މި ރަމަޟާން މަހުގައި ރޯދަ ހިފާ މީހުންނަށް މާތް ﷲ ގިނަގުނަ ނިޢުމަތްތަކެއް ލައްވާފައި ވެއެވެ. އެކަލާނގެ އަޅުތަކުން ޢަޛާބާއި ހަލާކާއި ނިކަމެތިކަމުން ސަލާމަތް ކުރެއްވުމަށް ޓަކައެވެ. އެކަލާނގެ އަޅުތަކުން ދާރުއްސަލާމަށް ވެއްދެވުމަށް ޓަކައެވެ. ސުވަރުގޭގެ މަތިވެރި ދަރަޖަތަކާ ހަމައަށް އުފުއްލެވުމަށް ޓަކައެވެ. އެއީ ނަރަކައިން މުއްތި ކުރެއްވުމެވެ. އެއީ މަތިވެރިވެގެންވާ ނިޢުމަތެކެވެ. އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ސަބަބުތައް މާތް ﷲ ވަނީ މި ރަމަޟާން މަހުގައި ރޯދަވެރިންނަށް ތަނަވަސްކޮށް ދެއްވައިފައެވެ.
އަޅުގަނޑުމެން ނަރަކައިން މުއްތިވުމަށް ބޭނުންވެފައިވާ މިންވަރު ކިހާބޮޑުތޯއެވެ؟ އަޅުގަނޑުމެން ވަނީ ﷲގެ ޙައްޤުތައް އަދާކުރުމުގައި ފަރުވާކުޑަ ކޮށްފައެވެ. އަޅުގަނޑުމެން ވަނީ ﷲގެ އަމުރުފުޅުތަކަށް އުރެދިފައެވެ. އަޅުގަނޑުމެން ވަނީ ﷲ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަނެ ނުކިޔަމަންތެރިވެފައެވެ. އަޅުގަނޑުމެންނަކީ ﷲގެ ދީލަތި ރަޙްމަތަށް ބޭނުންވެފައިވާ ނިކަމެތި ފަޤީރުންނީމުއެވެ. ނަރަކައިގެ ހޫނުކަމަށާއި ވިހަކަމުގެ މައްޗަށް އަޅުގަނޑުމެންނަށް ކެތްކުރެވޭނެ ޤާބިލުކަމެއް ނެތެވެ. ނަރަކައިގެ ގަދަފަދަ ޢަޒާބުގެ މައްޗަށް ކެތްކުރެވޭނެ އެއްވެސް ބާރެއް އާރެއް އަޅުގަނޑުމެންނަށް ލިބިގެން ނުވެއެވެ.
ނަރަކައިން މުއްތި ކުރެއްވުމަކީ ނަރަކައިގެ ޢަޒާބުން ތިބާ ނަޖާކޮށް ދެއްވުމެވެ. ނަރަކައިގެ ހޫނުކަމުން ތިބާ ރައްކައުތެރިކޮށް ދެއްވުމެވެ. ތިބާއާ ނަރަކައިގެ ހުޅުގަނޑާ ދެމެދަށް ހުރަސް އެޅުއްވުމެވެ.
ނަރަކައިން މުއްތި ކުރެއްވުމަކީ އޭގެ އަލިފާނުގެ ކެކި އެރުމަށް ހުއްޓުމެއް ނެތް ނަރަކައިން ތިބާ ސަލާމަތްކޮށް ދެއްވުމެވެ. އެތާނގެ ހޫނުކަމުގެ ދިލަ ވަރަށް ގަދައެވެ. އެތާނގެ އަނޑީގެ ފުންމިނެއް ނޭނގެއެވެ. އެތާނގެ ފެނަކީ އެތާނގެ އަހްލުވެރީންގެ ގައިން ނުކުންނަ ދޮހާއި ފާދިޔައެވެ. އެތާނގެ އަހްލުވެރީންގެ ކާނާއަކީ ޒައްޤޫމެވެ. އެތާނގެ އަހްލުވެރީންގެ ފޭރާމަކީ ކަތުރާނާއި ދަގަނޑެވެ. އެތާނގެ އަހްލުވެރީންނަށް އަދަބު ދެވޭނީ ދަގަނޑު ޗާބޫކުންނެވެ.
ނަރަކައިން މުއްތިވުމަކީ އޭގެ ދިލަ ކެނޑިގެން ނުދާނެ އަލިފާނަކުން ތިބާގެ ނަފްސު އަނދައަނދައި ހުރުމުން ސަލާމަތް ވުމެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ [1]– ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.))
ނަރަކައިން މުއްތި ކުރެއްވުމަކީ އެތާނގެ އަހްލުވެރިން ރޮއި އެތަނުން ލިބޭ ވޭނާއި ކެކުޅުންތައް ލުއިކޮށްދެއްވާތޯ ދައްވާނެ ބިރުވެރި ތަނަކުން ސަލާމަތްކޮށްދެއްވުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِنَ الْعَذَابِ * قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُمْ بِالْبَيِّنَاتِ قَالُوا بَلَى قَالُوا فَادْعُوا وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ [2]– އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ! އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسولން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاء ކޮށްބަލާށެވެ. كافر ންގެ دعاء ފުރެދުމެއްގައިމެނުވީ ނުވެތެވެ.))
ނަރަކައަކީ އެތާނގެ އަހްލުވެރިން އެތަނުން ނެރެދެއްވާތޯ އާދޭސް ދެންނެވުމުން އެމީހުންގެ އަޑު އިވިގެންނުދާނެ ތަނެކެވެ. އަދި ކިއެއްތޯއެވެ؟ އެމީހުންނަށް ޖަވާބުގައި އިވޭނީ މަލާމާތުގެ ބަސްތަކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ *لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ * وَمَا ظَلَمْنَاهُمْ وَلَكِنْ كَانُوا هُمُ الظَّالِمِينَ * وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُمْ مَاكِثُونَ * لَقَدْ جِئْنَاكُمْ بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ[3] – ހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ عذاب ގައި ދެމިތިބޭނެތެވެ. އެއުރެންގެ ކިބައިން އެ عذاب ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަމުގައި ތިބޭހުށީ އުންމީދު ކެނޑިފައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެއުރެންނެވެ. އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ.))
ނަރަކައަކީ އެތާނގެ އަހްލުވެރިން އެތަނުން ބޭރަށް ނުކުންނަން ބޭނުންވިޔަސް އެތަނުން ބޭރަށް ނުނުކުމެވޭނެ ތަނެކެވެ. އެތަނަށް އެމީހުން އަބުރާ އިޢާދަ ކުރެވޭނެ ތަނެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ كُلَّمَا أَرَادُوا أَنْ يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ ذُوقُوا عَذَابَ النَّارِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ [4]– އަދި (كافر ވެ) فاسق ވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ إعادة ކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!))
ނަރަކައިން މުއްތި ކުރެއްވުމަކީ ކާފިރުންނަށް ތައްޔާރުކުރައްވާފައިވާ ގޮވަތި ކަމުގައިވާ ނަރަކައިން ސަލާމަތް ކުރެއްވުމެވެ. ނަރަކައަކީ އެތާނގެ އަހްލުވެރިން މަރުނުވެ ތާއަބަދަށް ދެމި ތިބޭނެ ތަނެކެވެ. އެމީހުން މަރުގަންނަވާ ދެއްވާތޯ މާތްﷲއަށް ދަންނަވާނެއެވެ. އެމީހުންގެ މި އަޑެއް ނާއްސަވާނެތެވެ. އެމީހުންނަށް އެތަނުން ލިބެމުންދާ ޢަޛާބަށް ލުއި ކަމެއް ނުލިބި އެ ޢަޒާބުގައި އެމީހުން ދެމިތިބޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَى عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُمْ مِنْ عَذَابِهَا كَذَلِكَ نَجْزِي كُلَّ كَفُورٍ * وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ [5]– އަދި كافر ވި މީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذاب ން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ.އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) عمل ނޫން صالح عمل ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عمر ނުދަންމަވަން ހެއްޔެވެ؟ އަދި إنذار ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (عذاب ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު ނުވެތެވެ.))
