Support Us

ތާރީޚުން ފިލާވަޅެއް: ތިން ޒައީމެއްގެ ސިޔަރަތުގެ ވާހަކައާއި އެއިން ލިބޭ ފިލާވަޅެއްގެ ވާހަކަ

މި ލިޔުމުގައި ތިން ވެރިޔެއްގެ ހަޔާތުގެ މައްޗަށް ކުރު ގޮތަކަށް ބަލާލަން ގަސްދުކުރަމެވެ. ބޮޑެތި ޚިދުމަތްތަކެއް ގައުމަށް ކުރެއްވި ތިން ވެރިއެކެވެ. އެކަކީ އިޒުރޭލުގެ ޑޭވީޑް ބެން ގޫރިޔަންއެވެ. އަނެކަކީ ފުރާންސުގެ ޗާލްސް ޑީ ގޯލެއެވެ. ތިންވަނަ ބޭކަލަކީ އިނގިރޭސިވިލާތުގެ ވިންސްޓަން ޗާޗިލްއެވެ. މި ޒައީމުންގެ ޚިދުމަތްތަކަށް ބަލާލައި، އެކަމުން ލިބެން އޮތް ފިލާވަޅެއްގެ ވާހަކަ ފާހަގަކޮށްލުމަށްޓަކައެވެ. ދެން، އެންމެ ފުރަތަމަ، އެ ބޭކަލުންގެ ގައުމަށް އެ ބޭކަލުން ކޮށްދެއްވި ޚިދުމަތުގެ މައްޗަށް، ދެތިން ޖުމްލައަކުން ނަމަވެސް، އަލިއަޅުވާލަމާ ހެއްޔެވެ؟

އެންމެ ފުރަތަމަ އިޒުރޭލުގެ ޑޭވިޑް ބެން ގޫރިޔޯއަންއެވެ. އޭނާއަކީ އިޒުރޭލު ނަގާ ކޮޅަށް ޖެހި އިޒުރޭލުގެ ލީޑަރެވެ. އިޒުރޭލުގެ ރޮނގުވަޅުން ބަލާއިރު، 1948ގައި އިޒުރޭލު އުފަންވުމާ ހަމައަށް ދިޔައިރު، އެ ކަމުގެ މަގު ކޮށައި، ވަރަށް ވެސް ޚުތޫރަތްތެރި މަރުހަލާއެއްގައި، ހަރުދަނާ ޒައާމަތެއް ދައްކައި، ބޮޑެތި ބާރުތަކާއި ވާހަކަތައް ދައްކައި، އިޒުރޭލަށް ފައިދާވަނިވި ގޮތެއްގައި، ކަންތައްތައް ނިންމަވައި، އެންމެފަހުން، ޔަހޫދީ ދައުލަތެއް ގާއިމުކުރުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވި ލީޑަރެވެ. 1948ގައި އިޒުރޭލުގެ ދައުލަތް ގާއިމުވުމުން، އިޒުރޭލުގެ ފުރަތަމަ ބޮޑުވަޒީރެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގަތެވެ. އޭނާ ފާހަގަކުރެވިފައިވަނީ މުހިއްމު ރަނގަޅު ގަރާރުތަކެއް، އެކަންކުރަންވީ ވަގުތުގައި، ނަންގަވަން އެނގިވަޑައިގެންނެވި ލީޑަރެއްގެ ގޮތުގައެވެ. މިފަދަ ގަރާތުތަކުގެ ތެރޭގައި، 1947ގައި، އ.ދ.އިން ފަލަސްތީނު ބައިކުރަން ނިންމި ގަރާރު، އެކަން ހަގީގަތުގައި، ގަބޫލު ނުކުރެއްވިކަމުގައި ވިޔަސް، އެކަމުގެ ފައިދާ އިޒުރޭލަށް އޮންނާނެތީވެ، އެކަން ބަލައިގެންނެވިއެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި އަރަބިން އެކަން ބަލައެއް ނުގަންނާނެއެވެ. އަދި، އިޒުރޭލާ ކުރިމަތިލުމުގެ އަސްކަރީ ބާރެއް، އަރަބިންގެ ކިބައިގައި ނެތް ކަމުގައި ވިޔަސް، އިޒުރޭލުގެ ބާރުގެ އަގުން ވަޒަން ނުކޮށް، އިޒުރޭލާ ހަނގުރާމަކުރަން ފަށާނެކަމުގައި އޭނާ ދެކެވަޑައިގަތެވެ. އަދި، އެ ހަނގުރާމަ ފެށިގެން ދިޔުމަކީ އޭނާ އެދިލެއްވި ގޮތް ވެސް މެއެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި، އިޒުރޭލަށް ކާމިޔާބު ލިބޭނެތީއެވެ. އަރަބިންގެ ވާހަކަތައް ބިނާވެފައި އޮތީ ހުސް ވާހަކަތަކެއްގެ ގޮތުގައި ކަމަށް ވީމައެވެ. އެފަދަ ހަނގުރާމައަކަށް ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވެ އޮތުމާއި، އަރަބިންގެ ތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވެސް އޮތީމައެވެ. އަރަބި ކޮންމެ ލީޑަރަކަށް ވެސް، އޭރުވެސް، އަދި މިހާރު ވެސް، މުހިއްމީ އެ މީހުންގެ ރާއްޖެއާއި މީސްތަކުންގެ ކުރި އެރުމެއް ނޫނެވެ. ނަމަވެސް، އަމިއްލަ ވެރިކަމެއް އޮވެފައި އެކަން ދެމެހެއްޓުމެވެ. މީގެ އިތުރުން ވެސް، އިޒުރޭލުގެ ނަޒަރުން ބަލާއިރު، ބެން ގޫރިޔޫންގެ މުހިއްމު ކާމިޔާބީތަކުގެ ތެރޭގައި، ޔޫރަޕުގެ ޔަހޫދީން މެރުމުގެ ޒިންމާ އުފުލަންޖެހޭ ނާޒީންގެ އިސް މީހެއް ކަމުގައިވާ އެޑޮލް އައިޚްމެން އާޖަންޓީނާގައި ފިލައިގެން އުޅެނިކޮށް، އޭނާ ހިފާ ހައްޔަރުކޮށްގެން އިޒުރޭލަށް ގެނައުން ވެސް ހިމެނެއެވެ. ބެން ގިޔޫރަން އަކީ އިޒުރޭލަކީ ނިޔުކިލަރުގެ ބާރަކަށް، ކޮންމެހެން ވެސް ވާން ޖެހޭނެކަމަށް، ބާރުއަޅުއްވައި އެކަންކުރުމަށް، އެންމެ ފުރަތަމަ ގޮވާލެއްވި ލީޑަރު ވެސް މެއެވެ.

އަގު ނުކުރެވޭ ފަދަ ބޮޑެތި ބޮޑެތި ޚިދުމަތްތަކެއް އޭނާގެ މީސްތަކުންނާއި އޭނާގެ ގައުމަށް ކޮށްދެއްވި ކަމުގައި ވިޔަސް، ވެރިކަމުން ދުރުވެވަޑައި ގަންނެވުމުގެ ވަގުތު އައުމުން އެކަން ކުރެއްވިއެވެ. ބޮޑުވަޒީރުގެ މަގާމުން 1954ގައި އިސްތިއުފާ ދެއްވިއެވެ. ނަމަވެސް، ފަހުން، ސިޔާސީ މަސްރަހަށް އެނބުރި ވަޑައިގަތުމަށް، އެ މަސްރަހު ނިޔާކުރުމުން، އަލުން އިންތިޚާބުގައި ބައިވެރިވެ ވަޑައިގެން، އިންތިޚާބު ކާމިޔާބު ކުރައްވައި ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. ނަމަވެސް، ދެވަނަ ފަހަރަށް، 1963ގައި ވެރިކަމާ ދުރުވެވަޑައިގެންނެވިއެވެ. އެއަށް ފަހު، 1970ގައި، ސިޔާސީ ހަޔާތާ ވެސް ދުރަށް ވަޑައިގެން، ވަރަށް އާދައިގެ ދިރިއުޅުއްވުމެއް އުޅުއްވައި، ލިޔެކިޔުއްވުމުގައި، އޭނާގެ ހަޔާތުގެ ފަހުގެ ދުވަސްތައް ހޭދަކޮށްލެއްވިއެވެ. އޭނާ ކޮށްދެއްވި ޚިދުމަތުގެ ބަދަލުގައި، މުޅި އިޒުރޭލަކީ އޭނާ ކަމުގައި އޭނާ ދެކެވަޑައި ނުގަންނަކަން މިކަމުން ސާފުވެއެވެ. އޭނާގެ ގައުމުގެ މީހުން އޭނާއަށް އިންތިހާއަށް ޝުކުރު އަދާކުރެއެވެ. އޭނާގެ ނަމުން ނަންދެވިފައިވާ ވައިގެ ބަނދަރަކާއި އަދި ޔުނިވަރސިޓީއެއްވެސް ހުރެއެވެ. ނަމަވެސް، އިޒުރޭލު ވުޖޫދުގައި އޮތުމާއި ނެތުން ބިނާވެފައި އޮތީ އޭނާގެ މައްޗަށް ކަމަކަށް އޭނާގެ ގައުމުގެ މީހުން، ފަހަރެއްގައި ވެސް، ނުދެކެއެވެ.

ދެވަނަ ލީޑަރަކީ ފަރަންސޭސިވިލާތުގެ ޗާރލްސް ޑިގޯލްއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ފަރަންސޭސިވިލާތް ޖަރުމަނުވިލާތުން ހިފައި އިހުތިލާލުކުރުމުން ނާޒީންނާ ދެކޮޅަށް ހަނގުރާމަކުރެއްވި ފަރަންސޭސީންގެ އަސްކަރީ ލީޑަރެވެ. އަސްކަރީ ޚިދުމަތަށް ފަހު، ގައުމީ ޚިދުމަތާއި ދުރުގައި ހުންނެވުމަށް ފަހު، 1958ގައި ބޮޑުވަޒީރުކަމަށް އައްޔަނު ކުރެވުމުން، ވެރިކަމާ ހަވާލުވެވަޑައިގަތެވެ. އަދި، ފަރަންސޭސިވިލާތުގެ އާ ގާނޫނު އަސާސީއެއް ތައްޔާރުކުރައްވައި، ފަރަންސޭސި ފަސްވަނަ ޖުމްހޫރިއްޔާ ގާއިމުކުރައްވައި، ރައީސަކަށް އިންތިޚާބުވެވަޑައިތެވެ. އޭނާގެ ޒައާމަތުގައި ނިޔުކިލިޔަރ ބާރަކަށް ފަރަންސޭސިވިލާތް ހެއްދެވުމުގެ މަސައްކަތް ފައްޓަވައި އެމަސައްކަތުގެ ސަބަބުން ފަހުން، އެކަން ހަގިގަތަކަށް ވެގެން ދިޔައެވެ. ނަމަވެސް، އޭނާއަށް އޮތް ތާއިދު، ކުޑަވެއްޖެކަމުގެ އިހުސާސެވެވަޑައިގެން، 1969ގައި، ވެރިކަމުން އިސްތިއުފާ ދެއްވައި ލިޔެކިޔުއްވުމުގައި އޭނާގެ ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރެއްވިއެވެ.

ކުރިން ވެސް އިޝާރަތްކޮށްލި ފަދައިން، ޗާރަލްސް ޑިގޯލް ފާހަގަކުރެވިފައިވަނީ ވަރުގަދަ އަސްކަރީ ލީޑަރެއްގެ ގޮތުގައެވެ. މީގެ އިތުރުން، ފަރަންސޭސި ވިލާތުގެއާއި ޔޫރަޕުގެ ވެސް ސިޔާސީ ޒައީމެއްގެ ގޮތުގައެވެ. ނަވާރަ ވަނަ ގަރުނާއި ވިހި ވަނަ ގަރުނުގައި ފަރަންސޭސި ވިލާތް ދުށް އެންމެ ވަރުގަދަ ލީޑަރުންގެ ތެރޭގައި ޑިގޯލް ފާހަގަކުރެވެއެވެ.

އޭނާގެ ޚިދުމަތްތަކަށް ޝުކުރުއަދާ ކުރުމުގެ ގޮތުން ފަރަންސޭސި ބޮޑެތި ވައިގެ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ޕެރިހުގެ ވައިގެ ބަނދަރަށް އޭނާގެ ނަމުން ނަންދެވިފައި ވެއެވެ. އަދި، ނިޔުކިލަރުގެ ހަކަތައިން ދުއްވާ، މަތިންދާ ބޯޓު އުފުލާ ފަރަންސޭސިންގެ ބޯޓަކަށް ވެސް އޭނާގެ ނަމުން ނަންދެވިފައި ވެއެވެ. މީގެ އިތުރުން، ފަރަންސޭސި ވިލާތުގެ ބައެއް މަގުތަކާއި ބިލްޑިންގުތަކަށް ވެސް އޭނާގެ ނަމުން ނަންދެވިފައިވެއެވެ. ނަމަވެސް، ފަހަރެއްގައިވެސް، ފަރަންސޭސިވިލާތަކީ އޭނާ ކަމުގައި އޭނާ ދެކެވަޑައިއެއްނުގަނެއެވެ. އޭނާގެ ގައުމަށް އޭނާ ކޮށްދެއްވި ޚިދުމަތުގެ ބަދަލުގައި މުޅި ގައުމު އޮންނަން ޖެހޭނީ އޭނާގެ މުށުގެ ތެރޭގައި، އޭނާ ހިތްޕުޅާވިހާ ގޮތަކަށް ކަންތައް ކުރައްވަންކަން، އޭނާ ދެކިވަޑައެއް ނުގަނެއެވެ. ހަމަ އެހެންމެ، އޭނާގެ ގައުމުގެ މީސްތަކުން ވެސް، މުޅި ފަރަންސޭސިވިލާތަކީ އޭނާ ކަމާއި ފަރަންސޭސިވިލާތުގެ މަސީރު އޮތީ އޭނާއާ ގުޅިފައިކަމުގައި ނުދެކެއެވެ.

ތިންވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ބޮޑުވަޒީރު ވިންސްޓަން ޗާޗިލްއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގެ އަތްދަށުގައި ނުވެ، މިނިވަން ދައުލަތެއްގެ ގޮތުގައި އިނގިރޭސިވިލާތް ބޭއްވުމުގެ އިތުރުން، އޭނާއަކީ ޖަރުމަނުވިލާތް ބަލިކުރުމުގެ ސިޔާސަތުގެ އިސް މޭސްތިރިކަމުގައި ބެލެވޭ ލީޑަރެވެ. އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވުމުގެ ކުރިން، އިނގިރޭސިވިލާތުގެ ފައުޖުގެ އަސްކަރީއެއްގެ ގޮތުގައި، އިނގިރޭސީ އިސްތިއުމާރީ ވެރިކަން އޮތް ބައެއް ތަންތަނުގައި ކުރެވުނު ބައެއް ހަނގުރާމަތަކުގައި އޭނާ ބައިވެރިވެ ވަޑައިގަތެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހުން ވެސް، ދެވަނަ ދައުރަކަށް ބޮޑުވަޒީރުކަން ލިބިވަޑައިގެން ވެރިކަން ކުރެއްވިއެވެ. އޭނާގެ ވެރިކަމުގައި މުހިއްމު، މާލީ އަދި އިޖުތިމާއީ، ސިޔާސަތުތަކެއް ކަނޑައެޅުއްވިއެވެ. އޭނާގެ ހަޔާތުގެ މައްޗަށް، ހަމައެކަނި އިނގިރޭސި ބަހުން ވެސް، ފަސްދޮޅަހަށް ވުރެ ގިނަ ފޮތް ލިޔެވިފައިވެއެވެ. މިކަމުން، އިނގިރޭސިން އޭނައަށް ޝުކުރުވެރިވާކަމުގެ ހެއްކާއި މަތިވެރި ދަރަޖަ ފެނިގެން ދެއެވެ. ނަމަވެސް، ކުރީގައި ނަންގަނެވި ދިޔަ ދެ ލީޑަރުން ފަދައިން، މުޅި އިނގިރޭސިވިލާތަކީ އޭނާކަމުގައި ޗާޗިލް ވެސް، ދެކިވަޑައެއް ނުގަންނަވައެވެ. އަދި، އިނގިރޭސިވިލާތުގެ ޒައާމަތު އަބަދުގެ އަބަދަށް އޮންނަން ޖެހޭނީ އޭނާގެ މުށުތެރޭގައި ކަމެއް ވެސް ދެކިވަޑައެއް ނުގަނެއެވެ. ހަމަ އެހެންމެ، ޚުދް އިނގިރޭސީން ވެސް، އެމީހުންގެ ދައުލަތަކި ޗާޗިލްގެ އެއްޗެއް ކަމުގައި ނުދެކެއެވެ. އޭނާ ވަރިކަމުން ވަކިކުވުމުގެ ވަގުތު ޖެހުމުން، ވެރިކަމުން އޭނާ ދުރުކުރެވުނެވެ.

