ ބީދައިން އެންމެ ފަހުން އެއްކަލަ ’ހޮޓްލައިން‘ އިން އެންމެ ފަހުން ފޯނު ނަގައިފިއެވެ. ފޯނު ނެގީ ޒުވާން ފިރިހެން ކުއްޖެއްކަން އަޑުން އަޅުގަނޑަށް އެނގުނެވެ. އޭނާގެ ނަމާއި ވަޒީފާވެސް އަޅުގަނޑަށް އެނގުނީ ދެފަހަރަކު އަހައިގެނެވެ. ކޮންމެއަކަސް، އަޅުގަނޑުގެ މުހުތާދު އެ ކުއްޖާޔަށް އަޅުގަނޑު ކިޔައިދީފީމެވެ. އަދި އެކަމުގައި އެ މުއައްސަސާގެ އަވަސް އެހީއަކަށް އެދޭ ވާހަކަވެސް ބުނީމެވެ. އެ ހިސާބުން އޭނާ އަޅުގަނޑަށް ދިން ޖަވާބު އަދި މާ ’ފުރިހަމަ‘ އެވެ! އޭނާ އަޅުގަނޑަށް އިރުޝާދު ދިނީ، އަޅުގަނޑަށް ދިމާވެގެން އުޅޭ މައްސަލަޔާ ގުޅޭގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާޔަކަށް މިހައިތަނަށް އަޅުގަނޑު އެއްވެސް ހުށައެޅުމެއް ހުށައަޅައިފައި ވާނެ ނަމަ، އެކަމާ ބެހޭ އެންމެހައި ލިޔެކިޔުމަކާއެކު އަޅުގަނޑު އަވަސް އެހީއަށް އެދޭ ހުށައެޅުން ’ހޮޓްލައިން‘ގެ ވެރި މުއައްސަސާޔަށް ލިޔުމަކުން ހުށައެޅުމަށެވެ. އަދި  އެންމެ ރަނގަޅީވެސް އެކަން އީމެއިލް އަކުން ހުށައެޅިއްޔާއޭވެސް ބުންޏެވެ!

އަޅުގަނޑު ހިތަށް އެރިއެވެ. ސުބްޙާނަﷲއެވެ! އަޅުގަނޑުގެ މަޖާޒީ ގެރި ހަމަ އެހައި މަޖާޒީ މާވެވަށް ވެއްޓިގެން، އަޅުގަނޑުގެ ލޮލުގެ ކުރިމަތީގައި މިއޮތް މަރުވަނީއެވެ. އަޅުގަނޑަށް މި ޖެހުނީ އެތައް އެއްްޗެއް ހާވައިގެން، ލިޔެ ކިޔުން ހޯދައިގެން، ސޮފްޓް ކޮޕީއެއް ނެތް އެއްޗެއް އޮތިއްޔާ ނެތް އެއްޗެއް ސްކޭން ކޮށްގެން، އެހުރިހައި އެއްޗެއް ކޮމްޕިޔުޓަރަކަށް ޖަމާކޮށްގެން، އަވަސް އެހީއަށް އެދޭ އެދުމުގެ ސިޓީފުޅަކާ އެކު މުއައްސަސާގެ އީމެއިލް އަށް ފޮނުވާށޯލައެވެ! މިހިރީ ހަމަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވަރަށް ފަސޭހައިން ކޮށްލެވޭ ކަހަލަ ކަންކަން ނޫންތޯއެވެ!

އަޅުގަނޑުގެ ހިތަށް އެރިއެވެ. ”ބޮޑު ޚަރަދު ކޮށްގެން ކީއްކުރަން ހިންގާ ’ހޮޓްލައިން‘އެއް؟ މި މުއައްސަސާގެ އެހީއަށް އެދި ހުށައަޅަންޏާ، އެ ހުށައެޅުމެއް ސިޓީއެއްގައި ލިޔެ، ކަމާ އެއްވެސް ގުޅުމެއް ހުރި ލިޔުމެއް އަތުގައި އޮތްނަމަ އެ ލިޔުމެއްގެ ކޮޕީއާވެސް އެކު، މިތަނުގެ އީމެއިލް އެޑްރެހަށް ފޮނުވައިލާށޭ މުއައްސަސާގެ ވެބްސަޓުގައި ޖަހައިފައި މަޑުން ތިބީމައި އެވަރުން ފުދޭނެނު؟ އަޅެ، ’ހޮޓްލައިން‘ އެ ވީ އިސްރާފަކަށް ނޫންބާ؟“

އެކަމަކު އެއީ އަޅުގަނޑު ހިތާހިތާ ދެއްކި ވާހަކައެވެ.

