Support Us

ކުރު ވާހަކަ: ޖަންގަލީގެ އިއްތިހާދު ނުވަތަ ކޯލިޝަން

އެއްދުވަހަކު ސިންގާ ރަސްގެފާނު ޝިކާރައަށް ނިކުމުވަޑައިގަންނަވަން ނިންމެވިއެވެ. އެހެން ފަހަރުތަކާ ޚިލާފަށް، މިފަހަރު، ސިންގާރަސްގެފާނު ނިންމެވީ ޝިކާރަކުރުމުގައި ހިޔަޅާއި ވިޔަޅެއް ވެސް (ވުލްފެއް ވެސް) ބައިވެރިކުރެއްވުމަށެވެ. ދެން، ސިންގާރަސްގެފަނާއި ހިޔަޅާއި ވިޔަޅުގެ މައްޗަށް އިއްތިހާދެއް އުފައްސައި ޝިކާރައަށް އެންމެން ނުކުތެވެ.

ޝިކާރަކުރުމުގެ ބުރު ވަރަށް ވެސް ކާމިޔާބެވެ. ބޮޑު ގެރިއަކާއި ބަކައްޓަކާއި އަދި މުސަޅެއް އިއްތިހާދުގެ ފަރާތުން ޝިކާރަކުރިއެވެ. ދެން، ވިޔަޅު ސިންގާރަސްގެފާނަށް ދެންނެވިއެވެ. "އިއްޒަތްތެރި ރަސްގެފާނެވެ! އަޅުގަނޑުމެންގެ އިއްތިހާދުގެ މެމްބަރުންގެ ތެރޭގައި އެންމެ ބޮޑުވެފައި ވަރުގަދައީ މަނިކުފާނެވެ. އެހެންވެ، މަނިކުފާނުގެ ފަރިއްކޮޅަކަށް މިއޮތް ފަލަ ގެރި ނަންގަވާށެވެ! އަޅުގަނޑު ބަކަރި ނަގާނަމެވެ. މުސަޅު އަޅުގަނޑުމެންގެ އިއްތިހާދުގެ އެންމެ ކުޑަ މެމްބަރު ހިޔަޅުކަލޭގެއަށް ދޭނީއެވެ."

ޝިކާރަކުރި ތަކެތި، އިއްތިހާދުގެ މެމްބަރުންގެ މެދުގައި ވިޔަޅު ބަހާލުމުން، ސިންގާ ރަސްގެފާނު އިންތިހާއަށް ކޯފާވެވަޑައިގަތެވެ. އަދި، ވިޔަޅަށް ވިދާޅުވިއެވެ. "ޝިކާރައިގެ ތަކެތި ބެހުމުގެ ހުއްދަ ކަލެއަށް ދިނީ ކާކު ހެއްޔެވެ؟ ކަލޭގެ ތި ބެހުން ކަލޭ ދަސްކުރީ ކޮންތާކުން ހެއްޔެވެ؟ މިހެން ވިދާޅުވެ، ސިންގާ ރަސްގެފާނު ވިޔަޅާ ހަމަލާދެއްވިވެއެވެ. އަދި ވިޔަޅު މަރާލައްވައި ވީދާ ކުދިކުދިކޮށްލައްވައި ފަރިއްކުޅުވާލެއްވިއެވެ.

ދެން، ރަސްގެފާނު ހިޔަޅާ މުޚާތަބުކޮށް ވިދާޅުވިއެވެ. "ހިޔަޅާއެވެ. ޝިކާރައިގެ ތަކެތި ބެހުން އޮތީ ކަލެއަށެވެ. ކަލޭއަށް ފެންނަ އަދުލުވެރި ގޮތެއްގެ މަތިން އެ ތަކެތި ބަހާށެވެ!"

ދެން ހިޔަޅުކަލޭގެ ވިސްނާލުމަށް ފަހު، ސިންގާ ރަސްގެފާނަށް ދެންނެވިއެވެ. "އިއްޒަތްތެރި ރަސްގެފާނެވެ! މާތް މަނިކުފާނެވެ! މިއޮތް ފަލަ ގެރި، މަނިކުފާނުގެ މެންދުރު ފަރިއްކޮޅަށް ނަންގަވާށެވެ! އަދި، ރޭނގަޑު ފަރިއްކޮޅަށް ބަކަރި ނަންގަވާށެވެ! ދެން، އަރިމަތީ ތަބަކެއްގެ ގޮތުގައި މުސަޅު ފަރިއްކުޅުއްވަން ބާއްވަވާށެވެ!"

ހިޔަޅުކަލޭގެ ބެހި ބެހުމާ މެދު، ސިންގާ ރަސްގެފާނު ވަރަށް ގަޔާވެވަޑައިގެން ހިތްޕުޅާ ހަމަކުރެއްވިއެވެ. އަދި، ހިޔަޅުކަލޭގެއަށް ތައުރީފުގެ ބަސްތައް ރައްދުކުރައްވައި ވިދާޅުވިއެވެ. "ހިޔަޅާއެވެ! ބުއްދިވެރި ހަކީމާއެވެ! ތިޔަ ބެހުމަކީ ހާދަހާވާ އަދުލުވެރި ބެހުމެކެވެ! އެކަން އަހަރުންނަން އެނގެއެވެ. ނަމަވެސް، އަހުރެންނަށް ނޭނގޭ ކަމެއް އެބައޮތެވެ. ތިޔަފަދަ އަދުލު އިންސާވެރިކަމެއް ކަލޭގެ ދަސްކުރީ ކޮންތާކުން ހެއްޔެވެ؟"

ޖަވާބުގައި ހިޔަޅުކަލޭގެ ސިންގާ ރަސްގެފާނަށް ދެންނެވިއެވެ. "އެފަދަ އަދުލުވެރިކަމެއް އަޅުގަނޑަށް ދަސްކޮށްދިނީ ނިކަމެތި ވިޔަޅުގެ ތަގުދީރެވެ. އޭނާގެ ހިތާމަވެރި ނިމުމެވެ!"

ދެން ސިންގާރަސްގެފާނު އުފާފުޅުކުރައްވައި، އިނާމެއްގެ ގޮތުގައި ޝިކާރައިގެ ބާކީ ކަށިތައް ހިޔަޅުކަލޭގެއަށް ދިނެވެ.

އާދެ، ސިންގާ ރަސްގެފާނަށް ވެސް، ޑިމޮކުރަސީއާއި އިއްތިހާދު ނުވަތަ ކޯލިޝަންގެ ނަން ކިޔަން އެނގެއެވެ. ނަމަވެސް، އެއީ ސިންގާ ރަސްގެފާނުގެ ތަބީއަތް ބަދަލުކުރާ އެއްޗަކަށް ނުވިއެވެ! އެހެންވެ، ނަމަކުން ކަމުގެ ހަގީގަތް ބަދަލުނުވެ، ސިންގާ ރަސްގެފާނުގެ މުސްތަަބިއްދު ގޮތް (ޑިކްޓޭޓަރެއްގެ ގޮތް) އެ ގޮތުގައި ދެމިއޮތީއެވެ! އެހެންވެ، އެންމެނަށް ވެސް އޮތީ ބުއްދިވެރި ހިޔަޅުކަލޭގެ ބުނި ފަދައިން، ނިކަމެތި ވިޔަޅުގެ ތަގުދީރުން، ނިމިދިޔަ ގޮތުގެ މައްޗަށް ބަލައި، އިބުރަތް ލިބިގަނެ ރުހިގެން، ހުރިހާ ކަމެއް، ހުރިހާ ބާރެއް، ސިންގާ ރަސްގެފާނުގެ އަތްޕުޅު މައްޗަށް ދޫކޮށްލާށެވެ. އޭރުން، ސިންގާރަސްގެފާނުގެ ފަރިއްކުޅޮށްފަހު، ނަސީބު ރަނގަޅު ނަމަ، ބާކީ ކަށިކޮޅު ލިބިދާނެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ޙިކުމަތްތެރި ވާހަކައެއް. އެކަމަކު މިޒަމާނުގެ ކުދިންނަކަށް މިފަހުމެއްނުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *