Support Us

ޖުހާއާއި އޭނާގެ ރަހުމަތްތެރި މަނިކުބޭގެ ވާހަކަ

އެއްދުވަހު ޖުހާ އާއި އޭނާގެ ރަހުމަތްތެރި މަނިކުބެޔާ ދެމެދު ދެކެވުނު ވާހަކައެކެވެ.

މަނިކުބެ: ޖުހާއެވެ! އަޅެ ނިކަން ދެކި ބަލާށެވެ! ޖަޕާނު މީހުންނަކީ ހާދަހާ ކުޅަދާނަ މޮޅު ބަޔެކެވެ. ހުރިހާ މައިދާނެއްގައި ވެސް އެމީހުން ކުރިއަރައިފާވާ ވަރު ފެނޭ ނޫން ހެއްޔެވެ؟

ޖުހާ: ތީ ހަމަ ވަރަށް ރަނގަަލު ވާހަކައެކެވެ. ނަމަވެސް، ތިކަމާ ގުޅޭ، އެހެން ވާހަކައެއް އަހަރެން ބުނެފާނަމަވެ. ކުޅަދާނަވެފައި މޮޅީކީ ހަމަ އެކަނި ޖަޕާނު މީހުންނެއް ނޫނެވެ. ކުޅަދާނަކަމާއި މޮޅުކަން އެންމެނަށް ވެސް މާތްރަސްކަލާނގެ ދެއްވިއެވެ. މަނިކުބޭ މެންގެ މީހުންނަކީ ވެސް ހަމަ ކުޅަދާނަ މޮޅު މީހުންނެވެ.

މަނިކުބެ: އަހަރުމެންގެ ކިބައިގައި ކުޅަދާނަކަމެއް ހުރި ކަމަށް ވަންޏާ ހުރިހާ ކަމެއްގެ އެންމެ ފުލުގައި އަހަރެން މިތިބީ ކީއްވެ ހެއްޔެވެ؟ އަހަރުމެންނަށް ދުނިޔޭގެ ހެވަށް ކޮށްދެވުނީ ކޮން ކަމެއް ހެއްޔެވެ؟ މިވީހާ ދުވަހު، ތަރައްގީގެ މަގުގައި، އަހަރުމެންނަށް ކުރިއަށް އެޅުނު ފިޔަވަޅަކަށްވާ ކަހަލަ ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟ އަހަރުމެންގެ މީހުން ބޯ ހިޔާކޮށްލައިގެން އުޅޭނޭ ތަނެއް ނެތެވެ. ނިދާނޭ އެނދުގަނޑެއްވެސް ނެތެވެ. އަޅެ ނިކަން މިކަން އަހަންނަށް ސާފުކޮށްދީ ބަލާށެވެ! ތަން މިއޮތީ ބައިބައިވެފައެވެ. ކޮންމެ ބައެއްގެ ވެސް އެދުމަކީ ވެރިކަމެއް ހޯދުމެވެ. މިކަން މިގޮތަށް ދާކަމަށް ވެއްޖެ ނަމަ، ތަނުގެ ކޮންމެ ރަށަކީ ވަކި ދައުލަތަކަށްވުން ވެސް ދުރެއް ނޫނެވެ. އަހަރުމެންގެ ފުރަތަމަ ޖުމްހޫރިިއްޔަތަކީ ވެސް އެއީ ގައުމަށް ޣަދަރުވެރިވެ ވަކިވެގަނެ ވަކި ސަރުކާރެއް ގެނައި ތާރީޚެވެ. އެސަރުކާރުގެވެސް، ހުރިހާ ބާރެއް، ވެރިކަމާއި ވުޒާރާތަކުވެ ވަޒީރުކަމާއި ނޫސްތަކުގެ އެޑިޓަރުކަމާއި މިނޫން ވެސް ކަމަކަށްވާ ކަހަލަ ކަމެއް ނަމަ، އޮތީ ހަމަ އެންމެ މީހެއްގެ މުށުގެ ތެރޭގައެވެ! ދުވަސްކޮޅަކުން، އަހަރުމެންނަށް ހަގީގީ މިނިވަންކަން ލިބުނު ތާރީޚަކީ ނޮވެމްބަރު ތިނެއް ކަމަށް ވެގެންދާނެއެވެ. އަދި، ފިސްތޯލަ ހާޖީ، ޣާޒީހާޖީއަށްވެ، އޭނާ ބަދަލުވެގެންދާނީ އަހަރުމެންނަށް ފުރިހަމަ މިނިވަންކަން ހޯދައިދޭން މަސައްކަތްކުރި ގައުމީ ބަތަލަށެވެ!

ޖުހާ: ތިހެން ކަންތައްތައް ވަމުން ދިޔަޔަސް، އަހަރެން ބުނާނީ ކަލޭމެންގެ ތެރޭގައި ވެސް ކުޅަދާނަ މޮޅެތި މީހުން ތިބިކަމެވެ. ކަންކަން ކުރުމުގެ ގާބިލިއްޔަތު ލިބިގެންވާ ދުރުވިސްނޭ މީހުން ތިބި ކަމެވެ. ކަލޭމެންނާ ޖަޕާނު މީހުންގެ ތަފާތަކީ ކުޅަދާނަ މީހުން އެމީހުންނަށް ވަކިކުރަން އެނގުމެވެ. އަދި، އެމީހެއްގެ ކުޅަދާނަކަން ނިޔާކުރާ ގޮތުން އެމީހަކާ މަސައްކަތް ހަވާލުކުރުމެވެ. މިސާލަކަށް ދިހަ މީހުންގެ ތެރެއިން އެމީހުންނަށް މަގުދައްކައިދިނުމުގެ ކުޅަދާނަކަން ހުރި އެކަކުވެސް އެމީހުންނަށް ފެނިއްޖަ ނަމަ، އެ އެމީހުންނަށް މަގުދެއްކުމަށްޓަކައި އެމީހާ އިސްކުރެއެވެ. ނަމަވެސް، ކަލޭމެންގެ ތެރޭގައި ކަންކުރަނީ އެހެން ހެއްޔެވެ؟ ކަލޭމެންގެ ތެރޭގައި މޮޅު މީހާ ކަމަށް ވަނީ އެންމެ ބާރަށް ހަޅޭލަވާ މީހާއަށެވެ. ކަލޭމެން ދެކޭ ގޮތުގައި، އަޑުގަދަ މީހާގެ ރުށް ގިނަވާ ގޮތަށެވެ. ތަނެއް ހަލާކޮށްލުމުގެ ހުނަރަކީ ތަން ބިނާކުރުމުގެ ހުނަރު ކަމުގައި ކަލޭމެން ދެކެއެވެ. ނިކަން ދެކިބަލާށެވެ! މިފަދަ އޮޅުމެއް އެއްފަހަރު އަރާފާނެކަން އަހަރެން ގަބޫލުކުރަމެވެ. ނަމަވެސް، ކަލޭމެންނަކީ، ކަލޭމެންގެ އަތަށް، އެއް ހޮރުން، ދެ ފަަހަރު، ކީއްކުރަން ހެއްޔެވެ، ސަތޭކަފަހަރު ވެސް ކަށިި ޖަހަން އެ ހޮރަށް އައްލާފާނޭ ބަޔެކެވެ!

މިފަދައިން ކަލޭމެންގެ ކަންތައް ހުރުމުން، ދިހަ މީހުންގެ ތެރެއިން ކަލޭމެން ހޮވާނީ ކަމަށް އެންމެ އެކަށީގެންވާ މީހާއެއް ނޫނެވެ. އެންމެ އަޑުގަދަ މީހާއެވެ. އެމީހަކީ ރަނގަޅަށް ލިޔެކިޔަން ނުދަންނަ މީހަކަށް ވިޔަސް ވެހެވެ. އެމީހަކީ ކަންކަން ޚަރާބުކުރުމުގެ ތާރީޚެއް އޮތްކަން ފެނި ތަޖުރިބާކުރެވިފައިވާ މީހެއްކަމަށް ވިޔަސް ވެހެވެ. އެމީހަކީ އެއްވެސް ހަމައެއްގެ މައްޗަށް ބިނާކޮށް އެއްޗެއް ބުނަން ނޭނގޭ މީހަކަށް ވިޔަސް ވެހެވެ.

މީގެ އިތުރުން، ކަލޭމެންގެ އާދަކާދަ ނިޔާކުރަނީ، މޮޅު، ރަނގަޅު މީހުން އުފެދެން ޖެހޭނީ ހަމަ އެކަނި ދެތިން އާއިލާއެެއްގެ ތެރެއިން ކަމެވެ. މޮޅު ކަމާއި ގާބިލިއްޔަތުކަން އޮންނަނީ ވަކިބަޔަކަށް ޚާއްސަވެފައި ނޫންކަން ކަލޭމެން ގަބޫލެއް ނުކުރެއެވެ. ހިކި، ގަޅިގަނޑަކުން ދިޔަ ފެލޭނެކަން ކަލޭމެން ގަބޫލުކޮށް، މޮޅު އާއިލާގެ ދަރީގެ ސިކުނޑިއަކީ ހިކިފައި އޮތް ގަޅިގަނޑެއް ކަމަށް ވިޔަސް، ކަލޭމެން ބަލަނީ އޭނާގެ ސިކުނޑި ރަނގަޅުވާނޭ ކަމަށެވެ. ތިމަންމެންނަކީ 100 އިން 100 މުސްލިމުންގެ ބައެކޭ ކިޔާ ތަސްބީހަ ކަލޭމެން ކިޔަމުން އަންނަތާ އެއްހާސް އަހަރު ވާން ކައިރިވީ އިރުވެސް ކަލޭމެންނަކަށް އިސްލާމީ އެންމެ މުހިއްމު އެއް އަސާސު ކަމުގައިވާ ހަމަހަމަކަން، ކަލޭމެންގެ ތެރޭގައި ކަލޭމެންނަކަށް ހިންގައެއް ނުލެވުނެވެ. އަދިވެސް ކަލޭމެންގެ ތެރޭގައި އޮތީ ބުދު ދީނާއި ހިންދީ ދީނުގެ އާދަކާދައެވެ. ގައުމު ބެހިގެންވަނީ ތަބަގާތުތަކަކަށެވެ. ބޭފުޅުންނާއި ބޭފުޅުނޫން މީހުންނެވެ. މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންނެވެ. އުތުރާއި ދެކުނުގެ މީހުންނެވެ. މިކަން އޮތީ ހަމައެކަނި މި ސަފައަކަށް ވެސް ނޫނެވެ. އަތޮޅުތަކުގެ މެދުގައި ވެސް މެއެވެ. ބައެއް އަތޮޅުތަައް ދެކެނީ އެ އަތޮޅުތަކަކީ 'މޮޅު' އަތޮޅުތައް ކަމުގައެވެ. އެނޫން އަތޮޅުތަކަކީ 'ދެރަ' އަތޮޅުތައް ކަމުގައެވެ. ރަށްރަށް ވެސް އޮތީ މިހެންނެވެ. ބައެއް ރަށްރަށް ދެކެނީ އެ ރަށްރަށަކީ ރަސް ރަށްރަށް ކަމުގައެވެ. އަނެއްބައި ރަށަކީ އަޅުންގެ ރަށްރަށް ކަމުގައެވެ. އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ބަލައިގެން މެނުވީ ތަރައްގީގެ މަސައްކަތް ނުކުރެވޭނޭ ކަމެއް ކަލޭމެންނަކަށް ނުވިސްނެއެވެ.

އިންޑިޔާ ތަރައްގީ ނުވަނީ ކީއްވެ ހެއްޔެވެ؟ މިބުނާ ތަފާތުކުރުން އެމީހުންގެ ދީނީ ޖައުހަރީ ކަމެއް ކަމުގައްޔާއި މުޖުތަމައީ އަގަކަށް ވެފައި އޮތުމެވެ. އެމީހުންގެ ދީނީ އިއުތިގާދު ނިޔާކުރަނީ އެއްބަޔަކީ އެމީހުން އުފަންވުން ނިޔާ ކުރާ ގޮތެއްގެ ސަބަބުން މަތީ ދަރަޖަތައް ލިބެން ޖެހޭ ބައެއް ކަމާއި އަނެއް ބަޔަކީ އެމީހުންގެ އުފަންވުން ނިޔާކުރާ ގޮތެއްގެ ސަބަބުން ފާޚާނާ ސާފުކުރަން އުޅެން ޖެހޭނޭ ބަޔެއްކަމެވެ. މިހެން ކަންތައް އޮންނައިރު އިހުތިރާމާއި ގަދަރު ލިބެން ޖެހެނީ އެއްބަޔަކަށެވެ. އިހުތިރާމާއި ގަދަރަކީ އަނެއް ބަޔަކަށް ހައްގު އެއްޗެއް ނޫނެވެ. އެހެން ކަމަށްވާއިރު، މި ބުނާ ދަށު ދަރަޖައިގެ މީހުން ހެޔޮ ގޮތުގައި އުޅެން ޖެހޭނޭކަން އެންމެނަށް ގަބޫލުކުރެވޭނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ. ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ފާޚާނާ ސާފުކުރުން މަތީ، ޖިފުޓި ތަކުގައި އެއް އިރު ކައިގެން އަނެއް އިރު ނުކައި އެމީހުން އުޅުން އެއީ އެމީހުންނަށް ލިޔެވިފައި އޮތް ގޮތް ކަމަށް ބުނުމެވެ. މިފަދަ ގަބޫލުކުރުންތަކެއް އެ ބަޔަކު ގަބޫލުކުރާ ބަޔަކަށް ކުރިއަރާދެވޭނީ ކިހިނެއް ހެއްޔެވެ؟ ނުދެވޭނެއެވެ. ހަގީގީ ތަރައްގީއަކީ އިންސާނުންނަށް އަމާޒުކުރެވިގެން އެމީހުންގެ މައީޝަތު ކުރިއެރުވުން ކަމުގައި ވާއިރު، އެއްބަޔަކު އުޅެން ޖެހޭނީ ނިކަމެތި ގޮތުގައި ކަމުގައި ބަލާ ނަމަ، ހަގީގީ ތަރައްގީއެއް ނުގެނެވޭނެ ނޫން ހެއްޔެވެ؟

ދެން ނިކަން ކަލޭމެންގެ ހާލަތަށް ބަލާލަ ބަލާށެވެ. ކަލޭމެންގެ ތެރޭގައި އުޅޭ 'މޮޅެތި ބޮޑުން’ގެ ބަޔަކު ދެކެނީ އެމީހުންގެ މޮޅުކަމާއި ބޮޑުކަން ބިނާވަނީ އެމީހުންގެ މައީޝަތުގެ ފެންވަރު އެހެން މީހުންނަށް ވުރެ މަތިކަން އެހެން މީހުންނަށް ދެއްކިގެން ކަމެވެ! އާނއެކެވެ! އެކަން ދެއްކިގެން ކަމެވެ. މިހެން ގަބޫލުކުރެވޭ އިރު، އެ މޮޅުކަން ބަލަން އާދައިގެ ދަށް ބަޔަކު ތިބެން ޖެހޭނޭކަން އެމީހުންނަށް ގަބޫލުކުރެވެއެވެ! އެހެންވެ، ކަލޭމެން އެންމެން ކަހަލަ ގޮތަކަށް ގަބޫލުކުރަނީ ނިކަމެތިން އުޅެން ޖެހޭނީ ނިކަމެތިކޮށް ކަމެވެ. އަރާމާއި އުފަލުގައި އުޅެން ޖެހޭނީ ވަކި ބަޔެއްކަމެވެ. އަމިއްލަ ގޯތްޗާއި ގެދޮރު ލިބިން ޖެހޭނީ ވަކި ބަޔަކަށް ކަމެވެ. މިއީ ކަލޭމެންގެ ތާއީދު ލިބިގެން ތިބި، ކަލޭމެންގެ ބައެއް ސިޔާސީ ވެރިން އަޑު ހަރުކޮށް ގޮވާ ވާހަކައެކެވެ. ދެން ތިބި ސިޔާސީ ވެރިން މިވާހަކަ އަޑުހަރުކޮށް ނުގޮވި ކަމުގައި ވިޔަސް އެމީހުންގެ އަމަލުތައް ހުންނަނީ ހަމަ އެއްގޮތަކަށެވެ. މާލޭގައި އިމާރާތްތައް އޮތް މީހުންނަށް ވިިލިގިއްޔާއި ހުޅުމާލެއާއި އަދި ލ. އަތޮޅު ފަދަ އެހެން ތަންތަނުން ވެސް ލިބޭ ނޫން ހެއްޔެވެ؟ ނިކަމެތި މީހާއަށް މިކަން އޮންނަނީ ގުރުއަތުން ދިމާވުމެވެ. އެ ގުރުއަތާ ހަމައަށް ދާން ވެސް އޮންނަ މަގު އެހާ ހަނިވެފައި ދިގެވެ! މީގެ މާނައަކީ ފަހަރެއްގައި ވެސް، އެ ބިންތަކާއި އިމާރާތްތައް ލިބުމަކީ އެ ލިބޭ ފަރާތުގެ ކުށެކޭ ބުނުމެއް ނޫނެވެ. މީގެ މާނައަކީ މިކަމަކީ ސިޔާސީ ވެރިންގެ ސިޔާސަތުގެ ކުށެކޭ ބުނުމެވެ. މިކަމުގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ މަދު ބަޔަކު މުއްސަނދިވުމެވެ. ދެން ތިބި ބަޔަކު އެމީހުންގެ އަޅުންނަށްވެ، މިނިވަންކަން ވެސް ގެއްލުމެވެ. އިހުގައި ރިބާގެ ސަބަބުން މީހުން އަޅުވެތިވީ ގޮތަށް މިހާރު އަޅުވެތިވަނީ ކުލީގެ ސަބަބުންނެވެ. ކުއްޔަކީ މިހާރުގެ ރިބާއެވެ! އެ ރިބާ ކެއުން ހުއްޓުވަން ޖެހެއެވެ!

މަނިކުބެ: އެންމެ ރަނގަޅެވެ! އެންމެ ރަނގަޅެވެ! ޖަޕާނުގައި ނަމަ ތިކަން ހައްލުކުރުމުގެ ގޮތުން ކަންތައް ކުރާނެ ގޮތެއް އަޅެ ބުނެދީ ބަލާށެވެ!

ޖުހާ: ތިކަން ހައްލުކުރުމުގެ ގޮތް ހޯދަން، ޖަޕާނު މީހުން ކަންތައް ކުރާނޭ ގޮތް ހޯދަން، ޖަޕާނަށް ދަނީ ކީއްކުރަން ހެއްޔެވެ؟ އެކަން ކަލޭމެންގެ ތާރީޚުންވެސް ފެންނަން އެބައޮތެވެ. ބިންބިމަކީ ބަންޑާރަ ބިމޭ ކިޔާ އަޑު މަނިކުބޭ ވެސް އަހަމެއް ނޫން ހެއްޔެވެ؟ މިކަމުގެ އަސްލަށް ބަލާލާއިރު މިކަމަކީ މާލޭގެ ބޮޑުތި ބޭފުޅުންގެ މިލްކުވެރިކަމުން ބޮޑެތި ބިންބިން އަތުލުމަށްޓަައި ކުރެވުނު ކަމެކެވެ. ހަމަ އެ ގޮތަށް މިހާރު ވެސް ރާއްޖޭގެ ހުރިހާ ބިމަކީ ދައުލަތުގެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. އަދި، އެއްވެސް ބިމަކީ އެކަކަށް ވެސް މިލްކުނުކުރެވޭނޭ އެއްޗެއް ކަމުގައި ހެދިދާނެއެވެ. މިކަން ކުރަން ޖެހެނީ ރާއްޖޭގައި ބިމަކީ ތަދު އެއްޗަކަށް ވެފައި އަންނަން އޮތް ޖީލުތަކަށް ވެސް ބިން ރައްކާކުރަން ޖެހޭނެތީއެވެ. މިކަން މިގޮތަށްކޮށްފައި ސަަރުކާރުތަކުން ޖެހެނީ މީހުން އުޅެން އިމާރާތްތައް ހަދާށެވެ. އަދި، ކޮންމެ މީހަކަށް ވެސް އުޅެވޭނެ ފަދަ ޖާގައެއް، މާނައަކީ ފުލެޓެއް ދޫކުރުމެވެ. އެ ފުލެޓު ގަނެ މިލްކުކުރެވޭ ގޮތަށެވެ. އެކަކަށް އެއް ފުލެޓުގެ އިތުރުން ތަނެއް ގަނެވޭނޭ ގޮތް އޮވެގެން ނުވާނެއެވެ. މިކަމުގެ އިދިކޮޅު ވާހަކައަކަށް އޮންނާނީ މިކަމުން އިގުތިސާދީ ހަރަކާތަށް ހުއްޓުން އަރާނޭ ކަމެވެ. އެހެން ވިޔަސް، ބިމުގެ މައްސަލަ މިބުނި ގޮތަށް ބާއްވަން މަޖުބޫރެވެ. އަދި މީގެ އިތުރުން، ތަންތަނުގެ ކުލި ކޮންޓުރޯލުކުރާނޭ ނިޒާމެއް ވެސް ގާއިމުކުރަން ޖެހެއެވެ. ކާޑު އެއްޗެހީގެ އަގު ކޮންޓުރޯލު ކޮށްފައި އޮންނަ ފަދަ ނިޒާމެކެވެ. މިސާލަކަށް ކުއްޔަށްދޭން ބޭނުން ނަމަ، ކުއްޔަށް ދެވެނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާއަކަށް، އެ އިދާރާއަކުން ކަނޑައަޅާ ކުއްޔަކަށާއި އަދި ހަމަޖެހިފައި އޮންނަ ގަވާއިދުތަކެއްގެ މަތިންނެވެ. ދެން، އެ އިދާރާއަކުން، ކުލީގެ ބާޒާރަށް، ހަމަޖެހޭ ގަވާއިދެއްގެ މަތިން ތަންތަން ކުއްޔަަށް ދޭން ނެރެވިދާނެއެވެ. ކުލި ވާން ޖެހޭނީ ތަނުގެ އާންމުންގެ އެންމެ ދަށު މުސާރައިގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ނުވާ ގޮތަކަށެވެ. މިއީ ޚިޔާލެކެވެ. މީގެ މުހިއްމު ޕޮއިންޓަކީ ކުއްޔަކީ، ރިބާ ފަދައިން، މީހުންގެ އަޅުވެތިކޮށް މީހުން މަގުމަތިކޮށްލާފާނޭ ކަމަކަށްވާ ގޮތަށް އެކަން އޮތުމަ ނުދިނުމެވެ. ކުއްޔަކީ މީހުންގެ އަބުރާއި އިއްޒަތް، އެމީހުންގެ އިންސާނީ ކަރާމަތް ނިގުޅައިގަންނަ ކަމެއްގެ ގޮތުގައި އޮންނަ ކަމެއްގައި ނުވުމެވެ. މިކަން ކުރެވޭނީ އެންމެ ފުރަތަމަ، އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމުގައި ގަބޫލުކުރެވިގެންނެވެ. މުޖުތަމައުގެ އެއްބަޔަކީ ބޭފުޅު ބުރަހަމިނުން ކަމުގައި ބަލައި އަނެއްބަޔަކީ އަޅުވެތި ހަރުޖަނުން ކަމުގައި ނުދެކުމުންނެވެ.

މަނިކުބޭ: އަނެއްކާ ވެސް ބުނާނީ ދެން އެންމެ ރަނގަޅެވެ. ޖަޕާނު މީހުން ފަދައިން އަހަރުމެންގެ ތެރޭގައި ވެސް މޮޅު މީހުން އުޅޭނޭ ކަން އެއްބަސް ވާން ޖެހެއެވެ. ދެން އޮތީ އެމީހުންގެ ބޭނުން ހިފޭނޭ ގޮތް ބެލުންތާއެވެ! ބުޅާ ކަރުގައި ރަނގަބީލު އަޅަން މީދާ އުޅުން ފަދަ ކަމަކަށް ނުވެއްޖިއްޔޭ ރަނގަޅެވެ.