...

Support Us

ރަމަޟާން މަހާއި ޝައިޠާނާގެ ދޮރޯށިތައް- 1

ޝައިޠާނާއަކީ މާތް ﷲ އިންސާނާ ހެއްދެވި ދުވަހުން ފަށައިގެން އިންސާނާގެ ދުޝްމަނެކެވެ. މާތްﷲ މި ކަން ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ. ((إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا[1] – ހަމަކަށަވަރުން، شيطان އާއީ، އިންސާނާއަށް ފާޅުވެގެންހުރި عداوة ތެރިޔަކު ކަމުގައިވިއެވެ.)) އިންސާނާ މަގުފުރެއްދުމަށް ޓަކައި މި ޝައިޠާނާ ގެންގުޅޭ އުކުޅުތައް ވަރަށް ގިނައެވެ.މި ޝައިޠާނާ ޖަހާ މަޅިތައް ތަފާތެވެ. މި އިންސާނާ ތެދުމަގުން ބޭރަށްލުމަށް ޓަކައި ޝައިޠަނާ ބޭނުން ނުކުރާނެ ހަމަ އެންމެ ވަސީލަތެއް ނޯންނާނެއެވެ.

އޭނާ އިންސާނާއަށް ވަސްވާސް ދިނުމަށް ޓަކައި ތަފާތު ދޮރޯށިތައް ބޭނުން ކުރެއެވެ. އެއީ ހާމަ ދޮރޯށިތަކަކާއި ވަންހަނާ ދޮރޯށިތަކެކެވެ. ފާޅުކަންބޮޑު ހާމަ ދޮރޯށިތަކުގެތެރޭގައި އިންސާނާގެ ލޮލާއި ކަންފަތާއި ދުލާއި ފަރްޖު ވެއެވެ. ވަންހަނާ ދޮރޯށިތަކުގެ ތެރޭގައި އިންސާނާގެ ވިސްނުމާއި ފިކްރާއި ހިތް ވެއެވެ.

ރަމަޟާން މަހުގައި މި ހިފާ ރޯދައިގެ މަޤްޞަދުތަކުގެ ތެރޭގައި އަދި އޭގެ ލަނޑުދަނޑިތަކުގެ ތެރޭގައި މި ދޮރޯށިތައް ބަންދުކުރުން ވެއެވެ. ޝައިޠާނާގެ މަގަށް ހުރަސްއަޅައި ވަރުގަދަ ކިއްލާއަކަށް ރޯދަ ވާތީއެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((الصَّومُ جُنَّةٌ[2]– ރޯދައީ އައްޑަނައެކެވެ.))

ރޯދައާއި ލޮލުގެ ދޮރޯށި

މުއުމިނުންގެ ސިފަތަކުގެތެރޭގައި ބެލުން ޙަރާން ކުރައްވާފައިވާ އެއްޗެހީގެ ކުރިމަތީގެ ބެލުން ތިރިކުރުން ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ‎﴿٣٠﴾‏ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ[3]– مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!)) ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ثلاثةٌ لا ترى أعينُهم النارَ: عينٌ حرستْ في سبيلِ اللهِ وعينٌ بكتْ من خشيةِ اللهِ وعينٌ كفتْ عن محارمِ اللهِ[4] – ތިން މީހަކު އެބއިމީހުންގެ ލޯތަކަށް ނަރަކަ ނުފެންނާނެތެވެ: އެއީ ﷲގެ މަގުގައި ފާރަވެރިކަމުގައި ވީ ލޮލާއި، ﷲ ދެކެ ބިރުން ރުއި ލޮލާއި، ﷲ ޙަރާންކުރެއްވި އެއްޗެއްސަށް ބެލުމާ ދުރުހެލިވި ލޮލެވެ.)) މުއުމިނު އިންސާނާ ރަމަޟާން މަހު ރޯދަ ހިފަމުންދާއިރު ބެލުންތައް ތިރިކުރުމުގެ ދަރެސްތައް ލިބިގަނެއެވެ. ބަނޑާއި ހަށިގަނޑުގެ އެހެން ގުނަވަންތަކުން ރޯދަހިފާ ގޮތަށް ލޮލުން ވެސް އޭނާ ރޯދަހިފާނެއެވެ.

ބެލުންތައް ތިރިކުރުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެ މޭވާތައް އެހާމެ ގިނައެވެ. މި ކަމުގެ ސަބަބުން އޭނާގެ ހިތް ޝަހަވަތްތެރިކަމުގެ އަޅުވެތިކަމުން ސަލާމަތްވެގެންދާނެއެވެ. އިންސާނާގެ ހިތް ޝަހަވަތްތެރިކަމުގެ އަސީރަކަށްވެއްޖެނަމަ އޭނާގެ މައްޗަށް އޭނާގެ ހަތުރުވެރިޔާ ގަދަވެގެންފާނެތެވެ. ބެލުންތައް ތިރިކުރެވިއްޖެނަމަ އޭނާއަށް ނަރަކައިގެ ދޮރެއް ބަންދު ކުރެވުނީއެވެ. ﷲ ޙަރާން ކުރައްވާފައިވާ ކަމަކަށް އަރައިގަތުމަށް މަގުފަހިކޮށްދެނީ އޭނާގެ ލޮލަށް ފެންނަ މަންޒަރުތަކެވެ. ބެލުންތައް ތިރިކުރުމުން އޭނާއަށް މި މަންޒަރުތަކެއް ނުފެންނާނެއެވެ. އޭނާ މި މަންޒަރުތަކަށް ހިތެއް ނުކިޔާނެއެވެ. އައްސަފާރީނީ ވިދާޅުވިއެވެ. ((އަލްޙައްޖާވީ ވިދާޅުވިއެވެ: ބަލާވެރިކަމުގެ އަޞްލަކީ ބޭނުންނެތް އެއްޗެއްސަށް ބެލުމެވެ. ޒިނޭގެތެރެއަށް އިންސާނާ ވައްޓައިލާ އަޞްލު ސަބަބަކީ ބެލުމެވެ. ނަޒަރުގެ ސަބަބުން އެއީ ރަނގަޅު ކަމެއްކަން ހިތަށް ފެނިދެއެވެ.))

ރޯދައާއި ކަންފަތުގެ ދޮރޯށި

ޤިޔާމަތް ދުވަހުން އިންސާނާއާ ސުވާލު ކުރެވޭ ކަންތައްތަކުގެތެރޭގައި އޭނާގެ ކަންފަތުން އެހި ބަސްތައް ވެއެވެ. އޭނާގެ ކަންފަތުން އަޑުއެހި ޣީބަތަކާއި އާޑަފުރައްސާރަތަކާއި ދެބައޮޑުވުންތައް ހިމެނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا [5]– ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައި ވިއެވެ.)) މާތް ﷲ އިންސާނާއަށް ދެއްވި އިވުމުގެ ޙިއްސު ނުވަތަ ކަންފަތުގެ ބޭނުން ކުރަންވާނީ އޭނާއަށާއި އެހެން މީހުންނަށް ލާބަހުރި ކަންކަމުގައެވެ. ހެޔޮބަސް އެހުމަށެވެ. ކީރިތި ޤުރްއާން ކިޔެވޭ އަޑު އެހުމަށާއި ކީރިތި ރަސޫލާ ﷺ ގެ ޙަދީސްފުޅުތަކާއި ސީރަތު އަޑު އެހުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ[6] – އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.)) ހެޔޮ ރަނގަޅު ބަސްތައް އަޑު އެހުމަށް ކަންފަތް ބޭނުންކުރާ މީހުންނަށް މާތް ﷲ ތާރީފުގެ ބަސް ވަޙީ ކުރައްވާފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَبَشِّرْ عِبَادِ‎،‏ الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَٰئِكَ الَّذِينَ هَدَاهُمُ اللَّهُ ۖ وَأُولَٰئِكَ هُمْ أُولُو الْأَلْبَابِ‎- ފަހެ، ކަލޭގެފާނު، ތިމަންރަސްކަލާނގެ އަޅުތަކުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެ ރަނގަޅު ތަކެއްޗަށް تبع ވާ މީހުންނެވެ. އެއުރެންނަށް اللَّه ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهل ވެރިންނީވެސް، ހަމައެއުރެންނެވެ.)) މާތްﷲ ވަނީ މުސްލިމުންނަށް ނެތިމޮށުމާއި، ޖާސޫސުކުރުމާއި ވަގަށް އަޑުއެހުން މަނާކުރައްވައިފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ[7] ‎- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.))

(ނުނިމޭ)

 

[1]  –  الإسراء : 53

[2]  –  أخرجه الترمذي (٥/ ١٢)، والنسائي (٢٢٢٤ )، وابن ماجة (٣٩٧٣ )

[3]  –  النور : 30-31

[4]  – أخرجه أبو يعلى في «معجمه» (٢١٥)، والطبراني (١٩/٤١٦)

[5]  –  الإسراء : 36

[6]  –  الأعراف : 204

[7]  –  الحجرات : 12

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.