Support Us

ލިޔުމުގައި އޮންނަ ގޮތާއި ކަންހިނގާ ގޮތާ ތަފާތުވީމައި…

”ނަރެއްހައި ތަން ދޫކޮށްލިއްޔާ، ކެނބެއްހައި ތަން ދަމައިގަންނާނެ“އެވެ!

އޭޝިޔާ ބައްރުގައި އޮންނަ، ކާރޫބާރޫ ބޮޑު، ބައިނަލްއަޤްވާމީ ވައިގެ ބަނދަރެކެވެ. މީގެ ދިހަވަރަށް އަހަރު ކުރިއެވެ.

”ކޮންމެ ފަސިންޖަރެއްމެ، އެ ފަސިންޖަރަކަށް ދޫކޮށްފައިވާ ބޯޑިން ޕާހުގައި ޖަހައިފައި އޮތް ގޭޓަށް،  ޖަހައިފައި އޮތް ގަޑިޔަށް ހާޒިރުވާން އަންގަމެވެ. އަދި ހަމައެޔާއެކު، ގޭޓު ބަދަލުވުން ފަދަ ކަމެއް މެދުވެރިވެދާނެ ކަމަށްޓަކައި، އަޑުގަދަކުރާއިން ދޭތެރެ ދޭތެރެއިން އަންގާ އެނގުންތައް އަޑުއަހައި، ވައިގެބަނދަރުގެ އެކި ހިސާބުތަކުގައި ބެހެއްޓިފައި ހުރި އިސްކިރީނުތަކަށް ގަވައިދުން ބަލަމުން ގެންދިޔުމަށްވެސް ފަސިންޖަރުންނަށް ހަނދާން ކޮށްދެމެވެ. މި ކަންކަން ކުރުމަކީ ފަސިންޖަރުގެ މަސްއޫލިއްޔަތެކެވެ. އަދި ފަސިންޖަރު ގަޑިޔަށް ގޭޓަށް ހާޟިރު ނުވުމުގެ ސަބަބުން ފަސިންޖަރު ބޯޓަށް ނޭރުވުން ފަދަ، ދަތުރު ލަސްވުން ފަދަ، ފަސިންޖަރު ނުލައި ބޯޓު ފުރައިގެން ދިޔުން ކަހަލަ ކަމެއް ދިމާވެއްޖިއްޔާ، އެ ކަމުގެ ސަބަބުން ކުރިމަތިވާ ހުރިހައި ކަމެއްގެ އެންމެހައި ޒިންމާއެއް އުފުލަން ޖެހޭނީ ފަސިންޖަރުކަން ހަނދާން ކޮށްދެމެވެ.“ ތަނުގެ އެކި ދިމަދިމައިގައި އެކި ބަހުން މިހެން ލިޔެ، ބަހައްޓައިފައި ހުރި ލިޔުމެއް އަޅުގަނޑުގެ ލޮލުގައި އަޅައިގަތެވެ.

އަަދި ހަމައެޔާއެކު، ލިޔުމުގައި އެ އޮތް އެންގުން ދޭތެރެ ދޭތެރެއިން ވައިގެބަނދަރުގެ އަޑުގަދަކުރާއިން ގޮވެމުން ދިޔަ ކަންވެސް ފާހަގަ ކުރެވުނެވެ.

މިދެންނެވި އިންޒާރަކީ ހަރުކަށި އިންޒާރެކޭ އެއިރަކު އެއްވެސް މީހަކު ނުބުނެއެވެ. ފަސިންޖަރުުންގެ ތެރެއިން އެންމެ ފަރުވާކުޑަ ޒާތުގެ މީހާވެސް އެދުވަސްވަރު ގަޑިޔަށް ބޯޓަށް އަރައި އުޅުނެވެ. ނުވަތަ، ހާނީއްކައެއްވުން ފަދަ ކުއްލި ކަމެއް ދިމާ ނުވެ، ބޯޓަށް ނޭރިއްޖިއްޔައި، ދައްކަން އޮންނަ ޖޫރިމަނާއެއްވެސް ދައްކައި އުޅުނެވެ.

