ދަ ޖަނަރޭޝަން އިކުއަލިޓީ ފޯރަމް ހައިލެވެލް ވަރޗުއަލް ރައުންޑްޓޭބަލް: ޖެންޑަރ އިންކްލޫސިވް ކްލައިމެޓް އެކްޝަންސް؛ އަ ގްލޯބަލް މޫމަންޓް ފޮރ ޖެންޑަރ އިކުއަލިޓީގައި ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވާހަކަފުޅު ދައްކަވައިފިއެވެ.
މި ފޯރަމަކީ ޔޫ.އެން ވިމެން އިން އިންތިޒާމުކޮށް، މެކްސިކޯ އަދި ފްރާންސުން ކޯ ހޯސްޓްކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގެ އަމާޒެއްގެ ގޮތުގައި ކަނަޑައަޅުއްވާފައިވަނީ އީޖާދީ ގޮތެއްގައި އަންހެނުންނާއި އަންހެން ކުދިންގެ ދައުރު ހިމެނޭނެހެން، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއިން އަބަދުވެސް މޫސުމީ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން ގެންދަވާނެކަމުގެ ޔަޤީކަން ޞަބްރާ ދެއްވިއެވެ. ހަމަ އެއާއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ސަރުކާރުން މިކަމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވަމުން ޞަބްރާ ވަނީ، އިޞްލާހުކުރައްވާފައިވާ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތަށް ރާއްޖޭގެ ލޯކަލް ކައުންސިލުތަކުގެ ތިންބައިކޮށްފައި އެއްބައި ގޮނޑި އަންހެނުންނަށް ކަނޑައަޅައި، ނިމިދިޔަ އިންތިހާބުގައި އެކަން ތަންފީޒުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ގިނަ އަންހެނުން އިސް މަޤާމުތަކަށް ޢައްޔަނުކުރުމުން އަންހެނުންގެ ހިޔާލުތައް މޫސުމީ ކަންކަން ހައްލުކުރުމަށް ލިބިގެންދާނެކަމުގައި ފާހަގަކުރައްވާފައެވެ.
ހަމަ އެއާއެކު އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާ ޤައުމު އަލުން އާރާސްތުކުރުމަށާއި ފެހި އަދި ނޫ އިޤްތިޞާދެއް ތަރައްޤީކުރުމަށް އެންމެން ހިމަނައިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ޞަބްރާ ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މިހާރު މިއޮތް ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ ގިނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިދިޔަ އަަހަރު ޔޫ.އެން. ވިމެން އިން ކުރި ދިރާސާއިން ދައްކާ ގޮތުން ޕެންޑެމިކް ހާލަތުގައި ހީވެސްނުކުރާ ވަރަށް ގިނަ އަންހެނުންނަށް ނަފްސާނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން އަސަރުކޮށްފައިވާ މިންވަރު އިތުރުވެފައިވާކަން ޞަބްރާ ފާހަގަކުރެއްވިއެވެ.
ޞަބްރާ ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ހިތްވަރުދީ އަދި މޫސުމީ ބަދަލުތައް ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހޭދަކުރުމަކީ ދުރު މުޞްތަޤްބަލަކަށް އަމާޒުކޮށް ކުރުމަށް ރާއްޖެ ނޫނަސް ހުރިހާ ޤައުމަކުންވެސް ނިންމަންވާނެ ކަމެއް ކަމަށެވެ. އަދި މި ކަމަކީ ވަކި ޤައުމަކަށް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫންކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ސަބަބެއްކަމުގައި ޞަބްރާ ފާހަގަކުރެއްވީ އަލުން މޫސުމީ އެމަޖެންސީ ހާލަތްތަކަށް ހައްލު ހޯދުމަށް ބޭނުންވެފައިވާ މިންވަރެވެ.
މިހާރުވެސް ރާއްޖޭގައި ތަންފީޒުކުރަމުންދާ ބައެއް ޕޮލިސީތަކުގެ މައްޗަށް އަލިއަޅުވާލައްވައި ޞަބްރާ ވިދާޅުވީ ހަ މަސް ދުވަހުގެ ޕެއިޑް މެޓަރނިޓީ ލީވް ދެމުންދާކަމާއި، އަދި އެއް މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ދެމުންދާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޖަޖަކަށް ފުރަތަމަ ފަހަރަށް އަންހެނުން ޢައްޔަނުކުރުމާއި، ލޯކަލް ކައުންސިލް އިންތިހާބުގައި ތިން ބައިކޮށްފައި އެއްބައި އަންހެންނުނަށް ޚާއްޞަކޮށް ގޮނޑިތަކަށް އަންހެންނުން އިންތިހާބުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޖެންޑަރ އީކުއަލިޓީ ޕްލޭނެއް ނިމުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވާ އެ ޕްލޭން ނިމުމުން ސަރުކާރާއި މުޖުތަމަޢުގެ ހުރިހާ ހަރުފަތެއްގައި މި ޕްލޭނާ އެގޮތަށް ކަންކަން ތަންފީޒުކުރުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމުގައި ސަބްރާ ވިދާޅުވިއެވެ. މި ޕްލޭގައި ހިމެނޭ ކަންތައްތައް ފާހަގަކުރައްވަމުން 2025 ވަނަ އަހަރާ ހަމަޔަށް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ އަންހެނުންގެ ނިސްބަތް 40 އިންސައްތަ އިތުރުކުރުމަށް ނިންމެވުމާއި ޖުޑިޝަރީގައި 25 އިންސައްތަ އަންހެނުން އިތުރުކުރުމާއި ޑޭކެއާ ސަރވިސްތައް އިތުރުކުރުމާއި ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ފެށުމާއި ޤައުމުގެ ޑާޓާ ސިސްޓަމުގައި ހުރި ޖިންސީ އަދި އުމުރުގެ ތަފާތުކުރުންތައް ހުރި ކަންކަން ރިވައިސްކުރުން ހިމެނޭކަން ސަބްރާ ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ ބައިވެރިވުން އިތުރުވީ ވަރަކުން މުޖުތަމަޢުގައި ހުރި ކަންކަން ދެނެގަނެވި އެކަންކަން ހައްލުކުރުމަށް މަގުފަހިވެގެން ދާނެކަމަށް ވެސް ސަބްރާ ވިދާޅުވިއެވެ.
ޞަބްރާގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ ދަ މޯލްޑިވްސް އެކްޝަންސް ކޯލީޝަން މެއިން ތީމްގައި ބުނެފައިވާގޮތަށް ފައިސާއަށް ބޭނުންވާ ހާލަތެއްގައި ފައިސާ ފޯރުކޮށްދިނުމަށް ފަސޭހަ ގޮތްތަކެއް ކަނޑައެޅިފައި ހުރުމަށް އިތުރަށް މަސަައްކަތްކުރައްވަން ޖެހޭކަމަށެވެ. އަދި ޤައުމުގައި އިތުރު ކަންކަން ފަސޭހަކޮށްދީ، ތަޢުލީމަށާއި ތަމްރީނުތަކަށް އިތުރަށް ފުރުޞަތު ފަހިކުރުމަށް ބޭނުންވާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭން ހާސިލުކުރުމަށް ނިންމާފައިވާ ނެޓް ޒީރޯ ފިއުޗަރ އަށް ދިއުމަށް ކުރެވެން ހުރި ކަންކަމަށްވެސް ޞަބްރާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.



advertisment