ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލުތަކަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާ މަޝްވަރާކުރެއްވުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފައްޓަވައި، ފުރަތަމަ ބައްދަލުވުން މުލަކަތޮޅު ދިއްގަރު ކައުންސިލާއެކު ބާއްވަވައިފިއެވެ.
މިއަދު ހެނދުނު އޮންލައިންކޮށް، ކުރިޔަށް ގެންދެވި މި ބައްދަލުވުމުގައި ދިއްގަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތާމެދު ހިތްހަމަޖެހޭކަން ކައުންސިލުގެ ފަރާތުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާމް ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް މުހިންމު އެހެން ކަންކަމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ކައުންސިލުގެ ރައީސް ވަނީ އެ ރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަން ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބޭނުންވާ ކަންކަންމުގެ އިތުރުން މަތީ ތަޢުލީމު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކާއި ލުއިފަޞޭހަތައް ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި ކަނދުފަތިތައް ކައިރި ސަރަޙައްދެއްގައި ނެތުމާއި އަދި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި އެރަށުގެ ރިޒޯޓް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ދަތިތަކާއި، އެ ދާއިރާއިން އިތުރު ފުރުޞަތުތައް އެ ސަރަޙައްދުގައި ފަހިވެފައި އޮތުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިއްގަރު ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާއި އެ ދާއިރާގައި ސަރުކާރުން ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން މަސްވެރިންގެ ފަސޭހައަށްޓަކައި މުލަކުގައި ޤާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރި ވަރަށްވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ކައުންސިލަރުން ފާހަގަ ކުރެއްވި މިނިމަން ވޭޖް ކަނޑައެޅުން ފަދަ ކަންކަމާ ގުޅޭގޮތުންވެސް އެންމެފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment