Support Us

ކޮލަމް: ވިނަވި

ކޮންސިއުލޭޓާއި އެމްބެސީއަށް އަވަސް ކަޅިއެއް

ކޮންސިއުލޭޓާއި އެމްބެސީ އަކީ ޑިޕްލޮމެޓިކް މިޝަންގެ ބާވަތްތަކެވެ. އެހެންވީމާ ޑިޕްލޮމެޓިކް މިޝަނަކީ ކޯންޗެއްކަން އެނގެން އެބަޖެހެއެވެ. ކުރުކޮށް ބުނާނަމަ އެއީ ޤައުމަކުން ފޮނުވައިގެން، ގަބޫލުކުރާ އެހެން ޤައުމަކަށް ގޮސް ތިބެގެން، އެ ފޮނުވި ޤައުމު ތަމްޘީލުކުރާ ބަޔެކެވެ.

ޑިޕްލޮމެޓިކް މިޝަންގެ ތަފާތު ފަންތިތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ އިސް ތަންތަނަށް ކިޔަނީ އެމްބެސީއެވެ. އެތަނުގެ ވެރިޔަކަށް ހުންނާނީ އެމްބެސެޑަރެވެ. ފޮނުވާ ޤައުމާއި ޤަބޫލުކުރާ ޤައުމާ ދެ ތަން ވެސް ކޮމޮންވެލްތުގައި ހިމެނޭނަމަ މިޝަނަށް ކިޔަނީ ހައި ކޮމިޝަނެވެ. އަދި އެތަނުގެ ވެރިޔާއަށް ކިޔަނީ ހައި ކޮމިޝަނަރެވެ. ރާއްޖޭގެ ހައި ކޮމިޝަންތަކާއި އެމްބެސީތައް މި ފަހަކަށް އައިސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އެބަހުއްޓެވެ. މީގެ އިތުރަށް އދ.އަށް ކަނޑައަޅާފައިވާ މަންދޫބުން ނިއު ޔޯކާއި ޖެނީވާގައި އެބަތިއްބެވިއެވެ. އަދި ބޭރު ޤައުމުތަކުގެ އެމްބެސީތަކާއި ހައި ކޮމިޝަންތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ހަރަކާތްތެރީ އިންޑިއާއާއި ބަންގްލަދޭޝްއާއި ސްރީ ލަންކާއާއި ޕާކިސްތާނުގެ ހައި ކޮމިޝަނެވެ.

ކޮންސިއުލޭޓަކީ އެމްބަސީ ނުވަތަ ހައި ކޮމިޝަނަށް ވުރެ ދަށްފަންތީގެ މިޝަންތަކެވެ. އާއްމުކޮށް ކޮންސިއުލޭޓެއް ވެރިކަން ކުރާ ކެޕިޓަލް ސިޓީގައި ނުހުރެއެވެ. މިއާ ޚިލާފަށް އެމްބަސީ ހުންނާނީ ކެޕިޓަލްގައެވެ. ނަމަވެސް ބައެއް އިސްތިސްނާ ހުރެއެވެ. މިސާލަކަށް އިސްރާއީލުގައި ހުންނަ ގާތްގަނޑަކަށް ހުރިހާ އެމްބެސީ ހުންނަނީ ޓެލް އަވީވްގައެވެ. ކެޕިޓަލް ޖެރޫސަލަމްއަކު ނޫނެވެ.

ލަންޑަންގައި ހުންނަ ދިވެހި ހައި ކޮމިޝަން

ކޮންސިއުލޭޓަކީ އެމްބަސީ (ނުވަތަ ހައި ކޮމިޝަން) އަށްވުރެ ކުޑަތަނެކެވެ. އެތަނުން ލިބޭ ޚިދުމަތްތައް ވެސް މަދުވާނެއެވެ. ބައެއް މީހުން ހީކުރާ ގޮތުން ކޮންސިއުލޭޓެއް ހުޅުވޭނީ ހުޅުވާ ސިޓީގައި، މިޝަން ފޮނުވާ ޤައުމުގެ މީހުން ވަކި ވަރަކަށް ތިބެގެންނެވެ. ހަޤީޤަތުގައި މިފަދަ ޝަރުތެއް ނޯވެއެވެ. ދެ ޤައުމުން އެއްބަސްވާ ކޮންމެ ސިޓީއެއްގައި ވެސް ކޮންސިއުލޭޓެއް ހުޅުވިދާނެއެވެ.

