މިސްކިތުގައި ދަރުސު ނިންމާލުމަށް ފަހު، އެއްވެފައި ތިބި މީސްތަކުން ހެއްވާލުމުގެ ގޮތުން ޝައިޚު ބުންޏެވެ. "އިނގޭ ހެއްޔެވެ؟ އަހަރެންގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތައް ހޭދަކޮށްލެވުނީ އަހަރެން ޒުވާން އިރު، އަހަރެންގެ އަނބި މީހާ ނޫން އެހެން އަންހެނެއްގެ ސުހުބަތުގައެވެ."
ދެން މީސްތަކުންނަށް ސުބުޙާނަﷲއޭ ބުނެވުނެވެ. އަދި ޝައިޚު ކުށްވެރިކޮށް އެއްޗެއް ބުނަން އެންމެހެން އަނގަ ހުޅުވާލިތަނާ ޝައިޚު ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އާނއެކެވެ. އަހަރެންގެ އަންހެނުން ނޫން މީހާކާ އެކުގައެވެ. އެއީ ކާކުކަން އެނގޭ ހެއްޔެވެ؟ އެއީ އަހަރެންގެ މަންމައެވެ!"
ދެން މީސްތަކުން ޝައިޚަށް ތައުރީފުކޮށް ހެޔޮ ދުއާކުރިއެވެ.
ޝައިޚުގެ ވާހަކަ އަޑުއެހި މީހަކު ގެއަށް ގޮސް އޭނާ އަންހެނުންނާ ސަމާސާކޮށްލަން ގަސްދުކޮށް ޝައިޚު ބުނި ވާހަކަ އަންހެނުން ގާތު ބުނަން ފެށިއެވެ. އޭރު އަންހެނުން ހުރީ ބަދިގޭގައި ރޭނގަޑުގެ ކެއުން ތައްޔާރުކުރާށެވެ. އެ މީހާގެ ވާހަކައިގެ އެއްބައި ބުނެވުނުކަން އޭނާއަށް އެނގުނެވެ. ހަޔާތުގެ އެންމެ ހިތްގައިމު ދުވަސްތައް، އެންމެ ޒުވާން ދުވަސްވަރު، ހޭދަކޮށްލެވުނީ އަނބިމީހާ ނޫން އެހެން އަންހެނަކާ އެކުގައޭ ބުނެވުނުކަން އޭނާއަށް އެނގުނެވެ.
ދެން، އޭނާ ހޭއެރިއިރު އޭނާ އޮތީ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ. އޭނާގެ ބޯ އޮތީ ބެންޑޭޖުކުރެވިފައެވެ. އަދި، ފޮޓޯއިން ފެންނަ ފަދައިން، އަންހެނުން އަތުގައި އޮތް ދޭފަތް ހުރީ ބޮލުގައި އިންދާލެވިފައެވެ. ދޭފަތް ނެގުމަށް އޮޕަރޭޝަން ކުރަން ޖެހޭނެ ވާހަކަ އޭނާ ގާތު ޑޮކްޓަރު ބުންޏެވެ.
އާދެ! ބައެއް ފަހަރު، މާ ލަސްލަހުން ވާހަކަދައްކަން ވެއްޖެ ނަމަ، މިކަހަލަ ހިތާމަވެރި ހާދިސާތައް ދިމާވުމަކީ ދުރުކަމެއް ނޫނެވެ! އަދި ވަކިން ޚާއްސަކޮށް މިކަހަލަ ހައްސާސީ ވާހަކަތައް ދައްކަންވާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ހެލްމެޓުއަޅައި ދަހަނާ ފަދަ ސަލާމަތީ ހެދުން ވެސް ލައިގެން ހުރެއެވެ! އަނެއްކޮޅުން، ޝައިޚުން ވެސް މިކަހަލަ ވާހަކަތައް ކިޔައިދޭ އިރު، މިއީ ގޭގައި ދައްކަން ރަނގަޅު ނޫން ވާހަކައެއްކަން ބުނެދޭން ޖެހޭނެ ވެސް މެއެވެ.