އަޅުގަނޑު ހިތްވަރު ކޮށްލައިފައި، ’ހޮޓްލައިން‘ އަށް ޖަވާބުދިން މުވައްޒިފު ގާތު އަހައިލީމެވެ.”އަޅުގަނޑު ތިޔަ ވިދާޅުވާ އީމެއިލް އަށް ލިޔުމެއް ފޮނުވައިފިއްޔާ، ދެން އޭގައި އެ ބުނާ ކަންތަކާ ތިޔަބޭފުޅުންނަށް ދެން އުޅުއްވޭނީ އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ސަރުކާރު ހުޅުވުނީމައި، ދެއްތޯ؟“

”ލައްބަ!“ މުވައްޒަފު ވަރަށް އަދަބުވެރިކަމާއެކު ބުނެލިއެވެ. ”ރަސްމީ ބަންދުވީމާ މިތަންވެސް ބަންދުވާނެ، ދެއްތޯ؟“

އަޅުގަނޑު ފޫހިވެގެން ހަލާކު ނުވީ ކިރިޔާއެވެ. އެކަމަކުވެސް، ހިން ދިރުވައިލައިފައި، ކެތްކޮށްލައިފައި ބުނެލީމެވެ. ”އަދި އައްސަވަ ބައްލަވަ! އަޅުގަނޑަށް ދިމާވެގެން މިއުޅޭ، ތިޔަ މުއައްސަސާގެ ޚާއްޞަ ސަމާލުކަމަށް ގެންނަން މިއުޅޭ ކަމަކީ ތިޔަ މުއައްސަސާގެ ނަމާއި ސީދާ މަސްއޫލިއްޔަތާ ސީދާ ގުޅޭ ކަމެއް. އަދި އެހެން މުއައްސަސާޔަކާ އެއްވެސް ގޮތަކުން ސީދާ ނުގުޅޭ ކަމެއް. މިކަމާ ވިދިގެން އެހެން މުއައްސަސާޔަކަށް އަޅުގަނޑު ކަމެއް ހުށައަޅައިފައި އޮތަސް، އެ ހުށައެޅުމަކީ ތިޔަ މުއައްސަސާގެ އިޚްތިޞާޞުން ބޭރުގައި ވާނޭ ކަމެއް. އެހެން ނޫނަސް، އަޅުގަނޑު ތިޔަ ’ހޮޓްލައިން‘އަށް ފޯނު މިކުރަނީ އަޅުގަނޑަށް ދިމާވެގެން އުޅޭ، ސީދާ ތިޔަބޭފުޅުން ވުޖޫދުގައި ވުމުގެ މައިގަނޑު އަޞްލަށްވާ ކަމެއްގައި އިމަރޖެންސީއަކަށް އަވަސް ޙައްލެއް ލިބޭތޯ. ފަނަރަ ދުވަހު މަޑުކޮށްގެން ކަމުގެ މުއާލާތް ކެނޑުނީމައި ތިޔަބޭފުޅުން އެކަމާ އުޅުއްވައިދެއްވާކަށް ނޫން.“

”އެހެން ވިއްޔާ، އަޅުގަނޑުގެ ސެކްޝަންގެ ޑިރެކްޓަރަށް ތި ވާހަކަ ދަންނަވާނަން. އެޔަށް ފަހު  އޭނާ ނިންމަވާނެ ތިކަމަށް އެޓެންޑު ކުރަން ނޫނީ ނުކުރަން!“ މުވައްޒަފު ބުނެލިއެވެ.

އެ މުއައްސަސާޔަކާ ސީދާ ގުޅޭ ކަމެއްގައި ރައްޔިތަކު ގުޅީމައި އެކަމާ ’އެޓެންޑު‘ ކުރާނީތޯ ނުކުރާނީތޯ ފަރުދީ ގޮތުން ނިންމެވޭ  ވަރުގެ ޖޯރު ހުރި ޑިރެކްޓަރަކުވެސް ސެކްޝަނަށް ލައްވައިގެން އުޅުއްވާކަން އަޅުގަނޑަށް އެހިސާބުން އެނގުނެވެ. މުއައްސަސާގެ ރަސްމީ މެންބަރުންގެ ރޯލެއް ކަންކަމުގައި ނެތޭ ހިސާބަށް ދިޔައީ ބާވައޭވެސް ހިތަށް އެރިއެވެ. އަދި ޑިރެކްޓަރު އެއީ ކޮން ނަމެއް ކިޔާ ބޭފުޅެއްތޯ ބަލައިލަންވެސް އަޅުގަނޑު ބޭނުންވިއެވެ. އެހެން ކަމުން އަޅުގަނޑު އަހައިލީމެވެ. ”އެއީ އަނެއްކާ ކޮން ނަމެއް ކިޔާ ބޭފުޅެއްތޯ؟“

މުވައްޒަފު ދެން ދިން ޖަވާބުން އަޅުގަނޑު ދިޔައީ ސިއްސައިގެނެވެ. ”މިވަގުތު އެ މަޤާމު އޮތީ ހުހަށް!“ މުވައްޒަފު ބުނެލިއެވެ.

”އެހެންވިއްޔާ، ނެތް މީހަކަށް މައްސަލަ ހުށައަޅާނީ ކިހިނެއްކަން އަޅެ ބުނެއްދެއްވަފާނަން؟“ ނުހިފެހެއްޓިގެން އަޅުގަނޑަށް އަހައިލެވުނެވެ.

”ބަދަލުގައި އެބަހުރި މީހަކު. އޭނާޔަށް ނަންގަންނާނަން. އެ ހިސާބުން ތިޔަ ކަމަށް އެޓެންޑް ކުރަން ނިންމަވައިފިއްޔާ މިތަނުން ގުޅާނެ!“ މުވައްޒަފު މިހެން ބުނީމައި އަޅުގަނޑުގެ އާދޭސް އަދިވެސް އެއްފަހަރު ތަކުރާރުކޮށްފައި އަޅުގަނޑު ފޯނު ބޭއްވީއެވެ.

އަޅުގަނޑު މިދަންނަވާ މުއައްސަސާގެ މައި ފޯނު ނަންބަރަށް އަޅުގަނޑު ފުރަތަމަ ފޯނު ކުރީ، ޖުލައި 15 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:15 ގައެވެ. ’ހޮޓްލައިން‘ގެ މުވައްޒަފާ ވާހަކައްދައި ނިމުނު އިރު 10:00 ހިނގައިފިއެވެ. ކުއްލި އިމަރޖެންސީއެއް ދިމާވެގެން އުޅޭ އާދައިގެ ރައްޔިތަކު ދައުލަތުގެ މުއައްސަސާޔަކުން އެހީއަކަށް އެދިގެން 45 މިނިޓު އިރު ފޯނުގައި ގަނަތެޅި، އެ ގަނަތެޅުމުގެ ނަތީޖާ މިހައިރު ކިޔައި އުޅޭ ގޮތަށް ވާނުވާގައި ޖެހުނީމައި ތަން ކިހައި ތަރައްޤީ ވެއްޖެ، ދެއްތޯއެވެ!

ދެން އަޅުގަނޑުގެ ހިތަށް އެރީ ކުރީންވެސް އެރި ކަހަލަ ސުވާލުތަކެވެ. ”މިތަނަށް ކޮންމެ ކަހަލަ މައްސަލައެއް ހުށައެޅިޔަސް، ތިމާ މެންގެ ރަސްމީ ޒިންމާގައި ހިމެނޭ ކިތަންމެ އަވަސް ކަމެއް ރައްޔިތަކު ހުށައަޅަން ބޭނުންވިޔަސް، އެކަމެއް ލިޔުމަކުން ތަނުގެ އީމެއިލް އެޑްރެހަށް ފޮނުވީމައި، ރަސްމީ ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި އީމެއިލް ކިޔައިފައި، އެއީ ސަމާލުކަން ދޭވަރުކަމެއް ކަމަށް ވަގުތީ ޑިރެކްޓަރަށް ފެނިވަޑައިގެންފިއްޔާ، އެކަމާ އުޅެދޭނަމޭ މުއައްސަސާގެ ވެބްސައިޓުގައި ޖައްސަވައިފައި ބާއްވަވަންވީ، ނޫންތޯ؟ އަދި ތަނުގެ މައި ފޯނަށް ފޯނުކުރީމާ އެވާހަކަ ބުނާ ރެކޯޑިންގް އެއް އަޑު އިވޭ ގޮތަށް  ހައްދަވައިފައި ބެހެއްޓެވީމައި އަދި މާ ރަނގަޅުވާނެ ނޫންތޯ؟ ރަސްމީ ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި ނޫނީ ކަމަކާ އަޅުއްވައިނުލެއްވެންޏާ، ކީއްކުރާ ’ހޮޓްލައިން‘ އެއްތޯ؟ ރައްޔިތުންގެ ފައިސާ ދެއްތޯ؟“

ކޮންމެއަކަސް، މިހައިރު މި ލިޔުން ލިޔެ މި ނިމުނީއެވެ. ތާރީޚަކީ 2021 ވަނަ އަހަރުގެ ޖުލައި މަހުން 15 ވީ ބުރާސްފަތި ދުވަހެވެ. ގަޑިން މިހައިރު އިރު އޮއްސި 6:24 އެހެރަ ހިނގަނީއެވެ. ގޭދޮށު މިސްކިތުން މަޣުރިބު ނަމާދަށް ގޮވަން އެ ފެށީއެވެ. އާދައިގެ ރައްޔިތެއްގެ ހައިސިއްޔަތުން އެ މުއައްސަސާޔެއްގެ އަވަސް އެހީއަކަށް އަޅުގަނޑު އެދުނު މުއައްސަސާގެ ’ހޮޓްލައިން‘ ސެކްޝަންގެ ނެތް ޑިރެކްޓަރުގެ ބަދަލުގައި އެ ހުރި މީހަކު މިއަދުގެ ރަސްމީ ގަޑި ނިމުމުގެ ކުރީން، ޔަޢުނީ މެންދުރުފަހު 2:00 ގެ ކުރީން އަޅުގަނޑުގެ އިމަރޖެންސީ އެހީއަށް އެދުމަކީ އޭނާ ’އެޓެންޑު‘ ކުރާ ވަރުގެ ކަމެއްކަން ނުވަތަ ނޫންކަން އޮންނާނީ ނިންމައިފައި ތާއެވެ! އަޅުގަނޑަކަށް ހަމަ ގައިމުވެސް އެކަމާ ބެހޭ އެއްވެސް ޚަބަރެއް އެ މުއައްސަސާޔަކުން އަދި ނުވެއެވެ. އެކަމަކު އަދި އެއްފަހަރު އަޅުގަނޑު އެ އެހައި ހޫނު ނޫނަސް ނަމުގައި ހޫނު ’ހޮޓްލައިން‘އަށް ފޯނު ކޮށްލާނަމެވެ.

އަޅުގަނޑުގެ މިއަދުގެ ގެރި މާވެވަށް ގެނބި މަރުވެއްޖެއެވެ! ކުރިޔަށް މިއޮތް ބަންދުތެރޭގައި މަރުވާނީ ކިތަކަށް ގެރި ކަމެއްވެސް ނޭނގެއެވެ. ރައްޔިތުންގެ ޚަރަދުގައި ހިންގާ ’ހޮޓްލައިން‘ގެ އެންމެހައި މުވައްޒަފުންނަށާއި، އެ ’ހޮޓްލައިން‘ ނިސްބަތްވާ މުއައްސަސާގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ ފަރާތުން ރަސްމީ ސިފައެއްގައި ޢީދު މުބާރަކްގެ ތަހުނިޔާ ދަންނަވަމެވެ! އަދި ’ހޮޓްލައިން‘ގެ މަސައްކަތުގެ ގޮށްތަކަށް ވާންކޮށްލައި، ތަންކޮޅެއް ތަގުޅިކޮށްލައި، ނިކަމެތި ޢާންމު ރައްޔިތުން ގޮތްހުސްވެގެން ކުރާ ފޯނުތަކަށް ޖަވާބު ދިނުމުގައި ގެންގުޅެވިދާނޭ ހުނަރުތަކަކަށް ތަނުގެ މުވައްޒަފުން ހޭލައްވައިލަން، ޒޫމް މެދުވެރިކޮށް، ގަޑިކޮޅެއް ނަގައިދޭން ތައްޔާރަށް ހުރި ވާހަކަވެސް ޢީދު ހަދިޔާއެއްގެ ގޮތުގައި ދަންނަވަމެވެ. އަދި ކުރިޔަށް މިއޮތް ބަންދުގެ ތެރޭގައިވެސް އެއްކަލަ ވެވަށް މަޖާޒީ ގެރިޔެއް ވެއްޓޭ ހަމަ ކޮންމެ ދުވަހަކު ’ހޮޓްލައިން‘އާ ގުޅޭތޯ ބަލައި، ގުޅިއްޖިއްޔާ ގުޅޭ ކޮންމެ ފަހަރަކު ލިބޭ ޖަވާބު ނޯޓުކޮށް، މިކަހަލަ ވަޞީލަތެއް މެދުވެރިކޮށް ތިޔަބޭފުޅުން އަރިހު އެ ކަން ކުރިޔަށް ދާ ގޮތް ދަންނަވަމުން ގެންދާނެ ވާހަކަވެސް ވަރަށް އިޙްތިރާމާއެކު ދަންނަވަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ފައްކާ ލިޔުމެއް. މިހާތަނަށް އަދިވެސްގައި ވަހީދު ލިޔުއްވި އެންމެ މޮޅު ލިޔުން. ޙަގީގަތް. ސަރުކާރުގެ ގާބިލުކަން ދެއްތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *