Support Us

ކުއްތާ މަރާލި މީހާއަށް އަދަބު ދޭށެވެ!

އެވޭލާ ޒަމާނުގައި ދުރު އަވަށެއްގައި، އުމުރުން ދުވަސްވީ މީހަކު، އޭނާގެ އަނބި ދަރިންނާއެކު ދިރި އުޅުނެވެ. އޭނާގެ މަސައްކަތަކީ ނައަމް ސޫފި ހުއިހެއްޕުމެވެ. އޭނާގެ ޖަމަލުކޮޅާއި ކަންބަޅިތައް، އަދި ގެރިތަކާއި ބަކަރިތައް ބެލެހެއްޓުމަށްޓަކައި ކުއްތާއެއް ވެސް އޭނާ ގެންގުޅުނެވެ.

އެއްދުވަހަކު، އަވަށުގައި ގަދަހެދިގެން އުޅޭ ބޮޑު އާވާރާ އައިސް އެ ބޭބެގެ ފާރަވެރި ކުއްތާ މަރާލިއެވެ. ދެން ބޭބެގެ ކުދިން، އެކުދިންގެ ބައްޕަ ގާތު އެވާހަކަ ބުންޏެވެ.

ބައްޕަ އެކުދިންނަށް އިރުޝާދުދީ ބުންޏެވެ. ކުއްތާ މަރާލި ކަލޭގެ ގެނެސް، މަރަށް މަރުހިފައި، އޭނައަށް އަދަބު ދޭށެވެ.

ދެން، އެކަކު އަނެކަކާ އެކުދިން މަޝްވަރާކުރިއެވެ. ބައްޕަ ބުނެ އެންގި އެންގުމާ ބެހޭ ގޮތުންނެވެ. އެކުދިނަށް ފެނުނީ، ބައްޕަ ބުނި ބުނުމަކީ ބައްޕަ މުސްކުޅި ކަމާއި އަދި އެކަމާ ގުޅިފައި އޮންނަ، ބުއްދީގެ ބާރު ކުޑަވުމާ ގުޅިފައި އޮތް ކަމެއްގެ ގޮތުގައެވެ. ކުއްތާއެއް މަރާލައިގެން އިންސާނަކަށް އަދަބުދީ މަރަށް މަރުހިފައިގެން ނުވާނޭ ކަމެވެ. އެހެންވެ، ބައްޕަގެ ބުނުމާއި އަޅާނުލައި އެކަން ހަނދާން ނައްތާލިއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. މުސްކުޅި ބޭބެގެ ގެއަށް ވަގުން ވަދެ، މުދަލާއި ކަންބަޅިތަކެއް ވަގަށް ގެންދިޔައެވެ. ދެން، މިވާހަކަ ވެސް، ބޭބެގެ ކުދިން، އެކުދިންގެ ބައްޕަ ގާތު ބުންޏެވެ. ކުދިންނަށް ހައިރާން ކަން ލިބުނީ ބައްޕަ ދިން ޖަވާބުންނެވެ. 'ކުއްތާ މަރާލި މީހާ ގެނެސް އޭނާއަށް އަދަބުދީ މަރަށް މަރުހިފާށެވެ!'

ކުދިން ނިންމީ، ހަމަ ރަނގަޅަށް ވެސް ބައްޕަގެ ބުއްދި ގޯސް ވަމުންދާ ކަމަށެވެ. ގެއިން ވައްކަންކުރީމާ ކުއްތާ މަރާލި މީހާއަށް އަދަބުދީ އޭނާ މަރަން ޖެހެންވީ ކީއްވެ ހެއްޔެވެ؟ އެކަމަށް އިންކާރުކުރުމުގެ ގޮތުން، އެކަކު އަނެކަކާ ކުދިން ސުއާލު ކުރިއެވެ. މިފަހަރު ވެސް، ކުދިން ނިންމީ ބައްޕަގެ އެންގުމާ އެއްގޮތަށް އަމަލު ނުކުރުމަށެވެ.

ދެންވެސް އޭގެ ދެދުވަހެއް ފަހުން، ދިމާވި ކަމެކެވެ. ޖެހިގެން އޮތް އަވަށުގެ މީހުން، ބޭބޭގެ އަވަށަށް ހަމަލާދީ، ބޭބެމެންގެ ގެއަށް ވަދެ، ބޭބެގެ އަންހެން ދަރި ޚަތުފުކޮށް، ޖަހައިގަނެެގެން ގެންދިޔައެވެ. ދެން، ކުދިން ވަރަށް އަވަހަށް، އެކުދިންގެ އުޚުތު ވަގަށް ގެންދިޔަ ޚަބަރު ބައްޕައަށް ދިނެވެ. އަނެއްކާ ވެސް ބައްޕަ ބުންޏެވެ. ކުއްތާ މަރާލި މީހާ ގެނެސް އޭނާއަށް އަދަބުދޭށެވެ. ކުއްތާ މަރާލީތީވެ، އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާ މަރާލައި މަރަށް މަރުހިފާށެވެ.

މިފަހަރު، ބޭބެ ދޮށީ ދަރިފުޅު ގޮސް، ކުއްތާ މަރާލި ކަލޭގެ ހިފައިގެން ގެނެސް، ރަށުގެ މެދުގައި ހުންނަ ބޮޑު ގަހުގައި އެއްސިއެވެ. އަދި، ރަށު އެންމެނަށް އޭނާ ގަތުލުކުރާނެ ވާހަކަ އިއުލާނުކުރެވުނެވެ. އަދި، ޖެހިގެން އައި ދުވަހު އެކަން ތަންފީޒުވެސް ކުރިއެވެ.

ދެން، މިވާހަކަ މުޅި ރަށުތެރޭގައްޔާއި އަދި އަވަށްޓެރި ހިސާބުތަކަށް ފެތުރުނެވެ. ބޭބެ ގެއިން ވައްކަންކުރި މީހުންނާއި އަދި ބޭބެގެ އަންހެން ދަރިފުޅު ޖަހައިގަނެގެން ގެންދިޔަ އަވަށުގެ މީހުންނަށް ވެސް މި ޚަބަރު ލިބުނެވެ. މި އެންމެން ވެސް ބުނަމުން ގެންދިޔައި ކުއްތާއެއް މަރާލައިގެން އަދަބު ދީފި މީހަކު ކޮންމެ ފަދަ ކަމެއް ވެސް ތިމަންމެނަށް ކޮށްފާނޭ ކަމެވެ. އެހެންވެ، ވަގުންގެ މީހުން، ރޭނގަޑު ސިއްރު ސިއްރުން އެ މީހުން ވަގަށް ނެގި ތަކެތި ބޭބެ ގެއަށް ގެނެސް ރައްދުކުރިއެވެ. އަދި، ބޭބެގެ އަންހެން ދަރިފުޅު ވަގަށް ގެންދިޔަ މީހުން ވެސް އެކުއްޖާ ބޭބެ ގެއަށް ގެނެސް ދޫކޮށްލިއެވެ.

މި ވާހަކައިން ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ ކޮބައިހެއްޔެވެ؟ އެއީ ފަހަރެއްގައި ވެސް، ކުއްތާ، ނޫނީ ކުކުޅު ހާލާއި އެހެނިހެން ޖަނަވާރު ވެސް މަރާ މީހުންނަށް މަރައި އަދަބުދޭ ވާހަކައެއް ނޫނެވެ. ތިމާމެންގެ ހައްގުތަކުން ކުރެ އެންމެ ހައްގެއް ވެސް ނިގުޅައި ގަނެވޭ ހިނދު، އެކަމާ ހިމޭނުން ތިބުމުން، އެ ހައްގު ނިގުޅައިގަންނަ މީހުންނަށް އިތުރު ހައްގުތައް ނިގުޅައި ގަތުމަށް ހިއްވަރު ލިބޭނޭ ކަމުގެ ވާހަކައެވެ. ކަންކަން ތިމާމެންނަށް އޮޅުވާލައިގެން ކުރުމުގެ ފުރުސަތު އެއްފަހަރު ވެސް ދީފި ނަމަ، އެކަން ތަކުރާރުކޮށް ކުރަމުން ދާނޭ ކަމެވެ. ގޯހެއް ހަދަން ފުރަތަމަ ފަހަރު ޖެހެލުން ވެދާނެއެވެ. ނަމަވެސް، އެކަމުގެ ހިތި ނަތީޖާއެއް ނުފެނުމުން، އެކަން ތަކުރާރުކުރުމުގެ ކެރުން، ގޯސް ހަދާ މީހުންނަށް ލިބެއެވެ. ވައްކަން ކުރާ މީހާ ފުރަތަމަ ފަހަރު ވައްކަން ކުރަން ވަރަށް ެސް ޖެހިލުން ވެދާނެއެވެ. ނަމަވެސް، ފުރަތަމަ ފަހަރު އެކަން ކާމީޔާބީއާއެކު ނިންމާލެވި، އޭނާ ނުހިފިއްޖެ ނަމަ، ދެން ދެވަނަ ފަހަރު އެކަން ކުރަން ޖެހިލުން ކުޑަވެގެން ދެއެވެ. މިކަމުގެ އިތުރު ތަފްސީލަކަށް ދަމާ ހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރޭގައި ކަން ހިނގާ ގޮތުގެ ބައެއް މިސާލުތަކަށް ނަޒަރު ހިންގާލަމުންނެވެ.

އިންޑިޔާ ސިފައިންގެ ވާހަކައަށް ބަލާލާށެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސުރެން، އެ މީހުން ރާއްޖޭގައި ތިބޭ ވާހަކަ ދޭތެރެ ދޭތެރެއިން ފެން މަތި ވަމުން ދިޔައެވެ. މިކަމަކީ މީގެ ވިއްސަކަށް އަހަރު ކުރިން ވެސް ދެ ބައެއްގެ ދެމެދުގައި ދެކެވެމުން އައި ވާހަކަތަކެކެވެ. އިންޑިޔާގެ ބަޔަކާއި އެކަމަށް ތާއީދުކުރާ ރާއްޖެގެ ބަޔަކާ ދެމެދުގައެވެ. ކޮންމެ އަކަސް، މި ވާހަކަތައް ފެންމަތިވާ ކޮންމެ ވަގުތެއްގައި، ވަރަށް ވެސް ބާރުލާފައި، މުތުލަގު ސިފައެއްގައި، ކަމާ ބެހޭ ފަރާތްތަކުން އެކަމަށް އިންކާރު ކުރެއެވެ. ރާއްޖޭގައި ބޭރު ބައެއްގެ ސިފައިން ގާއިމުވެ ނުތިބޭނޭ ކަމަށް، ވަރަށް ބާރުލާފައި ބުންޏެވެ. އަދި، މިފަދަ ފަރާތްތަކުގެ ސަންގުތަކުން، އެކަން އޮއްބާލުމުގެ ވާހަކަތައް ދެއްކިއެވެ. ބައެއް ފަހަރު އެނގިގެންނެވެ. އަނެއް ބައިފަހަރު، ސިޔާސީ ކުލައިގެ އަވައިގައި ޖެހި، ކަމުގެ ހަގީގަތުގެ މައްޗަށް މާ ބޮޑު ވިސްނުމެއް ނުވިސްނައި، ތިމާ ތިމާގެ ގަބީލާއަށް ތާއީދުކުރުމުގެ ގޮތުންނެވެ. ދެން، އެހެން ނުކުޅެދުންތަކަށް ވެސް ފަސް އަޅައި ފޮރުވުމުގެ ބަހަނާ ބޭނުންކުރެއެވެ. ހުރިހާ ކަމެއް ވެސް ކުރީ ސަރުކާރުތަކަށް ފޫޅު ކަނޑައި، ޗައިނާއިން ރާއްޖެ ދެންމެ ދެންމެ ހިފުމުގެ ބިރު އޮތްކަމަށް އިޝާރަތްކޮށް ވެސް ވާހަކަތައް ދައްކަމުންނެވެ. މިކަމުގައި ބައެއް ފަހަރު، ރޯ ބުހުތާން ދޮގުވެސް، ބައެއް މަސްއޫލު ވެރިން ހަދާފައި އެބަ ހުއްޓެވެ. މީގެ މާނައަކީ ފަހަރެއްގައި ވެސް ޗައިނާ ރަނގަޅުކުރުމެއް ނޫނެވެ. ޗައިނާގެ ވާހަކަ ދައްކަނީ ކަމެއްގެ ހަގީގަތް ފޮރުވުމުގެ ގޮތުން ކަމަށް ފާހަގަކޮށް، އެވާހަކަ ބުނުމެވެ.

ދެންވީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމަ ހަގީގަތެއް ކަމާއި، އެކަމަށް ދެން އެއްވެސް އިންކާރެއް ނުކުރެވޭނާ ދަރަޖައަށް، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ވާހަކަ ހާމަވެ ފާޅުވެގެން ދިޔުމެވެ. ދެނޯއެވެ! ކުރީގެ ވާހަކައިގެ ރާގު މުޅިން ބަދަލުވީއެވެ. ކުރިން، އެއީ ނެތް ކަމެއްކަން، ދުވަހަކުވެސް ނުވާނޭ ކަމެއްކަން، ކުރަން ހިތުލައިފައި ވެސް ނުވާކަމެއްކަން، މި ބުނުންތައް ބަދަލުވީ ކިހިނެއް ހެއްޔެވެ؟ އެކަން އޮންނަން ޖެހޭނީ އެހެން ކަމެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުން އެއީ ހަމަ އެންމެ ރަނގަޅު ގޮތް ކަމެވެ. އެސިފައިން ނުތިބެ ރާއްޖެއަށް އެއްވެސް ފިޔަވަޅެއް ކުރިއަށް އެޅެން ނެތް ކަމެވެ. ޚުދް އިންޑިޔާއަށް، އިންޑިޔާގެ އަމިއްލަ ކަންތައްތައް ހަމަ ނުޖެއްސޭކަން އަބަދުމެ އަބަދު ފެންނަން އޮތް އިރުވެސް މެއެވެ. ތަރައްގީގެ މަގުގައި ހަތްދިހަ އެތައް އަހަރެއްވީ އިރު، އިޖުތިމާއީ މާ ބޮޑު ކުރި ހޯދުމެއް ނުލިބުނު ބަޔަކަށް، އެހެން ބަޔެއް އެ ގޮތުގައި ތަރައްގީކުރަން އެހީވެވިދާނޭކަން ގަބޫލުކުރަން ޖެހުނެވެ. އާދެ، ތިމާ އަތުގައި ނެތް އެއްޗެއް، ތިމާއަށް ދެވިދާނޭކަން ގަބޫލުކުރަން ޖެހުނެވެ.

މައުޟޫއުން ބޭރުވި ނަމަވެސް، މި ކަމުގެ ކުޑަ ހެއްކެއް ދައްކަން ޖެހެއެވެ. ކޮވިޑް 19ގެ ވައިރަސް މަތިން ހަނދާންކޮށްލާށެވެ. ޗައިނާގައި ވެސް އެކަން ވަރަށް ވަރުގަދައަށް ފެތުރުނެވެ. ނަމަވެސް، އެމީހުންގެ ނިޒާމާއި އެމީހުން ކިތަންމެ ކަމު ނުދިޔަޔަސް، އެ ރޯގާ ފެތުރުން އެމީހުން ކޮންޓުރޯލު ކުރިއެވެ. ވަރަށް ވަރުގަދަ، ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ. ރައީސް ނާސިރުގެ ދުވަސް ވަރު، ރާއްޖޭގައި ކޮލެރާ ފެތުރުން ހުއްޓުވަން އެޅި ފަދައިން ވަރަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ. ނަމަވެސް އިންޑިޔާގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ އިއްޔެ ބައިނަލް އަގުވާމީ ނޫސް އޭޖެންސީއަކާ ވާހަކަ ދައްކަމުން އިންޑިޔާގެ އާދައިގެ ރައްޔިތަކު ބުންޏެވެ. "ތިމަންނަމެން މިވަނީ ތިމަންނަމެންގެ އަމިއްލަ ހާލަތައިގެން އުޅެން ދޫކޮށްލެވިފައެވެ." އާދެ، އޭނާ ދުށް ގޮތުގައި، އިންޑިޔާގެ ސަރުކާރުން ރޯގާ ފެތުރުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައެވެ. ފަހަރެއްގައި ވެސް މީގެ މާނައަކީ އިންޑިޔާގެ ކިބައިގައި މިކަން ކުރުމުގެ އެކަށޭނަކަން ނެތުމެއް ނޫނެވެ. މީގެ މާނައަކީ ރައްޔިތުންނަށް އަޅާލުމުގެ މުހިއްމުކަން އެމީހުންގެ ސަރުކާރުން ނުދެކޭ ކަމެވެ. މިފަދަ ބަޔަކަށް އެހެން ގައުމެއްގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމުގެ އެދުމެއް އޮންނާނެ ހެއްޔެވެ؟

މަައުޟޫއާ ދިމާއަށް އެނބުރިލަމާ ހެއްޔެވެ؟ ނެތްކަމެއް ކަމަށް ބުނި ކަންތައް – އިންޑިޔާގެ ސިފައިން ރާއްޖޭގައި ނެތޭ ބުނި ބުނުން – ހަގީގަތަކަށް ވެގެން ދިޔައީއެވެ. ގާނޫތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތިއެވެ. މިއީ ގާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށް ރިއާޔަތް ކޮށްގެން މަ ވެސް ކުރެވިދާނޭ ކަމެކެވެ. ރާއްޖޭގެ އަމަން އަމާންކަމަކީ އެންމެ މީހެއްގެ ވިސްނުމާއި އެދުމުގެ މައްޗަށް އެކަން ދޫކޮށްލެވިގެންވާނޭ ކަމެއް ނޫނެވެ. ޑިމޮކުރަސީ ނިޒާމެއް އޮތް ނަމަ، މި މައްސަލައިގެ ދެކޮޅު ބަލައި މި މައްސަލައާ ބެހޭ ގޮތުން ރައްޔިތުންގެ މަޖުލީހުގައި ބަހުސް ކުރެވެން ޖެހޭނެއެވެ. ނަމަވެސް، ކަންތައް ނިމިގެން ދިޔައީ ޑިމޮކުރަސީ އުސޫލުތަކުގެ މައްޗަކުން ނޫނެވެ. އިސްތިބްދާދީ ހަމަތަކުގެ މަތިންނެވެ. އަމިއްލަ ގައުމުގެ މަސްލަހަތަށް ވުރެ އެހެން ގައުމެއްގެ މަސްލަހަތު އިސްކުރި ދެތިން ޑިކްޓޭޓަރެއްގެ އެދުމުގެ މައްޗަށް ބިނާވެގެންނެވެ.

މިފަދައިން، އިސްތިބްދާދީ ސިފައެއްގައި، އަހަރުމެންނަށް-އެނގޭނީ-ކަލޭމެންނަކަން-ނޭނގޭނެ-ގޮތެއްގައި ކަންތައް ނިމިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ ރައްޔިތުންނަކީ، އެކަމުގައި އުޅުނު ސިޔާސީ ވެރިން ދެކޭ ގޮތުގައި، މައް ބަޔަކަށްވީމައެވެ. ގުނބޯ ހެއްދޭނޭ ބަޔަކަށް ވީމައެވެ. ވަރަށް އަވަހަށް ކަންތައްތައް ހަނދާނުން ފިލައިގެންދާނޭ ބަޔަކަށް ވީމައެވެ. މަންތިގީ ސިފައެއްގައި އެއްޗެއް ބުނަން ނޭނގޭ ބައެއެއް ކަމަށް ދެކެވުނީމައެވެ. އެފަދަ ޑިކްޓޭޓަރުން ދެކޭ ގޮތުގައި، ތަނުގެ އާންމު ރައްޔިތުންނަކީ، ގައުމީ ކަމެއްގައި ނުރުހޭ ކަމެއް ދިމާވުމުން، ކުޑަ އަޑެއް އިއްވާލާފައި ހުއްޓާލާނޭ ބައެކެވެ. ގައުމީ މައްސަލަތަކަކީ އާންމުންގެ ހަނދާނުން ދާދި އަވަހަށް ފިލައިގެން ހިނގައިދާނޭ ކަމެއްކަން، މީގެ ތިރީހަކަށް އަހަރު ކުރިން ވެސް އޭރުގެ ހަވީރު ނޫހުގައި ލިޔެވި ޝާއިކުރި ލިޔުމެއްގައި އޮތެވެ. ބޭރު މީހަކު ރާއްޖޭގައި ކުޑަކުއްޖަކާ ބެހުމުގެ ހާދިސާއަކާ ވިދިގެންނެވެ. އެ ލިޔުންތެރިޔާ އެ ލިޔުމުގައި ބުނެފައި އޮތް ފަދައިން، ދެ ދުވަހަކު އަޑެއް ލައްވާލާފައި، އެ އަޑު ހިނދި، އެކަން ނިމިގެން ހިނގައިދާނެއެވެ. އެ ލިޔުމަށް، ގާތްގަނޑަކަށް، ތިރީސް އަހަރު ވީއިރުވެސް މިކަމަކަށް ބަދަލެއް އައި ހެނެއް ހިޔެއް ނުވެއެވެ. މިކަން، ސިޔާސީ މުސްތަބިއްދުން ދަނެއެވެ. އަދި އެކަމުގެ ނާޖާއިޒު ފައިދާ ވަރަށް ރަނގަޅަށް ހިފަން ވެސް އެ ސިޔާސީ ވެރިންނަށް އެނގެއެވެ.

ގައުމީ މި ހަނދާންނެތުމަށް ބަދަލު ނާންނަ ކަމަށް ބުނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ މިފަދަ އެތައް ކަމެއް ތަކުރާރު ވަމުން ދާތީއެވެ. މިސާލަކަށް މީގެ ދެތިން ދުވަސް ކުރިން ނިމިގެން ދިޔަ މައްސަލައެކެވެ. މަގުމަތިން، އެންމެންގެ ކުރިމަތިގައި، އަންހެނަކާ ބެހުނު މައްސަލައެކެވެ. އެއްވެސް ހެއްކެތް ނެތުމުންނޭ ކިޔާފައި މައްސަލަ ނިންމާލެވުނު މައްސަލައެކެވެ. މިފަދަ ގޮތެއްގައި ކަންތައްތައް ހިނގައި ދިޔުން އާންމުވުމުން، އެއީ މާބޮޑު ކަމަކަށް ނުވީއެވެ! އާދެ، ކުއްތާ މަރާލިމީހާ އަށް އަދަބު ދޭންވީ ވަގުތު އަދަބު ނުދެވުނީމާ ވާނޭ ގޮތް ވީގޮތެވެ.

އިންޑިޔާގެ ސިފައިންގެ މައްސަލަ، ކާމީޔާބީއާ އެކު ނިންމާލުމަށް ފަހު، މިހާރު ހަމަ އެ ސިފައިގައި، އޮޅުވާލައިގެން، އެހެން ކަމެއް ފެށިއްޖެއެވެ. ސިޔާސީ ނިޒާމު ބަދަލުކުރުމުގެ މައްސަލައެވެ. މިއީ ވެސް ކުރީގެ މައްސަލަ ގޮތަށް ފެން މަތިވެލާފައި ގެއްލިދާ ގޮތަކަށް އޮތް މައްސަލައެކެވެ. ޝައްކެތްނެތެވެ. ކޮންމެ ނިޒާމަކީ ވެސް، ރިޔާސީ ނިޒާމަކަށް ވިޔަސް، ނުވަތަ ބަރުލަމާނީ ނިޒާމަކަށް ވިޔަސް، އެ ނިޒާމު ރަނގަޅު ގޮތުގައި ހިންގާލައިފި ނަމަ، ރަނގަޅު ނިޒާމެކެވެ. ދުނިޔޭގައި ރަނގަޅު ގޮތުގައި މި ދެ ނިޒާމު ވެސް ހިންގާ ތަން ފެނެއެވެ. މިސާލަކަށް އެމެރިކާގައި އޮތީ ރިޔާސީ ނިޒާމެކެވެ. އިނގިރޭސި ވިލާތުގައި އޮތީ ބަރުލަމާނީ ނިޒާމެކެވެ. ދެ ތަނުގައިވެސް ނިޒާމުގެ މައްސަލައެއް އޮތް ކަމަކަށް ނުފެނެއެވެ. ދެން، އިންޑިޔާގައި އޮތީ ބަރުލަމާނީ ނިޒާމެކެވެ. އަދި، މިސުރުގައި އޮތީ ރިޔާސީ ނިޒާމެކެވެ. މި ދެތަނުގެ ކަންތައްތައް އޮތީކީ އެންމެ ރަނގަޅު ގޮތުގައެއް ނުބުނެވޭނެއެވެ. މީގެ އެންމެ ބޮޑު އެއް ހެއްކަކީ ދެ ތަނުގެ ވެސް، އިންޑިޔާއާއި މިސުރުގެ ވެސް، ރައްޔިތުން އަބަދުވެސް އެ ތިބެނީ އެ މީހުންގެ ގައުމު ދޫކޮށްލާފައި ބޭރުގެ އެހެން ކޮންމެ ވެސް ތަނަކަށް ދެވޭނޭ ފުރުސަތެއް ލިބޭތޯ ބަލަބަލައެވެ. ދެންމެ މިނަންގަތް އިންޑިޔާގައި ކޮންޓުރޯލު ނުވެވި، ފެތުރެމުންދާ ކޮވިޑް ރޯގާގެ މައްސަލައިގެ މަތިން ވެސް އަލުން ހަނދާންކޮށްލަ ބަލާށެވެ. މިއީ ނިޒާމުގެ މައްސަލައެއް ހެއްޔެވެ؟ އިންޑިޔާގައި އޮތް ބަރުލަމާނީ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކޮށްލުމުން، ކޮވިޑު ރޯގާގެ މައްސަލަ ހައްލުވެ، ފަސާދައާއި އަންހެނުންގެ އިއްފަތް ފޭރުމުގެ މައްސަލައާއި ފަގިރުކަމާއި އަދުލު އިންސާފުގެ މައްސަލައާއި މީސްތަކުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަމާއި، އެމީހުންގެ ތެރޭގައި އޮތް މިފަދަ ހުރިހާ އިޖުތިމާއީ އިގުތިސާދީ މައްސަލަތަކަށް ހައްލު ލިބިގެން ދާނޭ ހެއްޔެވެ؟ ނިޒާމު ބަދަލުކޮށްލުމުން އެކަންކަން ހައްލުކުރެވޭނޭ ވާހަކަ މީހަކު ބުނެފި ނަމަ، އެ މީހެއްގެ ބުއްދި ސަލާމަތުން ހުރިތޯ ސުއާލު އުފެދޭނެއެވެ! ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މި ބީދައިން ވާހަކަ ދައްކާ ސިޔާސީ ވެރިންނަކީ ދުރުވިސްނޭ ސިޔާސީ މުހައްނިކުން ކަމުގައި ބެލެވެއެވެ!

