Support Us

ކޮލަމް: ވިނަވި

ރާއްޖޭގައި އުޅޭ ހަންޑި އާއި ޖިންނި ފުރޭތައާ ބެހޭ ހަގީގީ ވާހަކަތަކެއް (ބިރުގަންނަންޏާ ނުކިޔާތި!)

ދިވެހީންނަކީ އަބަދު ވެސް ޖިންނި، ފުރޭތައާއި ހަންޑީންގެ ތެރޭގައި އުޅެމުން އައިސްފައިވާ ބަޔެކެވެ. މިހާރު އެކަހަލަ އެއްޗެތި ފެންނަލެއް މަދަސް، ކުރިން މިއާ ގުޅޭ ހާދިސާއަކާ ދިމާ ނުވާ މީހަކު މަދެވެ.

މި ޒަމާނުގެ ގިނަ ބަޔަކު މިފަދަ އެއްޗެހި ވުޖޫދުގައިނުވާ ކަމަށް ބުނެއުޅެއެވެ. އެހެނަސް ކީރިތި ޤުރުއާނުގައި ޖިންނީންގެ ވާހަކަ އައިސްފައިވާތީވެ ޖިންނީންނަކީ އުޅޭ ބައެއް ކަމާމެދު ޝައްކެއްނެތެވެ. ދެން ހުރި އެއްޗެއްސަކީ ޖިންނީންގެ ތަފާތު ސޫރަތަކެއް ކަމަށް ވެދާނެއެވެ.

މި ބާވަތުގެ އެއްޗެތި ތަފާތުކޮށް، ވަކި ގިންތިތަކަށް ބަހައިފައި ވަނީ ސޫރައާއި ފެންނަ ގޮތާއި އުޅޭ ތަނަށް ބަލައިގެންނެވެ. މިސާލަކަށް، ފުރޭތަ އާއްމުކޮށް އުޅެނީ ކަނޑާއި މޫދާއި އަތިރިމަތީގައެވެ. ފުރޭތައިގެ ބޮޑުމިން އިންސާނުންނަށްވުރެ މާ ބޮޑުވާނެއެވެ. ތިބޭނީ އަލިފާނުން ދިއްލާލައިފައެވެ. ފުރޭތައަކާ ކައިރިވެއްޖެއްޔާ ސީދާ އަނިޔާކުރެއެވެ. ބައެއް ފަހަރު ކައިވެސް ލައެވެ.

ފުރޭތަ އާއްމުކޮށް އަރަނީ އެންމެ ދެކުނުގެ ތިން އަތޮޅަށް

ފުރޭތަ އާއްމުކޮށް އަރަނީ އެންމެ ދެކުނުގެ ތިން އަތޮޅުގެ ރަށްރަށަށް ކަމަށް ވެއެވެ. މިކަމަށް ހުވަދު އަތޮޅުގެ ބައެއް ފަޅުރަށްރަށް، މިސާލަކަށް ގައްދޫ ގަން މަޝްހޫރުވެފައިވެއެވެ. ދެކުނަށް ވުރެ މަދަސް، މެދުރާއްޖެއާއި އުތުރުގެ ބައެއް ރަށްރަށަށް ވެސް ގިނައިން ފުރޭތަ އަރައެވެ. މުލަކަތޮޅު ކުރެލިއާއި ށ. ނެލަކީ މިގޮތަށް ފާހަގަކުރެވޭ ރަށްރަށެވެ. އަދި ކަނަމަނައާއި ހދ. މަކުނުދޫ ފަޅުތެރޭގައި އޮންނަ އިންނަފުއްޓަކީ ވެސް ފާހަގަކުރެވޭ ރަށްރަށެވެ.

ގާމަތީ ފަޅުރަށްރަށަށް ފުރޭތަ އަރާކަމަށް ކިޔައެވެ.

ފުރޭތައާ އެންމެ ގިނައިން ދިމާވަނީ ރޭގަނޑު ފަރުމަތީގައި ދާއަޅަން ގޮސް އުޅުމުގެ ތެރޭގައެވެ. ފުރޭތަ އަންނަނީ މަހުގެ ވަހަށެވެ. ދޭތެރެ ދޭތެރެއިން އެއަށް މަހެއް އެއްލަންޏާ ފުރޭތަ މީހުންނާ ކައިރިއެއް ނުވެއެވެ. ވީމާ މަސައްކަތް ކުރަން ޖެހޭނީ މަސްފަތި ހުސްނުވަނީސް އެއްގަމަށް އަރައި ސަލާމަތް ހޯދޭތޯއެވެ. މަސްފަތި ހުސްވެއްޖެއްޔާ ފުރޭތަ ރުޅިއައިސްގެން މަސް އުކި މީހާ ކައިލަފާނެއެވެ. މި ބާވަތުގެ ހާދިސާތައް އައްޑޫ މީދޫ ފަޅުތެރޭގައި ހެރަތައް ހުންނަ ސަރަހައްދުގައި ވަރަށް ގިނައިން ހިނގާފައި އެބަހުއްޓެވެ.

ހަންޑި އުޅެނީ ވަލުތެރޭގައި

ހަންޑި އާއްމުކޮށް އުޅެނީ ވަލުތެރޭގައެވެ. އެކި ހަންޑި އުޅެނީ ރަށުގެ އެކި ވާވަލުގައެވެ. މިސާލަކަށް އައްޑޫ މީދޫގައި 20 ވަނަ ޤަރުނުގެ މެދުތެރޭގައި ދެ ވަލެއްގައި ދެ ހަންޑި އުޅުނެވެ. އެކަތި އުޅުނީ އަރުބުގެ ނޮރަންމު ފަރާތުން އޮންނަ ވަލުގައެވެ. އެ ހަންޑިއަށް ކިޔައި އުޅުނީ ފައްކަމަނާއެވެ. އެއީ އެ ހަންޑި ހެދުމުގެ ބަދަލުގައި ގައިގައި ފަތްލައިގެން އުޅޭތީއެވެ. މީދޫ ހުދުބިތެ ބީވާގައި އުޅުނު ހަންޑި ލައި އުޅުނީ ރަތްކުލައިގެ ހެދުމެކެވެ. މި ދެ ހަންޑީގެ ވެސް ބޮޑުމިން އިންސާނަކާ އެއްވަރެވެ.

މި ދެ ހަންޑި ވެސް ދުވާލު ވަގުތުގައި ދޭތެރެދޭތެރެއިން ފެނެއެވެ. އެހެނަސް ބޮޑަށް ހަރަކާތްތެރިވަނީ ރޭގަނޑަށެވެ. އެގޮތުން އޭގެ ނުރައްކާ ބޮޑަށް އޮންނަނީ ވަލަށް ވަގުރުކުއަޅަން ގޮސް އުޅޭ މީހުންނަށެވެ. އެފަދަ މީހުން ރުކުން ވައްޓާލުމާއި ގައިގައި ޖެހުން ފަދަ އަނިޔާތައް ކުރެއެވެ.

ޖިންނި އުޅޭކަށް ވަކި ގަޑިއެއް ވަކިތަނެއް ނޯވޭ

ޖިންނި އުޅޭކަށް ވަކި ގަޑިއެއް ވަކިތަނެއް ނޯވެއެވެ. އެހެނަސް ރަތްމަލަށް ދޯޅަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބެރެބެދި ގަހުގައި ޖިންނި އުޅޭކަމަށް މަޝްހޫރުވެފައި ވެއެވެ. މީގެ ސަބަބުން އިހުގައި މީހުން އުޅޭ ސަރަހައްދުގައި ބެރެބެދިގަހެއް ނަހައްދައެވެ. އެ ގަސް ހުންނަނީ ވަލުތެރޭގައާއި އަތިރިމަތީގައެވެ. އެ ހިސާބަށް އާއްމުކޮށް މީހުން ރޭގަނޑު ގޮހެއް ނަހަދައެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެއްޖެއެވެ. ބޭރުން ގަސްތައް އިމްޕޯޓްކޮށް މަގުތަކާއި ސްކޫލްތަކުގެ ގޯތިތެރޭގައި ވަނީ ހައްދައިފައެވެ. އޭގެ ތެރޭގައި ރަތްމާ އަޅާ ގަސް ވަރަށް ގިނައެވެ. މީގެ ހިތި ނަތީޖާއާ ކުރިމަތިލާން ހދ. މަކުނުދޫ ސްކޫލުގެ މަތީ ގްރޭޑްގެ އަންހެން ކުދިން ކޮޅަކަށް މީގެ 10 ވަރަކަށް އަހަރު ކުރިން ޖެހުނެވެ.

މަކުނުދޫ ސްކޫލުގެ ގޯތިތެރޭގައި ރަތްމާ އަޅާ ބޮޑެތި ގަސްތަކެއް ހައްދާފައި ހުރެއެވެ. އެއަށް މީހުން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެން ތިއްބާ ބޮޑެތި އަންހެން ކުދިންނަށް އާދަޔާ ޚިލާފު ބައްޔެއް ޖެހިއްޖެއެވެ. ކުއްލިއަކަށް ހޭނެތެނީއެވެ. ހޭ އަރަމުން ދާއިރު އެ ކުދިން ތަފާތު ވާހަކަތައް ކިޔައިދެއެވެ. އޭގެ ތެރޭގައި އެ ކުދީންނަށް ނޭނގޭނެ ކަހަލަ ކަންކަން ވެސް ހާމަކުރެއެވެ. މިސާލަކަށް، އެއް ކުއްޖަކު ދެބަދޭތެރޭގައި އޮވެގެން، އެވެނި މީހަކާ މިވެނި މީހަކު މިހާރު އެތިބީ އަތިރިމަތީގައި އޮތް ރުއްގުޅިއެއްގައި އިށީނދެގެން ސިނގަރެޓް ބޯށޭ ބުންޏެވެ. ފަހުން އެ ދެ މީހުންގެ ކައިރީގައި އެހުމުން އަސްލުވެސް އެ މީހުން އެ ވަގުތު ތިބީ ސިނގަރެޓް ބޯން ހަމަ އެތަނުގައި ކަމަށް ބުންޏެވެ.

އެ ކުދިންކޮޅު ސަލާމަތްކުރެވުނީ ދުރު ރަށަކުން ފަންޑިތަވެރިޔަކު ގެނެސް ކިޔެވެއްޔެއް ކިޔަވައިގެންނެވެ. އޭނާ ބުނިގޮތުގައި ސްކޫލްގައި ހުރި ގަސްތަކުގައި ޖިންނީން އުޅޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެހެނަސް އެ އެއްޗެތި އިންސާނުންނަކަށް އުނދަގުލެއް ނުކުރެއެވެ. އެހެން އުޅެނިކޮށް އެ ދުވަސްވަރާ ދިމާކޮށް ގަސްތައް ކޮށާލީމާ ޖިންނީންގެ ޖަގަހަ ކުޑަވިއެވެ. އިންސާނުންނަށް އުނދަގޫ ކުރަން ފެށީ ދެނެވެ. ފަންޑިތަވެރިޔާ ލަފާ ދިނީ ކިޔެވެއްޔެއް ކިޔަވާފައި ގަސްތައް ކަނޑާލުމަށެވެ.

ޖިންނިއާ ގުޅިގެން ވަކިވަކި ހާދިސާތައް ވެސް ހިނގައިފައި ވެއެވެ. އޭގެ އެއް ހާދިސާއަކީ އައްޑޫ މީދޫ އުމަރު ތަކުރުގެ ހަސަނާ ޖިންނިއަކާ ކައިވެނިކުރުމެވެ. އޭނާއަކީ ތަނަވަސް، ވަލުތެރޭގައި ގިނަ އަދަދަކަށް ރުކާއި ބަނބުކެއޮ ގަސް ހައްދައި އުޅުނު މީހެކެވެ. ވަލުތެރޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ އޭނާ ވަލުގައި ގައުދަޑި ސަރަހައްދުގައި ގެއެއް އެޅިއެވެ. އެތަނުގައި އުޅެނިކޮށް އަންހެން ޖިންނިއަކަށް ފެނިގެން އޭނާއާ ހިތާވިއެވެ. ދެން ރީތި އަންހެން ކުއްޖެއްގެ ސިފައިގައި އައިސް އޭނާއާ ރައްޓެހިވިއެވެ. އަދި ކައިވެނިކޮށްގެން ތިން ކުދިން ވެސް ލިބުނެވެ. އެންމެ ފަހުން އަންހެން ޖިންނީގެ މައިންބަފައިން މަޖުބޫރުކޮށްގެން ދެ މީހުން ވަކިކުރުވީއެވެ.

އެއްފަހަރަކު ފުވައްމުލަކު ދޫނޑޭރެ ދޮން ދީދީއޭ ކިޔާ ތިން އަހަރުގެ ކުއްޖަކު ގެއްލުނެވެ. އެ މަންޖެ އެ ދުވަހު މެންދުރެއްހާ އިރު މުންނާއާ އެކީގައި އަތިރިމައްޗަށް ދިޔައެވެ. އެތާ ބޯށިގަހެއްގެ ހިޔަލުގައި އޭނާ ބައިންދާފައި މުންނާ ލޮނު ބަނޑިޔަލެއް ބަލައި ގޮނޑުދޮށަށް ފޭބިއެވެ. ބަނޑިޔާ ފުރައިގެން އައިއިރު ދޮން ދީދީ ބޭންދި ތަނުގައި އޭނާ ނެތެވެ. މުޅި އެ ސަރަހައްދުން ވެސް އޭނާ ނުފެނުނެވެ.

މުންނާ ދެން އެއްގަމަށް ގޮސް މީހުންގެ އެހީ ހޯދިއެވެ. ރަށްވެރިޔާ ވާރު ހަސަން ދީދީ ރައްޔިތުން އެއްކުރައްވައިގެން ދޮން ދީދީ ހޯދުމުގެ މަސައްކަތް ފައްޓަވައިފިއެވެ. އޭނާ ފެނުނީ ހޭޅި މަގުގެ އެއްގަމު ފަރާތުގައި ހުރި ބޯކަށިކެޔޮ ގަހެއްގެ އޮތްޕެއްގައި އިންދައެވެ. ދޮން ދީދީ ބުނިގޮތުން އޭނާ އެތަނަށް ގެންދިޔައީ މުންނާހެން ހުރި މީހެކެވެ. އޭނައަށް ހީވީ އެއީ މުންނާހެންނެވެ. މީހުން އާޔަތްތައް ކިޔަވަމުން އަންނަ އަޑުއިވިގެން އެ މީހާ ރުޅިއައިސްގެން ދިޔައީއެވެ.

ބޯކަށިކެޔޮ ގަހަކީ ވަލުގައާއި އަތިރިމަތީގައި ޖިންނީން ހާލިހަދައިގެން ތިބޭތަނެކެވެ. ފޮޓޯ: މުޙައްމަދު ސައީދު/ ސައީދު ފޮޓޯސް

ވަކި ތަންތަނަށް ޚާއްސަ ޖިންނި ވެސް ރާއްޖޭގެ އެކި ތަންތަނުގައި އުޅެއެވެ. މީގެ އެންމެ މަޝްހޫރު ޖިންނިއަކީ ހުޅުލޭ ބޮޑުމީހާއެވެ. ބޮޑު މީހާގެ އުނދަގޫ އެންމެ ބޮޑަށް ޖެހުނީ ހުޅުލޭގައި މަޖީދިއްޔާ ސްކޫލް ކުދިން ކެޑޭޓް ކޭމްޕް ބޭއްވި ދުވަސްވަރުގައެވެ. އެއް އަހަރެއްގައި ކޭމްޕަށް ދިޔަ ކުދިންނަށް ބޮޑު މީހާ ފެންނަން ފެށިއެވެ. ގިނައިން ފެނުނީ ވަކީން ޑިއުޓީ ޕޯސްޓްތަކުގައި ތިބޭ ކެޑޭޓުންނަށެވެ. އެ ކުދިން ހޭނެތި އިދިފުށަށް ދެމިއެވެ. އެ ކުދިން ޖެހުނީ އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދާށެވެ. އޭރު ބޭސްކޮށްގެން އެ ކުދިން ރަނގަޅު ވިޔަސް މިހާރު ބޮޑުވެ 65 އަހަރުން މައްޗަށް ގޮސްފައި ވާއިރު ވެސް ދޭތެރެ ދޭތެރެއިން އެ މީހުންނަށް ބޮޑު މީހާގެ އުނދަގޫ ޖެހެއެވެ. އަދި ޚާއްސަކޮށް ހުޅުލެއަށް ދިޔައީމާ މައްސަލަ ޖެހެއެވެ.

ޖިންނީން ބައެއް ފަހަރު މީހުންނާ އަވަލައެވެ. މިހެންވުމުން އިދިފުށަށް ދެމުމާއި ހޭނެތުމާއި ހަމަނުޖެހޭ ވާހަކަ ދެއްކުމާއި ހުންއައުން ފަދަ އުނދަގޫތައް ޖެހެއެވެ. ޖިންނި އަވަލީމާ ރަނގަޅު ކުރެވެނީ ފަންޑިތަ ހަދައިގެންނެވެ. މިކަމަށް ބަލި މީހާ ކައިރީގައި މާ ބަހައްޓައި ދުންޖަހައިގެން ކިޔަވނީއެވެ. މިގޮތުން އޭނައަށް އުނދަގޫ ކުރާ ޖިންނި ގެނެވެއެވެ. ޖިންނި ފެންނާނީ ހަމައެކަނި ބަލި މީހާއަށާއި ފަންޑިތަ ވެރިޔާއަށެވެ. ޖިންނިއާ ސުވާލުކުރުމުން އެ ސޮރު އަވަލެވީ ކީއްވެގެންތޯއާއި އޭނާ ދޫކޮށްލާނީ ކިހިނެއް ހަދައިގެންތޯ ކިޔައިދޭނެއެވެ.

މި ކަހަލަ ހާދިސާއެއް މީގެ އަހަރުތަކެއް ކުރިން ހދ. ކުޅުދުއްފުށީގައި އުޅުނު މީހަކަށް ދިމާވިއެވެ. އޭނާއަކީ އާއްމުކޮށް ބޮލުގައި ރިއްސާ މީހަކަށް ވާތީވެ، އެރަށަށް ދިޔަ ފަންޑިތަވެރިއަކާ މަޝްވަރާ ކުރިއެވެ. އޭނާ ފާލުބަލާފައި އެކަން ޖެހުނީ ޖިންނިއެއްގެ ސަބަބުންކަން ހޯދިއެވެ. ޖިންނި ގެނެސް އެހުމުން އެ ސޮރު ބުނީ އޭނާ ބަލިމީހާ ދެކެ ރުޅިއައީ އެ މީހާ ކުޑައިރު ދިމާވި ކަމަކުންނެވެ. އެއްދުވަހަކު އޭނާ ކުޅިވަރަކަށް އޭނާގެ އުފަން ރަށު ފުއްޓަރުފަރާތު އަތިރީގައި ހުރި ކިނބިގަހަކަށް އެރިއެވެ. ގަހުގައި އުޅެއުޅެފައި ފައިބައިގެން ގެއަށް ދިޔައީއެވެ. އިތުރު ކަމެއް ވީކަމެއް އޭނާއަކަށް ނޭނގެއެވެ.

ޖިންނި ބުނި ގޮތުން އެ ވަގުތު ޖިންނީގެ ތުއްތު ދަރިފުޅު އޮތީ އެ ގަހުގައި ނިންދަވަން ބާއްވާފައެވެ. އެހެން އޮއްވާ ކުޅެން އުޅުނު ކުއްޖާގެ ފައިން ޖެހިފައި ތުއްތު ޖިންނި ބިމަށް ވެއްޓި ޖެހި މަރުވީއެވެ. ދެން ބޮޑު ޖިންނި ރުޅިއައިސްގެން އަނެއް ކުއްޖާގެ ބޮލަށް ދެ އަތުން ފިއްތާލީއެވެ. ބަލި މީހާގެ ބޮލުގައި ރިއްސަނީ އޭގެ ސަބަބުންނެވެ. އޭނާ ރަނގަޅުވާނީ މައާފަށް އެދި މަރުގެ ދިޔަ ދިނީމައެވެ.

އަވަސް އަވަހަށް ޖިންނީގެ އުނދަގޫ ޖެހޭ މީހުންނަށް އެ ކަމުގެ ރައްކަލެއްގެ ގޮތުން ތަވީދު އަޅުވައެވެ. މިގޮތުން ވެސް ރަނގަޅު ނުވެއްޖެއްޔާ ޖިންނި ނައްތާލަން މަސައްކަތް ކުރެއެވެ. އެކަން ގިނައިން ކުރަނީ ފަންޑިތަ ހަދައިގެން ޖިންނި ގެނެސްގެންނެވެ. ޖިންނި އައީމާ އޭތި ކުޑަކޮށް ދުންފޮދަކަށް ހަދާފައި ތޯލާ ފުޅިއަކަށް ލަނީއެވެ. ދެން ލާއަޅައި ފުޅި ބަންދުކޮށްފައި މާކަނޑަށް ފައްތަނީއެވެ.

މިހާރު ރަށްރަށް ތޮއްޖެހި މުޅި ރަށް ކަރަންޓުން ދިއްލީމައި ޖިންނީންނަށް ކަމުދާ މާހައުލުތައް ވަނީ މަދުވެފައެވެ. އެހެންކަމުން ޖިންނި ފެންނަލެއް މަދެވެ. އޭގެ މާނައަކީ ޖިންނި ނެތީއެކޭ ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
43204824118

5 Responses

  1. ޖިންނި ބަލި ރަނގަޅުކުރުމަށް އިހު ޒަމާނުގައި ހަދާ ފަންޑިތައަކީވެސް ހަމަ އަސްލު ސިހުރެއް. ފަންޑިތާގައި އާންމުކޮށް ބޭނުންކުރާ ތަވީދުއަކީ ޝިރްކެއް އަދި އެހެން ބާރުގަދަ ޖިންނި ބޭނުންކޮށްގެން ޖިންނި ބަލި ޖެހުފައިވާ މީޙާ ރަނގަޅުކުރޭ. އަސްލު އޮންނަނީ ޝަރުޢީ ރުޤްޔާކުރުން. ވީމާ، ފަންޑިތައަށް ހިތްޖެހޭ ގޮތައް މި ލިޔުން އޮތްތަން ބަދަލުކުރަން އެދެން. އަދި ރުޤްޔާކުރުން އިތުރުކޮށްދިނުން އެދެން.

  2. ސައިންސް އަލީގައި މީގެ ހަޤީޤަތަކީ ކޮބާއިތޯ ބަލާ ދިރާސާ ކޮށްދެއްވިއްޔާ ވަރަށް ރަނގަޅު!

  3. ރުގްޔާކުރާ މީހުންވެސް ވަކި ހިސާބަކުން ބުނަނީ ތީ ވަރަށްގިނަ ދުވަސްވެފައިވާ ކަމެކޭ. މިހާރު ތިހިރީ ޖިންނި ޝައިޠޯނުންގެ ކަމަކަށް ބަދަލުވެފަ އޭ އެހެންވީމަ ޖެހޭނީ ތަވީދެއް އަޅާށޭ

  4. ޝަރުއީ ރުގްޔާ ކުރާ މިހަކު ނުބުނާނެ ދެން ޖެހޭނީ ތަވީދް އަލާށެކޭ. ބުނާނީ އަޅުކަމުގެ ބޮޑަށް މައްސޫލުވާން އަދި ހެނދުނާ ހަވީރުގެ ޒިކުރުތައް ކިޔަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *