Support Us

އަތުކުށް- 12

ލިޔުމުގައި އެންމެ ބޮޑަށް ކުށް ޖެހެނީ ކޮންމެހެން ކުށް ލަފުޒެއް ލިޔެގެންނެއް ނޫނެވެ. ޖުމުލައިގައި ނުވަތަ ޢިބާރާތެއްގައި ލަފުޒުތައް ތަރުތީބުކުރާ ގޮތަކުން ވެސް ބޭނުންވާ މާނަ ނޫން އެހެން މާނައެއް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޖުމުލައިގައި ލަފުޒު ތަރުތީބުކުރުމާމެދު އަޅުގަނޑުމެން އެންމެން ވެސް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ.

މިއަދު އަޅުގަނޑު ނަކަލުކޮށްލި ޖުމުލައަކީ މި ދެންނެވި ފަދަ ޖުމުލައެކެވެ. އޮންލައިން ނޫހަކުން ނަކަލުކުރި ޖުމުލައެކެވެ. އެ ޖުމުލައަކީ "ފުލުހުން މިރޭ ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން 11 އަހަރުގެ ކުޑަކުއްޖާ ރޭޕުކުރި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ." މިއީއެވެ.

މި އިބާރާތް ކިޔައިލުމުން އިބާރާތުގެ ދެލިގަނޑުން ދޭހަވާ މާނައަކީ "ކުޑަކުއްޖާ" ރޭޕްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެކަން ކުރީ ފިރިހެނެއް ކަމެވެ. ނަމަވެސް މިއީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. މި ފަދަ އަމުރެއް ޔަގީނުން ވެސް އެއްވެސް ކޯޓަކުން ނުކުރާނެއެވެ. އެހެންކަމުން ގަބޫލުކުރެވެނީ ކުޑަކުއްޖެއްގެ ހަށި ފޭރުނު ފިރިހެނަކު، ފުލުހުން ހައްޔަރު ކުރި ކަމަށެވެ. އެކަން ފުލުހުން ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ލިޔުންތެރިޔާ ބަޔާންކުރައްވާން މަސައްކަތް ކުރައްވައިފައި އެވަނީ އެ ވާހަކަ ކަމަށް ގަބޫލުކުރެވެއެވެ.

އިސްވެ ބަޔާންކުރެވުނު ޢިބާރާތުން ފުރަތަމަ ފާހަގަކޮށްލެވުނު ކުށަކީ "ކުޑަކުއްޖާ" މި ލަފުޒެވެ. "ކުޑަކުއްޖާ"އޭ ލިޔުނީމާ އެ ނަން އެ ވަނީ އެނގޭ ނަމަކަށެވެ. ނަމަވެސް ވަކި ކުއްޖެއް ބަޔާންކުރުމަކާ ނުލައި ލިޔުންތެރިޔާ ބޭނުންފުޅުވީ އާންމު ނަމެއް، ނަން ނޭނގޭ ހާލަތުގައި ބޭނުންކުރައްވާށެވެ. ނަން ނޭނގޭ ޙާލަތުގައި ބޭނުންކުރުމަށް ޓަކައި އެ ނަމުގެ ފަހަތަށް އާންމުކުރުމުގެ އަކުރެއް އިތުރުކުރާންޖެހެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އާންމު ކުރުމުގެ އަކުރުތަކަކީ "އެއް" ނުވަތަ "އަކު" މިއިން އަކުރެކެވެ. އެހެންކަމުން ކުޑަކުއްޖާގެ ބަދަލުގައި އޮންނާންވީ "ކުޑަކުއްޖަކު" ނުވަތަ "ކުޑަކުއްޖެއް" މިހެންނެވެ. މި ޢިބާރާތުގައި ބޮޑަށް ރަނގަޅީ "ކުޑަކުއްޖަކު" ލިޔުނިއްޔާއެވެ.

މި އިބާރާތުން ދެން ފާހަގަކޮށްލެވެނީ ލަފުޒު ތަރުތީބުކުރުމުގެ މައްސަލައެވެ. ޖުމުލައިގައި ލަފުޒުތައް ތަރުތީބުކުރެވިފައިވާ ގޮތުން ބޭނުންވާ މާނަ ނޫން އެހެން މާނައެއް ނުކުންނަނީއެވެ. ވީމާ، ޢިބާރާތެއް ނުވަލަ ޖުމުލައެއް ލިޔުއްވުމަށްފަހު، އެ ޢިބާރާތުން ނުވަތަ ޖުމުލައިން އެހެން މާނައެއް ނުކުމޭތޯ ވިސްނައިވަޑައިގަތުން ހުއްޓެވެ! މިއީ ޔަގީނުން ވެސް އެނގިވަޑައިނުގަންނަވާތީ ދިމާވާ ގޮތެއް ނޫނެވެ. އަވަސްކޮށްލައްވާން ވެގެން އުޅުއްވާތީ ދިމާވާ ގޮތެކެވެ. ކިތަންމެ އަވަހަށް ޚަބަރެއް ލިޔުއްވިޔަސް އެ ޢިބާރާތުން އެހެން މާނައެއް ނުކުމެދާނެތޯ ވިސްނައިވަޑައިގަތުން މުހިންމެވެ.

މި ދެންނެވި ނަޒަރުން ވިސްނައިލުމުން އެ ޢިބާރާތް ލިޔުއްވިދާނެ ގޮތެއްކަމަށް އަޅުގަނޑަށް ފެންނަ ގޮތެއް ދަންނަވައިލާނަމެވެ. އަޅުގަނޑު މި ދަންނަވައިލަނީ ހަމައެކަނި އެންމެ މިސާލެކެވެ. މި ނޫން ކިތަންމެ ގޮތަކަށް މި ޢިބާރާތް ތިޔަ ބޭފުޅުންނަށް ލިޔުއްވޭނެކަން ކަށަވަރެވެ. ހަމައެކަނި ކުރައްވާންވީ ކަމަކީ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަ ވިދާޅުވެވުނުތޯ، ވިދާޅުވާން ބޭނުންފުޅުވާ ވާހަކަ އެހެން ގޮތަކަށް މީހަކަށް މާނަކުރެވިދާނެ ފަދަ ގޮތަކަށް ނުލިޔުއްވައިވޭތޯ ބެއްލެވުމެވެ. މިއީ ދާދި ފަސޭހަކަމެކެވެ. ބޭނުމީ ހަމައެކަނި ކުޑަކުޑަ ސަމާލުކަމެކެވެ.

އާދޭހެވެ! އިސްވެ ދެންނެވުނު ޖުމުލަ މި ދަންނަވާ ގޮތަށް ޢިބާރާތްކޮށްލަމާތޯއެވެ! "ފުހުން މިރޭ ވިދާޅުވީ، 11 އަހަރުގެ ކުޑަކުއްޖަކު ރޭޕުކުރި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ." މި ބަދަލާއެކު މާނަ ތަންކޮޅެއް ޞަރީޙަ ނޫންތޯއެވެ! މި ޖުމުލައަށް އަޅުގަނޑު މި ގެނައީ ކުޑަކުޑަ ދެ ބަދަލެކެވެ. "ކުޑަކުއްޖާ" (the child) މި އެނގޭނަން، ނޭނގޭނަމަކަށް (a child) ބަދަލުކޮށްލީއެވެ. ދެން ގެނައި ބަދަލަކީ ޢިބާރާތަށް ހަމަ އެއްވެސް ބަދަލެއް ނުގެނެސް ޖުމުލައިގެ ލަފުޒުތަކުގެ ތަރުތީބަށް ބަދަލެއް ގެނައީއެވެ. އެހެން ބަދަލެއް އަޅުގަނޑެއް ނުގެންނަމެވެ.

ކުރީންވެސް ދަންނަވައިލި ފަދައިން މި ވާހަކަ މިއަށްވުރެ މާ ރީތި ޢިބާރާތްތަކުން ވެސް ބަޔާންކުރެއްވުމުގެ ޤާބިލުކަން ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައި ވާނޭ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އަޅުގަނޑު ހަމައެކަނި މި ދަންނަވައިލީ މި ބާވަތުގެ ޚަބަރު ލިޔުއްވާއިރު، އެ ލިޔުއްވާ ޚަބަރަކުން އެހެން މާނައެއް ނުނުކުންނާނެ ގޮތަށް ވިސްނުންފުޅު ބެހެއްޓެވުމަކީ ވަރަށް މުހިންމުކަމެކޭއެވެ. މި ނުކުތާއާ މެދު އަޅުގަނޑުމެން އެންމެން ވެސް ސަމާލުކަން ދެމާ ހިންގަވާށެވެ!

"އަތުކުށް" މި ސިލްސިލާގައި އަޅުގަނޑު ލިޔާ ލިޔުންތައް ވިދާޅުވުމަކީ، މި ފަދަ ކަންކަމާމެދު ތިޔަ ބޭފުޅުން އިތުރަށް ސަމާލުވެވަޑައިގެން ޢިބާރާތްތައް ފުރިހަމަކުރެއްވުމަށް ލިބިވަޑައިގަންނަވާ ހިތްވަރަކަށް ވާނޭކަމަށް އުންމީދުކުރަމެވެ.