Support Us

ކުރު ވާހަކަ: ކުއްތާތަކެއްގެ ހެކިބަހާއި ހެކިބަސް ދިން ކުއްތާތަކެއްގެ ވާހަކަ

އެވޭލާ ޒަމާނުގެ ރަށެއްގެ ވާހަކައެކެވެ. އެ ރަށުގެ މީހުން މަޝްހޫރުވެފައި އޮތީ ދޮގު ހެދުމާއި މަކަރާއި ހީލަތް ހަދައި ހަގީގަތް ފޮރުވައި އޮޅުވާލުމަށެވެ.

މިށަށުގެ ފިރިހެނަކު އަންހެނަކާ ކައިވެނިކުރިއެވެ. އެކައިވެނި ކުރީ، ސިއްރުންނެވެ. ރައްޓެހި ޝައިޚަކާއި ދެ ހެކިވެރިން ގެނެސްގެންނެވެ. ނަމަވެސް، ކައިވެނި ސިއްރުން ކުރުމުން، އެ ކައިވެންޏަށް އޮތީ ގާނޫނީ ސިފަ ނުލިބިއެވެ.

ކައިވެނީގެ ކުޑަ ދުވަސްކޮޅެއް ފަހުން، ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި، ދެބަސްވެ، ދެބަސްވުން ޒުވާބަށް ބަދަލުވިއެވެ. ދެން، ފިރިމީހާ ރުޅިއައިސް، އަންހެން މީހާ ގޭން ބޭރުކުރިއެވެ. އަންހެން މީހާއަށް ލިބެންޖެހޭ އެއްވެސް ހައްގެއް ނުދީއެވެ.

ދެން، އަންހެން މީހާ ކޯޓަށް ގޮސް ކައިވެނީގެ މައްސަލަ ހުށަހެޅިއެވެ. އޭނާގެ ކައިވެނި ރަޖިސްޓުރީކޮށް، ކައިވެންޏަށް ގާނޫނީ ސިފަ ލިބިފައި ނުވިޔަސް، އަންހެން މީހާ ގާޒީއަށް ދެންނެވީ އެކަނބުލޭގެ ކައިވެންޏަކީ ސައްހަ، ރަނގަޅު ކައިވެންޏެއް ކަމަށެވެ. އަދި، ކައިވެނި ކޮށްދިން ޝައިޚާ ދެހެކިވެރިންގެ މައުލޫމާތު ދިނެވެ.

ފިރިމީހާ ކަމަށް، އަންހެން މީހާ ބުނި މީހާއާއި އަދި ކައިވެނިކޮށްދިން ކަމަށް ބުނާ ޝައިޚާއި ހެކިވެރިން ކޯޓަށް ހާޒިރު ކުރެވުނެވެ. އަދި، އަންހެން މީހާގެ ދައުވާގެ ވާހަކައާއި ކައިވެނީ ވާހަކަ އެމީހުންގެ ކުރިމައްޗަށް ހުށަހެޅުނެވެ. އަދި، އަންހެން މީހާ އެ ބުނާ ކައިވެންޏާ ދޭތެރޭ އެމީހުންގެ ބަހަކީ ކޮބައިތޯ ގާޒީ އެއްސެވިއެވެ.

ރަށު މީހުންގެ އާދައިގެ މަތިން އެހުރިހާ އެންމެންވެސް ކައިވެންޏާ މެދު އިންކާރުކޮށް ދޮގުހެދިއެވެ. އަދި، ޝައިޚާއި ދެ ހެކިވެރިން، އަންހެން މީހާ އެ ބުނާ ކައިވެންޏެއް ނުކޮށްދޭ ކަމަށް ބުނެ، ދޮގު ހެކިދީ ފިރިމީހާގެ ބަހަކީ ތެދު ހަގީގަތް ކަމަށް ބުންޏެވެ.

ދެން ގާޒީ ވިދާޅުވިއެވެ. ފިރިމީހާގެ ގޭގައި ކުއްތާއެއް އޮވޭހެއްޔެވެ؟ ޖަވާބުގައި، އަންހެން މީހާ ގާޒީއަށް ދެންނެވިއެވެ. އެ ގޭގައި ދެ ކުއްތާ އޮވެއެވެ. ދެން، ގާޒީ އަމުރުކުރެއްވިއެވެ. އަންހެން މީހާ ގޮވައިގެން ފިރިމީހާގެ ގެއަށްދިއުމަށެވެ! އަދި ވިދާޅުވިއެވެ. އެ ގޭގައި އޮތް ދެ ކުއްތާއަށް އަންހެން މީހާ އެނގި، އެކަނބުލޭގެއަށް މަރުހަބާ ކިޔައިފި ނަމަ، އަންހެންމީހާ އެ ބުނަނީ ތެދެވެ. ދެ ކުއްތާ އަންހެން މީހާ އިންކާރުކޮށް ވައްވައްޖަހައިގެންފި ނަމަ، އަންހެން މީހާގެ ދައުވާއަކީ ދޮގު، ބާތިލު ދައުވާއެކެވެ.

ދެން، އަންހެން މީހާ ފިރިމީހާގެ ގެއަށް ގެންދެވުނެވެ. އަދި، އެގޭގައި އޮތް ދެ ކުއްތާ އަންހެން މީހާ ދެނެގަނެ، އަންހެން މީހާއަށް މަރުހަބާ ކިޔެވެ.

އަނެއްކާވެސް އެންމެން ކޯޓަށް ހާޒިރު ކުރެވުނެވެ. ހުކުމް އިއްވައި މައްސަލަ ނިންމުމަށެވެ.

ފިރިމީހާއާއި ޝައިޚާ އަދި ހެކިވެރިން ވެސް ކަންބޮޑުވެ ހާސްވިއެވެ. އަދި ގާޒީއަށް ދެންނެވިއެވެ. ކުއްތާގެ ހެކިބަސް ހަމަ ބަލައިގަންނަވަނީތޯއެވެ؟ އަޅުގަނޑާއި އަޅުގަނޑުގަނޑުގެ ހެކިވެރިންގެ ހެކިބަހުގެ އަގެއް ނެތީތޯއެވެ؟

ޖަވާބުގައި ގާޒީ ވިދާޅުވިއެވެ. އާނއެކެވެ. ދެ ކުއްތާގެ ހެކިބަހުގެ ތެދުކަން، ހެކި ބަސް ދިން ކުއްތާތަކަށް ވުރެ ބޮޑެވެ. އަދި، ދޮގު ހެދި އެންމެން 39 އެތިފަހަރުން ތައުޒީރުކޮށް ކޮންމެ މީހާކު ޖޫރިމަނާކުރިއެވެ. އަދި، އެމީހުން ތައުބާނުވަނީސް އެމީހުންގެ ހެކިބަސް އެއްވެސް ކަމެއްގައި ބަލައިނުގަތުމަށް ވެސް ހުކުމްކުރެއްވިއެވެ. އަދ، އަންހެން މީހާއަށް ލިބިދޭންޖެހޭ ހައްގު ލިބޭނޭ ގޮތް ހެއްދެވިއެވެ.

ކޮވިޑު19ގެ ފޭކު ޓެސްޓުތައް ހަދައި، އޮޅުވާލައިގެން، ފަތުރުވެރިނަށް ނައްސިކަމުގެ ނަތީޖާތައް ވިއްކަމުންދާ ޚަބަރެއްގެ ވާހަކަ

މި ވާހަކައިން ލިބިދޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ މަތީގައި އިޝާރަތްކުރެވުނުގެ ރަށުގެ މީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަޚުލާގީ މާތް ސިފަތައް ނެތި، ކުއްތާތައް ފަދަ ޖަނަވާރުންގެ ދަރަޖައަށް ވުރެ ވެސް ދަށަށްދިޔަ ކަމެވެ. ދެން އުފެދޭ ސުއާލަކީ ހެއްޔެވެ؟ އެ ރަށެއްގެ ކުއްތާތަކާއި ވަލުޖަނަވާރުތަކަށް ވުރެ ދަށު ދަރަޖައަށް އެ ރަށެއްގެ މީހުންގެ ކަންތައްތައް ހިނގައްޖެ ރަށެއްގެ ކުރިމަގު އޮންނާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ފަރުދީ ސިފައެއްގައްޔާއި އަދި ޖަމާއީ ސިފައެއްގައި، އަމަލީ ގޮތެއްގައި، އެ ކަންކަން އިސްލާހުކުރަން ނޫޅެވިއްޖެ ނަމަ، އެރަށެއްގެ މައްޗަށް އިލާހީ ކޯފާ ހައްގުވެ، އަޚުލާގީ ގޮތުން އެފަދަ ދަށުދަރަޖައަށް ވެއްޓިދިޔަ، އިހުގެ އުއްމަތްތައް ވެސް ނެތިދިޔަ ފަދައިން، އެ ރަށެއްގެ މީހުން ވެސް ނެތި، މުޅި ވުޖޫދުން ފޮހެވިގެން ދިޔުމުގެ ބިރު ކުރިމަތިވުމެވެ.