Support Us

ރޯދައިގެ ޞިއްޙީ ބައެއް ފައިދާތައް

ބަރަކާތްތެރި ރަމަޟްމަހުގައި ރޯދަހިފާ މީހުންނަށް ލިބޭ މާނަވީ ގިނަގުނަ ސަވާބާއި ދަރުމައިގެ އިތުރަށް ރޯދައިގެ ސަބަބުން ޞިއްޙީގޮތުން ގިނަގުނަ ފައިދާތަކެއް ލިބެމުންދާކަން ކަމާބެހޭ ތަޖްރިބާކާރުން ވަޑައިގަންނަވަނީ ހާމަކުރައްވަމުންނެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:-

  • ކަދުރުން ރޯދަވީއްލުމުން ލިބޭ ފައިދާ: ރޯދަވެރިއާ ތިން ކަދުރުން ރޯދަ ވީއްލުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. މި ގޮތުން ލިބޭ ހިތްހަމަޖެހުމާއި ސަވާބުގެ އިތުރަށް ކަދުރުން ރޯދަވީއްލުމުން ލިބޭ ޞިއްޙީ ފައިދާތަކެއް ވެއެވެ. ކަދުރުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އުނިއިތުރު ކަމެއް ނެތި ހަކަތަ ލިބެއެވެ. ތިން ކަދުރުން އެވްރެޖް ގޮތެއްގައި 31 ގްރާމުގެ ކާބޯހައިޑްރޭޓް ލިބޭނެއެވެ. މީގެ އިތުރަށް ކަދުރުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ (ފައިބަރު) ލިބޭނެއެވެ. އޭގެ ސަބަބުން ކާތަކެތި ހަޖަމު ކުރުމަށް އެހީ ލިބޭނެއެވެ. މީގެ އިތުރަށް ކަދުރުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމާއި ވިޓަމިން ބީ ލިބޭނެއެވެ.
  • ސިކުނޑި ވަރުގަދަވެ ވިސްނުން ތޫނުވުން: އެމެރިކާގެ ޢިލްމުވެރީންގެ ދިރާސާތަކެއް ބުނާގޮތުގައި ރަމަޟާންމަހުގައި ރޯދަވެރިއާގެ ވިސްނުމުގެ ބާރު ވަރުގަދަވެއެވެ. އެއީ ރޯދަވެރިއާގެ ސިކުނޑިން އުފައްދާ ނިއުރޯން ފެކްޓަރުގެ ފެންވަރު މައްޗަށް ދިއުމުގެ ސަބބުންނެވެ. މިއީ ސިކުނޑީގެ މަސައްކަތް ހީވާގި ކުރުވާ ކަމެކެވެ. މީގެ އިތުރަށް އެޑްރިނަލް ގޮށުން އުފައްދާ ކޯރޓިޒަލް މިންވަރު މަދުވުމުގެ ސަބަބުން ރޯދަވެރިޔާގެ ނަފްސާނީ ނުތަނަވަސްކަން ކުޑަވެގެން ދެއެވެ.
  • ނުބައި އެތައް އާދަތަކަކުން ދުރުހެލިވުން: ރަމަޟަން މަހުގެ ރޯދައިގެ ސަބަބުން ދުންފަތުގެ ނުބައި އާދަތަކާ ދުރުހެލިވުމަށް ތަމްރީން ލިބެއެވެ. އޭގެތެރޭގައި ދުންފަތުގެ އިސްތއުމާލު ކުރުން ވެއެވެ. ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި މި ކަމާ ދުރުހެލިވެ ހުރުމުގެ ސަބަބުން ދުންފަތާ ދުރުހެލިވުމަށް ތަމްރީނު ލިބިގެންދެއެވެ. އެހެންކަމުން ކުޑަ ޢަޒްމަކުން މި ނުބައި ޢަމަލާ ދުރުހެލިވެވިދާނެއެވެ. އިނގިރޭސި ވިލާތުގެ ޞިއްޙަތާ ބެހޭ ދާއިރާއިން ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ޓަކައި ރަމަޟާން މަހުގެ ރޯދައަކީ ވަރަށް ނަމޫނާ ތަމްރީނެކެވެ.
  • ލޭގެ ކްލޮސްޓްރޯލުގެ ނިސްބަތް ދަށަށް ދިޔުން: އެކުވެރި އަރަބި އިމާރާތުގެ ހިތުގެ ޑަކްޓަރުންގެ ޓީމަކުން ކުރި ދިރާސާތަކެއް ބުނާގޮތުގައި ރޯދައިގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރު ދަށަށް ދެއެވެ. އޭގެ މާނައަކީ ކްލޮސްޓްރޯލް ދަށަށް ދެއެވެ. ކްލޮސްޓްރޯލް ދަށަށް ދިޔުމަކީ ހިތުގެ ހިނގުމަށާއި ލޭ ނާރުތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ރަމަޟާން މަހުގައި ގެންގުޅުނު ކެއުމުގެ ނިޒާމާ އެއްގޮތަށް ޢަމަލުތައް ބެހެއްޓިއްޖެނަމަ ކްލޮސްޓްރޯލް ދަށްކޮށް ހިފެހެއްޓިދާނެއެވެ.
  • ކާ ހިތްވުން ކުޑަކުރުން: އިންސާނާ ފަލަވެ ބަނޑުލަނީ އޭނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކައި ހަދާތީއެވެ. ރަމަޟާން މަހުގައި ކާބޯތަކެތި މަދުވުމުގެ ސަބަބުން މަޢިދާ ހަނިވެ ދެމުން ކުޑަވެގެން ދެއެވެ. މި ކަމުގެ ސަބަބުން މަދު އެތިކޮޅަކުން ބަނޑު ފުރެއެވެ. ދުޅަހެޔޮ ގޮތަކަށް ކެއުންބުއިން އިންތިޒާމު ކުރަން ބޭނުންވާ މީހާއަށް ރަމަޟާން މަހަކީ އެކަމުގެ ތަމްރީނު ހޯދުމަށް ތަނަވަސްވެގެންދާ ފުރްޞަތެކެވެ. ރަމަޟާންމަސް ނިމޭއިރު މަޢިދާ ކުޑަވުމުގެ ސަބަބުން ކާހިތްވުން ކުޑަވެގެންދާނެއެވެ.
  •  ހަށިގަނޑު ވިހަތަކުން ސާފުވުން: ކާބޯތަކެތީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަތައް ހަށިގަނޑުން ބޭރަށް ލުމަށް ޓަކައި ރޯދައަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. ރޯދަވެރިޔާ ދުވާލުގެ ވަގުތުތަކުގައި ނުކައި ނުބޮއެ ހުރުމުގެ ސަބަބުން މި ވިހަތައް ހަށިގަނޑުން ނެތިގެން ދެއެވެ. ރޯދައިގެ ސަބަބުން ރޯދަވެރިއާއަށް ހައިހޫނުކަން ލިބުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ޓަކައި ހަށިގަނޑުގައި ރައްކައުކުރެވިފައި ހުންނަ ސަރުބިތައް އަންދަން ފަށައެވެ. މި ސަރުބީގެތެރޭގައި ހުންނަ ވިހަތަކުން ބައެއް ވެސް އަނދައިގެންދެއެވެ.
  • ހަށިގަނޑަށް ބޭނުންވާ ކާނާގެ ޢުންޞުރުތަކުން ހަށިގަނޑަށް ފޭދޭ މިންވަރު އިތުރުވުން: ދުވާލު ހަތަރުދަމު ނުކައިނުބޮއެ ހުރުމުގެ ސަބަބުން ހށިގަނޑުގެ މެޓަބޮލިޒަމްގެ ކުރުންތެރިކަން އިތުރުވެގެން ދެއެވެ. މީގެ މާނައަކީ ކާބޯތަކެތީގައި ހުންނަ ކާނާގެ ޢުންޞުރުތައް ހަށިގަނޑުން ދަމާބައި އިތުރުވުމެވެ. މި ކަމުގެ ސަބަބުން adiponectin ހޯމޯން އިތުރުވެއެވެ. އެޑިޕޯނެކްޓިން ހޯމޯނަކީ ލޭގެ ގުލުކޯޒުގެ މިންވަރު ރަނގަޅުކޮށްދީ ސަރުބި ނައްތައިލުމަށް އެހީވެދޭ ހޯމޯނެކެވެ.

މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގައި ވެއެވެ. ((صُوْمُوا تَصِحُّوا – أخرجه في «المعجم الأوسط» (٨٣١٢) وأبو نعيم في «الطب النبوي» (١١٣)- މާނައީ : ތިޔަބައިމީހުން ރޯދަ ހިފާށެވެ! އޭރުން ތިޔަބައިމީހުން ދުޅަހެޔޮ ވާނެއެވެ.)) މި ބަސްފުޅުގެ ތެދުކަން މިއަދު މި އޮތީ ޔަޤީންވެ ކަށަވަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *