ތަންތަނަކީ ބަސްމޮށުންތެރިކަން ލިބިގެންވާ މަޚްލޫޤެއްނަމަ ބަދްރުގައި ހިނގި މަތިވެރި ހަނގުރާމައިގެ ތަފާތު ފަރުދާތައް މިއަދުވެސް އަޅުގަނޑުމެންނަށް ކިޔައިދެމުންދާނެތެވެ. ބަދްރުހަނގުރާމައަކީ އިސްލާމީ އުއްމަތުގެ އަދި ކީއްތޯއެވެ! ދުނިޔޭގެ ތާރީޚުގެވެސް މަލަތައް ބަދަލުކޮށްލި ވަރުގަދަ ހާދިސާއެކެވެ. އެއީ އެތައް މުޢުޖިޒާތްތަކެއް ހިމެނޭ ހާދިސާއެކެވެ. މި ހަނގުރާމައާއެކު އިންސާނިއްޔަތުގެ ރާސްތާއަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ. ހިޖްރައިން ދެ ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ ހުކުރު ދުވަހު ހެނދުނު ހިނގި މި ހަނގުރާމައިގެ ސަބަބުން އިސްލާމީ ދުނިޔޭގެ ޗާޓު ކުރެހެން ފެށުނެވެ. އަދި ހަމަ އެއާއެކު މުޅި ދުނިޔޭގެ ޗާޓުވެސް އަލުން ކުރެހެން ފެށުނެވެ. ކީރިތި ޤުރްއާން ބުނާގޮތުގައި އެއީ "يَوْمَ الْفُرْقَانِ" [1] އެވެ. ނުވަތަ އެއީ "يَوْمَ الْتَقَى الْجَمْعَانِ" [2] އެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި އެއީ "غَزْوَةُ بَدْرِ الكُبْرَى" [3] އެވެ.
ހަނގުރާމައިގެ ކުރި
ކީރިތި ރަސޫލާ ﷺ މަދީނާއިން ނުކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ 314 މީހުންނެވެ. މުސްލިމުންގެ ލަޝްކަރަކީ ޢަދަދުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ބަލާއިރު، މުޝްރިކުންގެ ލަޝްކަރަށްވުރެ މާ ނިކަމެތި ލަޝްކަރެކެވެ. މުޝްރިކުން މައްކާއިން ނުކުތީ ހަނގުރާމައަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ހަނގުރާމަ ކުރުމަށެވެ. އެހެންކަމުން ކީރިތި ރަސޫލާ ﷺ އަށް ވަރަށް މުހިއްމު ޤަރާރެއް ކަނޑައަޅުއްވަން ޖެހިވަޑައިގަތެވެ. މުސްލިމުންގެ ޢަދަދު މުޝްރިކުންގެ ޢަދަދަށްވުރެ ތިންގުނަ މަދެވެ. މުސްލިމުންގެ އަތުގައި ހުރި ހަތިޔާރަކީ ހަނގުރާމައެއް ކުރުމަށް އެކަށީގެންވާ ވަރަށްވުރެ މާ ދެރަ ހަތިޔާރުތަކެކެވެ. އެހެންކަމުން އެކަލޭގެފާނު، އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާ ކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޞަޙާބީންނާއެކު މަޝްވަރާ ކުރެއްވީ ހަނގުރާމަކުރުމާ ބެހޭގޮތުންނެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ކިބައިން ލިބިވަޑައިގެން ޖަވާބަކީ އެކަލޭގެފާނާމެދު އެބޭކަލުން ކުރައްވާ އިތުބާރުގެ ބޮޑުކަން ހާމަކޮށްދިން ޖަވާބެކެވެ. އެކަލޭގެފާނު އެކަމާމެދު ހިތްޕުޅު ހަމަޖެހުނު ޖަވާބެކެވެ. މުހާޖިރުންނާއި އަންޞާރުން ކީރިތި ރަސޫލާ ﷺ ގެ ޒަޢާމަތުގެ ދަށުގައި އެކަލޭގެފާނުގެ ބަސްފުޅާ އެއްގޮތަށް ޢަމަލު ކުރައްވާނެ ކަމުގެ ކަށަވަރުކަން ކީރިތި ރަސޫލާ ﷺ އަށް ލިބިވަޑައިގަތުމުން އެ ކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ކުރިއަށްދާށެވެ! އުފާވެރިކަން ހުށްޓެވެ! ހަމަކަށަވަރުން މާތްﷲ ދެކަމުންކުރެ އެއްކަމެއް ތިމަންކަލޭގެފާނަށް ދެއްވަން ވަނީ ވަޢުދުވެ ވޮޑިގަންފައެވެ. ތިމަންކަލޭގެފާނުގެ ޤައުމުގެ ބޮޑުން ހަނގުރާމައިގެ މައިދާނަށް ވެއްޓެމުންދާތަން ފެނިވަޑައިގަންނަވާ ކަހަލައެވެ."
