ސްޓޭޓް މިނިސްޓަރުކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަމަޖައްސަވައިފިއެވެ.
މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ.ސުނާރު ޚަދީޖާ ނަސީމެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ.ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމެވެ.
ޚަދީޖާ ނަސީމް، ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި ޚަދީޖާ ނަސީމް ވަނީ ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަޤާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ ތަޖްރިބާ ހޯއްދަވާފައެވެ. ޚަދީޖާ ނަޞީމް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ކުރިން އަދާކުރައްވަމުން ގެންދެވި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުން ވަކިކުރައްވާފައެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އަފްޟަލް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ. އޭނާ ވަނީ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް (އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ޙާޞިލުކުރައްވާފައެވެ. އަފްޟަލް ވަނީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.



advertisment