މި ވާހަކަތަކުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ހަގީގީ ލީޑަރުންގެ ގޮތެވެ. އެ ފަދަ މީހުން، އެމީހުންގެ ގައުމަށް ޚިދުމަތްކޮށްދެނީ ވަރަށް ވެސް އިޚުލާސްތެރިކަމާ އެކުގައި ކަމެވެ. އެ މީހުންގެ ޚިދުމަތުގެ ބަދަލުގައި، އެމީހުންނަކީ މުޅި އުއްމަތް ކަމުގައި އެމީހުން ނުދެކޭ ކަމެވެ. މުޅި ގައުމަކީ އެމީހުންގެ މިލްކިއްޔާތެއް ކަމުގައި އެފަދަ ހަގީގީ ލީޑަރުން ނުބަލާކަމެވެ. އެމީހުންގެ ޚިދުމަތުގެ ދައުރު ނިމި، ސިޔާސީ މަސްރަހުން އެމީހުން ދުރުވެ، އާ މޫނުތައް ގައުމުގެ ސިޔާސީ މައިދާނުން ފެންނަން ޖެހޭ ވަގުތު އައުމުން، އެކަމަށް ހުރަސް ނާޅައި، އެ ފަދަ މީހުންނަށް އެ މަގު ފަހިކޮށްދިން ކަމެވެ. އެ ދަނޑިވަޅުގައި، ވެރިކަމަށް އަންނަން ޖެހޭނީ އެމީހުންގެ ގާތް ތިމާގެ މީހެއް ކަމަކަށް އެ މީހުން ނުދެކޭ ކަމެވެ. އަދި، މަރުކަށި ކަނޑައި، އެކަން ކުރުމަށް އެމީހުންގެ އުމުރުގެ ބާކީ ދުވަސްތައް ހޭދަ ނުކުރާ ކަމެވެ. މީގެ އިތުރުން، އެ ފަދަ ހަގީގީ ލީޑަރުންގެ ގައުމުތަކުގެ މީހުންވެސް، އެ މީހުންގެ ގައުމުތަކަކީ ވެރިންގެ އަމިއްލަ މިލްކިއްޔާތެއް ކަމުގައި ނުދެކެއެވެ. ވެރިންގެ ޚިދުމަތުގެ ދައުރު ނިމިއްޖެކަން އިހުސާސު ވުމުން، ވެރިކަމަށް ގާބިލު، އާ ބަޔަކު ވެރިކަމަށް އިސްކުރިއެވެ. މި ގޮތަށް ކަންތައްތައް ކުރުމުން، އެމީހުންގެ ގައުމުތައް ދިޔައީ ކުރިއަށެވެ. ކުރިން އޮންނަ ވެރިކަމެއް ނިމި، އާ ވެރިކަމެއް އަންނައިރު، ގައުމަށް އޮންނަނީ ތަރައްގީގެ މަގުގައި އިތުރު ފިޔަވަޅުތަކެއް އެޅި، އިތުރު މުއްސަނދިކަން ލިބިފައެވެ.

ދެން އަޅުގަނޑުމެންގެ ހާލަތަށް ކުރުކޮށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ އަޅުގަނޑުމެންގެ މި ޒަމާނުގެ ތަރައްގީގެ މަސައްކަތްތައް، 1940ގެ އަހަރުތަކުގެ މެދެއްހާ ހިސާބު ފެށުނީއްސުރެން، އަޅުގަނޑުމެންނަށް ފެނިފައި އޮތީ މުޅިން ވެސް، މުޅި އުއްމަތަކީ އޭނާ ކަމުގައި ދުށް ލީޑަރުންނެވެ. މި އިބާރާތް، ލީޑަރުން މުޅި އުއްމަތަށް ވުމުގެ އިބާރަތް، އެންމެ ފުރަތަމަ ބޭނުންކޮށްފައި އޮތްތަން އަޅުގަނޑު ދުށީ މަރުހޫމު ޝިހާބުގެ ލިޔުމަކުންނެވެ. ރައީސް މުހައްމަދު އަމީން ވެރިކަމުން ވެއްޓިވަޑައިގަތުމުގެ ސަބަބުތައް ބަޔާންކުރައްވަމުން އޭނާ ވިދާޅުވި ވިދާޅުވުމެއްގައެވެ. އާދެ، މުޅި އުއްމަތަކީ، މުޅި ގައުމަކީ އޭނާ ކަމުގައި ރައީސް އަމީން ދެކެވަޑައިގަތުމެވެ. މިހެން ވުމުން، މުޅި ގައުމު ވެގެން ދަނީ ވެރިޔާގެ މިލްކިއްޔާތަކަށެވެ. އޭނާގެ ޚިދުމަތްތައް ބެލެވެނީ އޭނާ އަދާކުރަން ޖެހޭ ވާޖިބެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ މަގާމު ނިޔާކުރާ ގޮތުން އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއްގެ ގޮތުގައެއް ނޫނެވެ. މިއާ ޚިލާފަށް، އެފަދަ ޚިދުމަތްތަކަކީ އޭނާގެ 'ހެޔޮފުޅުކަމުން’، 'ދީލަތިފުޅުކަމުން' ކޮށްދެއްވާ ކަންތައްތަކެއްގެ ގޮތުގައެވެ. ރައީސް އަމީނަށް ފަހު، ދެން ފެނިގެން ދިޔަ ވެރިންގެ ވެރިކަމުގައި ވެސް މިކަމަކަށް، 'މުޅި އުއްމަތީ ތިމާކަމަށް ބެލެވޭ ބެލެވުމަށް’، ބަދަލެއް އައި ތަނެއް ނުފެނެއެވެ. މުޅި ސިޔާސީ ނިޒާމު ހަމަޖެހިގެން ދަނީ މިގޮތަށް ކަންތައް ކުރަން ޖެހޭ ގޮތަކަށެވެ. ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ޚިދުމަތްތައް ލިބެން އޮންނަނީ 'ތީމުގެއަށް ސިޓީލައި' ނޫނީ، ވެރިޔާއަށް، ނޫނީ އޭނާގެ ގާތް މީހަކަށް، ނޫނީ ސިޔާސީ ކޮންމެވެސް ބާރެއް ލިބިފައިވާ މީހަކަށް އާދޭހުގެ ސިޓީތައް ލިޔެ ސަލާން ޖަހައިގެން އެކަން ކުރެވޭ ގޮތަށެވެ. އާދެ، ވެރިންގެ 'ހެޔޮފުޅުކަމުން' ކަންތައްތައް ކުރެވޭ ގޮތަށެވެ. އެކަންކަން ފޯރުކޮށްދެނީ، ރައްޔިތުންގެ ފައިސާއިން ކަމެއް، ވެރިޔާ ވެސް، އަދި، ޚުދް، ރައްޔިތުން ވެސް ހަނދާނެއް ނުހުރެއެވެ. އެންމެނަށް ވެސް ބެލެވިފައި އޮންނަނީ އެއީ ވެރިޔާގެ އަމިއްލަ ޖީބުފުޅުން ކުރައްވާ ޚަރަދެއް ކަމުގައެވެ! އެހެން ނުބެލޭނީ ވެސް ކީއްވެ ހެއްޔެވެ؟ މުޅި އުއްމަތަކީ ވެރިޔާއެވެ. ދައުލަތަކީ ވެސް، ސަރުކާރަކީ ވެސް، ވެރިޔާގެ އަމިއްލަ މިލްކިއްޔާތުގެ، އޭނާގެ ހަރު މުދަލުގެ، ތެރޭގައި ހިމެނޭ އެއްޗިއްސެވެ!

ދެން އަދުގެ، 'ހަގީގީ ޑިމޮކުރަސީގެ' ދުވަސް ވަރުގެ، ހާލަތަކީ ކޮބައި ހެއްޔެވެ؟ ވެރިޔާ ނުވަތަ ވެރިޔާ ތަމްސީލުކުރާ ފަރާތް އެއީ މުޅި އުއްމަތަށްވެ، މުޅި ދައުލަތަކީ އޭނާގެ މިލއްކިއްޔާތަކަށް ވުމުގެ ސަގާފަތަކަށް މިއަދު ވަކި ބަދަލެއް އައިއްސަ އޮތްތަން ފެނޭ ހެއްޔެވެ؟ 'ހަގީގީ ޑިމޮކުރަސީއަކުން' ނޫނީ 'ގިނަ ޕާޓީތަކުގެ ޑީމޮކުރަސީއަކުން' މިކަމަށް ބަދަލެއް އައި ތަނެއް ނުފެނެއެވެ. ވެރިކަމުގެ ނިޒާމަށް ކޮންމެ ނަމެއްކީ ކަމުގައި ވިޔަސް، މި ހަގީގަތަކަށް ބަދަލެއް އަދި އައިކަން ފާހަގައެއް ނުކުރެވެއެވެ. އިހުއްސުރެން ފެށިގެން ތަނުގައި އޮތް 'އެކަކުގެ ދަނގަޑު އަތުގެ ވެރިކަމަކު ނިޒާމު' އަދިވެސް އޮތީ ދިރިއެވެ. ތަފާތު ކުލަތަކުގެ ނަމުގައި އެކުވެ، ވެރިކަމުގެ ގޮނޑިއާ ހަމައަށް އާދެވުމުން، ކުރިން އެކުވި އެކުވުން މަތިން ހަނދާން ނެތެއެވެ. އަދި، އެއީ އެކަން އޮންނަންވީ ގޮތް ނޫންކަމާއި ވެރިކަން އޮންނަން ޖެހޭނީ ވަކި މީހެއްގެ މުށު ތެރޭގައި ކަމުގެ ވާހަކަ ފެށި، އެކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރެވެން ފެށެއެވެ. އެހެންވެ، އެ ބުނާ ހަގީގީ ޑިމޮކުރަސީގެ ނިޒާމުގެ ދަށުގައި ވޭތުވެ ދިޔަ ބާރަ ވަރަކަށް އަހަރު ވެސް، ފެނިގެން ދިޔައީ ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ލުމުގެ މަސައްކަތް ކުރެވޭތަނެވެ. ވެރިކަމަކީ ގައުމު ކުރިއަރުވަން މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ނޫނެވެ. ވެރިކަމުގެ އެންމެ މުހިއްމު މަގުސަދަކަށް ވެފައި އޮތީ، އިހާރުވެސް، އަދި މިހާރުވެސް، ތިމާގެ އަމިއްލަ ބާރު އަބަދުގެ އަބަދަށް ދެމިގެންދާނޭ ގޮތެއް ހެދުމެވެ. އެހެންވެ، އިސް މަގާމުތަކަށް އިސްކުރަން ޖެހެނީ ކަމާ އެކަށީގެން ނުވާ، ނާގާބިލު މީހުންނެވެ. އިސް މަގާމުތަކަށް ގާބިލު ބަޔަކު އިސްކުރުމުން، ސިޔާސީ މަސްރަހުން ސިޔާސީ ހުނަރުވެރިކަމާ ކުޅެދުން ތިބި ބަޔަކު ފާޅުވެދާނެ ކަމުގެ ބިރު އޮންނާނެތީއެވެ. އެހެންވެ، ކިރިޔާ ވެސް އެފަދަ ގާބިލު މީހަކު ހުރެއްޖެކަން ފާހަގަކުރެވިއްޖެ ނަމަ، އެމީހެއްގެ ދުވަސް ދުއްވާލުމުގެ މަސައްކަތް ފެށެއެވެ. އެކިއެކި ގޮތް ގޮތުން ބިރުދައްކައިގެންނެވެ. މިހާރު ވެސް، އެފަދަ ކަންތައްތައް 'ތަހުގީގުތަކުގެ' ނަމުގައި، ބޮޑެތި ބޭކާރު ޚަރަދުތައްކޮށް ކުރެވެމުން އެބަދެއެވެ. ތަހުގީގުކުރަން ޖެހޭ މަރުގެ މައްސަލަތަކާއި ޚިޔާނާތުގެ މައްސަލަތައް، ހެކި ނެތް ކަމަށް ހަދައި، އޮއްބާލާއި ބާއްވާފައެވެ.

އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ލީޑަރުންނޭ ކިޔާ މީހުން ދެކޭ ގޮތާއި އަދި އެމީހުންގެ އަމަލުތަކާ ޚިލާފަށް، މަތީގައި، ހަގީގީ ލީޑަރުންގެ މިސާލެއްގެ ގޮތުގައި، ނަންގަނެވި ދިޔަ ތިން ލީޑަރުން، އެމީހުންގެ ގައުމުތަކަށް އަގު ބޮޑެތި ޚިދުމަތްތައް ކުރުމަށް ފަހު، އޭގެ ބަދަލުގައި މުޅި ގައުމަކީ އެލީޑަރުންގެ އެއްޗެއްގެ ގޮތުގައި ނުދެކިފައި، އަޅުގަނޑުމެންގެ ގައުމުގެ ލީޑަރުން ކަމުގައި ބެލެވޭ މީސްމީހުން، ގައުމަށްޓަކައި، މީސްތަކުންގެ އަމިއްލަ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނޭ ފަދަ ރަނގަޅު ނިޒާމެއް ތައާރުފުކޮށް، ގާއިމު ކުރުމަށް ނުކުޅެދިފައިވީ އިރުވެސް، މުޅި އުއްމަތަކީ އެމީހުން ކަމުގައި ދެކި، މުޅި ދައުލަތަކީ އެމީހުންގެ މިލްކިއްޔާތެއް ކަމުގައި ބެލެވިގެން ދަނީ ކީއްވެ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގެ ބައެއް ފަރަންސޭސީ ލީޑަރު ޗާރލްސް ޑިގޯލްގެ ވާހަކަކޮޅަކުން ލިބެއެވެ. ވެރިކަން ދޫކޮށްލައްވަމުން އޭނާ ވިދާޅުވިކަމަށް އޮވެއެވެ. "މުހިއްމީ ތިމަންނާ ވެރިކަމުގައި ހުރުމެއް ނޫނެވެ. މުހިއްމީ ފަރަންސޭސި ވިލާތް ކުރީގައި އޮތުމެވެ." އާދެ، މަތީގައި ނަންގަނެވުނު އެހެން ލީޑަރުންނަށް ވެސް މުހިއްމުވީ އެލިޑަރުންގެ އަމިއްލަ ވެރިކަން ދެމެހެއްޓުމެއް ނޫނެވެ. އެމީހުންގެ ގައުމާއި ގައުމުގެ މީހުންގެ މިނިވަންކަމާއި ގައުމާއި ގައުމުގެ މީހުންގެ ކުރިއެރުމެވެ. ދެންމެ ނަންގަތް ސުއާލުގެ ޖަވާބުގެ އަނެއް ބައި، އެހެން ލިޔުން ތެރިއެއްގެ ބަސްކޮޅަކުން ލިބެއެވެ. ޝާމުކަރައިގެ އަރަބި އިލްމުވެރި ސިޔާސީ ލީޑަރެއް ކަމުގައިވާ މަރުހޫމު މުސްތަފާ އައްސިބާއީގެ ބަސްކޮޅަކުންނެވެ. އޭނާ ވިދާޅުވެފައި އޮވެއެވެ. "ވެރިކަމަށް އަންނަ ކޮންމެ ވެރިޔަކަށް އަތްތިލަބަޑި ޖަހަމުންދާ ރައްޔިތަކީ އެބައެއްގެ ގައުމީ ހޭލުންތެރިކަން ފުރިހަމަ ނުވާ ބައެކެވެ." އާދެ، ވެރިކަމަށް އަންނަ ކޮންމެ މީހަކީ މުޅި އުއްމަތް ކަމުގައި ހަދައި، މުޅި ދައުލަތަކީ އޭނާގެ މިލްކިއްޔާތެއް ކަމުގައި އޭނާއަށް ހަދާލެވެނީ ރައްޔިތުންގެ ސަބަބުންނެވެ. ގައުމީ ހޭލުންތެރިކަން ފުރިހަމަ ނުވުމުންނެވެ. ގައުމަކީ ކޮބައި ކަމާއި ވެރިޔާއަކީ ކޮބައިކަން ވަކިކުރަން ނޭނގުމެވެ. އެހެންވެ، ވެރިޔާއަކީ ގައުމު ކަމުގައި، މަރުހޫމު ޝިހާބުގެ އިބާރާތުން ނަމަ، މުޅި އުއްމަތް ކަމުގައި، ހަދާލެވެނީއެވެ. ދެން، އެކަން ވެރިޔާއަށް ވެސް ގަބޫލުކުރެވި، އޭނާގެ އަމަލުތައް އެގަބޫލުކުރުމާ އެއް ގޮތަށް ބަދަލުވެގެންދަނީއެވެ. ދެން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ވެރިޔާ ކޮންމެ ފަދަ ކަމެއް ކުރިޔަސް، އަދި އެކަމަކީ ގައުމީ މަސްލަހަތާ މުޅިން ފުށުއަރާ ކަމެއް ކަމުގައި ވިޔަސް، ކަނު ސިފައެއްގައި، ވެރިޔާއަށް ތާއީދުކުރުމުގެ ސަބަބުން، ވެރިޔާގެ ތާކުންތާކު ނުޖެހޭ އަމަލުތައް ނުފެންނަނީއެވެ. ގައުމުގެ މިނިވަންކަމާ ފުށުއަރާ އަމަލުތައް ވެރިން ކުރަމުންދާ އިރު ވެސް، އެކަން ދިފާއުކޮށް، ވެރިންނަށް ޚުޝާމަދުކޮށް، 'ލީޑަރު ތަސްބީހަ' ކިޔުމުގައި ރައްޔިތުން ތިބެނީއެވެ.

އާދެ، އަޅުގަނޑުމެންގެ މުޖުތަމައުގައި އޮތް އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކޮށް، އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ހަގީގީ ކުރިއެރުމެއް އަޅުގަނޑުމެން ހޯދަން އެދޭ ނަމަ، ވެރިޔަކީ މުޅި އުއްމަތަށް ހަދާލައި، މުޅި ދައުލަތަކީ އޭނާ ހިތު ހުރި ގޮތަކަށް ކަންތައް ކުރެވެން އޮންނަ އެއްޗެއް ކަމުގެ ސަގާފަތް ބަދަލުވާން ވެއްޖެއެވެ. ވެރިޔެއްގެ ސިޔާސަތުތަކުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލެވެން ޖެހެނީ ސީދާ ސިޔާސަތުތަކުގެ މައްޗަށް ބަލައިގެން ކަމާއި، މިވެނި މީހަކު އެކަން ކުރީމާ ނޫންކަން ދެނެގަނެވިގެންނެވެ. މިކަމުގެ ފެށުމަކަށް ވާނީ ކަންކަމާ މެދު، ތިމާމެންގެ އަމިއްލަ ސިކުނޑި ބޭނުންކޮށް، ހެޔޮ ގޮތުގައި ތިމަމެން އަމިއްލައަށް ވިސްނައި ފިކުރުކުރަން ފެށައިގެންނެވެ. ވެރިންނަކީ 'ޑެމޯގަގުންނަށް' އާދެ، 'ލާޚަލްގީވާރުންނަށް’، ކުދިކުދި އިލާހުންތަކަކަށް، ވުމުގެ ފުރުސަތު ނުދީގެންނެވެ.