މުސްލިމުންގެ ލަޝްކަރު ގޮސް ބަދްރުގެ ފެންގަނޑާ ކައިރި ހިސާބަކަށް ފޭބުމުން އަލްޙުބާބު ބުނުލް މުންޛިރު[4] ދެންނެވިއެވެ. މިއީ މާތްﷲ އަންގަވައިގެން ފައިބާވަޑައިގަން ތަނެއްތޯއެވެ؟ ނުވަތަ މިއީ މަޝްވަރާކުރުމާއި ޚިޔާލުފާޅުކުރުން އޮތްކަމެއްތޯއެވެ؟ ހަނގުރާމައަކީ މަކަރާއި ޙީލަތް އެކަމުގައި ހިމެނޭ ކަމެކެވެ. މިއީ ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން އޮތްކަމެއް ކަމުގައި ކީރިތި ރަސޫލާ ﷺ ވިދާޅުވުމުން، މިއީ ރަނގަޅު މަންޒިލެއް ނޫންކަމަށް ދަންނަވާ ބަދްރުގެ ފެންގަނޑުގެ އެހެން ހިސާބެއް ދެއްކެވިއެވެ. އެ ހިސާބަށް ފައިބައިފިނަމަ މުސްލިމުންނަށް ފެން ލިިބި، މުޝްރިކުންނަށް ފެން ނުލިބޭނެގޮތް ހަދައިލެވިދާނެ ކަމަށް ޙުބާބު ދެންނެވިއެވެ. ކީރިތި ރަސޫލާ ﷺ އަލްޙުބާބުގެ ޚިޔާލުފުޅު ރަނގަޅު ޚިޔާލެއް ކަމަށް ދެކެވަޑައިގެން އެގޮތަށް ޢަމަލުކުރެއްވިއެވެ.[5] މިއީ ޝޫރާގެ މުހިއްމުކަން ހާމަކޮށްދިން ހާދިސާއެކެވެ. އަދި މި ހާދިސާއިން މަޝްވަރާކުރެވޭނެ ކަންތައްތަކާއި މަޝްވަރާ ނުކުރެވޭނެ ކަންތައްތައް ހާމަވިއެވެ. މާތްﷲ ވަކިގޮތަކަށް ކުރަން އަންގަވާފައިވާ ކަމަކާމެދު މަޝްވަރާއެއް ނުކުރެވޭނެއެވެ.
ކީރިތި ރަސޫލާ ﷺ އާއި މުސްލިމުން ރަމަޟާންމަހުގެ 16 ވީ ބުރާސްފަތި ދުވަހު ބަދްރުގައި ހަމަޖެހިއްޖެއެވެ. އެ ދުވަހު ހަވީރު ނަޞްރު ދެއްވުމަށް އެދިވަޑައިގެން ކީރިތި ރަސޫލާ ﷺ މާތްﷲ އަށް ދުޢާ ކުރައްވަން ފެށްޓެވިއެވެ. މިއިން އެނގެނީ ހަނގުރާމައަށާއި އެހެނިހެން ކަންތައްތަކަށް މާއްދީ ގޮތުން ތައްޔާރުވާންޖެހޭ މިންވަރަށް ތައްޔާރުވުމަށްފަހު ކާމިޔާބީއަށް އެދި މާތްﷲގެ ޙަޟްރަތަށް ދުޢާކުރަން ޖެހޭނެކަމެވެ. ނަޞްރަކީ އެކަލާނގެ ދެއްވާ އެއްޗަކަށް ވާތީއެވެ. މާތްﷲ ވަޙީކުރައްވަނީ "وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ الْعَزِيزِ الْحَكِيمِ[6] - ގަދަފަދަވަންތަ ޙިކްމަތްވަންތަ ﷲގެ ޙަޟްރަތުން މެނުވީ ނަޞްރު ލިބިގެން ނުވެއެވެ."

ހުކުރު ދުވަހު ހެނދުނު (އެއީ ރަމަޟާންމަހުގެ 17 ވަނަ ދުވަސް) ދެ ލަޝްކަރު ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައިފިއެވެ. އެއްލަޝްކަރަކީ މުސްލިމުންގެ ލަޝްކަރެވެ. މި ލަޝްކަރު ދިފާޢުކުރަނީ ޙައްޤެވެ. އަނެއް ލަޝްކަރަކީ މުޝްރިކުންގެ ލަޝްކަރެވެ. އެއީ ޝައިޠާނާ ދިފާޢުކުރާ ލަޝްކަރެކެވެ. ބާޠިލަށް ނަޞްރުދޭން ނުކުތް ލަޝްކަރެކެވެ. ހަނގުރާމަ އެންމެ ގަދަވި ވަގުތު މުސްލިމުންނަށް ހިތްވަރުދެއްވުމަށާއި މަދަދު ދެއްވުމަށްޓަކައި މާތްﷲ މަލާއިކަތުންގެ ފައުޖެއް ފޮނުއްވިއެވެ.
ހަނގުރާމަ ނިމިގެން ދިޔައީ މުސްލިމުންނަށް ވަރުގަދަ ނަޞްރަކާއި ކާމިޔާބީއެއް ލިބިގެންނެވެ. މުޝްރިކުންގެ ބޮޑެތި ފަހުލަވާނުންތައް ޤަތުލުވެ މަރުވެގެންނެވެ. އެމީހުންގެ ތެެރެއިން 70 މީހަކު މަރުވެ، 70 މީހަކު އަސީރުންގެ ގޮތުގައި ހައްޔަރުވެގެންނެވެ. މުސްލިމުންގެ ތެރެއިން 14 މީހަކު ޝަހީދުވެގެންނެވެ.
ހަނގުރާމަ ނިމުމުން މުޝްރިކުންގެ ތެރެއިން ހައްޔަރުކުރެވުނު އަސީރުންނާމެދު ކަންތައްކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެކަލޭގެފާނަކީ ލަޝްކަރުގެ ވެރިޔާ، ކޮމާންޑަރުން ޗީފް ކަމުގައި ވިނަމަވެސް އަމިއްލަފުޅަށް ޤަރާރު ކަނޑައެއް ނާޅުއްވައެވެ. މިއީ އިސްލާމްދީނުގައިވާ ޝޫރާގެ އުޞޫލުތައް އުނގަންނާދެއްވުމަށް އެކަލޭގެފާނުގެ މަދްރަސާގެ ދަރިވަރުންނަށް ދެއްވި ފިލާވަޅެކެވެ.
ކާމިޔާބީގެ ސިއްރު
މުސްލިމުންނަށް މިފަދަ މަތިވެރި، މިފަދަ ބޮޑުކާމިޔާބީއެއް ލިބުނީ ކިހިނަކުންތޯއެވެ؟ މި ސުވާލު އެތައް ސަބަބުތަކާ ހެދި ކުރަން އެބަޖެހެއެވެ. މުސްލިމުން ނުކުތީ ހަނގުރާއެއް ކުރާކަށް ނޫނެވެ. މުސްލިމުން ތިބީ ހަނގުރާއެއް ކުރަން ތައްޔާރުވެގެނެއް ނޫނެވެ. މުސްލިމުންގެ އަތުގައި ހަތިޔާރެއް ނެތެވެ. މުޝްރިކުންނާ އަޅައިބަލާއިރު މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މީގެ އިތުރަށް ވަގުތަކީ މުސްލިމުންނަށް މުނާސަބު ވަގުތެއް ނޫނެވެ. ރަމަޟާންމަސް ކަމުގައިވާތީއެވެ. ރަމަޟާންމަހަކީ ޢާއްމު ގޮތެއްގައި ޢަރަބިން ހަނގުރާމަކޮށް އުޅޭ މަހެއްނޫނެވެ. މިހެންވެ، މުސްލިމުންނަށް ބަދްރުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބުމުން އެކަމާމެދު ސުވާލުތައް އުފެދެއެވެ. މިޒަމާނުގެ ޢަސްކަރީ މިންގަނޑުތަކުން ބަލާއިރު މުސްލިމުންނަށް ބަދްރު ހަނގުރާމައިގައި ކާމިޔާބު ލިބިގެން ނުވާނެއެވެ.
ނަމަވެސް ﷲގެ މިންގަނޑު ތަފާތެވެ. މާތްﷲ މި ހަނގުރާމާގައި ސާފު ހެކިތަކުން ބަޔާންކޮށްދެއްވި އެއް ކަމަކީ ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއްކަމެވެ. މާތްﷲ އަށާއި ﷲގެ ރަސޫލާއަށް ނަޞްރު ދޭ ބަޔަކަށް މާތްﷲ ނަޞްރު ދެއްވާނެކަމެވެ.
މުސްލިމުން މި ހަނގުރާމަކުރީ ވަރުގަދަ ޢަޤީދާއަކާއި އިޚްލާޞްތެރިކަމަކާ އެކުގައެވެ. މޮޅުވެއްޖެނަމަ އެމީހުންނަށް އޮތީ މުޅިންވެސް ކާމިޔާބުކަން ދަނެތިބެއެވެ. ހަނގުރާމަކޮށް މޮޅުވެއްޖެނަމަ ނަޞްރާއި ޣަނީމާތަކެވެ. ހަނގުރާމަކޮށް ޝަހީދުވެއްޖެނަމަ ސުވަރުގެއެވެ.
މުސްލިމުން ހަނގުރާމަކުރީ އެމީހުންގެ ކޮމާންޑަރަށް ފުރިހަމައަށް ކިޔަމަންގަނެ އިތުބާރު ކޮށްގެންނެވެ. ކީރިތި ރަސޫލާ ﷺ އެންގެވި ގޮތަށެވެ. އެކަލޭގެފާނުގެ އެއްވެސް ބަސްފުޅަކާ ޚިލާފުނުވެއެވެ.
ކީރިތި ރަސޫލާ ﷺ ޤުރައިޝުންގެ ތެރެއިން ހައްޔަރުކުރެވުނު ކާފިރުންނާމެދު ކަންތައް ކުރެއްވިގޮތް ނިކަން ދެކެވަޑައިގަން ބައްލަވާށެވެ! އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވައެވެ. ފިދްޔަ އަތުލުއްވާފައި އެމީހުން ދޫކޮށްލެއްވީއެވެ. ކީރިތި ރަސޫލާ މައްކާ ފަތަޙަކުރެއްވި ދުވަހުވެސް ޢަމަލުކުރެއްވީ ހަމަ މިފަދަ އޯގާވެރި ކަމާއެކުގައެވެ. އެމީހުންނަށް ވިދާޅުވީ ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ބޭނުންތާކަށް ދާށެވެ. ތިޔަބައިމީހުންގެ ކުށެއް ނެތޭވެސް ވިދާޅުވިއެވެ. އެބައިމީހުން ކީރިތި ރަސޫލާ ﷺ އަށާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ކުރި ގޯނާތަކާއި ދުއްތުރާތަކަށް ދެއްވީ މަޢާފެވެ. އެހެންނުވާނީ ކީއްވެތޯއެވެ؟ މާތްﷲ އެކަލޭގެފާނާ ބެހޭގޮތުން ވަޙީކުރެއްވިއެވެ. "وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ[7] – ޢާލަމުތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު ރަސޫލުކަމައިގެން ނުފޮނުއްވަމެވެ." މިއިން އެނގެނީ އިސްލާމްދީނުގެ ސަމާޙަތެވެ. ޓޮލަރެންސެވެ. ވީމާ މުސްލިމުންގެ ބުރިކަށިތަކުގައި ނިރުބަވެރި ޢަމަލުތަކުގެ ލޭބަލްތައް ތަތްކުރެވި ދާނެތޯއެވެ؟
ބަދްރު ހަނގުރާމައިން ދަސްކުރަންޖެހޭ ދަރްސުތައް ވަރަށްގިނައެވެ. ކާމިޔާބު ލިބޭނީ ވެރިންނަށް ކިޔަމަންވެގެންކަން އެނގެއެވެ. ކާމިޔާބު ލިބޭނީ މަތިވެރި ޢަޒްމަކާއި އިޚްލާޞްތެރ ކަމާއެކު މަސައްކަތް ކޮށްގެންކަން އެނގެއެވެ. އަދި މުސްލިމުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ ﷲގެ ބަސްފުޅު މަތިވެރި ކުރުމަށްކަންވެސް އެނގެއެވެ.
ބަދްރު ހަނގުރާމާގައި ހައްޔަރުކުރެވުނު އަސީރުންގެ ތެރޭގައި ތިބި މާލީ ތަނަވަސްކަންނެތް މީހުންގެ ފިދްޔައެއް ކަމުގައި ކީރިތި ރަސޫލާ ﷺ ލެއްވެވީ މުސްލިމުންގެ 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށް ދިނުމެވެ. އިސްލާމްދީން ތަޢުލީމަށާއި ޢިލްމަށް ދޭ އަހައްމިއްޔަތާއި ޤަދަރު މިކަމުން ހާމަވެއެވެ. ތަޢުލީމަކީ މިނިވަންކަން އެނގެއެވެ. އަދި ޖާހިލުކަމަކީ އަޅުވެތިކަމާ އެއްފަދަ ކަމެއްކަންވެސް އެނގެއެވެ.
ޖޯޝެއް ރޫޙެއް ނެތި ކިތަންމެ މޮޅު ހަތިޔާރުތަކެއް ހުއްޓަސް ކާމިޔާބު ނުލިބޭނެކަން ތާރީޚު ވަނީ ސާބިތުކޮށް ދީފައެވެ. ލަޝްކަރީންގެ މާނަވީ ރޫޙު މަތި ކުރުމަށް ކޮމާންޑަރުން މަސައްކަތް ކުރަން ޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺ ބަދްރު ހަނގުރާމައިގެ ބައިވެރީންނަށް ހަނގުރާމަ ކުރުމަށް ހިތްވަރުދެއްވަމުން ގެންދެވިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. "يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ [8]– އޭ ނަބިއްޔާއެވެ! (دين ގެ دفاع ގައި) ހަނގުރާމަކުރުމަށް مؤمن ތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި 20 މީހުން ތިބިނަމަ (كافر ންގެ) 200 މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، كافر ވި މީހުންގެ ތެރެއިން އެއްހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އެހެނީ އެއުރެންނަކީ ނުވިސްނޭ ބަޔެކެވެ." މުސްލިމުންގެ މާނަވިއްޔަތު މައްޗަށް ގެންދެވުމަށް ޓަކައި ކީރިތި ރަސޫލާ ﷺ ލަޝްކަރީންނާ މުޚާޠަބު ކުރައްވާ ޙަދީޘް ކުރައްވަމުން ގެންދެވީ "قُومُوا إِلَى جَنَّةٍ عَرْضُهَا السَّمَوَاتُ وَالأَرْض – [9] އުޑުތަކާއި ބިމުގެ ފުޅައުކަން ލިބިގެންވާ ސުވަރުގެ ހޯދުމަށް ތިޔަބައިމީހުން ތެދުވާށެވެ!"

ކީރިތި ރަސޫލާ ﷺ އަކީ ވަރަށް ހިތްވަރުފުޅު ގަދަ ކޮމާންޑަރެކެވެ. ހަނގުރާމައިގެ މައިދާނުގައި ލަޝްކަރީންނާ އެކުގައި ދުރަށް ވަޑައިނުގެން ހުންނެވި އިސްވާރެކެވެ. ބަދްރު ހަނގުރާމަ ހިނގަމުން ދިޔައިރު މުއުމިނުންގެ ސަފުތައް ރުކުރުވައިލެއްވުމުގައި އެކަލޭގެފާނު ޤާއިމުވެ ހުންނެވިއެވެ. އުޙުދު ހަނގުރާމާގައި އެކަލޭގެފާނު ޒަޚަމުވެ ވަޑައިގެން އިރުގައި ވެސް މައިދާން ދޫނުކުރައްވައި ސާބިތުކަންމަތީގައި ދެމިހުންނެވިއެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދު ވިދާޅުވާ ގޮތުގައި ބަދްރު ހަނގުރާމާގައި މުސްލިމުންގެ ކޮންމެ ތިން މީހަކު ޖަމަލެއް ޙިއްޞާ ކުރަމުން ދިޔައެވެ. ރަސޫލުﷲގެ ފާނާއެކު ސަވާރީގައި ޙިއްޞާވެވަޑައިގެން އަނެއް ދެ ބޭކަލުންނަކީ އަބޫ ލުބާބަތުގެފާނާއި ޢަލީގެފާނެވެ. މި ދެ ބޭކަލުން ކީރިތި ރަސޫލާ ﷺ ފައިބައިވަޑައިނުގެން ސަވާރީ މަތީގައި އިންނެވުމަށް ދެންނެވުމުން ޙަދީޘް ކުރެއްވީ ކީކޭތޯއެވެ؟ "مَا أنْتُمَا بِأَقْوَى مِنِّي وَمَا أنَا بِأَغْنَى عَنِ الأَجْرِ مِنْكُمَا[10] – ތިމަން ކަލޭގެފާނަށް ވުރެ ތިޔަ ދެ ބޭކަލުން ވަރުފުޅު ގަދަ ކަމުގައި ނުވެއެވެ. އަދި ތިމަން ކަލޭގެފާނު ތިޔަ ދެ ބޭކަލުންނަށް ވުރެ ބޮޑަށް ސަވާބަށް ފުދުންތެރިވެގެން ވެސް ނުވަމުއެވެ."
ހަނގުރާމައަކީ މީޑިއާގެ ވަސީލަތްތަކަށް ވަރަށް ބޭނުން ޖެހިފައިވާ ކަމެކެވެ. އެއްވެސް ހަނގުރާމައެއްގައި މީޑިއާ އިހްމާލު ކުރެވިއްޖެ ނަމަ ކާމިޔާބެއް ނުލިބޭނެއެވެ. ދުޝްމަނުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށާއި ދުޝްމަނުންނަށް އޮޅުވައިލުމަށް ޓަކައި މީޑިއާއަށް އިއްޔެ ވެސް އަދި މިއަދު ވެސް ސަމާލުކަން ދޭން ޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި މީޑިއާގެ ދައުރު އަދާކުރީ ޅެންވެރީންނާއި ޚަޠީބުންނެވެ. އިސްލާމް ދީން ދިފާޢު ކުރުމުގައްޔާއި ދީނުގެ ދުޝްމަނުންގެ ބަހުގެ ޙަމަލާތަކަށް ރައްދު ދިނުމުގައި މުސްލިމު އަދީބުން ވަރަށް މުހިއްމު ދައުރެއް ވަނީ ކުޅެފައެވެ. ކީރިތި ރަސޫލާ ﷺ އަރިހުގައި ޙައްސާނު ބުނު ޘާބިތު ފަދަ ޅެންވެރީންތަކެއް މި ދައުރު ވަނީ އަދާކުރައްވައިފައެވެ.
[1] – سورة الأنفال : 41 މާނައަކީ ޙައްޤާ ބާޠިލު ވެގެންދިޔަ ދުވަހެވެ.
[2] – سورة الأنفال : 41 މާނައަކީ ދެ ބައިމީހުން ބައްދަލުވި ދުވަސް
[3] – ބަދްރުގެ ބޮޑުހަނގުރާމަ
[4] – ތާރީޚީ ބައެއް ފޮތްތައް ބުނާ ގޮތުގައި އޭނާގެ ނަންފުޅަކީ ޚައްބާބެވެ.
[5]– ބައެއް ރިވާޔަތްތައް ބުނާގޮތުގައި އެވަގުތު ޖިބްރީލުގެފާނު ފައިބާވަޑައިގެން ޙުބާބު ދެންނެވިގޮތަށް ޢަމަލުކުރެއްވުމަށް މާތްﷲ އެންގެވިކަމަށް ދެންނެވިއެވެ.
[6] – آل عمران: ١٢٦
[7] – الأنبياء : 107
[8] – الأنفال:65
[9] – رواه مسلم
[10] – عبد الملك بن هشام: سيرته، ج :2 ، ص :389




advertisment