Support Us

ކަންޒު ކަހަނބާއި މުސަޅުގެ ވާހަކައާއި އަދި އެ ވާހަކައާ ގުޅޭ ބައެއް ވާހަކަ

ކަންޒު ކަހަނބާއި މުސަޅުގެ ވާހަކައަކީ އަޅުގަނޑުމެން އެންމެންހެން، ކުޑައިރުއް ސުރެން އަހާ ވާހަކައެކެވެ. ކަންޒު ކަހަނބަކާއި މުސަޅެއް ދުވުމުގެ ރޭހެއް ޖަހަން ނިންމައި، މުސަޅު އެއަށް ލިބިފައި އޮތް ހުނަރެއްގެ މައްޗަށް ބުރަވެ، އަދި، ކަންޒު ކަހަނބުގެ ކިބައިގައި އެ ހުނަރު މުސަޅުގެ ކިބައިގައި ހުރި ވަރަށް ނެތް ކަމަށް ބަލައި، އިތުރު މަސައްކަތެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ނިންމައި، ރޭސް ފެށުމުން، އަރާމުކޮށްލުމުގެ ބޭނުމުގައި މަޑުޖައްސާލައި ނިދި ޖެހުމުގެ ސަބަބުން، ރޭހުގައި މުސަޅަށް ނާކާމިޔާބުވެ، ކަންޒު ކަހަނބު ރޭހުގައި ކުރި ހޯދައި ރޭސް ކާމިޔާބުކުރީއެވެ.

މި ވާހަކައިން ފޯރުކޮށްދޭން ބޭނުންވާ އެއް މެސެޖަކީ، ކަންކަން ކުރަން ކުރިމަތިލާއިރު، ތިމާއަށް ލިބިފައި އޮތް ހުނަރެއްގެ މައްޗަށް އެކަނި ބުރަވެ ހުރުމަކީ، އެކަން ހާސިލު ކުރެވެން އޮންނަ މަގު ނޫންކަމެވެ. ކަންކަން ކުރަން ބޭނުން ވެއްޖެ ނަމަ، އެންމެ މުހިއްމު ކަމަކީ އެކަން ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމެވެ. އެ މަސައްކަތް ކުރުމުގައި ހުއްޓާނުލައި، ހިއްވަރު އެލުވާނުލައި، ދެމިހުރުމެވެ.

މީގެ އިތުރުން، މި ވާހަކައިން ފާހަގަކޮށްލެވޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ކަންޒު ކަހަނބާ ދޭތެރޭ މުސަޅު ދުށް ގޮތެވެ. މުސަޅު ދުށް ގޮތުގައި ކަންޒު ކަހަނބަކީ، މުސަޅަށް ލިބިފައި އޮތް މޮޅުކަމުން މަހުރޫމުވެފައި އޮތް އެއްޗެއް ކަމެވެ. މުސަޅަށް ހަލުވި ދުވެއްޔެއް ދުވުމުގެ ކުޅަދާނަކަން ލިބިފައި އޮތް އިރު، ކަންޒު ކަހަނބަކީ އޭގެ ތަބީއަތުގައި މި ހުނަރު ނެތް އެއްޗެކެވެ. މުސަޅުގެ ނަޒަރުގައި މިކަން ނިޔާކުރަނީ ކަހަނބަކީ އެއްވެސް އެއްޗެއް ނޫންކަމެވެ. ކަހަނބުގެ ނުކުޅެދުމުން އަރައިގަނެ، ކަހަނބަކަށް މުސަޅުގެ މައްޗަށް ކުރި ހޯދޭނޭ އެއްވެސް ގޮތެއް ނެތް ކަމެވެ.

މުސަޅާއި ކަހަނބުގެ ރޭސް މަތިން ހަނދާންވީ، ދާދި ފަހުން މާލޭގައި، ކުރީގެ ރައީސް ނަޝީދަށް އަމާޒުކުރެވިގެން ހިންގުނު ޓެރަރިސްޓު ހަމަލާ، އާދެ ނިރުބަވެރި އަމަލާ ގުޅިގެން، ދެކެވޭ ބައެއް ވާހަކަތައް ކިޔާލައިފައެވެ. އެވާހަކަ އައިގެން ކުރިއަށް ދިޔުމުގެ ކުރިން، މި މަގާމުގައި އެންމެ ފުރަތަމަ އަދާކުރަންޖެހޭ ވާޖިބަކީ އެ ނިރުބަވެރި އަމަލު ކުށްވެރިކުރުމެވެ. އަދި އެ އަމަލުގެ ސަބަބުން އަނިޔާވި، ރައީސް ނަޝީދާއި އަދި އެހެން އެންމެނަށް ވެސް އަވަސް އަދި ފުރިހަމަ ޝިފާއެއް ލިބުން އެދި ދުއާކުރުމެވެ. މިފަދަ ނިރުބަވެރި އަމަލުތައް ހިންގުމަކީ ފިނޑިންގެ ކަމެކެވެ. އެކިއެކި މައިދާންތަކުގައި ޚިޔާލު ތަފާތުވެ، ދެބަސްވެ، ތިމާގެ ޚަސްމަށް ރައްދު ދޭންޖެހޭނީ ހުއްޖަތް ބޭނުންކޮށްގެން ވާހަކަދައްކައި، މައްސަލަތަކަށް ބަހުސް ކޮށްގެންނެވެ. އަތް އިސްކޮށް، ތަޅާފޮޅައި، ތިމާގެ ޚަސްމުން ނެތިކޮށްލަން އުޅުން ދައްކުވައިދެނީ ތިމާގެ ކިބައިގައި ތިމާގެ ޚަސްމުންނާ ބަހުސްކުރުމުގެ ގާބިލުކަން ނެތް ކަމެވެ. ތިމާގެ ކިބައިގައި ހެއްކާއި ހުއްޖަތް ނެތް ކަމެވެ. ބަހުސްކުރުމުގެ އެކަށޭނަކަން އެއްގޮތަކަށް ވެސް ނެތް ކަމެވެ. އަތް އިސްކޮށް، ތަޅާފޮޅައި، ފިލާ ހުރެ، ތިމާގެ ޚަސްމުން ނެތިކޮށްލަން އުޅުމަކީ ފިނޑިންގެ އަމަލަކަށް ވަނީ އެހެންވެއެވެ.

ދެން، މުސަޅާއި ކަހަނބުގެ ވާހަކައަށް އެނބުރިލާނަމަވެ. ކުރިން ބުނިހެން، މި ވާހަކަ ހަނދާންވީ ދެންމެ މިނަންގަތް ނިރުބަވެރި އަމަލާ ގުޅިގެން ދެއްކެމުންދާ ވާހަކަތަކުގެ ތެރެއިން ވާހަކެއް ފެނުމުންނެވެ. އެއްކޮޅުން، މިފަދަ އަމަލުތައް ހުއްޓުވަން ޒިންމާދާރުކުރެވިފައިވާ މުއައްސަސާތަކާއި އިދާރާތައް، އަދި އެތަންތަނުގެ މަސްއޫލުވެރިން، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުން ރެކެން އުޅޭ ގޮތަށް ވާހަކަ ދައްކާއިރު، އަނެއްކޮޅުން ފެންނަނީ މި ފަދަ އަމަލުތަކަކީ ވެސް، އެބަޔަކު ނުރުހޭ ކަންކަމާ ދިމާކޮށް ފުރައްސާރަކޮށް މަލާމަތް ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމުގައެވެ. ކުރިން ލިޔުނު ލިޔުމެއްގައި ފުރަތަމަ ބައިގެ ވާހަކައަށް ބަލާލެވިއްޖެއެވެ. މި ލިޔުމުގައި އަލިއަޅުވާލަން ގަސްދުކުރަނީ މިފަދަ އަމަލުތަކަކީ އެ ބަޔަކު ނަފުރަތުކުރާ ކަމަކާ އަދި އެކަމާ ގުޅޭ ބަޔަކަށް ހަޖޫ ކިޔުމަށް ލިބޭ ފުރުސަތެއް ކަމަށް ދެކޭ މީހުންގެ ވާހަކައަށެވެ.

މިފަދަ މީހުން، އެންމެ ފަހުން ހިނގި ނިރުބަވެރި ހާދިސާ ގުޅުވާލަނީ ދީނާއެވެ. އަދި ދީނީ މީހުންނާއެވެ. އެ ގޮތުން އެކަކު ބުނެފައިވެއެވެ. މި ނިރުބަވެރި އަމަލު ހިންގި މީހަކު އެކަން ކުރީ ސުވަރުގެއަށް ގޮސް ހަތްދިހަ އެތައް ހޫރުލްއީނުންނާ ބައްދަލުކުރުމުގެ އެދުމުގައެވެ. އަނެކަކު، މިއީ މާ މޮޅު ވާހަކައަކަށް ދެކި، އޭނާގެ ސިކުނޑީގެ ތަސައްވުރު ދިން މިންވަރުން، އެކަކަށް ހަތްދިހަ ހޫރުލްއީނުންގެ ކިބައިން ޖިންސީ އެދުން ފުއްދުމަކީ އުނދަގޫ ކަމަށް ވެދާނެ ކަމުގެ ސުއާލު އުފެއްދިއެވެ. ސަބަބަކީ، މި މީހަކު ދެކޭ ގޮތުގައި ފިރިހެނާއަށް ލިބިފައި އޮންނަނީ އެންމެ ޒަކަރެއް ކަމަށް ވުމެވެ. އެހެންވީމާ އެހުރިހާ ހޫރުލްއީނުންގެ ބޭނުން ހިފޭނީ، މި މީހާ ދެކޭ ގޮތުގައި، އާޚިރަތުގައި ފިރިހެނާގެ މުޅި ހަށިގަނޑުގެ އެތައް މިތާނގައި ޒަކަރުތައް އުފެދި ހަރުކުރެވިފައި ވުމުންނެވެ. އާދެ، މިއީ އޭނާގެ ސިކުނޑީގެ ތަސައްވުރު ފޯރާ އެންމެ މައްޗަށް ބުރަވެ ހުރެ އޭނާ ބުނާ ވާހަކައެވެ.

ދެން ސުއާލަކީ މި ފަދަ ފުރައްސާރައިގެ ވާހަކަތަކާ މުސަޅާއި ކަންޒު ކަހަނބުގެ ވާހަކައާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އާދެ، މިފަދަ ފުރައްސާރަކުރުމުގެ ވާހަކަތައް ދައްކާ މީހުންގެ ކިބައިން ވެސް ފެންނަނީ މުސަޅުގެ ގޮތެވެ. ކުޅަދާނަކާމައި މޮޅުކަން، ކަންކަން އެނގުމާއި ތަންދޮރު ދަނެ، މިނިވަން ނޫރާނީ ފިކުރުގެ މީހުންނަކީ އެ މީހުންކަމެވެ. އަދި، ވިސްނާ ފިކުރުކުރުމުގެ ރޭހުގައި އެމީހުންނަށް އަބަދުވެސް ކުރި ލިބޭނޭ ކަމެވެ. ފުރައްސާރައިގެ ވާހަކަތައް ދައްކައިގެންނެވެ.

ދެން، މިފަދަ ފުރައްސާރައިގެ ވާހަކަތައް ދައްކާ މީހުންގެ ވާހަކަތައް ރައްދުވަނީ ކޮންފަރާތަކަށް އަދި ކޮން ބަޔަކަށް ހެއްޔެވެ؟ އާދެ، ދީނަށާއި ދީނުގެ މީހުންނަށެވެ. ފުރައްސާރައިގެ ވާހަކަތައް ދައްކާ މީހުންގެ ނަޒަރުގައި ދީނީ މީހުންނަކީ 'ކަންޒު ކަހަނބުންނެވެ.' ވިސްނާ ފިކުރުކުރުމުގެ ރޭހުގައި ކުރިއަށް ދިޔުމުގެ އެކަށޭނަކަމެއް ނޯންނާނެއެވެ.

ދެން އުފެދޭ ސުއާލަކީ، ދީނީ މައިދާނުގައި މަސައްކަތް ކުރާ މީހުން ކަންތައް ކުރަންވީ ކިހިނެއްތޯއެވެ؟ ޖަވާބުގައި ބުންނަ ޖެހެނީ ކަންޒު ކަހަނބު ކަންތައް ކުރި ގޮތަށެވެ. ވިސްނާ ފިކުރުކުރުމުގެ އިތުރު ހުނަރު ލިބިގަންނަން މަސައްކަތްކުރަންވީއެވެ. ތިމާމެންގެ އަގުލާނިއްޔަތު ކުރިއަރުވަން މަސައްކަތްކުރަންވީއެވެ. ޝަރުއީ މަސްދަރުތަކުގައި ހިމެނޭ ކޮންމެ ވާހަކައަކީ އޭގެ ލަފްޒީ މާނަ ގަސްދުކުރެވޭ ވާހަކައަކަށް ނުބަލައި، އެ ފަދަ ވާހަކަތަކުގެ ހަގިގީ މަގުސަދަކީ ކޮބައިކަން ދެނެގަންނަން މަސައްކަތްކުރަންވީއެވެ. ފަހަރެއްގައި ވެސް، ފުރައްސާރަކުރާ މީހުންގެ ވާހަކަތައް ހުއްޓުވަން އުޅޭކަށް ނުޖެހެއެވެ. އެއީ ކުރެވޭނޭ ކަމެއް ވެސް ނޫނެވެ. އެހެންވީމާ އެފަދަ ވާހަކަތައް އިވުމުން، އެފަދަ ވާހަކަތައް ދައްކާ މީހުންގެ ދޫ ބަންދުކުރަން ގޮވުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް، އެކަމުން ހިއްވަރު ލިބިގަނެ، ތިމާމެންގެ ވިސްނުމާއި ފިކުރުކުރުން އިތުރުކޮށް، ތިމާމެންގެ ދީނީ ޚިތާބު، ދީނީ 'ޑިސްކޯސް' ބަދަލުކުރެވޭތޯ ބަލަންވީއެވެ. ދީނުގެ އަސާސީ ދެ ބޭނުމަކީ ކޮބައިކަން ފާހަގަކޮށް އެ ދެކަމަށް އިސްކަންދީގެންނެވެ. ދީނުގެ މި ދެބޭނުމަކީ ހެޔޮލަފާ ފަރުދުން އުފެއްދުމާއި ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ މުޖުތަމައުއެއް އުފެއްދުމެވެ. މިކަންކަމަށް ބާރުއަޅައި، ދީނީ ޚިތާބު ބަދަލުކޮށްލެވިއްޖެ ނަމަ، މުސަޅާއި ކަންޒު ކަހަނބުގެ ރޭހުގައި ކަހަނބަށް ކުރިލިބި ރޭސް ކާމިޔާބު ކުރެވުނު ފަދައިން، އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ ރޭހުގައި އިލާހިއްޔަތުގެ ކޮޅަށް ކުރި ލިބި، ރޭސް ކަމިޔާބުކުރެވޭނޭ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.