Support Us

ކުރު ވާހަކަ: ސިޔާސީ ފަސާދައަކީ ކޮބައިކަން ކުޑަކުއްޖަކަށް ކިޔައިދިނުމުގެ ވާހަކައެއް

ކުއްޖަކު އޭނާގެ ބައްޕަ ކުރެން ސިޔާސީ ފަސާދައަކީ ކޮބައިތޯ އެއްސެވެ. ދެން ބައްޕަ ބުންޏެވެ. އެކަން ވިސްނޭ ވަރަށް ވުރެ ދަރިފުޅު އަދި ތަންކޮޅެއް ކުޑައެވެ. އެކަން ވިސްނައިގަތުމަށްޓަކައި އެންމެ ފުރަތަމަ ސިޔާސީ ނިޒާމު އޮންނަ ގޮތް ދެނެގަންނަން ޖެހެއެވެ. އެެހެންވެ، ދަރިފުޅަށް ވިސްނޭ ގޮތަކަށް ސިޔާސީ ނިޒާމު އޮންނަ ގޮތް ބައްޕަ ކިޔައިދޭނަމެވެ.

ގެއަށް ބޭނުންވާ ފައިސާ ބައްޕަ ހޯދަމު ނޫން ހެއްޔެވެ؟ އެހެންވީމާ ބައްޕައަކީ ދައުލަތުގެ، ރައުސްމާލު ނުވަތަ ފައިސާއާއި ހަރުމުދާ، ކުރުގޮތަކަށް ބުނާ ނަމަ، ދައުލަތުގެ ޚަޒާނާ ކަމުގައި ދެކޭށެވެ. ދެން މަންމަ، ގޭގެ ޚަރަދުތައް ބަލަހައްޓައި ގޭގެ ކަންތައްތައް ހިންގާ ނޫން ހެއްޔެވެ؟ އެހެންވީމާ މަންމައަކީ ސަރުކާރު ކަމުގައި ބަލާށެވެ. މަންމައަށް ދަރިފުޅު ބަލަހައްޓަން ޖެހޭ ނޫން ހެއްޔެވެ؟ އެހެންވީމާ ދަރިފުޅު ތަމްސީލު ކުރަނީ ރައްޔިތުންނަށެވެ. ދެން ދަރިފުޅުގެ ތުއްތު ކޮއްކޮއަކީ މުސްތަގުބަލުކަމުގައި ބަލާށެވެ. ގޭގެ ޚާދިމާ މަސައްކަތް ކުރޭ ނޫން ހެއްޔެވެ؟ އެހެންވީމާ އެ ޚާދިމާއަކީ ގައުމުގެ މަސައްކަތްތެރިންނެވެ. އޮފީސްތަކާއި ފެކްޓަރީތަކާއި ވިޔަފާރިތަކުގައި ވެސް މަސައްކަތްކުރާ މީހުންނެވެ. ސިޔާސީ ނިޒާމުގައި އެކުލެވޭ ބައިތަައް މިހާރު ދަރިފުޅަށް އެނގިއްޖެ ނޫން ހެއްޔެވެ؟ ޚަޒާނާއާއި ސަރުކާރާއި ރައްޔިތުންނާއި މަސައްކަތްކުރާ މީހުންނާއި މުސްތަގުބަލެވެ. ދެން ފަހުން، އެހެން ދުވަހަކުން، ސިޔާސީ ފަސާދައިގެ ވާހަކަ ކިޔައިދޭނަމެވެ.

މާ ރަނގަޅަށް ހުރިހާ ކަމެއް ހިތަށް ނަގައިނުގަނެވުނަސް، ކޮންމެވެސް މިންވަރަކަށް އެއްޗެއް ސާފުވެއްޖެ ކަމުގައި ދެކެމުން، ދަރިފުޅު ނިދަން ދިޔައެވެ. އަދި، ބައްޕަ ކިޔައިދިން ވާހަކަތަކުގެ މައްޗަށް ވިސްނަން އޮތުމުން އޭނައަށް ނިދޭ ގޮތެއް ނުވިއެވެ. ދެން، އެހެން އޮއްވައި އިވުނީ ކުޑަ ކޮއްކޮ ރޯ އަޑެވެ. ދުވެފައި ގޮސް ބަލާލިއިރު ކޮއްކޮ އޮތީ ދެކަމު ހާޖަތަށް ދެވި، ހަޑިވެ، ނެޕީ ބަދަލުކުރަން ވެފަައެވެ. ދެން މަންމަ ކޮބައިތޯ ބަލާލި އިރު މަންމައަށް އޮތީ ނިދިފައެވެ. ދެން ދުއްވައިގަތީ ބައްޕަ ހޯދާށެވެ! ބައްޕަ ނުފެނިގެން ހޯދަމުން ދިޔައިރު ބައްޕަ ފެނުނީ ޚާދިމާއާ އެކުގައި ޚާދިމާގެ ކޮޓަރީގައި މުނިފޫހިފިލުވުމުގައި އުޅެނިކޮށެވެ. ދެން، ދަރިފުޅު ހަދާނެ ގޮތެއް ނޭނގިގެން އެނބުރި އޭނާގެ ކޮޓަރިއަށް އައިސް އެނދަށް އަރައި ނިދީއެވެ.

އަނެއް ދުވަހު ހެދުން ތެދުވެ، ސައިބޯން އިނދެ ބައްޕާ ގާތު ދަރިފުޅު ބުންޏެވެ. ބައްޕާއެވެ. މިހާރު ސިޔާސީ ފަސާދައަކީ ކޮބައިކަން އަޅުަގަނޑަށް އެނގިއްޖެއެވެ. ސިޔާސީ ފަސާދައަކީ ދައުލަތުގެ ޚަޒާނާ ބޭނުންކޮށްގެން މަސައްކަތު މީހުންގެ ނާޖާއިޒު ފައިދާ ނަގައި އެމީހުންނާ އެއްކޮށް ކުޅި މަޖާކޮށް މުނިފޫހިފިލުވުމެވެ. އެކަން ހިނގަމުން ދާއިރު، ފުން ނިންޖެއްގައި، ސަރުކާރު ނިދާފާ އޮވެއެވެ. އަދި ރައްޔިތުން ވާނުވާ ނޭނގި މަގުއޮޅިފައި ދެކޮޅަށް ދުވެދުވެ ތިބެއެވެ. ދެން، ގައުމުގެ މުސްތަގުބަލާ މެދު ފަރުވާ ކުޑަކޮށްލެވި، ކުޑަކޮށް ވެސް، އަޅާ ނުލެވި، ނުތާހިރާ، ހަޑި މުޑުދާރުކޮށް، އޭގެ އަމިއްލަ ނަޖިހުގެ ތެރޭގައި ބަކަތަޅާލަ ތަލާލައި އޮވެއެވެ!