Support Us

ކޮލަމް: ދޭހަ

ސިޔާސީ ނިޒާމުގެ ބަލިގަނޑު

ރާއްޖޭގައި އޮންނަންވީ ސިޔާސީ ނިޒާމު ބަދަލު ކުރުމަށް ގޮވާލުމުގެ މައްސަލައަކީ ވެރިކަމުގެ އެންމެ މަތީ ބާރު ހޯއްދެވުމަށް ދަހިވެެތިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ދޭތެރެ ދޭތެރެއިން ނަންގަވާ މައްސަލައެކެވެ. މިހާރު މި މައްސަލަ ފެންމަތިވަނީ މޫސުމީ ރޯގާއެއް އަންނަ ގޮތަށެވެ. ވެރިކަމަށް އައުމުގެ އުދާސްކަން ބޮޑުވުމުން ޤައުމުގައި އޮންނަންވީ ސިޔާސީ ނިޒާމުގެ މައްސަލަ ނެގެނީ އެވެ. އަޅުގަނޑަށް ވިސްނަން އެންމެ އުނދަގޫ ވަނީ ނިޒާމް ބަދަލު ކުރުމުގެ ވާހަކަ ދައްކަވާ ބޭފުޅުން، އަމިއްލަ ކުންފުންޏެއްގެ ހިންގުން ބަދަލުކުރެވޭ ގޮތަށް އެވާހަކަ ދައްކަވާތީވެއެވެ. ކުންފުންޏެއްގެ ހިންގުން ބަދަލު ކުރާގޮތަށެވެ. "2023 ގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންވީއެވެ. އަދި އެއަހަރު ރިޔާސީ އިންތިޚާބު ނުބާއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ." މިއީ ކޮންތާކުން، ކޮން ޤާނޫނަކުން، ކޮން ޤައުމަކުން ބާރުލިބިގެން ދައްކަވާ ވާހަކައެއް ތޯއެވެ؟ ރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ފެންނަ އޮތް ގޮތުގައި އެގޮތަށް އެކަންތައް ކުރުމަކަށް ބާރެއް ނުދެއެވެ. އަދި އަމުދުން ވަކި މީހަކު ހިތްކިޔާ ގޮތަކަށް، ނުވަތަ ބޭނުން ގޮތަކަށް ނިޒާމު ބަދަލު ކުރެވޭނެ މަގު ޤާނޫނުން ދައްކާފައެއް ނުވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރު އެ ބޭނުންފުޅުވާ ބަދަލު ގެނައުމަށް އޭގެ ކުރިން ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކަށް ވާނީ ޤާނޫނު އަސާސީ އިޞްލާޙް ކުރުމެވެ. ބައިވަރު ޤާނޫނަށް ބަދަލު ގެންނަންޖެހޭނެ އެވެ. ބަދަލު ގެންނަން ބޭނުންވާ މުއްދަތުގެ ތެރޭގައި މި މަސައްކަތްތައް ކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމުގައި އެބަހުރިތޯއެވެ؟ ޤާނޫނުއަސާސީ ފާސްކުރުމަށް ފަހު ބަދަލު ގެންނަންޖެހޭނެ ޤާނޫނުތަކާއި އަދި އަލަށް އެކުލަވާލަންޖެހޭ ޤާނޫނުތައް އަދިވެސް މުޅިން ނިންމާނުލެވެއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތްކުރައްވާ ކުރީގެ ރައީސް ނަޝީދު ވެސް އެންމެ ފަހަރަކުވެސް ރިޔާސީ ނިޒާމުގެ ސަބަބުން ވާ އުނދަގުލުގެ ވާހަކައެއް ނުދައްކަވައެވެ. ނުދެއްކެވެއެވެ. ރިޔާސީ ނިޒާމް އޮތުމުން ދިވެހި ރައްޔިތުންނަށް ވާ އުނދަގޫ ހާމަކޮށެއް ނުދެއްވެއެވެ. ރިޔާސީ ނިޒާމުގައި އޮތް ހުރަސްތަކަކީ ކޮބައިތޯއެވެ؟ ވިދާޅެއްނުވެވެއެވެ. ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމް ކަމަށް ވިދާޅުވެއެވެ. އެ ނިޒާމް ރަނގަޅުވަނީ ކިހިނެއްވެގެންތޯއެވެ؟ ވިދާޅެއް ނުދެއްވައެވެ. ސަރުކާރު ހިންގުމުގެ ދުވެލި ލަސްވަނީ ރިޔާސީ ނިޒާމުގެ ސަބަބުންތޯއެވެ؟ ސަރުކާރުގައި ކަންތައް ކުރުމުގައި ކަރަޕްޝަން އޮންނަނީ ރިޔާސީ ނިޒާމުގެ ސަބަބުންތޯއެވެ؟ ކުރީގެ ސުޕްރީމް ކޯޓުން އެތަނަށް ލިބިފައި ނެތް ބާރުގެ ބޭނުންކުރީ ރިޔާސީ ނިޒާމުގެ ސަބަބުންތޯއެވެ؟ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގުމުގެ ދާއިރާގެ ތެރެއަށް ވަންނަނީ ރިޔާސީ ނިޒާމުގެ ސަބަބުންތޯއެވެ؟ ނުވަންނަނީ ކޮން މަސައްކަތެއްގެ ތެރެއަށްތޯއެވެ؟ ޕަބްލިކް ހެލްތުގެ މަސައްކަތުގެ ތެރެއަށް ވެސް ވަދެފައިވެއެވެ.