ދެން އައީ، މިދެންނެވި ޤައުމުގެ ފައިސާވެރި، ނުފޫޒުގަދަ ދެ ބަފައިކަލުން ޗުއްޓީއެއް ހޭދަކުރައްވަން އަވަށްޓެރި ޤައުމަކަށް ވަޑައިގަންނަވަން ބައިނަލްއަޤްވާމީ ވައިގެބަނދަރަށް ވަޑައިގެން، އެ ތާރީޚީ ދުވަހެވެ. ވައިގެބަނދަރަށް ވަޑައިގަތުމާއެކު ދެބަފައިކަލުންމެ ބިޒްނަސް ކިލާހަށް ވަޑައިގެން، އެތަނުގެ މާލަމުގައި އިށީނދެވަޑައިތްތާ ދިހަވަރަކަށް މިނެޓު ވީތަނާ، ބައްޕާއޭ އަޅުގަނޑު ޑިޔުޓީފުރީއަށް ޖެހިލާނަމޭ، ދެން ދާނީ ފުރާ ގަޑިޔަށް ގޭޓަށޭ ވިދާޅުވެފައި، ދަރިކަލުން އެ ވަޑައިގަތް ތާކަށް ވަޑައިގެންފިއެވެ. ބައްޕަ މާލަމުގައި އިންނަވާފައި، ގޭޓު ބަންދުކުރާ ގަޑި ގާތްވެއްޖެކަން މާލަމުގައި ތިބޭ ޚާދިމުން ކުރެ މީހަކު ދެންނެވީމައި، ވަޑައިގަތީ ގޭޓަށެވެ. އަދި އިސާހިތަކު ބޯޓަށް އެ އަރައިވަޑައިގަތީ ދަރިކަލުން ބޯޓުގައި އިންނަވާނޭކަމަށް ނިންމަވައިގެން ކަން ކަށަވަރެވެ.

ބައްޕަ ބޯޓަށް އަރުއްވައި، ބިޒްނަސް ކްލާހަށް ވަޑައިގެން ބައްލަވައިލެއްވިއިރު ބޯޓުގައި ދަރިކަލުންނެއް ނެތެވެ. ބޯޓު ފުރަން ހަމަޖެހިފައި އޮތް ގަޑި ޖެހޭކަށްވެސް އެހައި ގިނަ އިރެއް ނެތެވެ. ބޯޓުގެ ދޮރު އަދި އެއިރަކުން އަދި ބަންދެއް ނުކުރެއެވެ. ކޮންމެވެސް އެކަކު އަދި އެބަ މަދުވެޔޭ، އެކަމާ އަހަރުމެންނަށް ކުރެވޭނީ ކޮންކަމެއްހޭ ބުނާ ކަހަލަ ވާހަކައެއް ދެ ފަޅުވެރިޔެއްގެ ދެމެދުގައި ބަދަލު ކުރެވުނުހެން ހީފުޅުވުމާއެކު، ބައްޕަ ތެދުވެވަޑައިގެންފިއެވެ. އަދި ތަންކޮޅެއް ހަރުކަށި ރާގަކަށް ފަޅުވެރިޔަކަށް ވިދާޅުވެ، ދަރިކަލުން ނެތިއެއް ފުރާވަޑައެއް ނުގަންނަވާނަމޭ، އޭނާ ވައިގެބަނދަރުގައި ވަޑައިގެން ވެއްޖެޔޭ، ހޯދައިގެން ގެނެސްދޭށޭ ވިދާޅުވެއްޖެއެވެ. އަދި ބޯޓުގެ ކެޕްޓަނަށްވެސް އެ ކަން އަންގާށޭ ވިދާޅުވެއްޖެއެވެ.

ބައްޕަ އެ ވިދާޅުވި ވިދާޅުވުން އެއީ އާދައިގެ މީހަކު ބުނި އެއްޗެއް ނަމަ، ނުވަތަ އެއީ ބޯޓުގެ ފަޅުވެރީން ނުދަންނަ މީހަކު ބުނި އެއްޗެއް ނަމަ، އެއީ ވައިފޭރުމުގެ ޢަމަލެއް ކަމަށް ބަލައިފައި، ކަމާ އެކަށީގެންވާ ފިޔަވަޅު ފަޅުވެރީން އެޅީހެވެ. އެހެން ނަމަވެސް،އެ ވިދާޅުވި އެއްޗެއް ވިދާޅުވީ ބޯޓުގައި ތިބި އެންމެންހެން އެ ބޭފުޅަކު ދަންނަ، ފައިސާވެރި، ނުފޫޒުވެރިޔެކެވެ. އެހެން ކަމުން، އެ ބޭފުޅާ ވިދާޅުވި ގޮތަށް ކަން ނުކޮށްފިނަމަ، ފަހުން ފަހަރުގައި ކަން ވެދާނެ ގޮތަކާ މެދު ފަޅުވެރީން ބިރުގަތެވެ. އަދި އެ ވިދާޅުވި އެތި ބޯޓުގެ ކެޕްޓަނަށް އަންގައިފިއެވެ. ކެޕްޓަންވެސް ހަމަ އެ ބިރަށްޓަކައި އެ ކަން އެއަރލައިންގެ ފަރާތުުން ވައިގެބަނދަރުގައި ތިބޭ މީހުންނަށާއި ދެންވެސް އެހެން ތިބޭ އެހެން މީހުންނަށް އަންގައިފިއެވެ. އެމީހުންވެސް ހަމަ އެބިރަށްޓަކައި…

ދެން ފެނުނީ އެއަރލައިންގެ އެތައް މުވައްޒަފުންނަކާއި، ދެންވެސް ކަމުވޮށިގެންވާ އެތައް ބަޔަކު ޑިޔުޓީފުރީއާ ދިމާޔަށް ދުއްވައިގަތްތަނެވެ. އަދި އެ މިވެނި ބޭފުޅާޔަކީ ތިޔައީތޯ ދިމާވިހައި ބަޔަކު ގާތު އަހަމުން މުޅި ތަން ކުޑަޔަށްލައި ދުވާން ފެށި ތަނެވެ. އެހެނެއް ކަމަކު، މިވެނި ބޭފުޅަކު ހަމަ މިހާރު ވައިގެބަނދަރުގެ މިވެނި ތާކަށް ވަޑައިގަންނަވާށޭ އަޑުގަދަކުރާއިން ގޮވައިލަން ކެރުނު މީހަކުވެސް ނެތޯލައެވެ.

ޢިއްޒަތްތެރި ދަރިކަލުންގެ ފައިންޕުޅު ފެނުނީ އެއަރލައިންގެ މުވައްޒަފަކަށެވެ. އެއިރު އެބޭފުޅާ ހުންނެވީ ޑިޔުޓީފުރީގައި މަސައްކަތްކުރާ، ބުރުސޫރަ ތަންކޮޅެއް ހިތްފަހި، މުވައްޒިފާޔަކާ ވާހަކަފުޅު ދައްކަވާށެވެ. އެހެން ނަމަވެސް، އެ ބޭފުޅާ އަރިހު ދަތުރުފުޅުގެ ވާހަކަ ހަމަ ދަންނަވާއިރަށް، އަނހާ ގަޑިޔަށް ސަމާލުކަން ނުދެވުނީތާއޭ ވިދާޅުވެފައި، އެއަރލައިންގެ މުވައްޒަފާއެކު ބޯޓަށް އަރާވަޑައިގަންނަވަން ވަޑައިގެންފިއެވެ.

އަޅުގަނޑަކީ ވައިގެބަނދަރުތަކާއި އެއަރލައިންތަކާ ބެހޭގޮތުން ކަމާ ބެހޭ ރަސްމީ އެކި އިދާރާއިން ހަދައިފައި ހުންނަ ޤަވާޢިދުތަކާއި، ކަމާ ބެހޭ އެންމެހައި ފަރާތްތަކުން އެކި ވަރަށް ޝާމިލުވެގެން ހަދައިފައި ހުންނަ އެއްބަސްވުންތަކާއި، ކަންކަން ހިންގުމާ ޙަވާލުވެގެން ތިބޭ މީހުން އެކި ޙާލަތުގައި ކަންކަން ކުރަންވީ ގޮތްތަކާއި ނުކުރާންވީ ގޮތްތައް ލިޔެފައި ހުންނަ ލިޔުންތަކާއި، ދެންވެސް ވައިގެބަނދަރުތަކުގެ ވަތުބަތާނައިގައި ގެންގުޅެވޭ އުޞޫލުތަކާއި ހަމަތައް އެނގޭ މީހަކީމެއް ނޫނެވެ. އަޅުގަނޑަށް ފެންނާނީ، އަދި އިވޭނީ، އަޅުގަނޑަށް ލޮލުން ދެކެ، އަތުން ހިފައި އުޅޭން ޖާގަ ލިބޭ ކަންކަން ދެއްތޯއެވެ؟ އެހެންކަމާއެކު، ދެންމެ މިދެންނެވި ހާދިޘާޔާ ވިދިގެން އަޅުގަނޑަށް ފާހަގަވި ކަމެއް ދަންނަވާނަމެވެ.

މިދެންނެވި ދުވަހު ބޯޓަށް ފުރުނީ ދޮޅު ގަޑިއިރު ލަސްވެގެންނެވެ. ބޯޓަށް ބަސްއަހައިގެން ގަޑިޔަށް އަރައިތިބި އެތަކެއް ފަސިންޖަރުންނަށް އެކަމުގެ ސަބަބުން ލިބުނު އެކި ބާވަތުގެ އެތައް ގެއްލުމެއްގެ ވާހަކަ އިހަށް ދުރުގައި ބާއްވައިފައި، އެއަރލައިނަށް ވީ ގެއްލުމުގެ ތަފްޞީލަށް އަދި ނުދިޔަޔަސް، އެދުވަހު ބޯޓު ލަސްވުމުގެ ސަބަބުން ފިސާރި ޞިއްޙަތު ރަނގަޅު ޢަދަދަކުން އެއަރލައިން ޖޫރިމަނާވިޔޭ ދަންނަވައިފައި ހުއްޓައިލާނަމެވެ. އަަދި ހަމަ އެޔާއެކު، ވައިގެބަނދަރުގައި ހުރި ލިޔުންތަކާއި އިރުއިރުކޮޅާ ގޮވަމުން ދިޔަ އިންޒާރުގައި އެއޮތް ”…ފަސިންޖަރު ގަޑިޔަށް ގޭޓަށް ހާޟިރު ނުވުމުގެ ސަބަބުން ފަސިންޖަރު ބޯޓަށް ނޭރުވުން ފަދަ، ދަތުރު ލަސްވުން ފަދަ، ފަސިންޖަރު ނުލައި ބޯޓު ފުރައިގެން ދިޔުން ކަހަލަ ކަމެއް ދިމާވެއްޖިއްޔާ އެ ކަމުގެ ސަބަބުން ކުރިމަތިވާ ހުރިހައި ކަމެއްގެ އެންމެހައި ޒިންމާއެއް އުފުލަން ޖެހޭނީ ފަސިންޖަރުކަން ހަނދާން ކޮށްދެމެވެ.“ މި އިންޒާރަށް އެދުވަހަކު ޢަމަލެއް ނުކުރެވުނޭވެސް ދަންނަވައިލާނަމެވެ. އެއީ ބޯޓަށް އަރާވަޑައިގެން އިންނެވި ބައްޕާފުޅު އެގުޅުއްވި ފަރާތްތަކަކާ ގުޅުއްވުމާއި، އޭނާގެ ތަނަވަސްކަމާއި، ނުފޫޒުގަދަކަމުގެ ސަބަބުުން ވީކަމެއްކަންވެސް ނޭނގެޔާ ދަންނަވައިފައި އެހިސާބަށް އެވާހަކަވެސް ހުއްޓައިލަމާތޯއެވެ! އަދި އެއް ބަޔަކަށް އެއް ދުވަހަކު ހަދައިދިން ގޮތް އަނެއް ދުވަހަކު އަނެއް ބަޔަކަށް ހަދައިނުދީފިނަމަ ޤާނޫނީ ގޮތުން ނިކުތުން އެކަށީގެންވާ މައްސަލަތަކެއްވެސް ހުންނާނެ، އެހެން ނޫންތޯއެވެ؟ މިއީ އެއަރލައިންގެ އިސް މުވައްޒަފަކު ސިއްރުން އަޅުގަނޑާ ޙިއްޞާކުރި މަޢުލޫމާތުކޮޅެއްގެ ތެރެއިން ބައެކެވެ.

މިހައިރުވެސް ހަމަ އެއްކަލަ އިންޒާރު ލިޔެފައި ހުރި ބޯޑުތައް ވައިގެބަނދަރުގައި އެބަހުއްޓެވެ. އަޑުގަދަކުރާއިން އެއްކަލަ ގޮވެލިފަތިވެސް ގޮވައެވެ. އެހެންނަމަވެސް… މި ސަރަޙައްދުގެ ވައިގެބަނދަރަކަށް ޢާންމުކޮށް ވަޑައިގަންނަވާ ބޭފުޅުންނަށް މިހައިރު ފެނިވަޑައިގަންނަވާނޭ ކަމެއް އޮންނާނެއެވެ. އެއީ، އެ ވައިގެބަނދަރުން ފުރާ ބޯޓަކަށް މީހުން އަރަން ހަމަޖެހިފައި އޮތް  ވަގުތު ނިމުމަކާ ގާތްވާއިރަށް، ވައިގެބަނދަރުގެ ރެސްޓޯރަންޓު ތަކާއި ކޮފީޝޮޕުތަކާއި ޑިޔުޓީފުރީ ހުންނަ ހިސާބުތަކުގައި އެއަރލައިންގެ މުވައްޒަފުން  ”މާލެ ފްލައިޓް؟ ސިންގަޕޯރ ފްލައިޓް؟ ޑުބާއީ ފްލައިޓް؟ ޑޯހާ ފްލައިޓް؟“ މިހެން ގޮވަމުން ޓޯކީ  ހިފައިގެން ހާސްކަންމަތީ ދުވާ ތަނެވެ.  މިއީ އެއްކަލަ ދުވަހާ ވިދިގެން އެއަރލައިންއަށް ވީގެއްލުމުގެ ސަބަބުން އައި ބަދަލެކެވެ. ފައިސާވެރި، ނުފޫޒުގަދަ މީހުންނާ ޤާނޫނާއި ޤަވައިދާ ނުކިއްސަރުކޮށް ބައްދަލުވީމައި ބައެއް ތަންތާނގައި މިކަހަލަ ގޮތްގޮތްވެސް ވެޔޭ ދަންނަވަންވީތޯއެވެ؟

އަޅުގަނޑު މިދެންނެވި ވައިގެބަނދަރުގައި އަދިވެސް އެއްކަލަ ލިޔުން އޮވެއެވެ. ހަމައެއްކަލަ އިންޒާރުވެސް ހަމަ އެގޮތަށް އަޑުގަދަކުރާއިން ގޮވެއެވެ! އެހެންނަމަވެސް… ލިޔުމުގައި އޮންނަ ގޮތާ، ކަންހިނގާ ގޮތާ ތަފާތުވީމައި ވާގޮތަށް ބަލައިލަމާތޯއެވެ!

ލިޔުމުގައި އަދި ގޮވުމުގައި އޮންނަގޮތް މަތީގައި އެ އޮތީއެވެ!

އެކަމަކު ކަންހިނގާގޮތާ އެއްގޮތަށް އެ ލިޔުން ބަދަލުކޮށްފިނަމަ އޮންނަންވާނީ މިހެންނެވެ: ”ކޮންމެ ފަސިންޖަރެއްމެ، އެ ފަސިންޖަރަކަށް ދޫކޮށްފައިވާ ބޯޑިން ޕާހުގައި ޖަހައިފައި އޮތް ގޭޓަށް، ޖަހައިފައި އޮތް ގަޑިޔަށް ހާޒިރުވުން އެދެމެވެ. ގަޑިޔަށް ގޭޓަށް ނޭދެވޭ ފަސިންޖަރުންގެ ފަރާތުން އެހެން ފަސިންޖަރުންނަށާއި އެއަރލައިން އަށް ފަހަރުގައި ވަރަށް ބޮޑެތި ގެއްލުންވެސް ވެދާނެކަން ވިސްނައިގެން ފަސިންޖަރުން މިކަމުގައި ޢަމަލުކުރަން ވަރަށް އާދޭހާއެކު އެދެމެވެ.“!

މިހައިރަކަށް އައިސް، މިދެންނެވި ވައިގެބަނދަރަށް ގޮސް އުޅޭ، ވަކި ބާވަތެއްގެ ބަޔަކު ދަރީން ގާތު ބުނާތީ އަޅުގަނޑަށް އިވިފައި އޮތް އެއްޗެއްވެސް މިތާނގައި ދަންނަވައިލާނަމެވެ، އެއީ، ”ދެން ގޮސްލާ، ޑިޔުޓީފުރީ ބަލައިލައި، ކޮފީ ބޯލައި ހަދަައިލަން. ފުރަންވީމާ އެއަރލައިން މުވައްޒަފުން އަންނާނެ ހޯދަން. އެއީ އެމީހުންނަށް މަޖުބޫރުކަމެއް. އެހެންވީމާ، ގަޑިޔާ ދޭތެރޭ ހާސްނުވެ، އެ މީހުން އަންނަންދެން މަޖާކޮށްލާ!“

މިއީ މިހައިރަކަށް އައިސް ބިދޭސީ ޤައުމުތަކުގެ ވައިގެބަނދަރުތަކުގައި ހިނގާ ކަހަލަ ކަންކަން އެކަންޏެއް ނޫނެވެ. މާލޭގެ މަގުމައްޗަކީވެސް ހަމަ އެކަހަލަ ތަނެކެވެ. މިސާލެއް ދަންނަވާނަމެވެ.

މާލޭގެ މަގުމަތީގައި ދުއްވާ އެއްޗިހި އެއްގޮތަކަށްވެސް ބާއްވައިގެން ނުވާނޭ ތަންތަން ހުންނާނެއެވެ. ދުވާރު ނުހުންނަ މަގުތަކުގައި މީސްމީހުންގެ ގޯތިގެދޮރަށް ވަންނަން ހަދައިފައި ހުންނަ ދޮރޯށި ފަދަ ތަންތަނުގެ ކުރިމަތީގައްޔާއި، ރީނދޫކުލައިގެނ ދެރޮނގު ދަމައިފައި ހުންނަ ތަންތަނާއި، ގޯޅިގޯޅިއާއި މަގުމަގުގެ ކަންމައްޗާއި، މިކަހަލަ ތަންތަނަކީ ދުއްވާ އެއްޗެހި އެއްވެސް ޙާލަތެއްގައި ޕާކު ކޮށްގެން ނުވާނޭ ތަންތަނެވެ. އެހެން ނަމަވެސް، ޖީބުދަބަހަށް ބަރު، ޙާއްޞުންނާ ހަވާސާ، މަދު ބައެއް ޢިއްޒަތްތެރީން ގެންގުޅުއްވާ ބިދޭސީ ބައެއް ޑުރައިވަރުންގެ ފަރާތުން ފެންނަން ފެށި ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އެއީ ”ޑުރައިވަރާ ގުޅޭނޭ ނަންބަރު“ މިހެން ޖަހައިފައި، ފޯނު ނަންބަރެއްވެސް ލިޔެފައި އޮންނަ ކަރުދާސްގަނޑެއް ކާރުގެ ކުރީ ބިއްލޫރިގަނޑުން އެތެރޭގައި ބޭއްވުމަށްފަހު، ޤަވާޢިދާ ޚިލާފަށް ހިތުހުރި ތަނެއްގައި ކާރު ޕާކު ކޮށްފައި ބޭއްވުމެވެ.

މިގޮތަށް ގޭ ދޮރޯށި ބަންދުވާ ގެޔަކުން ކުއްޖަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ވެގެން ގެއިން ނުނިކުމެވިގެން އަމިއްލަޔަށް މައްސަލަ ޙައްލުކުރަން ބެއްޔަސް، އަދި ޤަވާޢިދާ ޚިލާފަށް ކަންކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅަން ތިބޭ ބަޔަކު އެތަނަށް އަޔަސް، ކުރަން އޮންނަނީ އެންމެ ކަމެކެވެ. އެއީ އެއްކަލަ ލިޔުމުގައި އޮތް ނަންބަރަށް ފޯނުކުރުމެވެ. އަދި ފޯނު ނަގާ ބިދޭސީ ކަލޭގެ ”އަހަރެން ޝާބޮނީ! ފިނިޝްވަނީ، ދެންދަނީ! ކުޑަ މަޑުކުރަނީ“ މިހެން އެންގީމައި އެ އެންގުމަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ހޮސްޕިޓަލަށް ދިޔުން އަވަސްކުރަން ބޭނުމިއްޔާ ފާރުމަތީން އަވަށްޓެރިޔާގެ ގޯތިތެރެޔަށް ފުންމައިލައިގެން ދިޔުން ކަހަލަ ކަމެއް ކުރުން ނޫންގޮތެއް ނިކަމެތި ފަޤީރަކަށް ނޯންނާނެއެވެ. އެއީ، ކާރުގެ ވެރިމީހާ ޖޫރިމަނާ ކޮށްގެން، ނޫނީ ކާރު ކަފުޖަހައިގެން ގެންގޮސްގެން ވާނެ ފައިދާއެއް އޮންނާނެ ކަމަށް ނުވާތީއެވެ!

މިދެންނެވި ގޮތަށް ފެށުނު ކަންތައް މިހައިރު އާދަޔަކަށް ވެއްޖެއެވެ. ކާރުތަކާއި ވޭން ތަކެވެ. މުދާ އުފުލާ ބޮޑެތި ލޯރި ތަކެވެ. ކުރީ ބިއްލޫރިގަނޑުން އެތެރޭގައި ފޯނު ނަންބަރެއް ބޮޑު އަކުރުން ޖަހައިފައި އޮންނަ ކަރުދާސްގަނޑެއް ހިއްޕައިފައި ހުންނާނެއެވެ. އެ ނަންބަރާ ގުޅީމައި ގިނަފަހަރަށް ގުޅޭނީ ”ޝާބޮނީ!“ ގައި އިންނަ ބިދޭސީއަކާއެވެ. އެހެރަ އެނބުރެން ފެށީ ކުދި ސޯބުތަކެވެ!

އެހެންވީމައި، މާލޭ މަގުމަތީގައި ޕާކުކުރުން މަނާ ސަރަޙައްދުތައް ޤަވާޢިދުގައި ލިޔެފައި  އޮތަސް، މިހައިރު ޢަމަލުކުރާ އުޞޫލަކީ، ”ދުއްވާ އެއްޗިއްސަކީ ކޮންމެ ތަނެއްގައިވެސް ޕާކު ކުރެވިދާނެ އެއްޗިއްސެވެ. ޕާކުކޮށްފައި އޮތް އެއްޗެއްގެ ސަބަބުން ދައްޗެއް ވެއްޖެނަމަ، އެ އެއްޗެއްގައި ޑުރައިވަރުގެ ނަންބަރު ލިޔެފައި އޮތް ކަރުދާސްގަނޑެއް އޮތްތޯ އެ ދަތިވި މީހާ ރަނގަޅަށް ބަލައިފައި، އެ ނަންބަރަކަށް ފޯނުކޮށްގެން އެކަން ހަމަޖައްސާށެވެ!“ މިއީ ތޯއެވެ؟ ވައިގެބަނދަރުގެ ރެސްޓޯރަންޓު ތަކާއި ކޮފީޝޮޕުތަކާއި ޑިޔުޓީފުރީ ހުންނަ ހިސާބުތަކުގައި  ”މާލެ ފްލައިޓް؟ ސިންގަޕޯރ ފްލައިޓް؟ ޑުބާއީ ފްލައިޓް؟ ޑޯހާ ފްލައިޓް؟“ މިހެން ގޮވަމުން، އެއަރލައިންގެ މުވައްޒަފުން ޓޯކީ ހިފައިގެން ހާސްކަންމަތީ އެ ދުވާ ދުވުމާ މިކަމާ ދެމެދު އޮތީ ކޮން ތަފާތެއްތޯއެވެ؟

”ދެން ގޮސްލާ، ޑިޔުޓީފުރީ ބަލައިލައި، ކޮފީ ބޯލައި ހަދަައިލަން. ފުރަންވީމާ އެއަރލައިން މުވައްޒަފުން އަންނާނެ ހޯދަން. އެއީ އެމީހުންނަށް މަޖުބޫރުކަމެއް. އެހެންވީމާ، ގަޑިޔާ ދޭތެރޭ ހާސްނުވެ، އެ މީހުން އަންނަންދެން މަޖާކޮށްލާ!“ މި ވައްތަރަށް އެ ބުނެލެވޭ ބުނެލެވުންތަކާއި، ”ޤަވާޢިދުން ޕާކު ކުރެވޭ ތަނެއް ހޯދަން ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް، ޝުޕޯން! މިތާ ކައިރިތާކު ކާރު ބާއްވައިފައި، ދޭ ސައިބޯލަން! މީހަކު ގުޅައިފިއްޔާ މަޑުމަޑުން އައިސް ނަގާނީ. އެހެެން  ނޫނީ ބާއްވާނީ. ފަސޭހަ ގޮތް ފަސޭހައެއްނު؟“ މި ކަހަލަ ބުނުންތަކާ ދެމެދު ތަފާތެއް އެބައޮތްތޯއެވެ؟

ލިޔުމުގައި އޮންނަ ގޮތާ، ކަންހިނގާ ގޮތާ ތަފާތުވީމައި އެތައް ޚަރަދެއް ކޮށްގެން ރީތި ޤަވާޢިދެއް ލިޔުމުގެވެސް މާކަ ބޮޑު ބޭނުމެއް… ނޫން! އެ ހިސާބަކަށް އަދި ނުދާނަމެވެ.