ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށް މަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮ ކަންތައްތަކުގެ މައްސަރު ކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ. އެހެންކަމުން މި ފުރްޞަތުގެ ބޭނުން ކޮންމެ މުސްލިމަކުވެސް ރަނގަޅު ގޮތުގައި ހިފުމަށް މަސައްކަތްކުރަން ވާނެއެވެ.
ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފި ރޯދައިގެ އަސަރު ކުރިއަށް އޮތް މުޅި އަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައުބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.
ރޯދައަކީ ﷲގެ އަޅާ، އޭނާގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުން ނަމޫނާ ކިޔަމަންގަތުމަކަށް ހަދާދޭ އަޅުކަމެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި ހުރިހާ ކަންތައްތަކަކާ ދުރުހެލިވެގެން އަހަރުގެ ހުރިހާ މައްސަރުތަކެއްގައި ދިރިއުޅޭނެ މީހެކެވެ. އޭނާއަކީ މާތްﷲ ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކާއި އަދި ޙަލާލުކުރެއްވި ބައެއް ކަންތައްތަކާ ދުރުހެލިވެގެން އުޅޭނެ މީހެކެވެ. ރަމަޟާން މަހުގައި އޭނާގެ ޙަޔާތަކީ މާތްވެގެންވާ މަލާއިކަތުންގެ ޙަޔާތާ އެއްފަދަ ނަމޫނާ ޙަޔާތެކެވެ. މާތްﷲ އަށް އުރެދުމެއްނެތި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ މީހަކަށް ވާތީއެވެ.
މާތްﷲ އަށް ފުރިހަމައަށް ކިޔަމަންގަންނަ އަޅަކަށް ރޯދަވެރިޔާއަށް ވެވޭނީ އަދި ރޯދައިން ފުރިހަމައަށް ފައިދާ ލިބިގަންނަ އަޅަކަށް ރޯދަވެރިއާއަށް ވެވޭނީ ރޯދައާ ގުޅުންނެތްް އެންމެހާ ނުބައި ޢަމަލުތަކުން ދުރުހެލި ވެގެންނެވެ. ރޯދަވެރިޔާގެ ސުލޫކާ ނުގުޅޭ ސުލޫކުތަކާއި އުޅުންތަކާއި ގުޅުންތަކާ ދުރުހެލިވެވިގެންނެވެ. މިތާނގައި ބަލައިލެވޭތޯ މިބަލަނީ އެފަދަ ބައެއް ކަންތައްތަކަށެވެ.
ކެޔުން ބުއިމުގައި އިސްރާފު ކުރުން
ރަމަޟާންމަހު ރޯދަވީއްލުމަށްޓަކައި ކޮންމެ ޢާއިލާއަކުންވެސް ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެއްޗާއި ބޯއެއްޗެހި ތައްޔާރުކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެކެވެ. މީގެތެރެއިން އެމީހުންނަށް ކައިބޮއި ހެދެނީ ވަރަށް މަދުއެތި ކޮޅެކެވެ. ގިނަ އެއްޗެހިތައް އުކާލެވެނީ ކުނިގޮނޑަށެެވެ. މިއީ ކިހާބޮޑު އިސްރާފެއްތޯއެވެ؟ އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ. އެއީ ޝައިޠާނާގެ ކަމެކެވެ. މާތްﷲ ކެއުމާއި ބުއިން ހުއްދަކުރެއްވިއިރު އިސްރާފުނުކުރުމަށް އެންގެވިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. [وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ[1]– އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އެކަމަކު އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ.]
އިސްރާފުކުރުމަކީ އެކަމުގެ ގެއްލުން ޞިއްޙީ ގޮތުންނާއި މާލީގޮތުން މުޖްތަމަޢަށް ފޯރާނެ ކަމެކެވެ. ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމެކެވެ. އެކަމަކު ރޯދައިން މި މަޤްޞަދު ޙާޞިލުކުރެވޭނީ އިސްރާފުކުރުމުން ދުރުހެލިވެގެންނެވެ. އަދި ރޯދައަކީ ޢާއިލާގެ ޖީބަށް ފިއްތާ ބާރުކުރާ އެއްޗެއް ވެސް ނޫނެވެ. ތިންއިރުގެ ކޮއްތު ދެއިރަށް ބަދަލުވުމުން ރަމަޟާންމަހުގައި ޚަރަދުތައް ކުޑަވަންޖެހޭނެއެވެ. ދުނިޔޭގެ އެތަންމިތާނގައި ކާއެތިކޮޅަކަށް ބޭނުންވެފައިވާ ކިތައް މިލިޔަން މުސްލިމުން އެބަތިބިތޯއެވެ. މިމީހުންގެ ޙާލަތާމެދު ވިސްނާލައިފާ އިސްރާފުކުރެވޭބައި އެމީހުންނަށްޓަކައި ހޭދަކުރަމާތޯއެވެ؟ ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ބައްލަވައިލައްވާށެވެ! އެކަލޭގެފާނު ރޯދަފުޅު ވީއްލަވާފައިވަނީ ކަދުރުކޮޅަކުންނެވެ. ކަދުރުކޮޅެއް ލިބިވަޑައިނުގަންފިނަމަ ކިރުފޮދަކުންނެވެ. ކިރުފޮދެއް ލިބިވަޑައި ނުގަންފިނަމަ ފެންފޮދަކުންނެވެ. ކަދުރާއި ކިރަކީ ހަށިގަނޑަށް ފައިދާހުރި ކާނާތަކެކެވެ. އަޅުގަނޑުމެންނަށްވެސް، ކީރިތި ރަސޫލާ ﷺ ނަމޫނާއަކަށް ބަލައިގެން، ކެއުމާއި ބުއިމުގެ ކަންތައްތައް އިސްރާފުނުވާގޮތަކަށް ހަމަޖައްސާލެވިދާނެއެވެ. އަދި އެކަލޭގެފާނު ދެއްވާފައިވާ އިރްޝާދުގެ މަތިން، ކެއުންބުއިމުގެ ކަންތައްތއް ހަމަޖެއްސިދާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ حَسْبُ الْآدَمِيِّ لُقَيْمَاتٌ يُقِمْنَ صُلْبَهُ فَإِنْ غَلَبَتْ الْآدَمِيَّ نَفْسُهُ فَثُلُثٌ لِلطَّعَامِ وَثُلُثٌ لِلشَّرَابِ وَثُلُثٌ لِلنَّفَس [2]– އާދަމުގެދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައިކަން ބޮޑުކަންވާރެއް ނުފުރައެވެ. އޭނާގެ ބުރިކަށި ކޮޅަށްބެހެއްޓުމަށްޓަކައި ސުވާކޮޅެއް ފުދެއެވެ. ފަހެ އޭނާގެ ނަފްސު އޭނާގެ މައްޗަށް ގަދަވެގަންފިނަމަ ކާއެއްޗެއްސަށް ތިންބައިކުޅައެއްބައި، ބޯއެއްޗެއްސަށް ތިންބައިކުޅައެއްބައި އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައި ދޭށެވެ!] މިބަސްފުޅުން އެކަލޭގެފާނު އަޅުގަނޑުމެންނަށް އެ އަންގަވަނީ ބަނޑުފުރާނުލުމަށެވެ. އަބަދުވެސް ތިންބައިކުޅައެއްބައި ހުހަށް ބެހެއްޓުމަށެވެ. މުސްލިމުން ކައިބޮއި ހަދަންވާނީ ދިރިއުޅުމަށްޓަކައެވެ. ކެއުމަށާއި ބުއިމަށްޓަކައި ދިރިއުޅޭބަޔަކަށް މުސްލިމުން ވެގެން ވެގެންނުވާނެއެވެ.
ރޯދަވީއްލުން ލަސްކުރުން
ބައެއްމީހުން ހީކުރާގޮތުގައި އިރުއޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެމީހުން ހީކުރާގޮތުުގައި ރޯދަވީއްލަންވާނީ މަޣްރިބު ނަމާދު ކުރުމަށްފަހުގައެވެ. ނަމަވެސް އިސްލާމްދީނުގައި އޮތީ މިގޮތެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ އިރުއޮއްސުމުން އަވަހަށް ރޯދަވީއްލުމަށެވެ. އެއަށްފަހު މަޣްރިބުނަމާދު ކުރުމަށެވެ.
ރޯދަވީއްލުން އަވަސްކުރުމުގެ މާނައަކީ އިރުއޮއްސިއްޖެކަން ޔަޤީންވުމުން ރޯދަވީއްލުމެވެ. ޞިއްޙީގޮތުން ބަލާއިރުގައިވެސް ހަށިގަނޑަށް ރަނގަޅީ އަވަހަށް ރޯދަވީއްލުމެވެ. ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުން މަދުވާ ފެނާއި ހަށިގަނޑުން މަދުވާ ހަކުރު ހަށިގަނޑަށް ލިބޭނެގޮތް ހަދައިދިނުމަށްޓަކައި އިރުއޮއްސޭއިރަށް އަވަހަށް ރޯދަވީއްލުމަށް ބޭނުންވެއެވެ. ރޯދަވީއްލުން އަވަސްކުރުމަށް އަންގަވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ[3] ރޯދަވީއްލުން އަވަސްކުރާނަމަ މީސްތަކުން ހެޔޮކަންމަތިން ފިލައިނުދާނެތެެވެ."
ހާރު ނުކެއުން
ބައެއް މީހުން ރަނގަޅ ުކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބޭތަން ފެނެއެވެ. ނަމަވެސް ދީނީގޮތުން ބަލައިއިރު އެއީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ ޚިލާފު ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً[4] – ތިޔަބައިމީހުން ހާރުކާށެވެ! ފަހެ، ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ." ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ހާރުކެއުމަކީ ބަރަކާތްތެރިކަމެއްގެ އިތުރަށް ހަށިގަނޑަށްވެސް ބޭނުންކަމެކެވެ. ރޯދަވީއްލާއިރު ކާއެއްޗެހިން އެކަނި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބޭނެކަމަށް ކަމާބެހޭ ތަޖްރިބާކާރުން ބުނެއެވެ. ހާރުނުކައި ރޯދައަށް ހުންނަމީހާ ބޮލުގައި ރިއްސުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ކުޑަކުޑަކަމެއް ކޮށްލާއިރަށް ވަރުބަލިވުމަކީވެސް ވެދާނެކަމެކެވެ. އޭނާ ވަރަށް ބޮޑަށް ކަރުހިއްކާނެއެވެ. މިގޮތަށް އެއްމަސްދުވަސް ހޭދަކުރަން އުޅެފިނަމަ އޭނާއަށް ވަރަށްބޮޑެތި ބުރަތަކެއް އުފުއްލަން ޖެހިދާނެއެވެ.
އެންމެ އިރަކު ކައިގެން ހާރުނުކައި ރޯދައަށް ހުރުމުގެ ސަބަބުން އޭނާގެ މަޢިދާއަށާއި ގޮހޮރަށާއި ހަޖަމުކުރުމުގެ ނިޒާމަށް ގެއްލުންތަކެއް ލިބުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.
ހާރުކެއުމަކީ ޒުވާންފުރައިގެ މީހުންނަށާއި މުސްކުޅީންނަށާއި މާބަނޑުމީހުންނަށާއި ބަލިމަޑުކަމުން ފަސޭހަވެގެން ހަށިގަނޑު އަލުން އުފެދެމުންދާ ކޮންމެ މީހަކަށް ވަރަށް ބޭނުންތެރި، ޟަރޫރަތްތެރި ކަމެކެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި އަހްލުކިތާބީންގެ ރޯދަހިފުމާ މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއްތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރުކެއުމެވެ. އަހްލުކިތާބީން ރޯދަހިފުމަށްޓަކައި ހާރެއް ނުކައެވެ.
ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެކެވެ. "لَا تَزَالُ أُمَّتِي بِخَيْرٍ مَاأَخَّرُوا السَّحُورَ وَعَجَّلُوا الْفِطْرَ[5]– ހާރުކެއުން ފަސްކޮށް، ރޯދަވީއްލުން އަވަސްކުރާނަމަ ތިމަންކަލޭގެފާނުގެ އުއްމަތް ހެޔޮކަންމަތިން ފިލައިނުދާނެތެވެ." ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ހާރުކެއުން ފަސްކުރުމުގެ ސަބަބުން ރޯދަވީއްލުމާއި ހާރުކެއުމާ ދެމެދުގައި އަށެއްކަ ގަޑިއިރުގެ މުއްދަތެއް ލިބޭނެއެވެ. މިއީ ރޯދަވީއްލިއިރު ކައިބޮއިހެދި އެއްޗެހި ހަޖަމުކުރުމަށް ފުދިގެންވާ ވަގުތުކޮޅެކެވެ. އޭރުން، ކައިބޮއި ހެދި އެއްޗެހި ހަޖަމުވުމުން އުފެދޭ ކުނިބުނިތައް ނައްތައިލުމަށް ވެސް ހަށިގަނޑަށް ވަގުތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް، ހަޖަމުކުރުމުގެ ތަފާތު މަސައްކަތްތަކުން އަވަދިވާނެ ވަގުތުވެސް ލިބޭނެއެވެ.
ހާރުކެއުން ލަސްކުރުމަކީ ނުކައިނުބޮއި ހުންނަންޖެހޭ ވަގުތުކޮޅު މަދުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ހައިހޫނުކަމާއި ކަރުހިއްކުމުގެ އިޙްސާސް ކުޑަވެގެންދާނެއެވެ.
[1] – الأعراف: ٣١
[2]– رواه ابن ماجه
[3] – رواه مالك والبخارى ومسلم والترمذى وأحمد وابن ماجه والبيهقى وابن حبان وابن خزيمة
[4] – رواه البخارى ومسلم والنسائى وأحمد والطبرانى
[5] – رواه أحمد




advertisment