މިހާރު ބައެއް ބޭފުޅުން ދައްކަވާ ވާހަކައަކީ ނިޒާމާ ބެހޭގޮތުން ރައްޔިތުން ވޯޓު ދިންއިރު ނިޒާމަކީ ކޮން އެއްޗެއްކަން ރައްޔިތުންނަށް ރަނގަޅަށް ނޭނގޭ ވާހަކައެވެ. އެކަމަށް ޝަޢުޤު ނަގާ ބަޔަކަށް ނޫން ބަޔަކަށް އެ ތަފާތެއް ދުވަހަކުވެސް ނޭނގޭނެއެވެ. މެދުތެރޭ އެމެރިކާގެ އާދައިގެ ރައްޔިތުންނާ ރިޔާސީ ނިޒާމަކީ ކޮބައިތޯ ސުވާލު ކުރައްވަބައްލަވާށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއެއް ހުރުން ނޫން އެހެން ޖަވާބެއް ލިބިވަޑައިގަތުން ނާދިރެވެ. އިނގިރޭސި ރައްޔިތުން ޔޫރަޕިއަން ޔޫނިއަނުން ވަކިވާން ވޯޓުލިއިރު އާދައިގެ ރައްޔިތުންނަށް އެ ޔޫނިއަނުން ވަކިވުމުން ކުރިިމަތިލާންޖެހޭނެ ގޮންޖެހުންތައް ކުޑަކޮށްވެސް ވިސްނިފައެއް ނެތެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ނެގި ވޯޓުގައި ވޯޓުލި މީހުން ވޯޓުލީ ރާއްޖޭގައި ހުންނަން ބޭނުންވަނީ ރައްޔިތުންގެ ވޯޓުން ހޮވާ ރައީސެއްތޯ ނުވަތަ ކާމިޔާބުކުރާ ޕާޓީއަކުން ހޮވާ ބޮޑުވަޒީރެއްތޯ ބެލުމަށެވެ. ތަފްސީލުތަކަށް ނުދިޔައަސް އާދައިގެ ވޯޓުލާ މީހާއަށް ކުޑަ މަޢުލޫމާތުކޮޅަކާ އެކު އެވަރުން އެ ވޯޓުލާން ފުދިދާނެއެވެ.

ނިޒާމާ ބެހޭގޮތުން ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ރާއްޖޭގެ ޤާނޫނުއަސާސީގައި އޮންނަނީ މަސްހުނި ނިޒާމެއް ކަމަށް ވާހަކަ ދައްކައެވެ. އެއީ ރަނގަޅު ވާހަކައެކެވެ. އެކަމަކު އެއީ އޮޅިގެން، ނޭނގުމެއްގެ ތެރޭގައި ކޮށްފައި އޮތްކަމެއް ނޫނެވެ. އެނގިގެން ކޮށްފައި އޮތް ކަމެކެވެ. ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ވެސްޓުމިނިސްޓަރުގެ ނިޒާމަށް ވެރިކަން ކުރާއިރުވެސް ހުރިހާ ކަމެއް އިނގިރޭސިވިލާތުގައި އޮންނަ ގޮތަކަށް ނުކުރެއެވެ. އެ ނިޒާމުގެ ބޭނުންކުރަނީ އެ ޤައުމަކަށް ބޭނުންވާ ބަދަލުތައް ގެނެސްގެންނެވެ. މައިގަނޑު އުޞޫލު ހިފަހައްޓައިގެންނެވެ.

ނިޒާމާ ބެހޭގޮތުން މިހާރު ވެރިކަންކުރާ ޕާޓީގެ ކުރީގެ އިސްބޭފުޅަކު ވިދާޅުވި ކަމުގައި ރިޕޯޓެއްގައި ލިޔެފައިވަނީ އެ ޕާޓީން އެއިރު ބަރުލަމާނީ ނިޒާމެއް އޮތުމަށް ތާއީދުކުރީ ރިޔާސީ އިންތިޚާބެއްގައި އެއިރު ހުންނެވި ރައީސާ ވާދަކޮށްގެން ކާމިޔާބުކުރަން އުނދަގޫވާނެތީވެ ކަމުގައެވެ. ކަން ވީ ވެސް އެހެންނެވެ. ފުރަތަމަ ބުރުގައި ނާކާމިޔާބު ވުމުން ފަހުން ހުރިހާ އިދިކޮޅު ޕާޓީތައް ގުޅިގެން އިންތިޚާބު ކާމިޔާބުކުރީ އެވެ.

ބަރުލަމާނީ ނިޒާމް އޮތުމަށް އަޅުގަނޑަށް މައިގަނޑު ގޮތެއްގައި ތާއީދު ނުކުރެވެނީ ޤައުމުގެ އެންމެ އިސްވެރިޔާ ރައްޔިތުންގެ ސީދާ ވޯޓަކުން ނުހޮވޭތީވެއެވެ. ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކަށް ހޮވަނީ ޕާޓީގެ މެމްބަރުން ހޮވާ ލީޑަރެކެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވިޔަސް މަދު ބައެއްގެ ވޯޓުން ހޮވިފައިވާ މީހެކެވެ. މުޅި ރައްޔިތުން ވޯޓުލައިގެނެއް ނޫނެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވުމުން އާ އިންތިޚާބާ ޖެހެންދެން ބޮޑުވަޒީރަކަށް ބޮރިސް ޖޮންސަން ހޮވީ ޕާޓީގެ ތެރެއިން މަދު ބައަކަށް ވޯޓުލާން ފުރުޞަތު ދީގެންނެވެ. އެއީ ރަނގަޅު ގޮތެއްތޯ ޚުދު އިނގިރޭސީން ވެސް ސުވާލުކޮށްފައި އޮތެވެ.

ރިޔާސީ ނިޒާމެއްގައި ރައީސް ކަމަށް ހޮވިވަޑައިގެންނެވުމަކީ ރައީސް ނަޝީދަށް މިހާރު ފަސޭހަފުޅު ކަމަކަށް ނުވާނެ ކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެމަނިކުފާނުގެ ރަންޒަމާނުގައިވެސް ގިނިކަންޏާ އެކަން ކާމިޔާބު ނުކުރެއްވުނެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުނީ ސަރުކާރާއި އިދިކޮޅު، ގުޅިފައިވާ ޕާޓީތަކުގެ އެހީގައެވެ. ރިޔާސީ އިންތިޚާބަކާ ކުރިމަތިލައްވާއިރު، މިހާރު އުފުއްލަވަންޖެހޭ ސިޔާސީ ކުނި (ގާބޭޖް) ކުރިއަށް ވުރެ މާ ބަރުވާނެއެވެ. ގިނަވާނެއެވެ. ވެރިކަމަށް އެންމެ ފަސޭހައިން ވަޑައިގެންނެވޭނީ ބަރުލަމާނީ ނިޒާމެއްގައެވެ. ޕާޓީގެ ނިވާފަތްގަނޑުގައެވެ. ދިވެހި ހުރިހާ ރައްޔިތުންގެ ސީދާ ވޯޓާ ނުލައެވެ. އެކަމުން ދިވެހި ރައްޔިތުންނަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ؟ ޤަައުމަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ؟