ނަރަކައިން މުއްތިކުރެއްވުމުގެ މާނައަކީ ބަނޑުހައިހޫނުކަން ބޮޑުވެގެން އެތާނގެ އަހްލުވެރިން ޝަކްވާ ކުރާ ނަރަކައިން މިންޖުވުމެވެ. އެތާނގެ އަހްލުވެރީންނަށް ކާން ލިބޭނީ ޒައްޤޫމެވެ. ޒައްޤޫމަކީ ހިތި މަންޒަރު ހުތުރު ކަރުގައި އަޅައިގަންނަ ގޮތަށް ހައްދަވާފައިވާ މޭވާއެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ شَجَرَتَ الزَّقُّومِ * طَعَامُ الْأَثِيمِ * كَالْمُهْلِ يَغْلِي فِي الْبُطُونِ * كَغَلْيِ الْحَمِيمِ[6] – ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ.ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ.))
ނަރަކައިން މުއްތިކުރެއްވުމުގެ މާނައަކީ ކަރުހިއްކުން ބޮޑުވެގެން އެތާނގެ އަހްލުވެރިން ޝަކްވާ ކުރާ ނަރަކައިން މިންޖުވުމެވެ.އެމީހުންނަށް އެ ތަނުން ބޯން ލިބޭނީ ކުނި ފާދިޔައާއި ދޮހެވެ. އެމީހުންގެ ގޮހޮރުތައް ބުރިބުރިކޮށްލާނެ ހޫނު ފެނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا وَإِنْ يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا [7]– ހަމަކަށަވަރުން، كافر ވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. އެއުރެން ފެނަށް އެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!)) މާތް ﷲ ސުބްޙާނަހޫ ވަ ތަޢަލާގެ އެހެންބަސްފުޅެއްގައި ވެއެވެ. ((وَخَابَ كُلُّ جَبَّارٍ عَنِيدٍ ﴿١٥﴾ مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ ﴿١٦﴾ يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ[8]– އަދި ހަރުކަށި، ކޮންމެ جبّار އަކު ގެއްލި ހަލާކުވިއެވެ.އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ.އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެތެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެތެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ.))
ނަރަކައިން މިންޖުވުމަކީ ނަރަކައިގެ އަހްލުވެރީންގެތެރެއިން އެންމެ ކުޑަކޮށް ޢަޒާބު ލިބޭ މީހާއަށް ދެއްވާ އަޒާބުން ވިޔަސް ސަލާމަތް ވެގެންވާ މީހާކަމުގައި ވުމެވެ. މި މީހާއަށް ލިބޭ ދާއިމީ ވޭނާއި ކެކުޅުމުގެ ސަބަބުން އޭނާއަށް ކެތެއް ނުކުރެވޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އައްނުޢުމާން ބިން ބަޝީރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވި އަޑުފުޅު ތިމަންކަލޭގެފާނު އެއްސެވީމެވެ. ((إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ لَرَجُلٌ تُوضَعُ فِي أَخْمَصِ قَدَمَيْهِ جَمْرَةٌ، يَغْلِي مِنْهَا دِمَاغُهُ[9] – ހަމަކަށަވަރުން ޤިޔާމަތްދުވަހުން ނަރަކައިގައި އެންމެ ޢަޒާބު ކުޑަ މީހަކީ އޭނާގެ ދެފައިތިލައިގެ ދަށުގައި އަނގުރުކޮޅެއް އޮންނަ މީހާއެވެ. އޭގެ ސަބަބުން އޭނާގެ ސިކުނޑި ކެކިކެކިހުންނާނެއެވެ.))
[1] – النساء: 56
[2] – غافر : 49- 50
[3] – الزخرف: 74 – 75
[4] – السجدة: 20
[5] – فاطر: 36- 37
[6] – الدخان: 43- 46
[7] – الكهف: 29
[8] – إبراهيم : 15- 16
[9] – أخرجه البخاري (٦٥٦١)، ومسلم (٢١٣)، والترمذي (٢٦٠٤)، وأحمد (١٨٤١٣)




advertisment