Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: ހަދާނެ ގޮތް ހުސްވުން

މަތިން އެ ފަންނަ ތަސްވީރަށް ބަލައިލުމުން، ފިނިހަކައަށް ޖެހިފައިވާ ހާލު ފެނެއެވެ. ކުރިއަށްދާން ފިރުކިލިޔަސް ވޭނެވެ. ފަހަތަށް ދާން ފިރުކިލިޔަސް ވޭނެވެ. އަދި އޮންނަތާ އޮންނަން ޖެހުނަސް ވޭނެވެ. ސުއާލަކީ ފިނިހަކަށް ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

މި ސުއާލުގެ ޖަވާބު ހޯދުމުގެ ގޮތުން ކުރަން ޖެހެނީ ސުއާލެކެވެ! އެ ދަންތުރައިގެ ތެރޭގައި ފިނިހައް ޖެހުނީ ކިހިނެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ފިނިހަކުގެ އަމަލުތަކުގެ ސަބަބުންނެވެ. ވަގުތީ އުފަލަކަށްޓަކައި، ނުވަތަ ވަގުތީ އުފަލެއް، ހިތްހަމަޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދުގައި ކުރެވުނު ކަމެއްގެ ސަަބަބުން އެއޮތްތަނަށް އާދެވުނީއެވެ. ދެން، ކުރިއަށް ވެސް އަދި ފަހަތަށް ވެސް އަދި، އެ އޮތް ތާނގައި އޮތުން ވެސް ވަނީ ވޭނަކަށެވެ. ދެން އޮންނާނީ އެ ތަނުން ފުންމާލެވޭތޯ ބެލުމެވެ. ނަމަވެސް، އެ ތަނުގައި އޮވެ ގިނަ އިރުވުމުން، މިކަން ވެެސް ފަސޭހަކަމަކަށް ނުވެއެވެ. ބާރެއް ލައި ފުންމާލަން އުޅުނަސް އިތުރު އަނިޔާ ލިބެއެވެ. ކޮންމެ ވެސް ވަރެއްގެ ޒަޚަމްތަކެއްނުވެ، ފުންމާލެވޭ ގޮތެއް ވެސް ނެތެވެ. އެހެންވީމާ، މިކަމުގެ ހަގީގީ ހައްލަކީ، އެފަދަ ދަންތުރައިގައި ނުޖެހުމެވެ. އެފަދަ ނުރައްކާތެރި މަގާމަކަށް ތިމާގެ ނަފްސު ހުށަނޭޅުމެވެ.

މި ތަސްވީރު ބުނެދޭ ހަޔާތުގެ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ކުށްކުށަށް އަރައިގަނެވިދާނެއެވެ. އަދި، ކުށް ކުރުމުގައި ދެމިވެސް ހުރެވިދާނެއެވެ. ދުވަސް ކޮޅަކަށެވެ. ނަމަވެސް، ފިނިހަކަށް ޖެހުނު ދަތުރު ޖެހޭ ދުވަސް އަންނާނެއެވެ. އެ ދުވަސް އައުމުން ފަހަތަކަށް ނުދެވޭނެއެވެ. އާދެ! މާޒީގައި ކުރެވިދާ ކަންކަން ބަދަލު ނުކުރެވޭނެއެވެ. ކުރިއަކަށް ވެސް ނުދެވޭނެއެވެ. ގާނޫނު އަރާ ހަމަކޮށް، ކުރިއަށް ދިޔުން ހުއްޓުވާނެތީއެވެ. އެ އޮތްތާ މަޑުން އޮތަކަވެސް ގާނޫނެއް ތަނެއް ނުދޭނެއެވެ. ފުއްމާލައިގެން ގާނޫނަށް ފިލަންދުވެވޭކަށް ވެސް ނޯވެއެވެ. އެކަމުން ރެކެން މަސައްކަތްކުރުމުގެ ގޮތުން އަނގަހުޅުވާލިޔަސް އިތުރަށް ކުށުގެ ތެރެއަށް ގެނބޭ ގޮތް ވެއެވެ. ހަމައެކަނި އޮންނާނީ ގާނޫނާ ކުރިމަތިލުމެވެ. ކުށްކުރުމުގެ ނަތީޖާއާ ކުރިމަތިލުމެވެ. އެެހެންވެ، ފިނިހަކައަށް ވެސް ސަލާމަތްކަން އޮތީ އޭތި ޖެހުނު ދަންތުރައިގައި ނުޖެހި އުޅުން ފަދައިން، އިންސާނާއަށް ވެސް ސަލާމަތްކަން އޮތީ ކުށްތަކަށް އަރައިނުގަތުމެވެ. ވަގުތީ ފައިދާއަކަށްޓަކައި، ގާނޫނުގެ މިޔައިގެ ތޫނުކަން އެނގޭއިރު، ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނާއި އަދި ނާޅާވެސް ގާނޫނުގެ ކަނޑީގެ މިޔައިގެ މައްޗަށް ނަފްސު އެއްލާނުލުމެވެ! ވައްކަމާއި ރިޝްވަތު ފައިސާގައި ހިފައި ފަސާދައިގެ އަމަލުތަކުގައި ބައިވެރިނުވުމެވެ. ތިމާގެ ތެދުވެރިކަމާއި އަމާނަތް، އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަން ގެއްލިގެންދާނޭ ފަދަ އަމަލުތަކަށް ތިމާގެ ނަފްސު ހުށަނޭޅުމެވެ! އާދެ! ފިނިހަކައަށް ޖެހުނު ދަތުރު ޖެހުނު ބައެއްގެ ކިބައިން އިބުރަތް ލިބިގަނެ ފިނިހަކައަށް ޖެހުނު ދަތުރު ނުޖެހިވޭތޯ އުޅެން ދަސްކުރަންޖެހެއެވެ!