Support Us

ރަމަޟާން މަހާއި ޝައިޠާނާގެ ދޮރޯށިތައް- 2

ރޯދައާއި ދުލުގެ ދޮރޯށިތައް 

ދުލަކީ އިންސާނާގެ ހަށިގަނޑުގެ ރަސްގެފާނެވެ. ހެޔޮބަސް ބުނުމަށާއި މުހުތާދުތައް ފުއްދުމަށާއި ޝަރްޢުގައި އަންގަވާފައިވާ ގޮތަށް ލަގަން އަޅުވައިގެން ގެންގުޅެފިނަމަ އެއީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އެކަމަކު އޭތި ޝައިޠާނާގެ އަތަށް ދޫކޮށްލައި އެއާމެދު އިހްމާލުވެއްޖެނަމަ އެއީ ނާމާންކަމާއި އަބާއްޖްވެރިކަމުގެ ބަނދަރެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((وَهَلْ يَكُبُّ النَّاسَ فِي نَارِ جَهَنَّمَ إِلا حَصَائِدُ أَلْسِنَتِهِمْ [1]– އެބައިމީހުންގެ ދުލުން ކަނޑައި ގޮވާމެއްގެ ސަބަބުން މެނުވީ މޫނުވަތަށް ނަރަކައަށް މީސްތަކުން ވައްޓައިލެވޭނެ ހެއްޔެވެ؟)) އަދިވެސް ޙަދީޘް ކުރެއްވިއެވެ. ((إِذَا أَصْبَحَ ابْنُ آدَمَ فَإِنَّ الْأَعْضَاءَ كُلَّهَا تُكَفِّرُ اللِّسَانَ فَتَقُولُ اتَّقِ اللَّهَ فِينَا فَإِنَّمَا نَحْنُ بِكَ فَإِنْ اسْتَقَمْتَ اسْتَقَمْنَا وَإِنْ اعْوَجَجْتَ اعْوَجَجْنَا[2]– ކޮންމެ ދުވަހަކަށް އާދަމުގެ ދަރިޔާ ހޭލުމުން އޭނާގެ ހުރިހާ ގުނަވަންތަކެއް ދުލަށް ކިޔަމަންގަނެ ބުނާނެތެވެ. އަހުރެމެންގެ ޙައްޤުގައި ތިބާ ﷲއަށް ބިރުވެތިވާށެވެ! ފަހެ ހަމަކަށަވަރުން އަހުރެމެންނަކީ ތިބާގެ ބަޔަކީމުއެވެ.  ފަހެ ތިބާ ސީދާވެގަންފިނަމަ އަހުރެމެން ސީދާވެދާނެއެވެ. ތިބާ ކަސިޔާރުވެއްޖެނަމަ އަހުރެމެން ކަސިޔާރު ވެދާނެއެވެ.))

މި ބަސްފުޅުތަކުން ދުލުގެ މުހިއްމުކަމާއި ނުރައްކާތެރިކަން އެނގެއެވެ. މި ދޫ ރައްކައުތެރިކުރުމަށް ޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނެއެވެ. ދުލަށް ރައްކައުތެރިވާން ޖެހޭ މިންވަރުގެ ބޮޑުކަން ހާމަކޮށްދެއްވަމުން މާތްﷲ އެ ކަލޭގެފާނަށް ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. ((مَا عَلَى وَجْهِ الأَرْضِ شَيْءٌ أَحْوَجُ إِلَى طُولِ سِجْنٍ مِنْ لِسَانٍ[3]– ދުލަށް ވުރެ ގިނައިރު ހުރަގޭގައި ބަންދުކޮށްފައި ބާއްވަން ޖެހޭ އެހެން އެއްޗެއް މި ބިންމައްޗަކު ނުވެއެވެ.))

ކަލިމައަކީ ތިބާގެ އަޅެކެވެ. އެކަމަކު އެ ކަލިމަ ތިބާގެ އަނގައިން ބޭރުވެއްޖެނަމަ ތިބާ އޭގެ އަޅަކަށް ވީއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ[4]– ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.))

ޔަޙްޔާ ބުނު މުޢާޛު ވިދާޅުވަނީ ((ހިތަކީ އޭގައި ހުރި އެއްޗެހި ކައްކާދޭ ތެލިތަކެއް ފަދަ އެއްޗެކެވެ. އަދި ދުލަކީ އެ ތެލީގެ އުނދުޅިއެވެ. ފަހެ މީހަކު ވާހަކަ ދައްކާއިރު ބަލާށެވެ! އޭނާގެ ދުލުން  ފޮނި އެއްޗެއްސާއި ހުތް އެއްޗެއްސާއި މީރު އެއްޗެއްސާއި ހިތި ހަބަރު އެއްޗެހި އަޅައިދޭނެއެވެ. އޭނާގެ ހިތުގެ ރަހަތައް އޭނާގެ ދުލުގެ އުދުލިން ތިބާއަށް އަޅައިދޭނެތެވެ.))

ދުލަކީ ދެ މިޔަލީ ހަތިޔާރެކެވެ. އެއީ ހެޔޮކަމުގެ އާލަތެކެވެ. ކާމިޔާބީއަށް ވާޞިލުވުމަށް ލިބިފައިވާ ސަވާރީއެކެވެ. މިއާޚިލާފަށް އެއީ ނުބައި ކަމުގެވެސް އާލަތެކެވެ. އެއީ ވިހަ ގަދަ ހަރުފައެކެވެ. ދުލުގެ މުހިއްމުކަމާއި ނުރައްކާތެރިކަމާ ހެދި ދުލަށް ރައްކައުތެރިވުމަށް ކީރިތި ރަސޫލާއާއި އެކަލޭގެފާނުންގެ ޞަޙާބީން ވަރަށް ގިނަގުނަ އިރްޝާދުތަކާއި ނަސޭހަތްތައް ދެއްވައިފައި ވެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ ބައެއް ބަސްފުޅުތައް ދަންނަވާލާނަމެވެ.

  • މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ [5]– ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހަ ފަހެ ހެޔޮ ބަސް ބުނާށެވެ. ނުވަތަ ހަނު ހުންނާށެވެ!)) އިމާމު ނަވަވީ ވިދާޅުވާ ގޮތުގައި މީގެ މާނައަކީ ހެޔޮ ރަނގަޅު ބަހެއް މެނުވީ ބުނެގެން ނުވާނެއެވެ. އެއީ އޭގައި މަޞްލަޙަތެއް އޮތުމެވެ. މަޞްލަޙަތެއް އޮތް ކަމާމެދު ޝައްކުވާ މީހާއަށްވެސް އިތުރުވެގެން ވަނީ ހަނު ހުރުމެވެ.[6]
  • މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އަބޫ މޫސަލް އަޝްޢަރީގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! މުސްލިމުންކުރެ އެންމެ ރަނގަޅީ ކޮން މުސްލިމެއް ތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ((الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ [7]– މުސްލިމަކީ އޭނާގެ އަތާއި ދުލުން މުސްލިމުން ސަލާމަތްކުރާ މީހާއެވެ. މުހާޖިރަކީ ﷲ ނަހީ ކުރައްވާފައިވައިފައިވާ ކަންތައްތަކާ ދުރުހެލިވެފައިވާ މީހާއެވެ.))
  • މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި ސަހްލު ބުނު ސަޢުދުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ [8]– ތިމަންކަލޭގެފާނަށް  އެ މީހެއްގެ  ދެ ދަތްޕިލަ ދެމެދާއި ދެފައި ދެމެދު ޖާމިނުކޮށް ދިން މީހަކަށް ތިމަންކަލޭގެފާނު ސުވަރުގެ ޖާމިނުކޮށް ދެއްވާ ހުށީމެވެ.))
  • މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވި އަޑު އެއްސެވީމެވެ. ((إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا يَزِلُّ بِهَا فِى النَّارِ أَبْعَدَ مَا بَيْنَ الْمَشْرِقِ وَالْمَغْرِبِ [9]– ހަމަކަށަވަރުން އަޅާ ވިސްނައިލުމަކާނުލައި ބަސް ބުނުމުގެ ސަބަބުން މަޝްރިޤާއި މަޣްރިބާ ދެމެދުގައިވާ ފަދަ ދުރުމިނުގެ ނަރަކައަށް އޭނާ ވެއްޓި ދާނެތެވެ.))
  • ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ رِضْوَانِ اللَّهِ لاَ يُلْقِى لَهَا بَالاً يَرْفَعُ اللَّهُ بِهَا لَهُ دَرَجَاتٍ وَإِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ لاَ يُلْقِى لَهَا بَالاً يَهْوِى بِهَا فِى جَهَنَّمَ  [10]– ހަމަކަށަވަރުން އަޅާ،  ﷲ ރުހިވޮޑިގަންނަވާ ބަސްތަކުން ވާހަކަ ދައްކަމުން ދާނެއެވެ. ﷲ އެ ބަސްތަކުގެ ސަބަބުން އޭނާގެ ދަރަޖަތައް އުފުއްލަނވާނެއެވެ. އަދި ހަމަކަށަވަރުން، އަޅާ ވިސްނައިލުމަކާ ނުލައި، ﷲ ރުހިވޮޑިނުގަންވާ ބަސްތަކުން ވާހަކަ ދައްކަމުން ދާނެއެވެ. އެކަމުގެ ސަބަބުން އޭނާ ޖަހަންނަމައަށް ވެއްޓިގެން ދާނެއެވެ.))
  • ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((وَيْلٌ لِلَّذِي يُحَدِّثُ بِالْحَدِيثِ لِيُضْحِكَ بِهِ الْقَوْمَ فَيَكْذِبُ وَيْلٌ لَهُ وَيْلٌ لَهُ [11]– މީސްތަކުން ހެއްވައިލުމަށް ޓަކައި ވާހަކަ ދައްކާއިރު ދޮގު ހަދައިގެން ވާހަކަ  ދައްކާ މީހާއަށް ހަލާކު ހުށްޓެވެ.އޭނާއަށް ހަލާކު ހުށްޓެވެ. އޭނާއަށް ހަލާކު ހުށްޓެވެ!))
  • މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި ޢަބްދު ﷲ ބުނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. "ޤިޔާމަތް ދުވަހުން އެންމެ ކުށް ގިނަ މީހުންނަށް ވާނީ އެންމެ ގިނައިން ބާޠިލު ވާހަކަތައް ދައްކާ އުޅުނު މީހުންނެވެ."[12]
  • ޠާވޫސް ވިދާޅުވިއެވެ. "މަގޭ ދުލަކީ މިނިކާ އެއްޗެކެވެ. އަހުރެން އެ ދޫކޮށްލައިފިނަމަ އޭތި އަހުރެން ކައިލައިފާނެއެވެ."[13]
  • އިބްނު ބުރައިދާ ވިދާޅުވިއެވެ. މާތްﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އިބްނު ޢައްބާސުގެފާނު އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައިގެން ހުންނަވާ ދުލާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "ތިބާއަށް ހަލާކު ހުށްޓެވެ. ހެޔޮބަސް ބުނާށެވެ! އޭރުން ތިބާ މުއްސަނދިވާނެއެވެ! ނުބައި ބަސް ނުބުނާށެވެ! އޭރުން ތިބާއަށް ސަލާމަތްކަން ލިބޭނެއެވެ. ފަހެ ތިބާ ދަންނާށެވެ! ހަމަކަށަވަރުން އޭރުން ތިބާއަށް ހިތާމަކުރަން ޖެހިދާނެއެވެ! އިބްނު ޢައްބާސުގެފާނަށް ދެންނެވުނެވެ. އޭ އިބްނު ޢައްބާސުގެފާނޭވެ! ތިޔަހެން ވިދާޅުވީ ކީއްވެގެން ތޯއެވެ؟ އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ޤިޔާމަތް ދުވަހުން އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން ދުލަށް ވުރެ ބޮޑަށް އޭނާއަށް ހާސްވެ ކަންބޮޑުވާން ޖެހޭނެ އެހެން ދެވަނަ ގުނަވަނެއް ނުވެއެވެ. އެ ދުލުން ހެޔޮ ބަހެއް ނުވަތަ އެ ދުލުން ކިޔައިދިން ހެޔޮ ބަހެއް މެނުވީއެވެ."
  • ރަމަޟާން މަހުގައި ރޯދަވެރިޔާ އޭނާގެ ދޫރައްކައުތެރިކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ދޫ ރައްކައުތެރި ނުކުރާނަމަ ކެއުމާއި ބުއިން ދޫކޮށްލައިގެން މަ މި ހުރީ ރޯދައަށޭ ކިޔާފައި ހުރުމުގެ ބޭނުމެއް ނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ لَمْ يَدَعْ قَوْل الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّه حَاجَةٌ فِى أَنْ يَدَعَ طَعَامَه وَشَرَابَه[14]– ދޮގުހެދުމާއި ދޮގުވެރި ޢަމަލުތައް ދޫކޮށް ނުލައި (ރޯދަ ހިފުމަށްޓަކައި) ކެއުމާއި ބުއިން ދޫކޮށްލުމުގެ ބޭނުމެއް ﷲގެ ޙަޟްރަތުގައެއް ނުވެއެވެ.))

(ނުނިމޭ)

[1]  –  رواه الطبرانى وابن ماجه والترمذى وأحمد

[2]  – رواه الترمذى وحسنه الألبانى

[3]  – رواه الطبرى

[4]  –  ق : 18

[5]  – رواه البخارى ومسلم والبيهقى وأحمد والطبرانى وابن ماجه

[6]  –  رياض الصالحين

[7] –  متفق عليه

[8]  – رواه البخارى والبيهقى و أبو يعلى

[9]  – رواه البخارى ومسلم والبيهقى

[10]  – رواه البخارى والبيهقى وأحمد

[11]  – رواه الترمذى

[12]  – أخرجه أحمد والطبراني

[13]  واه ابن أبي الدنيا

[14]  – أخرجه البخاري (١٩٠٣)، وأبو داود (٢٣٦٢) ، والترمذي (٧٠٧)، والنسائي في «السنن الكبرى» (٣٢٤٦)، وابن ماجه (١٦٨٩)، وأحمد (١٠٥٦٢)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *