ކުއާޒާ އިންސްޓިޓިއުޓްގެ ފަރާތުން ހިންގި ސްކޫލު ކުދިންނަށް ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކުލާސްތައް ނިންމައި 38 ދަރިވަރަކު ހަނދާނީ ސަނަދު ހާސިލްކޮށްފިއެވެ.
ވާހަކަދެއްކުމާއި އެހެންވެސް އަދަބީ ހުނަރު ދަސްކޮށްދީ އެ ހުނަރުތަކަށް ފަރިތަ ދަރިވަރުން އުފެއްދުމަށް ކުއާޒާ އިންސްޓިޓިއުޓްގެ ފަރާތުން 2020 އާއި 2021 އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ހިންގި ކްލާސްތަކުގެ ދަރިވަރުންނަށް ހަނދާނީ ސަނަދު ދިނުމަށް އޮންލައިންކޮށް ރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަދި ދިވެހިބަހުގެ އަދަބީ ޖަޖެއް ކަމުގައިވާ ދިވެހި އެދުރު ޢަލީ މުޙައްމަދު މަނިކެވެ. އެ މަނިކުފާނު ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި މިއީ މިއަދު ޤައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ތަރުބިއްޔަތެކެވެ. ޤައުމުގައި އަދަބީ ކަންކަމަށް ޤާބިލް ދަރިން އުފެއްދުން މިއަދު ވަނީ އިތުރުކުރަންޖެހިފައެވެ. އެހެންކަމުން ވާހަކަދެއްކުމުގެ މުހިންމު ހުނަރުތަކާއި މަޢުލޫމަތު ހިމެނިގެން މިކަހަލަ ކޯހެއް ހިންގިކަމީ ކުއާޒާ އިންސްޓިޓިއުޓަށް ޝުކުރު އަދާކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ސަނަދު ލިބުނު ބައެއް ދަރިވަރުން ވެސް ވާހަކަދެއްކިއެވެ. އެ ދަރިވަރުން ފާހަގަކުރި ގޮތުގައި މި ކުލާހަކީ ހީވެސް ނުކުރާހާ ފައިދާ ކުރި ކުލާސްތަކެކެވެ. އޮންލައިންކޮށް ކިޔެވި ނަމަވެސް މިއީ ވަރަށް ބޮޑަށް ބައިވެރިވެ އުނގެނެން ލިބުނު ފައިދާބޮޑު ފުރުސަތެކެވެ.
ބެލެނިވެރިންގެ ތެރެއިން ވާހަކަދެއްކި ބައެއް ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މި ކުލާހަށް ދަރިވަރުން އިންތިޒާރުކުރާވަރުން ކުލާހުގެ ޝައުޤު އެނގިގެންދިޔައެވެ.
"އަޅުގަނޑުގެ ދަރިފުޅު ހުންނަނީ އެއް ކުލާސް ނިމުނީމާ ދެން އޮންނަ ކުލާސް އަންނާނޭ ވަގުތަކަށް ކެތްމަދުވެފައި. އޭނާ ބުނަނީ މިއީ މަޖާ ކުލާހެއްކަމުގައި،" ބެލެނިވެރިޔާ ލީނާ ބުންޏެވެ.
ބައެއް ދަރިވަރުން ބުނިގޮތުގައި މި ކުލާސް ފެށުނުއިރު ކުރަން ނުކެރުނު ނަމަވެސް މިއަދު ކެރިގެން މީހުންނާ ކުރިމަތިލައި ވާހަކަދައްކަން ޖެހިލުމެއް ނުވެއެވެ.

މި ކުލާސްތައް ރާވައި ހިންގި އަދި ކިޔަވައިދެއްވި އެދުރު، އިންސްޓިޓިއުޓްގެ މަސްއޫލުވެރިޔާ ކުރޮޅި އާދަމް ޒާހިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ރޭ ސަނަދު ލިބުނު ކުދިންގެ ތެރޭގައި، ނިމުނު ތަޢުލީމީ އަހަރު ގްރޭޑް ދޭއް ނިންމި ދަރިވަރުން ފެށިގެން ހައެއް ނިންމި ދަރިވަރުން ވެސް ހިމެނެއެވެ.
އާދަމް ޒާހިރު ފާހަގަކުރެއްވި ގޮތުގައި މިފަދަ ކުލާސްތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އިތުރު ކުލާސްތައް ފެށޭނެވެ.



advertisment