Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: މަކުނުތަކަކާއި ކާރެއް

ތަސްވީރުން ފެންނަނީ ކޮން އެއްޗެެއް ހެއްޔެވެ؟ މަކުނުތަކެއް ކާރަކަށް އަރައި ވެރިވެ ތިބި ތަނެވެ. މިކަން މަކުނުތަކަށް ކުރެވުނީ ކީއްވެ ހެއްޔެވެ؟ ކާރުގެ ވެރިފަރާތުން ކާރު ބަލަަހައްޓަންވީ ވަރަށް ނުބަލައި ފަރުވާކުޑަކުރީމައެވެ.

ދެން ހެއްޔެވެ؟ ބައި ގިނަ މަކުނުތައް ކާރަށް އަރައި ކާރަށް ވެރިވެގަތީއެވެ. ކާރު ދުއްވަން ނޭނގުނު ކަމަށް ވިޔަސް ވެހެވެ. މަކުނުތަކުގެ ބައިގަނޑުގެ ތެރެއިން އެއް މަކުނު ކާރުގެ ޑުރައިވަރުގެ ގޮނޑީގައި އިށީނދެފާނެއެވެ. ނުވަތަ އެގޮނޑީގައި މަކުނުތައް އެބައިގަނޑުގެ ތެރެއިން މަކުނެއް ބައިންދަފާނެއެވެ. އެ ގޮނޑީގައި މަކުނެއް އިށީނަސް ނުވަތަ ބޭންދިޔަސް ކާރު ދުއްވުމުގެ ގާބިލުކަން އެ މަކުނަށް ލިބިގެންވޭ ހެއްޔެވެ؟ ކޮންމެއަކަސް، ކާރުގެ މައްޗަށް މަކުނުތައް ވެރިވެގަތުމުގެ ފުރުސަތު ލިބި، އެކަން ކުރިކަމުގައި ވިޔަސް، ކާރު އެ އޮތީ ކުރިއަށް ނުދެވި އެއޮތްތާނގައެވެ. ކާރުގެ ބޭނުން ކުރަން ނޭނގި، މަކުނުތަކުގެ އަމަލުތަކުގެ ސަބަބުން ކާރު ހަޑިވެ، ނަޖިސްވެސްވެ، ކާރު ހަލާކުވާށެވެ!

މި ތަސްވީރު ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެއިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ މަކުނުތައް ކޯޓު ފަޓުލޫނު ލައްވައި ރީތިހައި ޓައިތައް އަޅުވައި މޮޅު އަގުބޮޑު އަތުކުރީގަޑި އެޅުވުމަކުން އެ އެއްޗިއްސަށް ކާރު ދުއްވުމުގެ ގާބިލުކަން ލިބިގެންދޭ ހެއްޔެވެ؟ އެއްބަޔަކު އާނއެކޭ ވެސް ބުނެފާނެއެވެ! އަނެއް ބަޔަކު ނޫނެކޭވެސް ބުނެފާނެއެވެ! މަކުނުތަކުގެ ސަބަބުން ކާރު ހަލާކުވެ ދިޔުމުން އެކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ކާރުގެ ވެރިޔާއެވެ. ކާރާ މެދު އޭނާ ފަރުވާ ކުޑަކޮށްގެން ނުވާނެ ނޫން ހެއްޔެވެ؟ އެއްބަޔަކު މިހެން ބުނެފާނެއެވެ! މަކުނުތަކެވެ! ކާރަކީ ކޮން ކަހަލަ، ކީއްކުރާ އެއްޗެއްކަން ނޭނގޭ އިރު ކާރަށް އަރައި ކާރަށް ވެރިވެގެންނަންވީ ކީއްވެހެއްޔެވެ؟ އަނެއް ބަޔަކު މިހެން ވެސް ބުނެފާނެއެވެ! މަކުނުތަކަށް ތިބުނި ކަންކަން ނޭނގޭކަން ނޭނގޭކަން ވެސް ނޭނގޭނެ ނޫން ހެއްޔެވެ؟ އެ ސުއާލުގެ ޖަވާބުގައި އަނެއް ބަޔަކު މި ސުއާލު ކޮށްފާނެއެވެ! ނޭނގޭކަން ވެސް ނޭނގޭ ސިކުނޑިއަކަށް އެނގޭނޭ ގޮތް ހެދޭނޭ ގޮތެއް އޮވެދާނެ ހެއްޔެވެ! މީހަކު މިހެން ވެސް ބުނެފާނެއެވެ! ހައްތަހާ ވެސް އުފެދޭ ސުއާލެވެ!

މި ތަސްވިރު އެތައް ކަމަކާ ގުޅުވާލެވިދާނެއެވެ. ބައްޕައަކު ގަދަ މަސައްކަތުން ބިނާކުރި ވިޔަފާރިއެކެވެ. ބައްޕަގެ ކުދިން ފަހުން ވިޔަފާރިއާ ހަވާލުވެ، އެކަމުގެ ގާބިލުކަން ނެތުމުން ވިޔަފާރި ބަނގުރޫޓުވެ ދިޔުމެވެ. މި މިސާލުގައި ކާރު ރަމްޒުކޮށްދެނީ ވިޔަފާރިއެވެ! މަކުނުތައް، ބައްޕަގެ ދަރިންނެވެ. ތައުލީމީ މުއައްސަސާއަކާ ވެސް، ނޫނީ އެހެންވެސް ކޮންމެ ވެސް އިދާރާއަކާ ވެސް ތަސްވީރު ގުޅުވާލެވިދާނެއެވެ. އެއްބަޔަކު ހެޔޮ ގޮތުގައި ބިނާކުރުމުން، ދެން އަންނަ ބަޔަކު، އެ މީހުންގެ ނާގާބިލުކަމުން އެ މުއައްސަސާ ހަލާކުވެގެންދާއެވެ. އަދި، ސިޔާސީ މަގާމުތަކާއި ސަރުކާރުތަކާ ވެސް މި ތަސްވީރު ގުޅުވާލެވިދާނެއެވެ. އެއް ބަޔަކު ގައުމު ބިނާކުރުމުގެ މަސައްކަތް ކުރުމަށް ފަހު، އެކަން ކުރިއަށް ގެންދަން އެހެން ބަޔަކު އައުމުން، ފަހުން އަންނަ ބައެއްގެ ނާގާބިލުކަމުގެ ސަބަބުން ގައުމުތައް ހަލާކުވެގެންދާ މިސާލާއެވެ. ކޮންމެއަކަސް މި ތަސްވީރު މާނަކުރުމާއި ކުރިން ކުރެވުނު ސުވާލުތަކުގެ ޖަވާބު ހޯދުން ކިޔުންތެރިންގެ ވިސްނުމާއި ފިކުރުކުރުމަށް ދޫކޮށްލަމެވެ. ކިޔުންތެރިންގެ ތަނަވަސް ޚިޔާލުކުރުމުގެ މައިދާނުން ތަސްވީރު ގުޅެނީ ކޮންކަމަކާކަން ބުނެ، ސުއާލުތަކުގެ ޖަވާބު ހޯދައި އެންމެންނާ އެ ކަން ހިއްސާކޮށްލުމަށް އެދި، އެކަންކުރުމަށް ދޫކޮށްލަމެވެ!