Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: ތުރުކީގެ ބޮޑުވަޒީރު އަދުނާނު މެންދެރޭސް ދަންޖެއްސުން

ފޮޓޯއިން އެ ފެންނަނީ ތުރުކީގެ ބޮޑުވަޒީރު އަދުނާނު މެންދެރޭސް، 1961ގައި ދަންޖައްސާ މަންޒަރެވެ. އޭނާގެ ކުށަކީ ހެއްޔެވެ؟ އޭނާ ހައްޔަރުކުރި، ތުރުކީގެ އަސްކަރިއްޔާއިން އޭނާގެ މައްޗަށް ތުހުމަތުކުރީ ތުރުކީގެ ގާނޫނު އަސާސީއާ ޚިލާފުވުމައި ތުރުކީގެ ޔޫނާނީ ދަރިކޮޅު މީހުންނާ އިދިކޮޅު ހަރަކާތްތަކެއް ހިންގުމުގައި އިސް ދައުރެއް އަދާކުރުމުގެ ކުށެވެ.

ރައީސް އަދުނާނު މެންދެރޭސް ތުރުކީގެ ބޮޑު ވަޒީރުކަން ކުރެއްވީ 1950 އިން ފެށިގެން 1960 ވަނަ އަހަރާ ހަމައަށެވެ. އޭނާގެ ވެރިކަމުގެ ދަށުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދީނީ ކަންތައްތަކެއް ފާހަގަކުރެވެއެވެ. އަރަބި ބަހުން ބަންގި ގޮވުން އިއާދަކުރުމާއި، ބަންދުކުރެވިފައި ހުރި އެތައް މިސްކިތެއް ހުޅުވުމާއި އިހުއްސުރެން ތުރުކީގައި އޮތް އާންމު އިސްލާމީ އާދަކާދީ ދިރިއުޅުން އުޅުމުގެ ހުއްދަ ދިނުން ފަދަ ކަންތައް ތަކެވެ. މީގެ އިތުރުން، ތުރުކީގެ ރައްޔިތުންގެ މަޖުލީސް އެދޭ ނަމަ، އާދެ، ތުރުކީ މީހުން އެދޭ ނަމަ، އިސްލާމީ ޚިލާފަތް އަލުން ގާއިމުކުރުމާ މެދު އޭނާ ދެކޮޅު ނުހަދާނެ ވާހަކަ ވެސް ރައްޔިތުންގެ މަޖުލީހުގައި އޭނާ ވިދާޅުވިއެވެ.

ކޮންމެ އަކަސް އޭނާގެ ދީނީ މައުގިފު ވެގެން ދިޔައީ އޭނާގެ އިދިކޮޅު މީހުން މާ ރުހުނު ކަމަކަށް ނޫނެވެ. އަދި، އޭނާގެ މަގާމުން ދުރުކުރަން މެދުވެރި ކުރުވި ސަބަބަކަށެވެ. ދެން، 1960ގައި އަސްކަރީ އިންގިލާބަކުން އޭނާގެ ސަރުކާރު ވައްޓާލެވުނެވެ. އަދި، އޭނާގެ މައްޗަށް އަސްކަރީ ކޯޓަކުން ޝަރީއަތް ކުރެވި، އޭނާ ކުށްވެރިކޮށް އޭނާ ދަންޖައްސައި މަރަން ހުކުމު ކުރިއެވެ. އަދި، ސެޕްޓެމްބަރު 1961ގައި އޭނާގެ މައްޗަށް އެ ހުކުމު ތަންފީޒުކުރެވުނެވެ.

އޭނާ ދަންޖެއްސުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ ބުނިކަމަށް އޮވެއެވެ. ތުރުކީގެ މީހުންނަކީ މުސްލިމުންނެވެ. އެމީހުން ދެމި ތިބޭނީ މުސްލިމުންގެ ގޮތުގައެވެ. އެހެންވެ، މުސްލިމުންގެ ގޮތުގައި އެމީހުން ދެމިތިބުމައްޓަކައި އިސްލާމީ އުސޫލުތައް އެމީހުންނަށް އުނގަންނައިދޭން ޖެހެއެވެ.

އަދުނާނު މެންދެރޭސްގެ ހަޔާތުންނާއި ވާހަކަކޮޅުން ދެތިން ކަމެއް ފާހަގަވެއެވެ. މުސްލިމުންގެ ބޮޑު އަޚުލަބިއްޔަތެއް އޮތް ތަނެއްގައި ވެސް، އިސްލާމް ދީނާ ނުރުހޭ، އަދި ދެކޮޅު ހަދާފާނޭ މަދު ބަޔަކު އުޅެފާނޭ ކަމާއި އަދި ވެރިކަމުގެ މައްޗަށް އެމީހުން ބާރު ފޯރާފާނޭ ކަން ވެސް މެއެވެ. މިކަން މިހެން ވަނީ ދީނީ ދާއިރާތަކުން ކިޔަވާ މީހުންގެ ސިކުނޑި ހަމަ އެކަނި ދީނީ ދާއިރާގެ ތެރޭގައި ހައްޔަރުވެފައި އޮތުމެވެ. އެދާއިރާގެ އިތުރުން، ދުނިޔޭގެ އެހެން ކަންކަމާ ބެހޭ ގޮތުން ވެސް ވިސްނައި ފިކުރުކުރުމުގެ އެކަށޭނަކަން ދީނީ މީސް މީހުން ހޯދަން ނޫޅުމެވެ. މިހެން ކަންތައް އޮތުމުން، އާންމުންގެ ކުރިމަތީގައި ދީނަކީ ހަމައެކަނި ބަރަކާތް ހޯދުމުގެ ވަސީލަތެއް ކަމުގައި ވެއެވެ. އަދީ ދީން ގަބޫލުކުރާ މީހާއާއި ދީނާ ދެމެދު އޮންނަ ގުޅުމަކީ ޖަޒުބާތީ ގުޅުމެއް ކަމުގައި ވެއެވެ. ހަމައެކަނި ހިތުގެ ގުޅުމެއް ކަމުގައި ވެއެވެ. އަގުލާނީ ސިފަ އެ ގުޅުމަށް ލިބިފައެއް ނޯވެއެވެ. އެހެންވެ، ދީން އޮންނަން ޖެހޭނީ މިސްކިތުގެ މިހުރާބުގެ ތެރޭ އެކަނި ކަމުގައި މީސްތަކުންނަށް ގަބޫލުކުރެވެއެވެ. އެ ޖަގަހައިން ދީން ނެރެ، ހަޔާތުގެ އެހެން މައިދާންތަކާ ދީނާ ގުޅޭ ވާޙަކަ ދައްކަން ފަށައިފި ނަމަ، މިކަމާ ބަޔަކު ކަންބޮޑުވެ، އެފަދަ ވާހކަތައް ދައްކާ މީހުން ބަންދުކުރެވި، އެމީހުންގެ ދުވަސް ދުއްވާލައެވެ.

އަދުނާނު މެންދެރެސްގެ މައްސަލައަކީ ވެސް މިކަހަލަ މައްސަލައެކެވެ. ދީނަށް އޭރު ތުރުކީގައި ދެވިފައި އޮތް މަގާމާ އިދިކޮޅަށް މަސައްކަތްކުރެވުމެވެ. އެކަމުގެ ސަބަބުން އޭނާއަށް އޭނާގެ ހަޔާތް ގުރުބާންކޮށްލަން ޖެހުނެވެ.

މަރުހޫމު އަދުނާނު އެންދެރޭސްގެ ވާހަކައިއާއި ދީން މިސްކިތުގެ މިހުރާބުގޭ ތެރެއިން ނެރޭ ވާހަކަ ދައްކައި އެކަމުގެ މަތިން ހަނދާންކޮށްލާއިރު، އެހެން ކަމެއް ވެސް ފާހަގަކޮށްލަން ޖެހެއެވެ. މިސްކިތުގެ މިހުރާބުގޭ ތެރެއިން ދީން ނެރެވޭނި މުއުމިނާއާއި ދީނާ ދެމެދު އޮންނަ ގުޅުމަކީ ޖަޒުބާތީ، އާދެ، ހިތުގެ ގުޅުމެއްގެ އިތުރުން، އަގުލާނީ، އާދެ، ސިކުނޑީގެ ގުޅުމަކަށް ވެސް ހަދާލެވިގެންނެވެ. ދީނުގެ ދީނީ ކަންކަމާއި އަދި މުޖުތަމައީ ކަންކަމީ ކޮބައިކަން ވަކިކުރެވިގެންނެވެ. މި ދެބައިގެ މައްޗަށް އަގުލާނީ ސިފައެއްގައި ނަޒަރު ހިންގައި، މި ދެބައާ ބެހޭ ތައުލީމާތުތަކުގެ ތަބީއަތް ދެނެގަނެވިގެންނެވެ. މި ތައުލީމާތުތަކުގައި އިސްކަން ދެވިފައިވަނީ ކޮން ކަމަކަށްތޯ އެނގިގަނެވިގެންނެވެ. ލަފްޒީ މާނައަކުން މާނަކުރުންތޯ ނުަވަތަ އުސޫލީ، ނުވަތަ މަގުސަދީ މާނަކުރުމަކުން މާނަކުރަމަށްތޯ ބަލައި މިކަން ކަނޑައަޅާލެވިގެންނެވެ. މިކަން ކުރެވެން އަންނަނީ ދެންމެ މި ބުނިހެން ދީނުގެ ތައުލީމާތާ ބެހޭ ޝަރުއީ ނައްސުތަކުގެ މައްޗަށް، އަދުގެ ހާލަތު އޮތް ގޮތް ހިތަށް ގެނެސް، މިނިވަންކަމާއެކު ނަޒަރު ހިންގި ގެންނެވެ. ޚާއްސަ ގޮތެއްގައި ޝަރުއީ ނައްސުތަކުގެ ތެރެއިން މުޖުތަމައު އިންތިޒާމު ކުރުމާ ބެހޭ ނައްސަތުތަކުގެ މައްޗަށެވެ. މި ސަފައިގައި މިކަން ނުކުރެވޭ ނަމަ، މިސްކިތުގެ މިހުރާބުން ދީން ނެރެން އުޅޭ ކޮންމެ މީހަކީ 'ހަރުކަށި ފިކުރުގެ' މީހަކަށް ހަދާލެވި، އަދުނާނު މެންދެރޭސް އަށް ޖެހުނު ދަތުރު ޖެހުން ކައިރިއެވެ.