Support Us

ބުއްދިވެރި ހަކީމެއްގެ ބުއްދިވެރި ބަސްކޮޅެއް: ކައިވެނީގެ ފައިދާ

ޔޫނާނުގެ އިހުގެ ބުއްދިވެރި ފިލޯސަފަރު ވިދާޅުވެފައި އޮވެއެވެ. ކައިވެނި ކުރުމުގައި، ފިރިހެނުންނަށް އޮތީ މުޅިން ވެސް ފައިދާއެވެ. އެހެނީ، އެއް ގޮތަކީ ކައިވެނީގެ ސަބަބުން ފިރިމީހާއަށް، އޯގާތެރި، އަޅާލާ، ހެޔޮ، ސާލިހު، ރަނގަޅު އަނތްބަކު ލިބި، އޭނާގެ ހަޔާތް ބާއްޖަވެރިވެގެން ދިޔުމެވެ.

ދެން އޮތީ، މިއާ ޚިލާފު، އަނތްބަކު ލިބުމެވެ. އެހެންވެއްޖެ ނަމަ ވެސް ފިރި މީހާއަށް އޮތީ ހަމަ ހުސް ފައިދާއެވެ. އެހެނީ، އޭރުން އޭނާގެ ހަޔާތް އަބާއްޖަވެރި ވިޔަސް، ބުއްދިވެރި ފަލްސަފާވެރިޔަކަށް ފިރިމީހާ ވެގެން ދެއެވެ!

މި ވާހަކަކޮޅު ނިސްބަތް ކުރެވެނީ ޔޫނާނުގެ މަޝްހޫރު ފަލްސަފާވެރިޔާ ސޮކްރޭޓީސް އަށެވެ. އޭނާއަށް މެދުވެރިވީ ދެވަނަ ގޮތެވެ! އެހެންވެ، އޭނާގެ ވާހަކަކޮޅު ބިނާވެފައި އޮތީ އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށެވެ!

އެހެންވެ، ސޮކްރޭޓީސްގެ ނަޒަރުގައި، ފިލޯސަފަރުންނާއި ބުއްދިވެރި ހަކީމުން، އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ވިސްނާ ފިކުރުކުރާ މީހުން، އުފަންކޮށް އުފެއްދުން އޮތީ އަނބިއަނބިންގެ އަތް މަތީގައި ތާއެވެ!؟ ދެން، ސޮކްރޭޓިސްގެ ވާހަކަކޮޅުގެ އިދިކޮޅު މާނައިގެ މައްޗަށް ނަޒަރު ހިންގާލުމުން ދޭހަވަނީ، އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ވިސްނާ ފިކުރުކުރާ މީހުން ނެތުމަކީ އަނބިން މާ ބޮޑަށް ވެސް ހެޔޮވެ ރަނގަޅުވުންތާއެވެ!

ދެން އޮތީ، ސޮކްރޭޓީސް ފަދަ، އަންހެން ފިލޯސަފަރަކު ފަލްސަފީ ނަޒަރަކުން، ކައިވެންޏާ ދޭތެރޭ ބަލައި، ކައިވެނީގެ ސަބަބުން، ރަނގަޅު ނޫނީ ނުރަނގަޅު ފިރިއަކު ލިބިއްޖެ ނަމަ، އަނބި މީހާއަށް އޮތް ފައިދާ ބުނެދިނުމެވެ! އެކަމުގެ ސަބަބުން އަނބިން ފިލޯސަފަރުންނަށް ނޫނީ ކޮންމެވެސް އެހެން ބަޔަކަށްވޭތޯ ނުވަތަ ނުވޭތޯ ބުނެދިނުމެވެ!