ބައެއް މީހުން ހީކުރާ ގޮތުން ޑިޕްލޮމެޓިކް މިޝަނަކީ އެ މިޝަން ޤަބޫލުކުރާ ޤައުމުން ބޭރު ތަނެކެވެ. އެ ޤައުމުގެ ޤާނޫނު ވެސް ނުހިނގާ ތަނެކެވެ. އޭގެ ބަދަލުގައި އެއީ މިޝަން ފޮނުވި ބޭރު ޤައުމުގެ ޤާނޫނު ހިނގާ ސަރަހައްދެކެވެ. މިއީ ހަޤީޤަތެއް ނޫނެވެ. މިޝަންގެ ސަރަހައްދު އަބަދު ވެސް ދެމިއޮންނާނީ މިޝަން ޤަބޫލުކުރާ ޤައުމުގެ ސަރަހައްދެއްގެ ގޮތުގައެވެ. އެހެނަސް ވިއެއްނާ ކޮންވެންޝަންގެ ދަށުން، މިޝަނަކަށް އެތަން ހުންނަ ޤައުމަކުން ވަންނަނީ މިޝަން ފޮނުވާ ޤައުމުގެ ހުއްދަ ލިބިގެންނެވެ. އަލިފާން ނިއްވުން ކަހަލަ ކަމަކަށް ވެސް ވަންނަނީ މިގޮތަށެވެ. އަދި މިޝަންގައި މަސައްކަތް ކުރާ ޑިޕްލޮމެޓިކް މުއައްޒަފުންގެ މައްޗަށް ބައެއް ޤާނޫނުގެ ބައެއް މާއްދާތައް ނުހިންގައެވެ.

މިޝަނެއްގެ މީހަކު ޣައިރު ޤާނޫނީ އަމަލެއް ނުވަތަ މިޝަން ހުންނަ ޤައުމުން ނުރުހޭ ކަމެއް ކުރާކަމަށް ތުހުމަތު ކުރެވުނަސް އެ މީހަކު ހައްޔަރުކޮށް ނަހަދައެވެ. އެ ހާލަތުގައި އޭނާއަކީ އިތުބާރު ނެތް މީހެއް (ޕަރސޮނާ ނޮން ގްރޭޓާ) ކަމަށް ކަނޑައަޅާނީއެވެ. ދެން އޭނާ ފޮނުވި ޤައުމުން ޖެހޭނީ އޭނާ އަނބުރައި ގެންދާށެވެ.

މިފަދަ ހާލަތެއްގައި ވެސް މީހަކު ހައްޔަރުކުރަން މިޝަން ތެރެއަށް އެތަން ހުންނަ ޤައުމުން ނުވަންނާނެއެވެ. އެމީހަކީ އަމިއްލަ ޤައުމުގެ މީހަކަށް ވިޔަސްމެއެވެ. އެހެނަސް މީގެ ފާހަގަކުރެވޭ ބައެއް އިސްތިސްނާތައް އެބަހުއްޓެވެ. މިސާލަކަށް 1967 ގައި ބޭޖިންގގައި ހުންނަ އިނގިރޭސި އެމްބެސީއަށް ޗައިނާގެ ފަރާތުން ވަނުމާއި، 1989-90 ގައި ޓެހެރާނުގައި ހުންނަ އެމެރިކާ އެމްބަސީތެރެއަށް އިރާނުގެ ފަރާތުން ވަނުމާއި 1994 ގައި ލީމާގައި ހުންނަ ޖަޕާންގެ އެމްބެސީތެރެއަށް ޕެރޫގެ ފަރާތުން ވަނުން ފާހަގަކޮށްލެވެއެވެ.

ޓޯކިޔޯގައި ހުންނަ ދިވެހި ހައި ކޮމިޝަން

މިޝަން ފާޑުގެ ތަނެއް ރާއްޖޭގައި އެންމެ ކުރިން ހުޅުވުނީ ދޫނިދޫގައި 1962 ގައި ހުޅުވުނު އިނގިރޭސީންގެ ރެޕްރެޒެންޓެޓިވްގެ އޮފީހެވެ. އެތަނުގެ ވެރިއަކަށް ހުންނެވީ ސަރ އާރތިންގޓަން ޑެވީ އެވެ. އޭނާ ރާއްޖޭގައި ހުންނެވި ބޭނުމަކީ ދެކުނުގެ ގަޑުބަޑު ހަމަޖެއްސުމުގައި އެހީތެރިވެދިނުމެވެ. އެކަން 1963 ގައި ހަމަޖެހުމާ ގުޅިގެން އޭނާ އެނބުރިވަޑައިގަތީއެވެ.

ފުރަތަމަ އަސްލު އެމްބެސީއެއް ހުޅުވުނީ 1965 ގައި ރާއްޖެ މިނިވަންވުމަށް ފަހުގައެވެ. ފުރަތަމަ ހުޅުވުނީ ޓައިވާނުގެ (އެއިރުގެ ނަމުން ރިޕަބްލިކް އޮފް ޗައިނާ)ގެ އެމްބެސީއެކެވެ. އެތަން ހުރީ މާލޭގެ އުތުރުފަރާތުގައި މެރިން ޑްރައިވްގައިވާ އަތޮޅު ފިހާރަތަކުން ފިހާރައެއްގައެވެ. ޓައިވާން އެމްބެސެޑަރު އެދުވަސްވަރު މަޑު ނޫކުލައިގެ، މަތި ނެތް ކާރެއްގައި ވަޑައިގަންނަވާ މަންޒަރަކީ އެދުވަސްވަރުގެ މީހުން ހައިރާންކަމާއެކު ބަލައި އުޅުނު މަންޒަރެކެވެ. ޓައިވާނުގެ މަސްބޯޓްތަކެއް ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކުރުމާ ގުޅިގެން ދިމާވި މައްސަލަތަކެއްގައި އެ އެމްބެސީ ބަންދުކުރީއެވެ.

ރާއްޖޭގައި އެމްބަސީއެއް ނެތި ދުވަސްކޮޅެއް ދިޔުމަށް ފަހު ދެން ހުޅުވުނީ 70 އިގެ އަހަރުތަކުގެ ފަހުކޮޅުގައި އިންޑިއާ އެމްބެސީއެވެ. ރާއްޖެ ކޮމަންވެލްތާ ގުޅުމުން އެތަން ހައި ކޮމިޝަނަކަށް ބަދަލުވިއެވެ. ދާދި ހަމަ އެ ދުވަސްވަރު ލީބިޔާގެ ޕީޕަލްސް ބިއުރޯއެއް މާލޭގައި ހުޅުވުނެވެ. އެއީ އެ ދުވަސްވަރު ލީބިޔާއިން ޤައުމުތަކުގައި ހުޅުވާފައި ހުރި އެމްބެސީތަކަށް ކިޔާ ނަމެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެތަން ބަންދުކުރީއެވެ. އޭގެ ފަހުން ބައެއް އެހެން އެމްބެސީ މާލޭގައި ހުޅުވުނެވެ. މިހާރު ރާއްޖޭގައި ހުރި އެމްބެސީތައް ނިސްބަތްވާ ޤައުމުތަކަކީ ޗައިނާ، ޖަޕާން، ސައޫދީ އެރޭބިއާ، ޔުނައިޓަޑް އަރަބް އެމިރޭޓްސް، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާއާއި ޔުނައިޓަޑް ކިންގްޑަމްއެވެ.

ރާއްޖެއިން މި ބާވަތުގެ ތަނެއް ބޭރު ޤައުމެއްގައި ވަރަށް ކުރީއްސުރެ ހިންގަމުން އައިސްފައި ވެއެވެ. އެއީ ސްރީ ލަންކާގައި އޭރު ހުރި ދިވެހި ދައުލަތުގެ ރެޕްރެޒެންޓިވް އޮފީހެވެ. އެތަން ހުޅުވުނީ 11 މާރޗް 1906 ގައެވެ. ފުރަތަމަ ރެޕްރެޒެންޓެޓިވަކީ އަތިރީގޭ އަބްދުލް ޙަމީދު ދީދީ އަފަންދީއެވެ. އެ އޮފީހަކީ އެމްބެސީއެއް ނޫނެވެ. ސަބަބަކީ އެއިރު ދެ ޤައުމު ވެސް އޮތީ އިނގިރޭސީންގެ ދަށުގައި ކަމަށް ވާތީއެވެ. ދެ ޤައުމުވެސް މިނިވަންވުމާ ގުޅިގެން އެ އޮފީސް އެމްބެސީއަކަށް ބަދަލުވިއެވެ. އަދި ރާއްޖެ ކޮމަންވެލްތާ ގުޅުމުން ހައި ކޮމިޝަނަކަށް ބަދަލުވިއެވެ. އޭގެ ފަހުން ބޭރުގެ ބައެއް ސިޓީތަކުގައި ރާއްޖޭގެ މިޝަންތައް ހުޅުވުނެވެ. އެ ސިޓީތަކަކީ ޑާކާ، ބްރަސެލްސް، ބޭޖިންގ، ބަރލިން، ނިއު ދިއްލީ، ތިރުވަނަންތަޕުރަމް، ޓޯކިއޯ، ކުއާލާ ލަމްޕޫރު، އިސްލާމް އާބާދު، ރިޔާދު، ސިންގަޕޫރު، ކޮލޮމްބޯ، ބެންގކޮކް، އަބޫ ދާބީއާއި ލަންޑަންއެވެ. މީގެ އިތުރުން ޖެނީވާއާއި ނިއު ޔޯރކް ސިޓީގައި އ.ދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުން ތިބެއެވެ.

މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން

ޑިޕްލޮމެޓިކް އިމްތިޔާޒުތައް:

ޑިޕްލޮމެޓިކް ފަރާތްތަކަށް ލިބޭ އިމްތިޔާޒުތަކަކީ 1961 ވަނަ އަހަރު އޮސްޓްރިއާގެ ވިއެއްނާގައި ބޭއްވި ރަސްމީ ބައިނަލް އަޤްވާމީ ބައްދަލުވުމެއްގައި ޤައުމުތަކުން އެއްބަސްވެފައިވާ މުއާހަދާއެއްގެ ދަށުން ލިބޭ އިމްތިޔާޒުތަކެކެވެ. އެ މުއާހަދާ ނުވަތަ "ވިއެއްނާ ކޮންވެންޝަން"ގެ މައިގަނޑު ނުކުތާތަކަކީ:

  1. ވަނަ މާއްދާ: (ބަސްތަކުގެ މާނަތައް)
  2. ވަނަ މާއްދާ: ޑިޕްލޮމެޓިކް ގުޅުންތަކާއި މިޝަންތައް ޤާއިމު ކުރެވެނީ ދެފަރާތުން އެއްބަސްވެގެންނެވެ.
  3. ވަނަ މާއްދާ: ޑިޕްލޮމެޓިކް މިޝަނެއްގެ މަސައްކަތުގެ ތެރޭގައި އެހެން ކަންތައްތަކުގެ އިތުރުން އަންނަނިވި ކަންކަން ހިމެނެއެވެ:

(އޭ) މިޝަން ޤަބޫލުކުރާ ޤައުމުގައި މިޝަން ފޮނުވާ ޤައުމު ތަމްޘީލުކުރުން؛

(ބީ) މިޝަން ޤަބޫލުކުރާ ޤައުމުގައި، ޤާނޫނު ހުއްދަކުރާ މިންވަރަކަށް މިޝަން ފޮނުވާ ޤައުމާއި އެ ޤައުމުގެ ރައްޔިތުންގެ މަންފާ ހިމާޔަތްކުރުން؛

(ސީ) މިޝަން ޤަބޫލު ކުރާ ޤައުމާއެކު ނެގޯޝިއޭޓް ކުރުން (ވާހަކަ ދައްކައިގެން އެބަސްވުމަކަށް އައުން)؛

(ޑީ) ޤާނޫނު ހުއްދަކުރާ ކޮންމެ ގޮތަކުން މިޝަން ޤަބޫލުކުރާ ޤައުމުގެ ހާލަތާއި އެއަށް އަންނަ ބަދަލުތައް ބަލައި ކަށަވަރުކޮށް މިޝަން ފޮނުވާ ޤައުމަށް ރިޕޯރޓްކުރުން؛

(އީ)  މިޝަން ފޮނުވާ ޤައުމާއި ޤަބޫކުރާ ޤައުމާއި ދެމެދުގައި ރަހުމަތްތެރި ގުޅުންތަކަށް މަގުފަހިކުރުމާއި ވިޔަފާރި، ޘަޤާފީ އަދި ސައިންސްގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި ގުޅުން އުފެއްދުން.

===

  1. ވަނަ މާއްދާ: މިޝަން ޤަބޫލުކުރާ ޤައުމަކަށް، ސަބަބެއް ނުބުނެ، ކޮންމެ އިރަކުވެސް މިޝަންގެ އެއްވެސް މީހަކީ އިތުބާރު ނުކުރެވޭ (ޕަރސޮނާ ނޮން ޤްރާޓާ) މީހެއް ކަމަށް ނުވަތަ ގަބޫލު ނުކުރެވޭ މީހެއް ކަމަށް ނިންމައި އެކަން މިޝަން ފޮނުވި ޤައުމަށް އެންގިދާނެއެވެ. އެ ހާލަތުގައި މިޝަން ފޮނުވި ޤައުމަށް ޖެހޭނީ އެ މީހަކު އަނބުރައި ގެންދަން ނުވަތަ ވަޒީފާއިން ވަކިކުރާށެވެ.

===

  1. ވަނަ މާއްދާ: އެހެން ގޮތަކަށް އެއްބަސްވެފައި ނެތް ހާލަތްތަކުގައި މިޝަނެއްގައި ތިބެވޭނީ މިޝަން ޤަބޫލުކުރާ ޤައުމުގެ ނަޒަރުގައި އެ މިޝަނަށް ބޭނުންވާ އަދަދު ކަމަށް އެ ޤައުމުން ކަނޑައެޅިދާނެއެވެ.
  2. ވަނަ މާއްދާ: މިޝަން ހުރިތަން ނޫން އެހެން ތަނެއްގައި މިޝަންގެ ބަޔެއް މިޝަން ފޮނުވާ ޤައުމުން، މިޝަން ހުންނަ ޤައުމުގެ ހުއްދަ ކަނޑައެޅިގެން ކުރިން ލިބިގެން މެނުވީ ޤާއިމުކޮށްގެން ނުވާނެއެވެ.

===

  1. ވަނަ މާއްދާ: މިޝަނާއި އެތަނުގެ ވެރިޔާއަށް މިޝަން ފޮނުވާ ޤައުމުގެ ދިދަ މިޝަންގެ ސަރަހައްދުގައާއި ވެރިޔާ ދިރިއުޅޭ ތަނުގައާއި އޭނާ ބޭނުންކުރާ ދަތުރުފަތުރުގެ ވަސީލަތުގައި ބޭނުންކުރުމުގެ ހައްޤު ލިބިގެންވެއެވެ.
  2. ވަނަ މާއްދާ: (1) މިޝަން ހުންނަ ޤައުމުން މިޝަން ފޮނުވާ ޤައުމަށް، ޤާނޫނާ އެއްގޮތަށް ޖާގަ ހޯދުމަށް ނުވަތަ ތިބޭނެ ތަނެއް އެ ނޫން ގޮތަކުން ހޯދުމަށް މަގުފަހިކޮށްދޭނެއެވެ.

(2)  ބޭނުންވާ ހާލަތުތަކުގައި މުއައްޒިފުން ތިބޭނެ އެކަށީގެންވާ ތަންތަން ހަމަޖެއްސުމުގައި ވެސް މިޝަން ހުރި ޤައުމުން އެހީތެރިވާނެއެވެ.

  1. ވަނަ މާއްދާ: (1) މިޝަންގެ ސަރަހައްދު ވާންވާނީ ހުރުމަތްތެރި ވެގެންވާ ތަނަކަށެވެ. މިޝަން ފޮނުވާ ޤައުމުގެ ހުއްދަނެތި އެތަނަށް މިޝަން ހުންނަ ޤައުމުން ފޮނުވާ ބަޔަކަށް ނުވަދެވޭނެއެވެ.

(3) މިޝަން ފޮނުވާ ޤައުމުގެ ހުއްދަނެތި މިޝަނާއި އެތަނުގައި ހުންނަ ތަކެއްޗާއި މިޝަންގެ މެމްބަރުން ބޭނުންކުރާ އުޅަނދުފަހަރު ބަލައި ފާސްކޮށް އެ އެއްޗެތި ހިފަހައްޓައިގެން ނުވާނެއެވެ.

===

  1. ވަނަ މާއްދާ: މިޝަންގެ ލިޔެކިއުންތަކާއި ރައްކާކޮށްފައި ހުންނަ މައްލޫމާތުތަކަކީ ކޮންމެ ވަގުތަކު ވެސް، ކޮންމެ ތަނެއްގައި ހުއްޓަސް ހުރުމަތްތެރި ވެގެންވާ އެއްޗެއްސެވެ.

===

  1. ވަނަ މާއްދާ: މިޝަންގެ މެމްބަރުންގެ ހަށިތައް ހުރުމަތްތެރި ވެގެންވެއެވެ. އެއިން މީހަކު އެއްވެސް ގޮތަކުން ހިފަހައްޓައި ހައްޔަރު ނުކުރެވޭނެއެވެ.

===

  1. ޑިޕްލޮމެޓިކް މިޝަނެއްގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ޤާނޫނެއްގެ ދަށުން ފިޔަވަޅެއް ނޭޅޭނެއެވެ. އަދި މަދަނީ މައްސަލައެއްގައި ވެސް، ބައެއް އިސްތިސްނާ ކަންކަމުގައި މެނުވީ ފިޔަވަޅު ނޭޅޭނެއެވެ.

 

(ނޯޓް: މިތާނގައި ލިޔެފައި މިވަނީ 53 މާއްދާ އެކުލެވޭ ވިއެއްނާ ކޮންވެންޝަންގެ މާއްދާތަކުގެ ތެރެއިން މި ލިއުމަށް ބޭނުން ބައެއް މާއްދާއެވެ. މުޅި ކޮންވެންޝަނެއް ނޫނެވެ.)

 

ކަވަރ ފޮޓޯ: ކޮލޮމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަން

ރިފަރެންސް

  1. ވިކިޕީޑިއާ (2021) "ޑިޕްލޮމެޓިކް މިޝަންސް"
  2. ޔުނައިޓަޑް ނޭޝަންސް (2005) "ޖެނީވާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް، 1961،"