އިއްޒަތްތެރި ޝައިޚު މިސްކިތުގެ މިންބަރަށް އަރާވަޑައިގެން ނަސޭހަތްދެއްވައި ވައުޒު ވިދާޅުވިއެވެ. ކެތްތެރިވުމަށާއި ޒުހުދުވެރިވެ، އިސްރާފުކުރުމުން ދުރުވެ، ކޮންމެހެން ބޭނުންޖެހޭ އެއްޗެއް ނޫނީ ދުނިޔެއިން ބޭނުން ނުކޮށް ޒުހުދުވެރިވުމަށް ގޮވާލެއްވިއެވެ.
މިސްކިތުގައި އިއްޒަތްތެރި ޝައިޚުގެ ވާހަކަކޮޅު އަޑުއަހަން އިން ކުނިކަހައި ސާފުކުރުމުގެ މަސައްކަތްކުރާ މީހަކު ޝައިޚުގެ ވާހަކަކޮޅު މެދުކަނޑާލިއެވެ. އަދި، ޝައިޚާ މުޚާތަބުކޮށް، ދެންނެވިއެވެ.
"އިއްޒަތްތެރި ޝައިޚެވެ! ޝައިޚުގެ އަމިއްލަ ހާލަތުގެ މައްޗަށް ނަޒަރު ހިންގާލަ ބައްލަވާށެވެ! ޝައިޚު މިސްކިތަށް ވަޑައިގެންނެވީ އަގު ބޮޑު ކާރެއްގައެވެ. ޝައިޚު ލައްވައިގެން ތި ހުންނެވީ އެންމެ އަގު ބޮޑު ފޭރާމުގެ ހެދުމެވެ. ޝައިޚުގެ އަތުކުރީގައި އަޅުއްވާފައިވަނީ އެހާމެ އަގު ބޮޑު ގަޑިއެކެވެ. ޝައިޚު ޖައްސަވައިގެން ތިހުންނެވީ އަދި އެއަށް ވުރެ ވެސް އަގު ބޮޑު ސެންޓެކެވެ. ޝައިޚު ތި ގެންގުޅުއްވަނީ އެންމެ އަގު ބޮޑު އައިފޯނެވެ. މިއިން ކޮންމެ އެއްޗެއްގެ އަގު އަޅުގަނޑުމެންގެ މަހު މުސާރައަށް ވުރެ ބޮޑެވެ.
"ދެން ޝައިޚު އަޅުގަނޑުމެން ގާތު ތިވިދާޅު ވަނީ ކެތްތެރިވާން ހެއްޔެވެ؟ ނިކަން އެންމެ ދުވަހަކު އަޅުގަނޑުމެން އުޅޭ ކޮޓަރިގަނޑަށް ޒިޔާރަތްކޮށްލައްވަ ބަލާށެވެ! އަޅުގަނޑުމެން އުޅޭ ދަތި ހާލު ވަޒަންކޮށްލެއްވުމަށްޓަކައެވެ. އެއްވެސް ފިނިކަމެއް ނެތް އެ ކޮޓަރިގަނޑުގައި އެއްރޭ ނަމަވެސް އަވަހާރަލައްޕަވާލައްވަބަލާށެވެ. އަދި، އަޅުގަނޑު މަސައްކަތްކުރާ މަގުމައްޗަށް ވަޑައިގަން ބައްލަވާށެވެ. އަތްވާއި ވާރޭގައި އަޅުގަނޑު މަސައްކަތްކުރާ ގޮތް ދެކިލައްވާށެވެ!
"އޭރުން ކެތްތެރިކަމަކީ ކޮބައިކަން ޝައިޚަން ވިސްނިވަޑައިގަންނަވާނެއެވެ. އަދި، ޒުހުދުވެރިކަމަކީ ކޮބައިކަން ވެސް މާރަނގަޅަށް ސާފުވެވަޑައިގަންނަވާށެވެ. އަދި، އަޅުގަނޑަށް ލިބޭ، ޝައިޚުގެ ހަށިކޮޅަށް ބުރުއްސަވާލައްވާ ސެންޓުފުޅީގެ އަގަށް ވުރެ ކުޑަ މުސާރައިން، މަހުގެ ޚަރަދުތައް ކޮށްފައި ބާކީވެ، އަޅުގަނޑުގެ އަތުގައި އިސްރާފުކުރާނެ އެއްޗެއް އޮތްތޯ ނެތްތޯ ވެސް އެނގިވަޑައިގަންނަވާނެއެވެ.
