Support Us

ކޮލަމް: ވިނަވި

ވަޒީރުން ރާއްޖެތެރެއަށް ކުކުޅު ދަތުރު ކުރެއްވުމުގެ ކިބަޅި ފަރާތް

މާލޭގައި ހުންނަ އޮފީސް އޮފީހުގެ ވެރިން ރާއްޖެތެރޭގެ ރަށްރަށަށް ކުކުޅު ދަތުރު ކުރެއްވުމަކީ 1980އިގެ އަހަރުތަކުގައި ވަރަށް ގަދައަށް ފެތުރިފައި އޮތް ޘަޤާފަތެކެވެ. އެއީ އެ ދުވަސްވަރު ސަރުކާރުގެ ފުދުންތެރިކަމާއި ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވުމާ ގުޅިގެން ވީ ކަމެކެވެ.

އެ ދަތުރުތަކަށް ކުކުޅުދަތުރޭ ކިޔުނީ އެހެން ވަޑައިގަންނަވާ ބޭފުޅުންނަށް ކުކުޅު ކަތިލައިގެން މީރުކޮށް ފަރިއްކޮޅު އަރުވާތީއެވެ. ފަހުންފަހުން އައިސް މެހެމާންދާރީގެ ކަންކަން ކުކުޅާ ހަމައިން ނުނިމެއެވެ. އޭގެ ތެރެއަށް "މުނިފޫހި ފިލުވައިދޭނޭ" އަންހެން ކުދިން ވެސް އިތުރުވިއެވެ.

އުނދޯލިދާންކޮޅު ހެއްލައިދޭ އަންހެން ކުދިންނަކީ ވަރަށް ކުރީއްސުރެ ރާއްޖޭގައި އޮތް ޘަޤާފަތެކެވެ. އެކަން ވެސް އުނދޯއްޔާ ހިސާބަކުން ނުނިމެއެވެ. ފައިންޕުޅު މޮޑޭން ވެސް ޖެހިދާނެއެވެ. އަދި އެއަށްވުރެ މަތީ ފައްތަރަކަށް ވެސް ހިނގައިދާނެއެވެ. މި ބާވަތުގެ ޚިދުމަތްތައް ކުރިން ލިބިވަޑައިގަތީ ހަމައެކަނި އަތޮޅުވެރީންނަށެވެ. ހަމައިން ވަޒީރުން ރާއްޖެތެރެއަށް ވަޑައިގަންނަވަން 1980 އާ ހަމައިން ފެއްޓެވުމާ އެކީގައި އެ ބޭފުޅުންނަށް ވެސް މި ޚިދުމަތްތައް ލިބޭންފެށިއެވެ. ޚާއްސަކޮށް ބާރުގަދަ ވަޒީރުންނަށެވެ.

މިހާ ހިސާބުން ރަށްްރަށުގެ ކަތީބުންނަށާއި އަތޮޅު ވެރިންނަށާއި އެހީތެރީންނަށް މުހިންމު ފިލާވަޅެއް ދަސްވިއެވެ. އެއީ މިކަހަލަ ޚިދުމަތްތައް ފަހިކޮށްދޭ މީސްމީހުންނަށް މަތީ މަޤާމުތަކާއި މަޤާމުގެ ކުރިއެރުން ލިބޭކަމެވެ. މިކަން ދަސްވުމުން އެ މީހުން ވެސް އެއިން ފައިދާ ނަގަން މަސައްކަތް ކުރަން ފައްޓައިފިއެވެ. ވަޒީރަކު ރަށަށް ވަޑައިގަންނަވާ ވާހަކަ އަޑުއިވޭއިރަށް އެ ވަޒީރަށް މެހެމާންދާރީ އަރުވާނެ ކުއްޖަކު ހޯދަން މަސައްކަތް ފަށައެވެ. މި ކަމުގައި ބައެއް ކަތީބުންނަށް ވަރަށް ހިތްދަތިކަމާ ވެސް ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. އެއީ އެހެން ކުއްޖަކު ނުލިބިގެން އަމިއްލަ ދަރިފުޅު ވަޒީރުގެ ކޮޓަރިކޮޅަށް އެނދު ދާންކޮޅުގެ ތަންމަތި އަޅަން ފޮނުވަން ޖެހުން ފަދަ ކަންކަމެވެ. މިކަންކަން މިހެން ހުއްޓަސް ގިނަ ކަތީބުން މި ދަތުރުތައް ދުށީ މާވަހަރެއް ލެއްގުން ކަހަލަ ކަމަކަށެވެ. މަތީ މަޤާމުތަކަށް ދާން އޮތް ރަނުގެ ފުރުސަތެއް ކަމަށެވެ.

މެހެމާންދާރީ ކުރިއަށް ދާއިރު، ޚިދުމަތް ދޭ ކުއްޖާ ކައިރީގައި އޭނާ ރުއްސަން، ބައްޕައަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް ކުރައްވާނެއެވެ. އަދި ހަދިޔާއަކަށް ރީތިވާ ސާމާނު ވެސް ދެއްވާނެއެވެ. އާއްމު ގޮތެއްގައި އެ ވައުދުތަކަކީ މާލެއަށް ވަޑައިގަތުމަށް ފަހު ހަނދުމަފުޅު ނެތޭ ވައުދުތަކެކެވެ. ނަސީބަކުން އެ ދުވަސްވަރުގެ ގިނަ ވަޒީރުންނަކީ އުމުރުފުޅު މައްޗަށް ގޮސް ވަރުދެރަވެފައި ތިއްބަވާ ބޭފުޅުންނެވެ. ވީމާ ގިނަ ފަހަރު މެހެމާންދާރީ ކުރިއަށް ގޮސްފައި ހުންނަނީ ވަރަށް އަމާންކޮށެވެ.

މިކަހަލަ ދަތުރުތަކުގައި އެކި ވަޒީރުންނަށް ކުކުޅު ފަރިއްކުޅުއްވަން ލިބެނީ އެކި ވަރަށެވެ. އެކަން ބިނާވެފައި އޮތީ ސަރުކާރުގެ ތެރޭގައި އެ ވަޒީރެއްގެ ނުފޫޒު އޮތް މިންވަރަކަށެވެ. މިގޮތުން އެކެއް ދޭއްގައި ތިއްބެވި ވަޒީރުންނަށް ރާއްޖެތެރޭގައި ވަކި ރަސްކަންތަކެއް އޮތް ކަހަލައެވެ. އެގޮތުން އެ ބޭފުޅުންނަށް ކުކުޅު އެރުވުމަށް އަތޮޅުތަކުގައި ޚާއްސަ ނިޒާމުތަކެއް ރޭވިފައި ހުއްޓެވެ. އެންމެ އޮމާންކޮށް ހިނގި މިފަދަ ނިޒާމުތައް ހުރީ ހދ، ރ، ލ އާއި އައްޑޫ ގަމުގައެވެ. އެ ތަންތަނުގައި ފާހަގަކޮށްލެވޭ ފަދަ ބައެއް ހާދިސާ ވެސް ހިނގައިފައި އެބަހުއްޓެވެ.

މީގެ ތެރެއިން އެއް ހާދިސާ ހިނގައިފައިވަނީ އުތުރުގެ ވަރަށް ބޮޑު ރަށެއްގައެވެ. އެ ރަށުގެ ގެއެއްގައި ވަޒީރުގެ އަރިހަށް މުހުތާދެއްގައި ޒިޔާރަތްކޮށްގެން އަންހެން ކުއްޖަކު އުޅެނިކޮށް ރަށުގެ ޒުވާނުންނަށް އެކަން އެނގިގެން ހަޤީޤަތް ނުބަލައި ގޭކައިރީގައި ޑަބިޔާޖަހައި ފުރާޅަށް ގާ އުކައި ޒިޔާރަތް މެދުކަނޑާލީއެވެ.

އޭގެ ފަހުން އެ ވަޒީރު އެ ރަށަށް ކުރެއްވި ދަތުރުގައި ރަށުގައި މިބާވަތުގެ އެއްވެސް ކަމެއް ނުހިނގައެވެ. އެހެނަސް، އެ ދުވަސްވަރާ ދިމާކޮށް އެ ރަށު ކުއްޖަކު ހދ. ނޮޅިވަރަންފަރަށް ދިޔަކަމަށް ކިޔައި އުޅެއެވެ. އެކުއްޖާގެ ބައްޕަވެސް އޭނައާއެކު ނޮޅިވަރަންފަރަށް ގޮސް އެރަށު ލާމިގަސްދޮށުގައި ހުރި ހޮޅުއައްޓެއްގައި ނިދައިފައި އޮތް ކަމަށް ކިޔައިއުޅެއެވެ. އެއީ ދިގުލާ ބޮޑު ބައްޔެއްގައި އުޅުނު މީހެއް ކަމަށާއި އޭނާ ދިޔައީ ރަށުގެ ވެރިއަކު އޭނާއަށް ރާއްޖެއިން ބޭރުން ފަރުވާ ލިބޭނެ ކަމުގެ ހުވަފެން ދައްކައިގެން ކަމަށް ވެސް ކިޔައި އުޅުނެވެ.

ހދ. ނޮޅިވަރަންފަރުގެ ލާމިގަހާއި ހޮޅުއަށި.  -އަދިވެސް ފޮޓޯ: އަބްދުﷲ މުއާޒު

އޭގެ ތަންކޮޅެއް ފަހުން ހދ. ހަނިމާދޫ ވަލުތެރޭގައި ރައީސްއަށް ގަނޑުވަރެއް އަޅާފައި ހުއްޓެވެ. އެތަން ހުރީ މިހާރު އެއަރޕޯޓް އޮންނަ ސަރަހައްދުގައެވެ. ރައީސް މޫދަށް އެރިވަޑައިގެން އަރާމު ކުރައްވަން އެ ތަނަށް ވަޑައިގެންނެވިފައި ހުރީ ވަރަށް މަދުންނެވެ. އެ ގޮތުން އެ މަނިކުފާނަކަށް އެތަނުން އެއްވެސް ފާއިދާއެއް ކޮށްފައި ނެތެވެ. އޭގެ ހުރިހާ ފާއިދާއެއް ކުރީ ބާރުގަދަ ވަޒީރުންނަށެވެ. އެ ބޭބޭފުޅުންގެ ދަތުރުފަޅާ ދިމާކޮށް އެ ގަނޑުވަރު ކުނިކަހައި، ފޮޅައި ސާފުކުރުމަށާއި އެނދުދާންކޮޅުގެ ތަންމަތި އެޅުމަށް މުރައިދޫއާއި ބާރަށާއި މާރަންދޫ ފަދަ ހއ.ގެ ރަށްރަށުން ކުދިން ގެންގޮސް އުޅުނެވެ. ހޯރަފުއްޓަކީ ވެސް މެހެމާންދާރީ ވަރަށް ގަދައަށް ގެންދިޔަ ރަށެކެވެ.

ރ. އަތޮޅަކީ އެއްމެ ރަނގަޅަށް ރޭވިގެން ކުކުޅުދަތުރުގެ ކަންކަން ހިނގި އެއް އަތޮޅެވެ. މީގެ ސަބަބަކީ އެ އަތޮޅުގައި އެ ކަން ކުރަން ތިބި މީހުންގެ ކުޅަދާނަކަމެވެ. އެ މީހުން ދަތުރު ލޯންޗާއި ވޯކީޓޯކީން ވާހަކަ ދައްކައި ހެދީ ވެސް ކޯޑް ބަހުންނެވެ. މިސާލަކަށް 'މިރޭ ފަރިއްކޮޅަށް ބަރަބޯރިހަ ހުންނަން ވާނެ’އޭ ބުނެފިއްޔާ އެބުނަނީ ބަރަބޮލުގެ ވާހަކައެއް ނޫނެވެ. "ކުކުޅެއް" ތައްޔާރު ކުރަން ޖެހޭނެ ވާހަކައެވެ.

މެދުރާއްޖެތެރޭގައި އެންމެ މޮޅަށް ރޭވިގެން ކުކުޅު ދަތުރުތައް ހިންގީ ލާމު އަތޮޅުގައެވެ. އެ އަތޮޅުގައި މިކަމުގެ ނާރެހަކީ ގަމެވެ. އެހެން ރަށްރަށުން ގަމަށް "ކުކުޅު" ގެނެވޭނެ އިންތިޒާމު ވަނީ އޮމާންކޮށް ރޭވިފައެވެ. އެ އަތޮޅުގައި ވެސް މިކަން ކުރަން ވަރަށް މޮޅު މާހިރުން ތިއްބެވެ.

ދެކުނުގެ އަތޮޅުތަކަށް ބަލާއިރު ގއ. އާއި ގދ.ގައި ކުކުޅު ދަތުރުތައް އެހާ ގިނައެއް ނޫނެވެ. ފުވައްމުލައް އުފެދިފައިވާ ގޮތުން އެ އަތޮޅަކީ ވެސް ކުކުޅު ދަތުރު ތަކަށް މާ ފަހި ތަނެއް ނޫނެވެ. އެހެންކަމުން ކުކުޅު ދަތުރުތައް ދެކުނުގައި ކުރެވުނީ އައްޑޫއަށެވެ. ގަމުގައި މިކަމަށް ޚާއްސަ ގެއެއް ވެސް ހުއްޓެވެ. އަދި ގަމުގައި ހިންގި ގާމެންޓް ފެކްޓަރީ ތަކަކީ ވެސް ކުކުޅުގެ ކަންކަމަށް ފަހި ތަންތަނެވެ.

ކުކުޅުދަތުރަކީ ކުރީކޮޅުގައި ވަޒީރުންގެ ޝަރަފުގައި ހިމެނިފައިއޮތް ކަމަކަށް ވިޔަސް، 80 އިގެ އަހަރުތަކުގެ ފަހުކޮޅުގައި އެކަން އިތުރު ބޭބޭފުޅުންނާ ހަމައަށް ފޯރައިފިއެވެ. މި ނަސީބު ފުރަތަމަ ލައްވާލީ ރާއްޖެތެރޭގައި ގިނަ އޮފީސްއޮފީސް ހިންގެވި ވުޒާރާތަކަށެވެ. އޭގެ ތެރޭގައި އެޓޯލްސް، އެޑިއުކޭޝަނާއި ހެލްތު ހިމެނުނެވެ. އެ ވުޒާރާތަކުން ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ ހަމަޖައްސައިދިނުމަށް އެ ބޭފުޅުންގެ މުއައްޒަފުން ތިބެއެވެ. އަދި އެ އޮފީސްތަކުން އެނދުދާންކޮޅުގައި ތަންމަތި އަޅައިދޭނެ ކުދިން ވެސް ލިބެއެވެ.

ރާއްޖެތެރެއިން ވަރަށް ޚާއްސަ ފުރުސަތެއް ލިބުނު އެހެން ގިންތިއެއް އެހާ ހިސާބުން އުފެދިއްޖެއެވެ. އެއީ މައްސަލަތައް ބަލަން އޮޑިޓް އޮފީހުންނާއި އެންޓި ކޮރަޕްޝަން ބޯރޑުން ވަޑައިގަންނަވާ ބޭފުޅުންނެވެ. މަދު ހާލަތެއްގައި ނޫނީ މިހެން ބަލަން ޖެހެނީ ކަތީބެއްގެ ނުވަތަ (އަތޮޅުވެރިންގެ) އެހީތެރިޔެއްގެ މައްސަލައެވެ. ކަތީބަކާ ބެހޭގޮތުން މިއިން ބޭފުޅަކު ނުބައި ރިޕޯޓެއް ދެއްވައިފިއްޔާ އެ ކަތީބަކު ޖެހޭނީ ވަޒީފާއިން ވަކިވެ، ޖުރިމާނާވެ، އަރުވާލެވޭށެވެ.

 

މި ހިތި ނަތީޖާއިން ސަލާމަތްވާން ބޭނުމިއްޔާ ޖެހޭނީ މެހެމާންދާރީއަށް ސަމާލުވާށެވެ. އުނދޯލި ދާންކޮޅު ހެއްލައިދީ ފައިންޕުޅު މޮޑެދޭނެ ކުއްޖަކު ހޯދާށެވެ. އެހެން ކުއްޖަކު ނުލިބުނިއްޔާ އަމިއްލަ ދަރިފުޅު ބޭނުންކޮށްގެން ވިޔަސްމެއެވެ.

މި ފެންވަރުގައި މެހެމާންދާރީ ލިބޭތީ އެ އޮފީސް އޮފީހުގެ ބޭފުޅުން ރާއްޖެތެރެއަށް ދަތުރުކުރައްވަން ވަރަށް ޝައުގުވެރިކަން ހުއްޓެވެ. އެންމެ 300 ރުފިޔާގެ ޚިޔާނާތެއްގެ މައްސަލަ ބައްލަވަން 5،000 ރުފިޔާގެ ދަތުރެއް ކުރައްވާފައި ހުރުމުގެ ސިއްރަކީ މިއެވެ.

ކުކުޅު ދަތުރުތައް އޭގެ އަސްލު ސޫރައިގައި ކުރުން މިހާރު ވަނީ އުވިފައެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ވަޒީރުންނާއި ސަރުކާރުގެ ވެރީންނަށް ކުރާ ޤަދަރު ނެތިގެން ދިޔުމެވެ. އަނެއް ސަބަބަކީ ސިވިލް ސާރވިސް ކޮމިޝަން އުފެދުނު ފަހުން ރަށްރަށުގައި ތިބޭ ސަރުކާރުގެ މުއައްޒަފުންގެ މައްޗަށް މާލޭގައި ތިއްބަވާ ވަޒީރުންގެ ބާރު ކުޑަވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
521

3 Responses

  1. ނޫނު އަތޮޅު މާފަރަށް އެއްމެ ބާރުގަދަ ވަޒީރު ވަޑައިގަތް ހަނދާން އެބަހުރި. އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި. އެހޫނުގައި ދަތުރުފުޅުކުރައްވާ ލޯންޗްކޮޅަށް އަޅަން ހުރި ޕެޓްރޯލް ފީފާ އަތިރިމަތީ ހުއްޓާ އަނދައި ހުލިވި. އެ ދުވަހަކީ އެ އަތޮޅު މަނަދޫގައި އަތޮޅު ފުޓްބޯޅަ މުބާރާތުގެ ވަރަށް ވާދަވެރި ފޯރިގަދަ މެޗެއް އޮތް ދުވަހެއްކަމުން ކުޅި ބަލަން މާފަރުގެ ޒުވާނުން އެ ވަގުތުވީ މަނަދޫގައިކަމުން އެކަމުގައި އެއިން އެއްވެސް ޒުވާނެއްގެ ރޯލެއް ނެތްކަމަށްވޭ. އެކަން އެނގޭ ބަޔަކު ޒުވާނުންގެ ތެރޭގައި ތިބިކަން މިހާރު ވަރަށް ސާފުކޮށް އިނގޭ..

  2. ވަރަށް މޮޅު އެހާމެ ރިއަލް ސްޓޯރީއެއް. އޭރުގެ ކަތީބުންތައް އަމިއްލަ ދަރިފުޅުވެސް ގުރުބާންކޮށްފަ އެބަހުރި. ތިކަހަލަ ވަރުގަދަ ކަމަކާ ހިރިލަންދޫ އަދި ވިލިގިލިން ވެސް ދިމާވި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *