Support Us

ކަންކަން ވާނީ ކަންކަން ކުރަން އޮންނަ މަގުން ހިނގައިގެންނެވެ!

"މަގުމަތީގައި އެއްވެފައި ތިބި ބަޔަކު އިންތިޒާރު ކުރަމުންދިޔައީ 21 ނަންބަރު ބަސްއައުމަށެވެ. އެމީހުން މި އިންތިޒާރުގައި ތިއްބާ ދުރުން ބަހެއް އަންނަތަން ފެނިއްޖެއެވެ. އަދި އެންމެން އެބަހާ ދިމާއަށް ދުއްވައިގަތެވެ. ބަހުގެ ނަންބަރު ރަނގަޅަށް ބަލާލައިފައި އެކަކު ބުންޏެވެ. މިއީ 12 ނަންބަރު ބަހެވެ. އަނެކަކު ހުރެލާފައި ބުންޏެވެ. ބާރަ އެކާވީހަށް ހަދާލާށެވެ. އދި ބަހަށް އަރައިގެން ދަތުރުކުރާށެވެ."

"ދެވަނަ މީހާ މިކުރީ ސަމާސާއެއްކަން ސާފުކޮށް އެނގެއެވެ. ކިލާ މަށިކޮޅަކުން ބަހުގައި ބޭނުން ނަންބަރެއް ޖަހާލައިގެން، އެބަހަށް އަރާ އޭނާ ދަތުރުކުރަން ބޭނުންވާ ތަނަކަށް ދެވޭނެ ކަމަށް ހީކޮށް ދަތުރުކުރަން ފެށުމަކީ އެއްވެސް މީހަކު ކުރާނެ ކަމެއްނޫނެވެ. މިއީ ހަމައެކަނި ހިސާބުގެ ތަފާތު ކަމެއްނޫނެވެ. ޙަޤީޤަތުގެވެސް ތަފާތުވުމެކެވެ. މި ޙަޤީޤަތް، ހިސާބުގެ އަދަދު ބަދަލުކޮށްލުމުން، ބަދަލުވެގެންނެއް ނުދާނެއެވެ. މިކަމަކީ ކޮންމެ މީހަކަށްމެ އެމީހެއްގެ އަމިއްލަ ޒާތީ މައްސަލަތަކުގައި ވަރަށް ސާފުކޮށް އެނގިފައި އޮންނަ ކަމެކެވެ. ނަމަވެސް އަޖާއިބުވެ ހައިރާންވާންޖެހޭ ކަމަކީ ގައުމުތަކަށް މަގުދައްކާ ލީޑަރުން ގައުމީ މައްސަލަތައް ހައްލުކުރަން ކުރިމަތިލައްވާއިރު މިސާފު ޙަޤީޤަތް ހަނދާން ނައްތާލައް ވާކަމެވެ. މިގޮތަށް ހައްދަވާއިރު، ލީޑަރުން ހީކުރައްވަނީ ރީތިނަމެއްގައި ކަންތައް ކުރުމުން ބޭނުންވާ ޙަޤީޤީ މަގުސަދު ހާސިލުވާނޭ ކަމަށެވެ. ނަމަވެސް ބޭނުންވާ ޙަޤީޤީ މަގުސަދު ހާސިލުވުން އޮތީ މިއަމަލީ ދުނިޔޭގައި ޙަޤީޤީ ސިފައެއްގައި ވާހަކަތަކާއި އަމަލުތައް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުންނެވެ."

މިއީ އިންޑިޔާގެ އިލްމުވެރި މުފައްކިރެއް ކަމަށްވާ މައުލާނާ ވަހީދުއްދީނުޚާނުގެ ބަސްކޮޅެކެވެ. މި ބަސްކޮޅު މަތިން ހަނދާންވީ މިހާރު އިވެމުންދާ އަޑެއްގެ ސަބަބުންނެވެ. އާދެ، ސިޔާސީ މަސްރަހުން، މިހާރު އެންމެ ބާރަށް އިވޭ އެއް އަޑަކީ ބަރުލަމާނީ ނިޒާމުގެ އަޑެވެ. ވެރިކަންކުރަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމެވެ.

މި ނިޒާމު ރަނގަޅުވަނީ ކިހިނެއްބާވައެވެ؟ އެކަން ތަބުރީރު (ޖަސްޓިފައި) ކުރުމުގެ ގޮތުން، ބައެއް ފަހަރު ބުނާ އަޑު އިވެނީ އެކަމަކީ ވެރިކަން ކުރާ ޕާޓީ ބޭނުންވާ ގޮތް ކަމެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ ވަރަށް ރަނގަޅު ތަބުރީރަކަށް ވެދާނެއެވެ. އެއީ މިފަދަ މީހުންގެ ނަޒަރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަނީ އެ ޕާޓީގެ މީހުން އެކަންޏެވެ. އެހެނީ ރާއްޖެއަކީ އެ ޕާޓީގެ މިލްކެކެވެ. ދެން ރާއްޖޭގައި އުޅޭ ބަޔަކު އެއުޅެނީ އެ ޕާޓީގެ ހެޔޮފުޅުކަމުން އެމީހުން އުޅެން ދޫކޮށްލެވިފައިވާތީއެވެ! އަނެއް ބައި ފަހަރު އިވެނީ މިއީ ހުރިހާ ކަމެއް ހައްލުވާނެ ނިޒާމު ކަމުގައެވެ. އެފަދައިން ދައުވާ ކުރާ މީހުން ބުނާ ގޮތުގައި އެހެން ހުރިހާ ނިޒާމެއްގެ ޚަބަރު މިހާރު ބެލިިއްޖެއެވެ. ނަމަވެސް، މައްސަލަތަކެއް ހައްލެއް ނުވިއެވެ. ހައްލުކުރަން އުޅެގެން ހައްލު ނުވީ ކޮން މައްސަލައެއްބާ ވައެވެ؟ ފަސާދައާއި ވައްކަމުގެ މައްސަލަ ހެއްޔެވެ؟ ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ހެއްޔެވެ؟ ޑުރަގްސްގެ ވަބާގެ މައްސަލަ ހެއްޔެވެ؟ ނިޒާމުގެ މައްސަލައަކާ ހުރެ މިއިން ކަމެއް ހައްލު ނުވެގެން އުޅެނީ ކިހިނެއް ކަމެއް ނޭނގެއެވެ! ދެހާސް އަށާރައިގެ ކުރިން އިވެނީ، ވެރިކަމަށް އައުމުން ހުރިހާ ކަމެއް ވެސް ހައްލުވެގެންދާނެ ވާހަކައެވެ! އާ ރިޔާސީ ޚިތާބުގައި އިވުނީ ފަސާދައަށް 'ޒީރޯ ޓޮލޮރަންސް’، ކުޑަކޮށް ވެސް ދޫދީ، އެކަން ބަލައިނުގަންނާނެ ވާހަކައެވެ. ދެން، ފަހުން ހިނގައިދިޔަ މިފަދަ މައްސަލަތައް ހައްލުނުވުމާ ވެރިކަމުގެ ނިޒާމާ އޮތީ ކޮން ގުޅުމެއްބާ ވައެވެ؟ 'ރޯޔަލް ރޭޕް' މައްސަލައާއި 'ކޮވިޑް ރޭޕް މައްސަލަ' އާއި ވެންޓިލޭޓަރުތަކުގެ ރޭޕުގެ މައްސަލަތައް ވެސް ހައްލު ނުވުމާ ވެރިކަމުގެ ނިޒާމާ ހުރީ ކޮން ކަހަލަ ގުޅުމެއްބާވައެވެ؟ ވެރިކަމުގެ ނިޒާމު ބަދަލުވުމުން މި ހުރިހާ ކަމެއް ހައްލުވެގެންދާނެބާވައެވެ؟

ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަ މަންޒަރުތައް ބުނަނީ މުޖުތަމައުގައި ކެންސަރެއްހެން އަށަގަނެ ފެތުރިފައިވާ ފަސާދައާއި ވައްކަން މީހުން މެރުން ފަދަ ބޮޑެތި މައްސަލަތައް ހައްލުވުން ގުޅެނީ ނިޒާމާ ނޫން ކަމެވެ. އިންޑިޔާއަށް ބަލާލަބަލާށެވެ! އެތާނގައި އޮތީ ބަރުލަމާނީ ނިޒާމެކެވެ. އެމީހުންނަށް 1947ގައި މިނިވަންކަން ލިބުނީއްސުރެން ވެސް އޮތީ ހަމަ މި ނިޒާމެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ފަސާދަ ބޮޑު ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. ހަމަ އެހެންމެ ދުނިޔޭގެ ރޭޕުގެ މައްސަލަތައް، އާދެ އަންހެނުންގެ އިއްފަތް ފޭރުމުގެ މައްސަލަތައް އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. މީގެ އިތުރުން ފަގީރުކަމާއި މުއްސަނދިންނާއި ފަގީރުންގެ ދެމެދުގެ ތަފާތުކަން ބޮޑެތި ގައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނެއެވެ. މިފަދަ ކަންކަން ހައްލުވުން ގުޅެނީ ވެރިކަމުގެ ނިޒާމަށް ވެފައި އެ ނިޒާމަކީ ބަރުލަމާނީ ނިޒާމަށްވާ ނަމަ، އިންޑިޔާގައި ކަންތައް އޮތީކީ މިނަންގަތް ސިފައެއްގައެއް ނޫނެވެ.

ދެން މިއާ ޚިލާފަށް، ސިންގަޕޫރުގެ ތާރީޚަށް ބަލާލާށެވެ. އެތަނުން ފަސާދައާއި ވައްކަމާއި އިންފަތް ފޭރުން ފަދަ ބޮޑެތި ޖަރީމާތައް މަދުވެ، އެފަދަ ޖަރީމާތައް އެންމެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނުނީ އެތާނގައި ބަރުލަމާނީ ނިޒާމެއްގެ ވެރިކަމެއް އޮވެގެންނެއް ނޫނެވެ. އެކަންކަމަށް ހައްލު ހޯދިގެން ދިޔައީ އެތާނގައި އިސްތިބްދާދީ ވެރިކަމެއް، އާދެ، ޑިކްޓޭޓަރޝިޕެއް، އޮއްވައެވެ. ހަމަ އެހެންމެ، ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ރުވަންޑާއިން ވެސް މިނަންގަތް ފަދަ އިޖުތިމާއީ ބޮޑެތި ޖަރީމާތައް ނެތިކޮށްލެވުނީ އެތަނުގައި ވެސް އިސްތިބްދާދީ ވެރިކަމެއް އޮއްވައެވެ. މީގެ މާނައަކީ އެ ފަދަ ކަންކަން ނެތިގެން ދިޔަ ޑިކްޓޭޓަރޝިޕެއް އޮވެގެންނޭ ބުނެވިދާނެހެއްޔެވެ؟ ފަހަރެއްގައި ވެސް އެހެންނެއް ނުވާނެއެވެ. އެކަންކަން ނެތިކޮށްލެވުނީ އެކަންކަން ނެތިކޮށްލަން އުޅުމުންނެވެ. ވެރިކަމަށް ވާސިލުވުމުގެ ބޭނުމަކީ ގައުމު އިސްލާހުކޮށް، ގައުމުގެ އެންމެން ވެސް ފުދިގެން އުޅެވޭނޭ ގޮތެއް ހޯދުން ކަމަށް ދެކިގެން، ވެރިކަމަށް އާދެވުމުން އެކަމުގެ އަމަލީ މަސައްކަތްތައް ކުރަން ފެށުމެވެ.

ދެން އަނެއްކާ ވެސް، މައުލާނާ ވަހީދުއްދީނުގެ ވާހަކަ ކޮޅައިގެން ކުރިއަށް ދާނަމެވެ. އޭނާ ލިޔުއްވައެވެ. "މީސްމީހުންނަށް ތަފާތު ދަރަޖަތަކާއި މަގާމުތައް ލިބެނީ އެމީސްމީހުންގެ ކިބައިގައި ހުންނަ ހާއްސަ މޮޅު ކަންކަމަކާއި ލަޔާގަތަށް ބެލެވިގެންނެވެ. މިއީ ކަން އޮންނަންވީ ޙަޤީޤީ ގޮތް ކަމަށްވިޔަސް، މަގާމާއި ދަރަޖަތައް ދިނުމުގައި ޒާތީ އެހެން ބާވަތެއްގެ ކަންތައްތަކަކަށް ބެލެވިގެން ކަންތައް ކުރާއިރު، އެއީ އެންމެ ރަނގަޅު، މޮޅު ގޮތް ކަމަށް ހީކޮށްލައިގެން އުޅޭތަންވެސް ފެނެއެވެ. ނަމަވެސް އެއީ ތެދު ޙަޤީޤަތަކަށްވާނެތޯއެވެ؟ އަދި އިގްތިސާދީބާރުގެ މައްޗަށް ބިނާވެގެން، ގައުމުތަކަށް ކާމިޔާބީއާއި ނާކާމިޔާބީ ލިބުން އެއީ ޙަޤީޤަތުގައި ކަން ވާންވީ ގޮތްކަމަށް ހިމެނިފައިވާއިރު، މިދެންނެވި ބާރުނެތި، އިގްތިސާދީ ތަރައްގީއަށްޓަކައި، އަޅުގަނޑުމެން ހަމައެކަނި އިހުތިޖާޖުތައްކޮށް މުޒާހަރާގެ ޕޯސްޓަރުތައް ބަހައްޓައިގެން ކަންތައްކުރަމުން ދިޔަޔަސް ޙަޤީޤީ ކާމިޔާބީއެއް ނުލިބޭނެއެވެ."

އާދެ، ކަންކަން ހައްލުކުރަން ބޭނުން ނަމަ، އެކަން ކުރަން އޮންނަ މަގު ޚިޔާރުކުރަން ޖެހެއެވެ. އެންމެ ފުރަތަމަ އެކަން ކުރަން ބޭނުންވުމެވެ. އެކަމުގެ ގާބިލުކަން ލިބިގެންވާ މީހުންނާ އެކަން ހަވާލުކުރުމެވެ. އެކަން ކުރަން ބޭނުމޭ ކިޔާފައި އެކަން ވާން އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުންނޭ ބުނުމުން އެއީ ހަގީގަތަކަށް ނުވާނެއެވެ. އިންޑިޔާގެ މިސާލުން ފެނި އެނގެން އޮތް ފަދައިންނެވެ. އަދިވެސް މައުލާނާ ވަހީދުއްދީނުގެ ވާހަކަކޮޅު ކުރިއަށް ގެންދާނަމެވެ.

"މިއަދުގެ ދުނިޔެއަކީ ވާހަކަ ދެއްކުމާއި ބަޔާންތައް ނެރުމުގައިވެސް މުޅިން އައު ގޮތްތަކެއް ފެންނަމުންދާ ދުވަސްވަރެކެވެ. މިކަން މިހެން އޮތުމާއެކު، ލިޔެކިޔުމާއި ބަހުގެގޮތުން ތަރައްގީވެފައިވާ ބަޔަކަށްވުމަށްޓަކައި އަޅުގަނޑުމެން ކުރަންއުޅޭ ކަމަކީ އަޅުގަނޑުމެންގެ މުސްކުޅި ކުތުބުޚާނާގެ ނަންބޯޑު ބަދަލުކޮށްލުމެވެ. މޮޅަށް ރީތިކޮށް ނަންބޯޑު ހަދާ ފަންނާނަކު ލައްވާ ރީތިކޮށް "އައުދައުރު" މިނަމުގައި ނަންބޯޑެއް ހަދައި، އެ ކުތުބުޚާނާގައި ބެހެއްޓުމުން އަޅުގަނޑުމެންގެ ޚިޔާލުތައް ވެސް އައުވެ ތަރައްގީވެގެންދާނޭ ކަމަށް ހީކޮށްގެންނެވެ. …އަދި ދެބަސްވުންތަކާއި ޝަކުވާތަކުން ފުރިފައިވާ މުޖުތަމައެއްގައި އެކަންކަން އުފެދުމުގެ ޙަޤީޤީ ސަބަބުތަކެއް އޮއްވައި ރީތި ވާހަކަތަކާއި މޮޅު ތަގުރީރުތަކެއްގެ ޖާދޫއަކުން ހުރިހާ ކަމެއް ރަނގަޅުކޮށްލެވިދާނެ ކަމަށް އަޅުގަނޑުމެން ހީކުރިޔަސް އެއީ ޙަޤީޤަތަކަށް ނުހެދޭނެއެވެ. އެބައެއްގެ ތެރޭގައި ތައުލީމާއި އިގުތިސާދީ ކަންތައްތަކާއި އަދި އެންމެންގެ މެދުގައި އޮންނަންވީ އެކުވެރިކަމާއި އެއްބާރުލުން ހުރިހާ ރޮނގަކުން ބަލާއިރު އެންމެ ދަށް ފެންވަރަކަށް އޮތް ތަނެއްގައި ޖަލްސާތަކާއި މުއުތަމަރުތަކުގެ ޒަރީއާއިން ގައުމުގެ މުސްތަގުބަލު އުޖާލާކޮށްލެވިއްޖެ ކަމަށް އަޑު އުފުލައި ހަޅޭލެވިޔަސް އެއީ ޙަޤީޤަތެއް ކަމަށް ނުހެދޭނެއެވެ. ތިމާމެންގެ އަމިއްލަ ނަފްސު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ބާރު ނެތް ބަޔަކު ދެކޮޅުވެރި ދުޝްމަނުންނަށް ގެއްލުންދިނުމުގެ މަސައްކަތް ކޮށްގެން އިއްޒަތްތެރި ދިރިއުޅުމެއް ހޯދިދާނެ ކަމަށް ހީކޮށް ވާހަކަދައްކާ އުޅުނަސް އެއީވެސް ޙަޤީޤތަކަށް ހެދޭނޭ ކަމެއްނޫނެވެ. މިބާވަތުގެ ހުރިހާ ކަމަކީވެސް، ކުރީން ބުނެވިދިޔަ ދަތުރުކުރާ ބަހުގައި އޮތް 12 ވަނަ ނަންބަރު 21 ނަންބަރަށް ބަދަލުކޮށްގެން، ބަހަށް އަރައި ބޭނުންވާ ތަނަށް ދަތުރުކުރެވިދާނެ ކަމަށް ހިޔާލުކޮށްލައިގެން އުޅުން ކަހަލަ ކަމެކެވެ."

އާދެ، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވުމާއި ވެރިކަމުގެ ނިޒާމާ ގުޅުވުމަކީ ވެސް ހަމަ، މައުލާނާ ވަހީދުއްދީނު އެ ވިދާޅުވާ "ދަތުރުކުރާ ބަހުގައި އޮތް 12 ވަނަ ނަންބަރު 21 ނަންބަރަށް ބަދަލުކޮށްގެން، ބަހަށް އަރައި ބޭނުންވާ ތަނަށް ދަތުރުކުރެވިދާނެ ކަމަށް ހިޔާލުކޮށްލައިގެން އުޅުން ކަހަލަ ކަމެކެވެ." ޝައްކެއް ނެތް ގޮތުގައި، މިބީދައިން ވާހަކަ ދައްކާ ލީޑަރުގެ ލަގަބު އަޅުވައިގެން އުޅޭ މީހުން، އެވާހަކަ ދައްކަނީ އެމީހުންނަށް އެ ފަދަ ވާހަކަތައް ދައްކާ އެމީހުންގެ އަމިއްލަ މަގުސަދު ނޭނގޭތީއަކީ ނޫނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންވަނީ ތިމާ ވެރިކަމުގެ ގޮނޑީގައި އިށީނދެ، އެ ގޮޑިން ނުފައިބައި އިނދެވޭނޭ ގޮތެއް ހެދުމަށެވެ. ދެން ދައްކާ ވާހަކަތަކަކީ، ނުވަތަ އެހެން މީހުން ލައްވައި ދައްކުވާ ވާހަކަތަކަކީ ހުސް ބަހާނާތަކެކެވެ. މީހުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ ކަމެކެވެ. ހަގީގަތުގައި ވެސް ކަންކަން ކޮށް، ކަންކަން ހގީގަތަކަށް ހަދާލަން ބޭނުން ނަމަ، މުޖުތަމައުގެ މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ އެކަން ކުރެވިދާނެއެވެ. އެކަން ކުުރުމަށޭ ކިޔާފައި ވެރިކަމުގެ ނިޒާމު ބަދަލުކުރާކަށް ނުޖެހެއެވެ. އެކަން ކުރާނީ ކިހިނެއްކަން، އަނެއްކާވެސް މައުލާނާ ވަހީދުއްދީނުގެ ލިޔުމުން ބަލާލާށެވެ. އޭނާ ލިޔުއްވައެެވެ.

"މިހާރުގެ މި ދުނިޔެއަކީ ހާސިލުކުރަން ބޭނުންވާ ކޮންމެ އެއްޗެއް ހާސިލު ކުރެވެން އޮތް ޒަމާނެކެވެ. އަދި އެފަދަ ކަންތައް ނުވެވޭ ގޮތަށް ވެސް އޮތް ޒަމާނެކެވެ. ކޮންމެކަމެއް ނުވަތަ ކޮންމެ އެއްޗެއް ވިޔަސް ހާސިލު ކުރުމަށްޓަކައި ޒަރޫރަތްތެރިވާ ސަބަބުތައް ފުރިހަމަ ކުރެވިއްޖެ ނަމަ އެކަމެއް ނުވަތަ އެއްޗެއް ހާސިލުކުރެވޭނެއެވެ. ރޭގަނޑަށްފަހު ދުވާލު އަންނަ ފަދަ ގުދުރަތީ ހަމައަކުންނެވެ. ނަމަވެސް ތަބީއީ ގޮތުން ކަނޑައެޅި ހަމަޖެހިފައިވާ އުސޫލުތަކުން އެއްކިބާވެ، އެކަމެއް ނުވަތަ އެއްޗެއް ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންކަންތައް ފުރިހަމަނުކޮށް އެކަމެއް ނުވަތަ އެއްޗެއް ހާސުލުކުރުމަށް އުޅެފިނަމަ ފުރަތަމަ ދެންނެވިގޮތުގައި ކާމިޔާބީލިބުން ޔަގީންކުރެވޭ ފަދައިން ދެވަނަގޮތުގައި ނާކާމިޔާބީއަކީ ޔަގީންކަމެކެވެ."

އާދެ، މައްސަލަތަކަށް ހައްލު ހޯދުން، އަސާސީ ގޮތެއްގައި، ގުޅެނީކީ ވެރިކަމުގެ ނިޒާމަކާ ނޫނެވެ. އިންޑިޔާގެ ބަރުލަމާނީ ނިޒާމަކަށް ނިޒާމަކުން އެކަމަށް ހައްލު ހޯދިދާނޭ ކަމެއް ސާބިތެއް ނުކޮށްދެއެވެ. ހަމަ އެހެންމެ، ސިންގަޕޫރާއި ރުވަންޑާގެ ތަޖުރިބާއިން ސާބިތުކޮށްދިނީ، އެ ފަދަ މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ، އިސްތިބްދާދީ ވެރިކަމެއް އޮތަސް، އެފަދަ މައްސަލަތައް ހައްލުކުރެވިދާނޭ ކަމެވެ! އެކަމުގެ ހައްލަކީ ބޭކާރު، އެ ވާހަކަތަކުގައި އެއްވެސް މާނައެއް ނެތް ހޮޅި ވާހަކަ ނުދައްކައި ކަންކުރުމަށް އަޒުމް ކަނޑައަޅައި އެކަންކަން ކުރަން އޮންނަ މަގުން ހިނގައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *