މަސްތުވާތަކެއްޗާއެކު ހދ. ކުޅުދުއްފުއްޓާއި ގއ. ވިލިނގިލިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުުގެ ތެރެއިން މެއި 31 ވަނަ ދުވަހު، 34 އަހަރުގެ މީހަކު، ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށި ބަނދަރުމަތިން ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ އަތުގައި އޮތް ކޮތަޅެއްގެ ތެެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މެއި 30 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު، މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން 44 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ވަނީ ދީފައެވެ. މިގޮތުން 34 އަހަރުގެ މީހާއަށް ކުޅުދުއްފުށި ކޯޓުން 10 ދުވަހުގެ މުއްދަތެއް އަދި 44 އަހަރުގެ މީހާއަށް ވިލިނގިލި ކޯޓުން 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



advertisment