Support Us

ކުރު ވާހަކަ: ސިޔާސީވެރިން، އިހާރާއި މިހާރު

ކީރިތި ރަސޫލާ އަވަހާރަކޮށްލުމަށްޓަކައި، އެކަލޭގެފާނުންގެ ގެކޮޅު ދޮރުމަތީގައި ޒުވާނުންތަކެއް އެއްވެތިއްބެވެ. އެތާ ތިބި ޒުވާނުންގެ ތެރެއިން އެކަކު އެކެލާގެފާނުންގެ ގެކޮޅަށް ވަދެ، އެމީހުންގެ މަގުސަދު ހާސިލުކުރުމުގެ ވާހަކަ ދެއްކިއެވެ. އެކަމަށް އިންކާރުކޮށް، އެ މީހުންގެ ލީޑަރު އަބޫ ޖަހުލު އެ ވަގުތު ބުންޏެވެ. ތިކަން ކޮށްގެން ނުވާނެއެވެ. ގޭގެއަކީ ހުރުމަތްތެރިކަން ލިބިގެންވާ ތަންތަނެވެ. ތި ބުނާހެން ކަންތައްކޮށްފި ނަމަ، އަރަބިންގެ ތެރޭގައި އަހަރުމެން ވާނީ ގޭގޭގެ ހުރުމަތް ކަނޑާލި މީހުންނަށެވެ. އާދެ، އަބޫ ޖަހުލުގެ ނުލަފާކަމާ އެކުވެސް، ކޮންމެ ވެސް މިންވަރެއްގެ އަޚުލާގީ ސިފަތަކެއް ހުއްޓެވެ.

އަދި ވެސް އެދުވަސްވަރުގެ އެހެން ސިޔާސީ ވެރިއެއްގެ ވާހަކައެކެވެ. ކީރިތި ރަސޫލާއާ ބެހޭ ގޮތުން، އަބޫ ސުފްޔާނު ކުރެން، އޭނާ އިސްލާމްވުމުގެ ކުރިން، ރޯމުގެ ވެރިޔާއާ ސުއާލު ކުރިއެވެ. އެކަލޭގެފާނު އިތުރުފުޅު ހައްދަވާ ހެއްޔެވެ؟ ޚިޔާނަތްތެރިވެ ވަޑައިގަންނާވާ ހެއްޔެވެ؟ މިއިން ކޮންމެ ސުއާލަކަށް ވެސް އަބޫ ސުފްޔާނު ނޫނެކޭ ބުންޏެވެ. އަދި ފަހުން އޭނާ ބުނިކަމަށް ވެއެވެ. އެދުވަހު، ދޮގު ހެދުމުގެ ޚިޔާލެއް ވެސް އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް، އެހެން ކަންތައް ކުރި ނަމަ، އަރަބިންގެ ތެރޭގައި އަހަރެން މަޝްހޫރުވީހީ ދޮގު ހަދާ މީހެއްގެ ގޮތުގައެވެ.

އާދެ، މިއީ މައްކާގެ އެދުވަސް ވަރުގެ ބޮޑެތި ބައެއް ސިޔާސީ ލީޑަރުންނެވެ. ހުރުމަތް ލިބިގެންވާ ތަންތަނުގެ ހުރުމަތް ކަނޑާނުލުމާއި ދޮގާއި މަކަރު ހެދުން، އޮޅުވާލުމާއި ހީލަތް ހެދުން، މިކަންކަމީ ދަށުދަރަޖައިގެ ކަންކަމުގައި އެމީހުން ދުށްޓެވެ. ނަމަވެސް، މިހާރު ކަންތައް އޮތީ ކިހިނެއް ހެއްޔެވެ؟ ދޮގު ހެދުމާއި އޮޅުވާލުމަކީ ސިޔާސަތުގެ އަސާސުކަމުގައި މިއަދުގެ ބައެއް ސިޔާސީ ވެރިން ދެކެއެވެ. އާދެ، އަދުގެ ބައެއް ސިޔާސީވެރިން ތިބީ، އަޚުލާގީ ގޮތުން، އަބޫޖަހުލުމެންނަށް ވުރެ ވެސް ދަށު ދަރަޖައަށް ވެއްޓިފައޭ ބުނެވިދާނެއެވެ!