އެކަން ކުރަން ބޭނުން ޖެހިއްޖެ ނަމަ، ނިޒާމު ވެސްބަދަލު ކުރެވިދާނެއެވެ. އަދި، ބަދަލުކުރަން ޖެހޭ ހާލަތްތަކެއް މެދުވެރި ވުމުން، އެކަން ކުރަން ވެސް ޖެހޭނެއެވެ. ނަމަވެސް، މިކަމުގެ ނިންމުން އޮންނަން ޖެހޭނީ ރައްޔިތުންގެ އަތް މަތީގައެވެ. ނިޒާމު ބަދަލުކުރަން ޖެހޭ ބުއްދި ގަބޫލު ކުރާ ސަބަަބުތައް ރައްޔިތުންނަށް އޮޅުން ފިލުވައިދީ ބަޔާންކޮށްދޭން ޖެހެއެވެ. އަދި މީގެ އިތުރުން، އާންމު ރައްޔިތުންނަށް، ސިޔާސީ ދުނބުރިއާ ސިޔާސީ އަނބު ވަކިކުރަން ނޭނގޭ ހާލަތެއްގައި ތިބި ރައްޔިތުންނަށް، ދެ ނިޒާމު ރަނގަޅަށް ވަކިކުރަން އެނގޭ ވަރަށް ބުނެދޭން ވެސް ޖެހެއެވެ. އެނގުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންނަށް ގޮތެއް ނިންމޭނޭ ގާބިލުކަށް އެމީހުންނަށް ލިބިދިނުމަށްޓަކައެވެ. ޑިމޮކުރަސީގެ އުސޫލަކީ މިއެވެ.

ނަމަވެސް، ކަންތައް ވަމުން ދަނީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުންނަށް އޮޅުވާލައިގެން، ހަމަ އިންޑިޔާގެ ސިފައިންގެ މައްސަލަ ކުރިއަށް ގެންދިޔަ ފަދައިން، ނިޒާމުގެ ބަދަލުކުރުން ވެސް ކުރަން އުޅޭ މަންޒަރު ފެންނަ ތަނެވެ. އެކަކަށް ފެންނަ ގޮތް އެއީ ޑިމޮކުރަސީގެ އުސޫލުކަމުގައި ދައްކައިގެންނެވެ! މިފަދައިން ކަންތައް ކުރަމުންދާތަން ފެނުމުން، ކަމުގެ ހަގީގީ މަގުސަދާ މެދު ސުއާލު އުފެދެއެވެ. މިއުޅެނީ ގައުމީ މައްސަލަތަކެއް ހައްލު ނުކުރެވިގެން ހެއްޔެވެ؟ ނޫނީ މިއުޅެނީ ސަރުކާރު ހިންގުމުގެ ބާރުތައް، މަދު ބަޔެއް ބޭނުން ގޮތަކަށް، ފަސޭހައިން، ނިންމާލެވޭނޭ ނިޒާމަކާ ދިމާއަށް ދާން ހެއްޔެވެ؟ ސަރުކާރު ހިންގަން ރައްޔިތުންގެ ވޯޓަކުން ޕާޓީއެއް ހޮވީމައި، އެ ޕާޓީން ބޭނުން ގޮތަކަށް ވެރިކަމަށް މީހުން އިސްކުރެވޭނޭ ގޮތެއް ހަަދައި، ޑިމޮކުރަސީގެ ތާސްބައިގެ ގަނޑު ބޭނުންކޮށްގެން، މަދު ބައެއްގެ އިސްތިބްދާދީ ވެރިކަމެއް ގާއިމުކޮށް، އެ ވެރިކަން ދިގު ދެމިގެންދާނޭ ގޮތެއް ހޯދަން ހެއްޔެވެ؟ ނިޒާމު ބަދަލުކުރުމުގެ މަގުސަދަކީ މއީ ކަމަށް ވެއްޖެ ނަމަ، ބަރުލަމާނީ ނިޒާމު ވެގެންދާނީ ދިގު މުއްދަތަކަށް، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ތިބުމަށް، އެއްވެސް ހުރަހެއް ކުރިމަތި ނުވެ، އެ މީހުންނަށް އެކަން ކުރުމަށް ވެސް އެހީވެދޭނޭ ކަމަކަށެވެ.

ދެން ފަހުގެ ސުއާލެވެ! ގާނޫނު އަސާސީއަށް ރިއާޔަތް ނުކޮށް، އަނެއްކާވެސް، އޮޅުވާލުމެއްގެ ތެރެއިން – އޮޅުވާލުމެއްގެ ތެރެއިންނޭ މި ބުނަނީ ކަން އޮތްގޮތް ރަނގަޅަށް ސާފު ނުކޮށްދީ، ނިޒާމަށް ބަދަލުގެންނަން ވާހަކަދައްކާ އިރު، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެނެސް، އެކަމަށް ގާނޫނީ ގޮތުން ތައްޔާރު ނުވެ، ނިޒާމު ބަދަލުކުރަން އުޅޭތީއެވެ – ނިޒާމު ބަދަލު ކުރުމުގެ ވާހަކަ، ފާޅުގައި، ދެއްކުމުގެ ޖުރުއަތާއި ކެރުން ލިބެނީ ކީއްވެ ހެއްޔެވެ؟ ހަމަ މި ފަދަ ގާނޫނާ ޚިލާފު ކަމެއް – ބޭރު ސިފައިންގެ ބަޔަކު، އެކަމުގެ ބޮޑު ޚަރަދެއް ރާއްޖެއިން އެކަނިހެން ކުރަން ޖެހޭ ގޮތަކަށް – ނިންމާލެވުނު އިރު، މާ ބޮޑު ދެކޮޅު ހެދުމެއް އާންމު ރައްޔިތުންގެ ކިބައިން ނުފެނުމުންނެވެ. ތާރީޚުގެ ސަފުހާތަކަށް ބަލާލުމުން، ހިޓިލަރު ވެސް ކަންތައް ކުރީ ހަމަ މިހެން ކަން ފެނެއެވެ. ޑިމޮކުރަސީގެ ވަސީލަތް ބޭނުންކޮށްގެން ވެރިކަމަށް އައިސް، އޭރުގެ ބައިނަލް އަގުވާމީ ގަވާއިދު ތަކާ ޚިލާފުވެ، ތަންތަން ހިފަމުން ގޮސް، އެންމެ ފަހުން ޕޯލަންޑަށް އަރައިގަތުމުން ދެވަނަ ބޮޑު ހަނގުރާމަ ފެއްޓެއް މެދުވެރިވިއެވެ. ފަހަރެއްގައި ވެސް އޭނާގެ އަމިއްލަ ގައުމު ހިޓިލަރު ވިއްކާލައި އަމިއްލަ ގައުމަށް އޭނާ ޚިޔާނަތްތެރިއެއް ނުވެއެވެ. ނަމަވެސް، އޭނާގެ އަމަލުތަކުގެ ސަބަބުން ފަސްވަރަކަށް އަހަރުދުވަހުގެ ތެރޭގއި ޖަރުމަނުވިލާތް ފުނޑުފުނޑުވެ ހަލާކުވިއެވެ. ކޮންމެ އަކަސް، އިންޑިޔާގެ ސިފައިންގެ މައްސަލަ އޮޅުވާލުމެއްގެ ތެރެއިން ނިންމާލެވުމުން، އެފަދަ ދެވަނަ މަޝްރޫއެއް މިހާރު މިއޮތީ ފެށިފައެވެ. އޮޅުވާލުމުގެ ތެރެއިން ނިޒާމު ބަދަލު ކުރުމުގެ މަޝްރޫއުއެވެ. އެކި ތަންތަން ހިފަމުން ދިޔައިރު، އެކަމާ ދެކޮޅު ހަދަން ތިބި މީހުން އެކަމާ ދެކޮޅު ނުހެދުމުގެ ސަބަބުން. އެކަން ކުރުމަށް ހިޓުލަރަށް ވެސް ހިއްވަރު ލިބުނު ފަދައިންނެވެ. ރައްޔިތުންގެ މާ ބޮޑު ފަރުވާލެއް، އަޅާލުމެއް ނެތުމުން، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމުގެ މައްސަލަ،ކާމިޔާބީ ގޮތެއްގައި ނިންމާލެވި، އާދެ، ކުއްތާ މަރާލި މީހާއާ މެދު، ފިޔަވަޅުވަޅު އަޅަންވީ ވަގުތު ފިޔަވަޅު ނޭޅުމުން، އެކަމުން ހިއްވަރު ލިބިގަނެ، ވަރަށް ޖުރުއަތްތެރިކަމާއެކު ނިޒާމު ބަދަލުކުރުމުގެ މަޝްރޫއު މިއޮތީ ފެށިފައެވެ. އެކަމުގައި ގައުމީ މަސްލަހަތެއް، ގައުމީ ބޭނުމެއް އޮވެގެންނެއް ނޫނެވެ. ނިޒާމު ބަދަލުކުރަން އުޅޭ ބަޔެއްގެ އަމިއްލަ ޒާތީ މަސްލަހަތާއި އަދި އިންޑިޔާގެ ސިފައިން ބޭތިއްބުމުގެ މަސްލަހަތަށް އިސްކަން ދީގެންނެވެ!