"ޝައިޚެވެ! މާފުކުރައްވާށެވެ! އަޅުގަނޑުމެން ގާތު ކެތްތެރިވުމާއި ޒުހުދުވުމުގެ ވާހަކަ ނުދައްކަވާށެވެ! އެކަންކަން އަޅުގަނޑުމެންނަށް މާރަނގަޅަށް އެނގެއެވެ. ވާހަކައެއް ދައްކަވަން ބޭނުންފުޅު ނަމަ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އިޖުތިމާއީ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވާށެވެ! ވެރިންގެ ފަސާދައިގެ ވާހަކަ ދައްކަވާށެވެ! ދީނީ ބޭކަލުންގެ ދެފުށް ދެގޮތް ކަމުގެ ވާހަކަ ދައްކަވާށެވެ! އަޅުގަނޑުމެންގެ ތެރޭގައި ހަމަހަމަކަމާއި އަދުލުވެރިކަން ނެތްކަމުގެ ވާހަކަ ދައްކަވާށެވެ! ހަމަހަމަކަމާއި އަދުލުވެރިކަމަކީ ކީރިތި ގުރުއާނުގައި ޖައުހަރީ އަގެއްކަން، އޮވޭ ނޫންތޯއެވެ! ދީނަކީ ބޭރުފުށާ ބެހޭ ކަމެއްކަމުގެ ވާހަކަ ނުދައްކަވައި މި ނަންގަތް ހަމަހަމަކަމާއި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާށެވެ! އެކަން ހަގީގަތަކަށް ހެދޭނޭ ގޮތުގެ ވާހަކަ ދައްކަވާށެވެ! ތަނުގެ ޚައިރާތުތައް އެއްބަޔެއްގެ އަތްމަތީ ހައްޔަރުވެފައި އޮތުމަކީ ބޮޑު ގޯހެއްކަން ބަޔާންކޮށްދީ އެވާހަކަ ދައްކަވާށެވެ! އެ ޚައިރާތުތަކަކީ އެންމެންގެ މައްޗަަށް އަދުލުވެރިކަމާއެކު ބެހިގެންދާންޖެހޭނޭ އެއްޗެއް ކަމުގެ ވާހަކަ ދައްކަވާށެވެ! އަދި އެކަން ހަގީގަތަކަށް ހަދާލެވެނީ ކިހިނެއް ކަމުގެ ވާހަކަދައްކަވާށެވެ! ތަނުގެ ބޮޑެތި މަގާމުތައް ވެރިންގެ ގާތް މީހުންނަށާއި ބޭރުގެ މީސްތަކުންނަށް ދިނުމަކީ ރަނގަޅު ގޮތް ނޫންކަމާ ބެހޭ ގޮތުން ވާހަކަދައްކަވާށެވެ!
"ދީން ބޭނުންކުރައްވައިގެން މީހުންގެ ވިސްނުމާއި ފިކުރުކުރުން ހުއްޓުމަށް ބާރު ލިބޭ ގޮތަށް ވާހަކަ ނުދައްކަވާށެވެ! ދީން ބޭނުންކޮށްގެން މީހުންގެ އިބްދާއީ ބާރުތަައް ހުއްޓުވައި ކޮށިކޮށްލުމަށް ބާރު ލިބޭ ގޮތަށް ވާހަކަ ނުދައްކަވާށެވެ! މިފަދަ ހުނަރުތައް ކުރިއަރުވަން ބާރުއަޅުއްވައި ހިއްވަރުދެއްވައި ވާހަކަ ދައްކަވާށެވެ! ކަންކަމާ މެދު، މީހުންނަށް އަމިއްލައަށް ނުވިސޭނޭކަން ދޭހަވާ ގޮތަށް ވާހަކަ ނުދައްކަވާށެވެ! ކަންކަމާ މެދު، ކޮންމެ މީހަކަށް ވެސް އަމިއްލައަށް ވިސްނަން ދަސްކޮށްދެއްވުމަށްޓަކައި ވާހަކަދައްކަވާށެވެ!
"ޝައިޚެވެ! ޝައިޚު ހުންނެވީ، އަޅުގަނޑުމެންނަށް، ކެތްތެރިކަމާ ބެހޭ ގޮތުންނާއި ޒުހުދުގެ ފިލާވަޅު ދެއްވޭނޭ މަގާމެއްގައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހަޔާތުގައި ކޮންމެ ދުވަހަކު ތަޖުރިބާކުރާ ކަންކަމެވެ. އަދި ކިއެއްތޯއެވެ؟ އަޅުގަނޑުމެންގެ މައިންބަފައިންނާއި އެމީހުންގެ މައިންބަފައިންގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ ކެތްކުރުމާއި ޒުހުދުވެރިވުމުގެ މައްޗަށެވެ! އަޅުގަނޑުމެން މިހާރު ބޭނުންވަނީ އެ ގޮތެއް ނޫނެވެ. އަޅުގެނޑުމެން އެދެނީ ހަމައެކަނި އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރިވުމެއް ނޫނެވެ. ޝައިޚެކޭ އެއްފަދައިން ދުނިޔޭގެ ހެޔޮކަން ވެސް އަޅުގަނޑުމެން އެދެމެވެ!
"އެހެންވެ، ޝައިޚުގެ ކެެތްތެރިކަމާއި ޒުހުދުވެރިވުމާއި ދީނުގެ ބޭރުފުށުގެ ވާހަކަތަކަކީ އަޅުގަނޑުމެންނަށް މުހިއްމު ވާހަކަތަކަކަށް ނުވެއެވެ. އަޅުގަނޑުމެންނަށް މުހިއްމު ވަނީ، އާޚިރަތް ނުގެއްލޭ ފަދަ ގޮތެއްގައި، ޝައިޚު ފަދައިން، މޮޅު ކާރައި، ރަނގަޅު ފޭރާމުގެ ހެދުމާއި، ބޯ ހިޔާވެހިކޮށްލާނޭ ރަނގަޅު ތަނަވަސް ތަނެއް ލިބިފައި އޮތުމާއި، މިކަންކަން ހާސިލުކުރެވޭނެ ގޮތުގެ ނިޒާމެއް އުފައްދާނެ ގޮތުގެ ވާހަކައާއި، އަޅުގަނޑުމެންނަށް ވެސް ދުނިޔޭގެ ހެޔޮކަން ލިބޭނޭ ގޮތެއް ހޯދުމާއި ބެހޭ ވާހަކަތަކެވެ!"

One Response
varah iburaiytheri liyumeh
جزاكم الله خيرا يا دكتور