ބައެއް ސިޔާސީވެރިންގެ ބޮލަށް އެންމެ އުނދަގޫވާ އެއް ވާހަކައަކަށް ވެފައި މިހާރު އޮތީ އެމީހުންނަކީ ތަންދޮރު ނުދަންނަ މީހުން ކަމުގައި ފާހަގަކޮށް ނޫސްތަކުގައި ލިޔެ އަދި ސައި ހޮޓާތަކުގައި މީސްތަކުން ހަޖޫކިޔައި ވާހަކަ ދެއްކުމެވެ. ސިޔާސީ ވެރިންގެ ވާހަކަތަކަކީ އެމީހުންގެ ލަޚްލާގީވާރުން (ޑެމޯގަގުން)، އެއްޗެއް ބުނާއިރަށް، އެކަމަށް ތާއީދުކުރުމުގެ ގޮތުން ކިޔާ ލީޑަރުތަސްބީހަތަކެކެވެ. ދުވާލަށް ރޭނގަނޑޭ ބުންޏަސް، މިކަންވެސް ދިފާއުކޮށް ވާހަކަދައްކާނެޔޯ ކިޔާ ކިޔުންތަކެވެ.
އެފަދައިން ވާހަކަދައްކައި އުޅޭނެ ސަބަބު ވެސް އެބައޮތް ކަން ވެސް ބައެއް ސިޔާސީވެރިން ދަނެއެވެ. އެމީހުން އެމީހުންގެ 'މަގުބޫލުކަން ހޯދީކީ' ސިޔާސާތުގެ ދަނޑުގައި ފައިދާކުރުވަނިވި ސިޔާސަތުތަކެއް ހުށަހަޅައިގެން ނޫނެވެ. އެއްބަޔަކު، މީހުންނާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވައި، މީސްތަކުންގެ މަގުބޫލުކަން ހޯދިއިރު، އަނެއް ބަޔަކުގެ އިލްމުވެރިކަމާއި ސިޔާސީ ތަޖުރިބާ ހޯދީ ކުޅިވަރުކުޅޭ ދަނޑުތަކުގައެވެ. އެމީހުންގެ މަދަރުސާއަކަށް ވެސް، އަދި ޔުނިވަރސިޓީއަކަށް ވެސް، ވެފައި އޮތީ އެތަންތަނެވެ. ދެން، ބައެއް ފަހަރު، ޖަލުތަކުގައި ބަންދުވެ، އެތަންތަނުގެ ޕުރޮފެސަރުންގެ ކިބައިންނާއި އުސްތާޒުންގެ ލެކްޗަރުތައް އަޑުއަހައި ކިޔަވާ ކިޔެވުންތަކެވެ.
ކޮންމެއަކަސް، ބައެއް ސިޔާސީވެރިންގެ ނާގާބިލުކަމާއި އެމީހުން ފުރަމުން ގެންދާ ސިޔާސީ މަގާމުތަކަކީ އެމީހުންނާ އެކަށީގެން ނުވާ މަގާމުތަކެއް ކަމުގެ ވާހަކައިގެ އަޑުގަދަވެ، އެކަން އާންމުވަމުންދާތީ މިފަދަ ސިޔާސީ ވެރިޔަކު މިއީ އެކަން އޮތް ގޮތް ނޫންކަން ސާބިތުކޮށްދޭން ބޭނުން ވެގެން، އިލްމީ ތަޖުރިބާތައް ކުރާ ކަމާއި އަދި އެމީހުންގެ ވާހަކަތައް ބިނާވަނީ އެފަދަ ތަޖުރިބާތަކުގެ އަލީގައި ކަމުގައި ސާބިތުކޮށްދިނުމުގެ ގޮތުން، ސިޔާސީ މަޖުލިެއްގައި މިނަންގަންނަ ވާހަކަ ކިިޔައިދިނެވެ.

"އަޅުގަނޑަކީ ދޫނި ގެންގުޅޭ މީހެކެވެ. ދޫންޏަކީ ވަރަށް ވެސް ވިސްނުން ތޫނު އެއްޗެއްކަމާއި އަދި، ކޮންމެ ވެސް ވަރަކަށް އިންސާނުން ކިޔާ އެއްޗެއް ދޫންޏަށް އެނގޭކަން އަޅުގަނޑު ސާބިތުކޮށްދީފީމެވެ. އެއްދުވަހު އަޅުގަނޑު ގެންގުޅޭ ދޫނިތަކުގެ ތެރެއިން ދޫންޏެއް ގެނެސް މޭޒުމަތީ ބައިންދާފައި، އަޅުގަނޑު އެޔަށް ބާރަށް ގޮވާލީމެވެ. 'ޝޫ، ޝޫ، ޝޫ'. ދެން، އިސާހިތަކު ދޫނި ގޮވާލާފައި އުދުހިގެން ދިޔައެވެ. ދެވަނަ ދުވަހު ވެސް ހަމަ އެބާވަތުގެ ދޫންޏެއް ގެނައީމެވެ. މިފަހަރު، ދޫނީގެ ދެ ފިޔަގަނޑު ކޮށާލީމެވެ. ދެން، މޭޒުމަތީ ބައިންދާފައި ހަމަ ކުރީ ދުވަހެކޭ އެއްފަދައިން އަޅުގަނޑު ވަރަށް ބާރަށް 'ޝޫ، ޝޫ، ޝޫ' ގޮވާލީމެވެ. ނަމަވެސް މިފަހަރަކު ދޫނި އުދައްސައެއް ނުގަނެއެވެ. މިކަން ދެތިން ފަހަރު މަތިން ތަޖުރިބާކުރީމެވެ. ފިޔަގަނޑު ކޮށާލާފައި ގޮވާލުމުން ދޫނި ހިމޭނުން އިނދެއެވެ. ދެން، އަޅުގަނޑުގެ ސައެންސީ ތަޖުރިބާތައް ލިޔާ ނޯޓު ފޮތުގައި ނޯޓުކޮށްލީމެވެ. 'ދޫނި ދޫނީގެ ފިޔަގަނޑު ކޮށާލީމައި ދޫނި ދޫންޏަކަށް އެއްގޮތަކަށް ވެސް އަޑެއް ނީވޭނެއެވެ!"
